ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްގެން ކޮންފަރެންސެއް ބާއްވައިފި

Loading

Facebook
Twitter
WhatsApp

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ‘’މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022“ ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.

މި ކޮންފަރެންސް ބާއްވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެންނެވެ.

ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެކި އިދާރާތަކުން ޖުމްލަ 50 މުވައްޒަފުންނާ އެކީ އިސްކަންދަރު ބިލްޑިންގައި އިއްޔެއާއި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވަޒީފާގެ މާހައުލާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އަމިއްލަ ކެރިއަރ ކުރިއަރުވައި ހަރުދަނާކަމާއެކު ހިތްފަސޭހަކަން ގާއިމުކުރުމަށް މަސައްކަތްކުރުން، އުންމީދީ ލަނޑުދަނޑިތައް ކަނޑައެޅުން، އެހެން އަންހެނުންނަށް އިރުޝާދުދިނުން، ގާނޫނު ތަންފީޒުކުރުމުގައި އަންހެނުން ޝާމިލުވާ މުޖުތަމައެއް އޮތްކަން ހާމަކޮށްދިނުމާއެކު އަމިއްލަ ނަފުސަށް ވަކާލާތުކުރުމަށް މަސައްކަތްކުރުން، ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމާއެކު ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން އެކި ކަންކަމުގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރުން، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ދައުރާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް އަންހެނުންނަށް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ހިޔާލުބަދަލުކޮށްފައިވެއެވެ.

އަދި ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުމާއި ޖަވާބުދާރީވުން އިތުރުކުރުމާއި ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ފުލުހުން ބުނީ މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް