ދެ ދައުލަތުގެ ސިޔާސަތަކީ އޮތް ދާއިމީ ޙައްލު 

Loading

Facebook
Twitter
WhatsApp

ފަލަސްތީނާއި އިސްރާއީލުގެ މައްސަލާގައި ދެ ދައުލަތް ގާއިމް ކުރުމަށް ތާއީދުކުރައްވާ ކަމުގައި އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ޔާއިރް ލަޕީދު ސެޕްޓެމްބަރު 22 ވަނަދުވަހު އ. ދ. ގެ 77 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަމުން ވިދާޅުވެއްޖެއެވެ. 

ހަމައެއާއެކު އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއީ ފަަލަސްތީނުގެ ބިމުގައި އިޒްރޭލް ކިޔާ ދައުލަތެއް އުފެދުނުފަހުން އިޒްރޭގެބޮޑުވަޒީރަކު އ. ދ. ގެ އާންމު ޖަލްސާގައި އަދި ކިޔެއްތަ ފުރަތަމަފަހަރަށް ދެ ދައުލަތެއް އޮތުމުގައ ސިޔާސަތަށް ތާއީދުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. 

އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމާއި ދަރިންގެ ދަރިންނަށްޓަކައި އަދި އިގްތިސާދީ ތަރައްގީއަށްޓަކައި ވެސް ދެ ދައުލަތް ގާއިމްކުރުންކޮންމެހެންވެސް ބޭނުމެވެ. މިކަމުގައި އަހަރެމެންގެ ހަމައެކަނި ޝަރުތަކީ ފަލަސްތީނުގައި އުފެދޭ ދައުލަތަކީ ސުލްޙަވެރި އަދި ހަމަކަމާއި އެކުއިސްރާއީލަށް ނުރައްކާތެރި ދައުލަތަކަށް ނުވުންކަމުގައި އޭނަ ބުންޏެވެ.                      

އ. ދ. ގެ އާންމު ޖަޖިލީހުގައި  ލަޕީދު ވާހަކަފުޅު ދައްކަވާފައި މިވަނީ ނޮވެމްބަރ 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށެވެ. އަދި އެ އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ ކާމިޔާބުކޮށްފިނަމަ މުޅި މަސްރަޙް ބަދަލުވެގެންދާނެ ކަމަށެވެ.ނަތަންޔާހޫ އަކީ ދެ ދައުލަތުގެ ވިސްނުމަށް ވަރަށްބޮޑަށް އިދިކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. 2014 ވަނައަހަރު އެމެރިކާއިން އިސްނަގައިގެން ބޭއްވުނު އިސްރާއީލް އާއި ފަލަސްތީނުގެ މަޝްވަރާތައްވެސް އިޒްރޭލުގެ އެ ހަރުކަށި ގޮތްދޫނުކުރުމުގެ ސިޔާސަތާއި ހެދި ދިޔައީ ފުލުންނެވެ.                                  

ލަޕީދުގެ ވާހަކަފުޅުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހޯދިޔަ ނުދޭނެކަމަށް ވިދާޅުވިއެވެ. އަދި އެކަން ހުއްޓުމަށް އޮތްހަމައެކަނި ގޮތަކީ އީރާނަށް ސަލާމަތް ނުވެވޭނެވަރުގެ ނުރައްކަލާއިކުރިމަތި ލާންޖެއްސުން ކަމުގެ އިންޒާރުވެސް ދިނުމެވެ. 

އަހަރެމެންގެ ކިބައިގާ އެކަން ތަންފީޒުކުރުމުގެ ބާރު އެބައޮތެވެ. އަދި އެ ބާރުގެ ބޭނުން ކުރަން އަހަރެމެން ޖެހިލުމެއްވެސް ނުވާނަމެވެ.އިސްރާއީލުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަކީ މުޅިދުނިޔެ ދަންނަ ސިއްރެކެވެ. އަދި އިސްރާއީލުން ގަބޫލުކުރާގޮތުގައި އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ލިބުމަކީ އިސްރާއީލަށް އޮތް ނުރައްކަލެކެވެ. އެހެންނަމަވެސް އީރާނުން ތަކްރާރުކޮށް ހާމަކުރަމުންގެންދަނީ އީރަނުން ނިއުކްލިއަރ ހަކަތަ އުފައްދަނީ އާންމު ބޭނުންތަކަށްކަމުގައެވެ.                                 

ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި  1967 ގައި ހިނގާދިޔަ މެދުއިރުމަތީގެ ހަނގުރާމައިގާ އިސްރާއީލުގެ ބާރުގެދަށަށް ގެންދިޔަ ބިންތަކުގައި އިސްރާއީލުގެ އާބާދީތައް ވަޒަންވެރިކުރުން އިތުރުކުރަމުންގެންދިއުމާއި އަދި 2014 ވަނައަހަރު އެމެރިކާއިން އިސްނަގައިގެން ފަލަސްތީނާއީ އިސްރާއީލްގެ ސުލްޙަވެރި ޙައްެލެއް ހޯދުމަށް ބޭއްވުނު ބައްދަލުވުންތައް ވެސް ބޭކާރުވެގެންދިޔައީ އިސްރާއީލްގެ ބަހާއި އަމަލު އެއްގޮތްނުވުމުގެ ސަބަބުންނެވެ. ޕީ. އެލް. އޯ. ގެ ވަރަށް އިސްބޭފުޅަކު ލަޕީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ވިދާޅުވީ އެއީ އެއްވެސް އިޚްލާސްތެރިކަމެއް އަދި އޭގައި އެއްވެސް ބުރަދަނެއް ނެތް ވާހަކައެއް ކަމުގައެވެ. 

ދެ ދައުލަތަށް ތާއީދުކުރާނަމަ އެންމެފުރަތަމަ ވެވުނު އެއްބަސްވުމާއި އެއްގޮތަށް އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި އިތުރު އާބާދީތައް އެބައިމީހުން ވަޒަންވެރިކުރުމަށް ބިނާކުރުން ހުއްޓާލާން ވީނޫންހެއްޔެވެ. އެއަށްފަހު އިރުމަތީ ގުދުސް އެކީ ފަލަސްތީނުގެ ވެރިރަށް ކަމުގައިވެސް އެއްބަސްވެފައި ވާއިރު މިކަންތައް ތަންފީޒުކުރަންވީ ނޫންހެއްޔެވެ. ހުސްއަނގަތެޅުމަކީ މާނައެއް އޮތް ކަމެއް ނޫންކަމެއް ކަމުގައި، ޕީއެލްއޯގެ އޮފިޝަން ވިދާޅުވިއެވެ.                                           

އެމެރިކާއިން އިސްރާއީލަށް ކަނޑައަޅުއްވާފައިހުންނަ ސަފީރު ވިދާޅުވީ ދެ ދައުލަތުގެ ޙައްލަކަށް ތާއީދު ކުރެއްވުމަކީ މަސްރަހުގެ ސުލްހައަށްޓަކައި ލަޕީދުގެ ހިތްވަރުގަދަކަން ހާމަކޮށްދޭ ވާހަކަފުޅެކެވެ.                    

ލަޕީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މެދުއިރުމަތީގެ ބައެއް ގައުމުތަކުން އިސްރާއީލާއެކު ގުޅުން ރަނގަޅުކުރަމުން ގެންދިއުމާމެދު ތަޢުރީފްކުރައްވައި އަދި އުފާކުރައްވާ ކަމުގައެވެ. އޭނާގެ އެދިވަޑައިގަތުމަކީ އިންޑޮނޭޝިޔާއިން ފެށިގެން ސަޢޫދީ އެރޭބިޔާއާ ދެމެދުގެ އެންމެހާ އިސްލާމީ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ރަނގަޅުކުރަމުން ގެންދިއުން ކަމުގައެވެ.                                                     

Loading

One Response

  1. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އިސްރާއީލާ ގުޅުން ނުއުފައްދާ މެދުއިރުމައްޗަށް ސުލްހަވެރި ހައްލެއް ނުލިބޭނެއެވެ. ފަލަސްތީނެއްވެސް ނުއުފެދޭނެއެވެ. އަވަށްޓެރި ސްރީލަންކާގެ ތިންބައިކުޅައެއްބައި ވަރުގެ މި ގައުމު އަމިއްލަފައިމަތީގައި މިހާ ބާރުގަދަ ނުވެވޭނެކަން ގަބޫލުކުރެވޭނެއެވެ. ހަމައެއާއެކު އަރަބިކަރައިގާ ކިތަންމެ ހަކަތައަކާއި މުއްސނަދި ކަމެއް ލިބިފައިއޮތަކަސް އިސްއުފުލާލަން ކެރޭވަރުގެ ލީޑަރަކު ނެތެވެ. އެކުވެރިކަމެއް ނެތެވ. ކިރިޔާ އިސް އުފުލާލިއަސް ހަނމުށިން ބޮލުގައިލަޑާނެކަން އެނގެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް