ޕީޖީ ޝަމީމް އާންމުކުރެއްވި ރާ ފުޅިއާ ގުޅިގެން އިސްތިއުފާ އަށް ގޮވަންފަށައިފި

Loading

Facebook
Twitter
WhatsApp

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބަނގުރާ ފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ އާންމުކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ގިނަ އަދަދެއްގެ ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް މީހަކު ހިފަހައްޓައިގެން ހުރި ފޮޓޯއެކެވެ. މަރާނީ އަކި ޖޯޖިއާގެ ބަނގުރާ އުފައްދާ ކުންފުންޏެކެވެ. އެ ފޮޓޯއިން ފެންނަނީ ބްނގުރާފުޅި ހިފަހައްޓައިގެން ހުރި މީހާގެ އަތާއި ރާ ފުޅިއެވެ. އެއީ ޕީޖީ ޝަމީމްކަމެއް ނުވަތަ ނޫންކަމެއް އެ ފޮޓޯއަކުން ސާފް ނުވެއެވެ. ނަމަވެސް ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި އެ ފޮޓޯ އާންމުކޮށްފައިވަނީ “ވެލްކަމް ޓު ޖޯޖިއާ” މިހެން ޖަހާފަ އެވެ.

ޕީޖީ މި ފޮޓޯ އާންމުކުރެއްވިއރު ހުންނެވީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ޖޯޖިޔާގައެވެ. ޝަމީމް ޖޯޖިއާ އަށް ވަޑައިގެންނެވީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސް ގެ 27 ވަނަ ޖެނެރަލް އެނުއަލް ކޮންފަރެންސްގައި ބައިވެރިވުމަށެވެ.

މި ފޮޓޯއާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން އަދި އާންމުން އަންނަނީ ސޯޝަލް މީޑީއާގައި ޝަމީމުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މި ފޮޓޯއާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށްވާ އަލީ ޒައިދު ވިދާޅުވީ އ ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަންޖެހޭކަމަށެވެ. އަދި ޝަމީމަކީ އެ މަގާމަށް ކުފޫ ހަމަނުވާ ބޭފުޅެއްކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

 ”ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަންޖެހޭ! އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައްގޮތަކުން ކުފޫހަމަނުވާ ބޭފުޅެއް! ސަރުކާރުއަތުގައި މަޖިލިސް އޮތްއިރު މިކަމާ އަޅާނުލާތިބުމަކީ އެއްގޮތްކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން! ފަހަތުފަޔަށް ބުރަވެނުލައްވާ!“ ޝަމީމު އާންމުކުރެއްވި ފޮޓޯއާއި ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވެއެވެ.

މި ފޮޓޯއާއި ގުޅިގެން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގު (ޓޮމް) ކުރެއްވި ޓްވީޓްގައި ވަނީ ހުއްޖަތް ނުދައްކަވާ ޕީޖީ ޝަމީމް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

”މަގާމުގެ ހައިސިއްޔަތުން ބަނގުރަލާއި، މަސްތުވާތަކެތީގެ ދައުވާ ދައުލަތުން އުފުލަންހުރިފަރާތް. އޮފީހުގެ މާހައުލުން ބޭރުވުމާއެކު، ބަނގުރަލާއިއެކު އެއްގޯސްވީމައި ދައުލަތުން އުފުލާ ބޮޑެތި މަސްތުވާތަކެތީގެ ދައުވާ ސާބިތު ވާނެގޮތެއް ވިސްނަވާ. ހުއްޖަތް ނުދައްކަވާ އިސްތިއުފާ ދެއްވާ“ ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ ސޯޝަލް މީޑިއާގައި ޕީޖީގެ އިސްތިއުފާ އަށް ގޮވާ ނުރުހުން ފާޅުކުރަމުންނެވެ.

”ޕީޖީ ޝަމީމުގެ އަމަލަކީ އިސްލާމްދީނާއި، ދިވެހީންނާއި، ދިވެހި ގައުމާއި، އޭނާއާ މަތިކުރެވިފައިވާ މަގާމަށް ވެސް ވި ހިޔާނާތެކެވެ. އެފަދަ މީހަކު އެ މަގާމުގައި ބެހެއްޓުމަކީ ވެސް އެ ބަހައްޓާ ބަޔަކު އިސްލާމްދީނާއި ދިވެހި ގައުމަށް ވާނޭ ހިޔާނާތަކަށް ނޫނީ ނުވާނެއެވެ.“

މި ފޮޓޯއާއި ގުޅިގެން  މަލީހު ޖަމާލް ވަނީ ޕީޖީ އުޅުއްވަނީ ގާނޫނުތަކުގެ މަތިންތޯ ސުވާލުކުރައްވާ ފައެވެ.

”“ ބަނގުރާ ޖެނެރަލް“ގެ މަޤާމަކީ ދައުލަތުގެ އޮނިގަނޑުގައި ނެތް މަޤާމެއް. ރައީސް އިބޫ މަނިކުފާނުގެ ޕީޖީ މިއުޅުއްވަނީ ޤާނޫނު ތަކުގެ މާ މަތީގަތޯ? ސުޕާ މެޖޯރިޓީ ރައްޔިތުން ހަވާލުކުރީ ޒިންމާތަކާއި އެކު. އަޅާނެ ފިޔަވަޅު މަނިކުފާނު ނިންމަވާ, ރައްޔިތުން ޒީރޯ ޓޮލަރެންސް ގެންގުޅޭ ކަމެއް.“ ޖަމީލް ކުރެއްވި ޓްވީޓްގައި ވެއެވެ.

ޕީޖީ ޝަމީމް އިއްޔެ އާންމުކުރެއްވި ބަނގުރަލުގެ ފޮޓޯ އާއި ގުޅިގެން އޭނާ ހޫނު ފެނަށް ވެއްޓިފައިވާއިރު އަލަމްގީރު އާއެކީ އެއްޖިންސުން ގުޅުން ހިންގައިގެން ކުށްސާބިތުވި ފުލުސް މީހާ އަބްދުއްރަހުމާ ރަފީއު އަށް އިއްވި އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމް ލުއިކުރަން ހައި ކޯޓްގައި އިސްތިއުނާފުކުރަން ޕީޖީން ނިންމުމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ޝަމީމަށް ވަނީ ރައްދުވެފައެވެ.

Loading

One Response

  1. ކުޑައިރުއްސުރެން އަޑުއަހާ ބަހެއް… “ ރޫމުގައި އުޅޭ އިރު ރޫމް ގެ މީހުން އުޅޭގޮތަށް އުޅޭށޭ “ އެހެންވެގެންކަންނޭނގޭދޯ އެބޭފުޅާވެސް އެކަންކުރެއްވީ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް