މިދިޔަ ހަފްތާގައި ހުޅުމާލެ ފޭސް ދެއަކުން ގެއްލުނު ޒުވާނާ އެރި ހުދުކުލައިގެ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދަނީ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) އެވެ.
ފުލުހުން މިއަދު ބުނީ މިހާތަނަށް ކުރި މަސައްކަތުން އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންނެވެ.
އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައިވުމުން އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން އަންނަކަމަށެވެ.
އަޒުހާން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ޖެހިގެން އައި ހޯމަ ދުވަހު 19:00 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އަޒުހާން އެރި ކާރުގެ ފޮޓޯއެއް އާންމުކޮށްފައެވެ. އަދި ފުލުހުން ވަނީ ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީ ހިޔާ ފްލެޓް ސަރަހައްދުން ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސް ނުކޮށް ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށެވެ.