ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނަކުރުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދެނީ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ތައުލީމީ ނިޒާމް މިހާރަށް ވުރެ ކުރިއަރުވައި ފެންވަރުރަގަޅުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 139 މިލިއަން ރުފިޔާ ( 9 މިލިއަން ޑޮލަރު)ގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ހާމަކުރާގޮތުގައި ރާއްޖޭގ ތައުލީމީ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެ ބެންކުން ފާހަކޮށްފައިވާ ކަންކަމުގެ ތެރޭގައި  މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާ އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމާއި އަތޮޅުތެރޭ ރައްތަކުގައި ތަފާތު ހުންނަކަން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ގްރޭޑް 4 އަދި ގްރޭޑް 7ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައިކަމަށް ވޯލްޑު ބޭންކުން ހާމަކުރެއެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވަނީ ތައުލީމީ ދާއިރާއިން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ތައުލީމީ ނަޒާމަށް އިތުރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު އެ ބެންކުން ދޭ އެހީގެ ސަބަބުން ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ  ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ދޭ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަޖުމްލަ 10 މިލިއަން ޑޮލަރު ކަރަދުކުރުމަށް ހަމަޖެހިފައިވާއިރު،  އޭގެ ތެރޭގައި ހިމެނެނީ ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމަށް ވަނީ ނިންމާފައެވެ.

ވޯލްޑް ބޭންކުން ހާމަކުރާ ގޮތުގައި އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެއެވެ.

އަދި އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެކަމަށް ވޯލްޑް ބެންކުން ބުނެއެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް