މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް އެބަދެއެވެ.
ބައި އިލެކްޝަންގެ ވޯޓް ލުން ކުރިއަށް ދަނީ ށ. މާއުގޫދޫ އާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަބިދޫގެ ބައި އިލެކްޝަންގެ ވޯޓް ލުމެވެ.
އޭގެތެރޭގައި ހިމެނާ ށ. މާއުނގޫދޫގައި ވޯޓްލުން ކުރިއަށްދަނީ އެރަށު ކައުންސިލް މެންބަރެއް ހޮވުމަށެވެ. ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ ގައި ވޯޓުލަނީ އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މީހުން ހޮވުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ހުރިހާ ވޯޓު ފޮށީގެ ވޯޓުލުންވެސް ވަނީ މިއަދު ހެނދުނު 8:00 ގައި ފަށާފަ އެވެ. ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ވޯޓުފޮށިތަކާއި އެ ފޮށިތަކަށް ވޯޓުލުމަށް ހަމަަޖެހިފައިވާ މީހުންގެ އަދަދު
- ށ. މާއުނގޫދޫ -1 – 673 މީހުން
- ރ. ރަސްމާދޫ – 1 – 449 މީހުން
- ތ. ގުރައިދޫ – 1 – 543 މީހުން
- ތ. ގުރައިދޫ – 2 – 566 މީހުން
- ލ. ދަނބިދޫ – 1 – 552 މީހުން
- ބައި-އިލެކްޝަންސް، އަތޮޅު-މާލެ-1 – 1031 މީހުން
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނި ގޮތުގައި އެ ހަތަރު ރަށުގެ ބައި-އިލެކްޝަނަށް ޖުމްލަ 3،792 ވޯޓު ކަރުދާސް ވަނީ ޕްރިންޓްކޮށްފަ އެވެ.
އެ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޮޓްލާން ދާންޖެހެނީ އިމާދުއްދީން ސްކޫލަށެވެ. ރަށްތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައި ހުރި އެ ރަށްތަކުގެ ސްކޫލުތަކުގަ އެވެ.