ފަލަސްތީނުން އެމީހުންގެ ދައުލަތް ގާއިމްކުރަން ބޭނުންވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުން ވަގުތުން ހުއްޓާލަން އަންގައި އދ. ގެ ސަލާމަތީ ކައުންސިލުން 2016 ގައި ފާސްކުރި ގަރާރަށް އިސްރާއީލުން ބޯނުލަނބާ ފާއިތުވެގެންމިދާ ތިންމަސްދުވަހުގެ ތެރޭގައިވެސް ދެހާހަށްވުރެން ގިނަ ގެދޮރު ޔަހޫދީން ދިރިއުޅުމަށް އެ ބިންތަކުގައި ބިނާކޮށްފައި ވާކަމަށް އދ. ގައި ހުންނަވާ މެދުއިރުމައްޗާއި ބެހޭ ސަފީރު މި ދިޔަ ބުދަދުވަހު ވިދާޅުވެއްޖެއެވެ.
ސަލާމަތީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޓޯރ ވެންސްލޭންޑް ވިދާޅުވީ އެ ގަރާރުގައި ކަނޑައަޅާފައިވާ އާންމުންނާއިދެކޮޅަށް ދެވޭ ޙަމަލާތަކާއި އަނިޔާތަށް ހުއްޓާލުމާއި އެއްވެސް ބާވަތެއްގެ ކުރިމަތި ލުމަކަށް ނުދިއުމަށާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެގޮތަށް ބަސްމަގު ބޭނުން ނުކުރުމަށާއި އަދި އިސްރާއީލުގެ ސަރަހައްދަކީ ކޮބައިކަމާއި 1967 ގެ ހަނގުރާމައިގާ ހިފާފައިވާ ބިންތަކަކީ ކޮބައިކަން އެނގިތިބުމާއި އަދި ސުލްހައަށް މަގުފަހިވެދާނެ ގޮތަކަށް ކަންތައްތައް ރާވައި ހިންގުމުގައި އިސްރާއީލާއި ފަލަސްތީނުން ކިތަންމެ ކުޑަނަމަވެސްކުރިއެރުމެއް ހޯދާފައި ނުވާކަމުގައެވެ.
އެހެންނަމަވެސް 2020 ވަނައަހަރުގެ ސެޕްޓެމްބަރު މަހާހަމަޔަށް ބަލާއިރު ބައެއް ރަނގަޅު ފިޔަވަޅުތަކެއްވެސް އެޅިފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި މިދިޔަ ޖުލައި މަހުގެތެރޭގައި ރައީސް މަޙުމޫދު އައްބާސް އާއި އިސްރާއީލުގެ އިސް މަސްއޫލުވެރިންނާއިއެކު ދެފަހަރެއްގެމަތިން ވާހަކަ ދެކެވިފައިވާ ކަމަށާއި 16000 ފަލަސްތީނު މަސައްކަތުމީހުންނަށް ގާޒާގައި މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި އެތެރެކުރެވޭ މުދަލަށް 1.5 އިންސައްތައިގެ ކުރިއެރުމެއް އަދި ބޭރުކުރެވޭ މުދަލަށް 54 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަން ފާހަގަކުރައްވައި ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
ހަމައެއާއެކު 2016 ގެ ގަރާރު ތަންފީޒު ކުރުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަ ކުރައްވާފައިވެއެވެ. ސަލާމަތީ ކައުންސިލުން އެގަރާރު ފާސްކޮށްފައިވަނީ ރައީސް އޮބާމާގެ ރިއާސަތުގެ ފަހުދުވަސްކޮޅުގައި އެމެރިކާއިން ވީޓޯކުރުމުގެ ބާރު ބޭނުން ނުކުރުމުންނެވެ.އެހެންނަމަވެސް ޓްރަމްޕުގެ ސަރުކާރުން އެގަރާރަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައިވެއެވެ.
އެމެރިކާއިން އަދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް މިދިޔަ ބުދަ ދުވަހު ސަލާމަތީ ކައުންސިލްގައި ވިދާޅުވީ ރައީސް ބައިޑަންގެ ސަރުކާރުގެ ފުރަތަމަ ދުވަހުއްސުރެން ދެ ދައުލަތުގެ ސިޔާސަތަށް އެމެރިކާއިން ތާއީދު ކުރާ ކަމަށާއި މިދިޔަ ހަފްތާގައި އޮތް ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމަށް ވަޑައިގެންނެވި އެހެން ގައުމުތަކުގެ އިސް ބޭފުޅުންނާއެކު ރައީސް ބައިޑަންގެ މި ވިސްނުންފުޅު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ހަމަމިމޭރުމުން އިސްރާއީލުގެ ބޮޑުވަޒީރު ދެ ދައުލަތަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވުމުން އެއީ ހިތްވަރުގަދަ ވިސްނުންފުޅެއް ކަމަށް ދުނިޔޭގެ ލީޑަރުން ނަށްވެސް ފާހަގަ ކުރެވިގެން ދިޔަކަމަށެވެ.
އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައަށް އެބޭފުޅާގެ ގޮވާލެއްވުން އަޅާނުލާ ދޫކޮށްލާކަށް ނުވާނެއެވެ. ހަމައެއާއެކު ދެ ދައުލަތަށް ރައީސް އައްބާސް ގެންގުޅުއްވާ ސުލްހަވެރި ސިޔާސަތަށްވެސް ހިތްވަރުދޭން ޖެހެއެވެ. މިއީ ދެ ދައުލަތް ގާއިމްކުރަން މަސައްކަތް ކުރަންވީ ވަގުތެވެ. މިއީ ކުރުމަގެއް ޚިޔާރުކުރެވެން އޮތް މައްސަލައެއް ނޫންކަންވެސް ދެނެގަންނަން ޖެހެއެވެ.
އިސްރާއީލުން ހިފާފައިވާ ބިންތަކުން ފޭބުމާއިދޭތެރޭ ސަލާމަތާއިރައްކާތެރިކަމާއެކު ގޮތެއް ނިންމައި އުފެދިފައިވާ މައްސަލަތައް ޙައްލުނުކުރެވި ދިގުލައިގެން ދިއުމުގެ ނަތީޖާއަކަށް ވެގެން މިދަނީ އަލުން މި މައްސަލަ ހައްލު ކުރެވިދާނެ ގޮތެއްވެސް ނުހޯދިދާނެ މިންވަރަކަށް ކަންތައް އަތުން ދޫވެގެން ދިއުން ކަމުގައިވެސް ސަފީރު ޓޯރ ވެންސްލޭންޑް އިންޒާރު ދެއްވިއެވެ.
މިހާރު މިސްރާބު ހުރިގޮތުން ގޮތެއް ނުނިމި ކުރިއަށްދާނަމަ އަބަދުމެ ހިނގަމުންދާ ކުރިމަތިލުން ތަކާއި އޭގެ ސަބަބުން ނިކަމެތި ވަމުންދާ ރައްޔިތުންނާއި ހަމަޔަށް އަލުން ސުލްޙަވެރި ނިމުމެއް ގެނެސް ނުދެވިދާނެ ކަމުގެ ބިރު އިންތިހާއަށް މިވަނީ ބޮޑުވެފައި ކަމުގައެވެ. އިސްރާއީލުންނާއި ފަލަސްތީނުން އެކުގައި ވާހަކަ ދައްކައިގެން އެމީހުންގެ ތަސައްވުރު ޙަގީގަތަކަށް ހެދުން މާދަމާއަށް ފަސްނުކުރާށެވެ. ސަފީރު ޓޯރ ވެންސްލޭންޑުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވިއެވެ.
އޭގެފަހުން ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާޒު މަންސޫރު ވިދާޅުވީ ސަލާމަތީ ކައުންސިލްގެ ގަރާރު އެ ކައުންސިލުން ތަންފީޒު ކޮށްދޭންޖެހޭނެ ކަމަށެވެ. ބިނާކުރެނިވި ގޮތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެކަމަށްބޭނުންވާ ސިޔާސީ މަސްރަހަށް ދޮރުހުޅުވާދިނުމަކީ މިހާރުން މިހާރަށް އެ ކައުންސިލުން ކޮށްދޭން ޖެހޭ ކަންތަކެވެ. އދ.ގެ ގިނަ ގަރާރުތަކަށް އިޒްރޭލުން ބޯނުލަނބަނީ އެމެރިކާގެ މުނާފިގު “އިޒރޭލް ފަރސްޓް” ޕޮލިސީގެ ބާރުގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967