ﷲއަށް އީމާންވުމުގެ މުހިންމުކަން

Loading

Facebook
Twitter
WhatsApp

ގަސްގަހާގެހި އާރޯކަމާއި ތާޒާކަމާއެކު ދެމިހުރުމަށް ފެނަށް ބޭނުންވާފަދައިން، އިންސާނާ އޭނާގެ حياة ބާއްޖަވެރި ކުރުމަށްޓަކައި، އީމާންކަމަށް ބޭނުންވެއެވެ. ﷲ އަށް އީމާންވުމަކީ، އިންސާނާގެ ހިތުގައި ދިރިއުޅުމުގެ شوق ވެރިކަމާއި އުންމީދު އާލާކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ. ދިރިއުޅުމުގެމަތިން އުންމީދުކެނޑި މާޔޫސްކަމުގެ ކަނޑަށް ގެނބިގެންދަނީ، ﷲ އަށް އީމާންނުވާ މީހުންނެވެ. އީމާންކަމަކީ، ހިތްތައް އުންމީދުން ފުރާލަދޭ ކަމެކެވެ. ހެޔޮފާލުގެ شعور ތަކާއި، ބާއްޖަވެރިކަމުގެ إحساسތައް އުފައްދާ ކަމެއްވެސް މެއެވެ. އެހެނީ ﷲއަށް އީމާންވާ މީހާ ގަބޫލުކުރާ ގޮތުގައި އޭނާވަނީ، ދަގަފަދަ ބާރެއްގެ حماية ގައެވެ. އެކަލާނގެއަށް، މި كون ގައިވާ އެއްވެސް އެއްޗެއް ވަންހަނާ ވެގެންނުވެއެވެ. އެއްވެސްކަމެއް އެކަލާނގެ ކުޅަދުންވަންތަކަމުން ބޭރުވެގެންނުވެއެވެ. އެކަލާނގެ ކުޅަދުންވަންތަކަމާއި، قدرة ތެރިކަމަށް حدّއެއް، މިންވަރެއް ނުވެއެވެ.

އެއީ އެންމެ އޯގާވަންތަ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. ފާފަފުއްސަވާ توبة ގަބޫލުކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ ކޮންމެ ހެޔޮކަމަށް، ދިހަ ހެޔޮކަމުގެ ސަވާބު ދެއްވައެވެ. އެދިވޮޑިގެންފިނަމަ، 700 ގުނައަށް ނުވަތަ އެއައްކުރެވެސް ގިނަދަރުމަ އާއި ސަވާބު އިތުރުކޮށްދެއްވައެވެ. އެކަލާނގެ وحى ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء‎ ކޮށްފިނަމަ، دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަ ދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް އިޖާބަ ދޭހުށިކަމެވެ. އަދި އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ!“

ތަފާސްހިސާބުތައްދައްކާގޮތުގައި، ދުނިޔެމަތިން ފޫހިވެގެން އަމިއްލައަށް މަރުވާ މީހުން އެންމެ ގިނައީ، مادّية އަށް އަޅުދާސްވެފައިވާ، ރަށްވެހިކަމުގެ އަޑުއުފުލާ قوم ތަކުގައެވެ. إسلامى قوم ތަކުގައި އަމިއްލައަށް މަރުވާމީހުންގެ އަދަދު، ނިސްބަތުން ވަރަށް މަދެވެ. ވަންހަނާވެގެން ނުވާނޭ ފަދައިން، މިކަމުގެ ހުރިހައިވެސް ސަބަބީ، ﷲއަށް އީމާންވުމުގެ މޭވާ ކަމުގައިވާ، މިންވަރަށް އީމާންވުމުގެ ހަރުދަނާ عقيدة އެވެ.

ﷲއަށް އީމާންނުވާ މީހާގެ މިސާލަކީ، ވައިގެ ތެރޭގައި އެނބުރޭ ކުކުޅުފަތެއްގެ މިސާލެވެ. އެފަދަ މީހަކަށް نفساني ގޮތުން، އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ، ދިރިއުޅުމުގައި ދިމާވާ އުނދަގޫ މައްސަލަތައް تحمّا ނުކުރެވިގެން، ތިމާގެ ނަފްސަށް ވަގުތީ ހަމަޖެހުން ލިބިދިނުމަށްޓަކައި މަސްތުވާ ތަކެތީގެ ޝިކާރައަކަށްވެގެން ހަލާކުވެ ބަރުބާދުވެގެންދަނީ، މާތް ﷲގެ ކުޅަދުންވަންތަކަމާއި رحمة ވަންތަކަން ހަނދާންނުކުރާ އަބާއްޖަވެރިންނެވެ. މާތްﷲ ހަނދާންކޮށް އެކަލާންގެ މިންވަރަށް ރުހި ގަބޫލުވުމަކީ، ހިތަށް ހަމަޖެހުމާއި އަރާމުލިބޭ ކަމެއްކަން ބަޔާންކުރައްވަމުން، ކީރިތި قرآن ގައި وحى ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ދަންނާށެވެ! ހިތްތަކަށް ހަމަޖެހުންލިބެނީ ﷲ ހަނދުމަކުރުމުންނެވެ.“

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް