އިސްތިއުފާ ދެއްވި މެޖިސްޓްރޭޓްގެ މައްސަލަ ފުލުހަށާއި އޭސީސީއަށް

Facebook
Twitter
WhatsApp
Capture-3

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ހުންނެވުމަށް ފަހު މި މަހު ކުރީކޮޅު އިސްތިއުފާ ދެއްވި  އަހްމަދު ސައީދު އަލީގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އަހުމަދު ސައީދު މި މަހު ހަ ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށެވެ.

އޭނާއާ ދެކޮޅަށް ބަލަނީ ވެލިދޫ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް ޖޭއެސްސީ އަށް ހުށަހެޅި ޝަކުވާއެއްގެ މައްސަލަ އެވެ.

ޖޭއެސްސީން މިއަދު ބުނީ އަހުމަދު ސައީދު އިސްތިއުފާ ދެއްވާފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އޭނާގެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހްގީގު ކުރަމުންދަނިކޮށް ކަމަށެވެ.

މިމައްސަލަ އެކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް އާދީއްތަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.


ޖޭ އެސްސީން  ބުނީ އެ ކޮމިޝަންގެ ގާނޫނުގެ ދަށުން އެކޮމިޝަނުން ބެލުމުގެ އިހްތިސާސް ލިބިފައިވަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައްކަމަށްވާތީ، އަހްމަދު ސައީދު އަކީ މިހާރު ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން އޭނާއާ ގުޅޭގޮތުން ކޮމިޝަނުން ތަހްގީގު ކުރަމުންދިޔަ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށެވެ. އަދި މައްސަލައިގެ ތަހްގީގް ހުއްޓާލާ މައްސަލަ ފައިލްކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.


Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް