އިނގިރޭސި ރާނީ ފަސްދާނު ލެވިއްޖެ. އަޅުވެތިކުރެވުނު ފަރާތްތަކުން ބަދަލު ބޭނުންވޭ! 

Loading

Facebook
Twitter
WhatsApp


ދުނިޔޭގައި އިސްތިއުމާރު ކުރެވިފައިވާ ގައުމުތަކުގެ އަސްލު ވަޒަންވެރިންގެ އިޙުސާސްތައް އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމާއި ގުޅިގެން އެއްވެސް ހިފޭއްޓުމެއްނެތި ބަންޑުންވެގެން މިދަނީ ކީއްވެގެންބާވައެވެ؟ 

އެކަމަނާ ދުނިޔޭގައި ހުންނެވިއިރުވެސް އެމީހުން އެ އިޙުސާސްތައް ކުރަމުންގެންދާނެއެވެ. ކޮންމެވެސް ވަރަކަށް އެމީހުންގެ ޙާލަތު ހާމަކުރަމުންވެސް ގެންދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް މި ފެންނަންފެށި ބަދަލަކީ ނުވަތަ ކުއްލިއަކަށް އެމީހުންނަށް މިލިބުނު ހިތްވަރުގެ އަސްލަކީ ކޮބައިބާވައެވެ. 

އިނގިރޭސީ ރާނީ އެލިޒަބަތުގެ ހަރުކަށި ސިޔާސަތާމެދު ޖެހިލުންވެފާ ތިބީ ބާވައެވެ؟ އެމީހުންގެ ރުއިންތަކަށް ރަސްގެފާނު ޗާލްސްގެ ވެރިކަމުގައި އިންސާފު ހޯދާ ދީފާނެކަމަށް އުންމީދު ކުރެވެނީ ބާވައެވެ؟ ހަމަގައިމުވެސް އިނގިރޭސީންގެ އިސްތިއުމާރަކީ ގޮށްމުށުގެ ބާރުން ހިންގި އަނިޔާވެރިކަމުގެ ދެވަނަ މިސާލެއްނުލިބޭފަދަ އަނިޔާވެރި ވެރިކަމެއް ކަމުގައި ތާރީޚް ހެކިވާނެއެވެ. އިއްތިފާގަކުންނަމަވެސް އެ އަނިޔާވެރިކަން ދުނިޔޭގެ އެތައް ގައުމެއްގެ ރައްޔިތުން ތަހަންމަލް ކުރަމުންދިޔައިރު އިނގިރޭސި ވިލާތުގެ ތަޚުތުގައި އިންނެވީ ރާނީ އެލިޒަބަތެވެ. އެކަމަނާގެ ޙިއްސާއެއް ނެތްކަން ތާރީޚް ބުނެއެއް ނުދެއެވެ. ބުނެދެވޭކަށް އޮތްކަމަކަށް، އަނިޔާލިބިފައިވާ ފަރާތްތަކުން ތިބީ ގަބޫލުކުރާ ގޮތަކަށްވެސް ނޫނެވެ.                                                               

އޮސްޓްރޭލިޔާގެ ޕާރލަމެންޓަށް ލިޑިއާ ތޯރޕް އަލަށް އިންތިޚާބުވުމުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ގޮށްމުށް ކަވާފައިހުރި އޭނާ އަތް ބޮލާހަމަޔަށް އުފުލާލުމަށްފަހު އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 އަށް އިންކާރު ކުރުމުގެގޮތުން އެކަމަނާއަކީ ”ކޮލޯނަލައިޒިންގ ކުއީނެއް “ ކަމަށް ވިދާޅުވިއެވެ. ގްރީން ޕާރޓީއަށް ނިސްބަތްކުރެވޭ އެ މެމްބަރު ވިދާޅުވިގޮތުގައި އޭނާ ހުވާކުރިވަގުތު ތަސައްވުރު ކުރެވުނީ މީހުން މަރާ ގާތިލެއްގެ ކުރިމަތީގައި ކުޑަކަކޫ ޖެހުން ކަމަށެވެ.

އެތައް އެތައް އިންސާނުންނަކަށް އަނިޔާކުރުމުގައި ހައްދުފަހަނަޅާދިޔަ އިސްތިއުމާރީ ބާރަކާ އެއްކޮޅަށް ވަކާލާތުކުރަން ހުވާކުރަން ޖެހުނީމައެވެ.                                     

އިނގިރޭސި ރާނީގެ އަވަހާރަވުމަކީ ކެނެޑާއިން ފެށިގެން އޮސްޓްރޭލިޔާއާއި ހަމަޔަށް ދާންދެން އިނގިރޭސި ވިލާތުން އިސްތިއުމާރުކުރި ގައުމުތަކުގެ އަސްލު ވަޒަންވެރިންގެ ކެކުޅުންތައް ބޭރުކޮށްލުމަށާއި އަދި އެމީހުން އަލުން އިނގިރޭސި ތަޚްތަށް ކުރުނީސް ކުރަން ބޭނުންނުވާކަން އަލަށް  ވަޑައިގެންނެވި ރަސްގެފާނަށް ހަނދާންކޮށް ދިނުމަށްލިބުނު ފުރުސަތެއް ކަމުގައި އެމީހުން ދެކެއެވެ.

ޗާލްސް 3 ރަސްކަމަށް އިސްކުރެވިފައި މި  ވަނީ އިނގިރޭސީންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ގައުމުތަކުގެ ތަރައްގީއާއި ތަމައްދުންގެ ނަމުގައި ގައުމުތަކުގެ އަސްލު ވަޒަންވެރިންގެ ކިބައިން މަޙުރޫމް ކޮށްފައިވާ އަދުލު އިންސާފާއި އިންސާނީ ކަރާމާތާއި އާދަކާދައާއި ދިރިހުރުމުގެ ޙައްގުވެސް އަނބުރާ ލިބިދިނުމަށް އެދި މުޅިދުނިޔެއަށް ގޮވަމުންދާ ދުވަސްވަރެއްގައެވެ. 1950 ވަނަ އަހަރުއްސުރެން ފެށިފައިވާ މި އާދޭސްތަކުގެ އަޑު ދެން ނުހުއްޓުވޭނެއެވެ. 

ކެނެޑާގެ އަސްލު ރައްވެހިންގެ ނަސްލަށް ނިސްބަތްކުރެވޭ ޔުނިވަރސިޓީ އޮފް އޮޓާވާގެ ޕްރޮފެސަރަކު ވިދާޅުވާ ގޮތުގައި އަހަރެމެން ތުންމަޅި އަޅުވައިގެން ދެން ނުގެންގުޅެވޭނެ އެވެ. ކެރީބިއަންގެ ގައުމުތަކުންވެސް ގޮވަމުން އެގެންދަނީ އަޅުވެތި ކުރުމުގެތެރޭގައި ދީފައިވާ ގެއްލުންތަކުގެ އަގު އަދާކުރުމާއެކު މަޢާފަށްވެސް އެދުމަށެވެ. ކެނެޑާގެ އަސްލު ރައްވެހިންވެސް ގޮވަމުން އެގެންދަނީ އަޅުވެތިކަމުގައި ފާއިތުވެގެން ދިޔަ ދިގު ތާރީޚުގައި ދީފައިވާ އަނިޔާއާއި ނެތިކޮށްލާފައިވާ ދިރިހުރުމުގެ ޙައްގު އިންސާފުކުރުމަށެވެ.

އޮސްޓްރޭލިޔާ އިންވެސް މިހާރު ފިޔަވަޅު އަޅަމުން ގެންދަނީ އެގައުމުގެ އަސްލު ރައްވެހިންގެ ނަސްލަށް ނިސްބަތްކުރެވޭ މީހުންނަށް ޕާރލަމެންޓުންވެސް ޖާގަ ދިނުމަށެވެ. ނަމަވެސް އޮސްޓްރޭލިޔާގެ އަސްލު ރައްވެހިންގެ އިޙުސާސްތަކަށް ބެލުމެއްނެތި އިނގިރޭސި ރާނީ އަވަހާރަވުމާއި ގުޅިގެން ގައުމީ ހިތާމައިގެ ދުވަހެއް ފާހަގަކުރަން އޮސްޓްރޭލިޔާއިން ނިންމުމުން ތޯރޕް އެކަމަށް އެއްބަހެއް ނުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެގޮތަށް ގައުމީ ހިތާމައިގެދުވަހެއް ފާހަގަކުރުމަކީ އަހަރެމެންނަކީ އެއްވެސް ބައެއްނޫނޭ ބުނުމާއި އަދި އަހަރެމެންގެ އިޙުސާސްތަކުގެ ސަންދޯކުގައި އެންމެފަހުގެ މޮހޮރު ޖެހުން ކަހަލަ ކަމެކެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާއިން ބޭރުކުރުމުން އިނގިރޭސީންގެ ޝާހީއާއިލާގެ އަސްލު ސިފަ ފެނިގެންދާތީ އެމީހުންނާ ދުރުވެގަތުމުގެ ވަގުތު ޖެހިއްޖެކަމާއި ކޮމަންވެލްތުގެ ޗާޓު ބަދަލުވަމުން ދިއުން ފެށުނީ ކަމަށް މިހާރުބެލެވިދާނެއެވެ.

2021 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރާނީއަކީ ބާރބަޑޮސްގެ އެންމެ މަތީ ވެރިޔާ ނޫންކަމަށް ކަނޑައެޅުމާއިއެކު ކެރީބިއަންގެ ޖެމެއިކާއާއި ބަހާމަސް ފަދަ ގައުމުތަކުގައި ޖުމްހޫރީ ވެރިކަމެއްގެ އަޑު ނުހުއްޓުވޭ ވަރަށް ވައިގާ ހިފައިފިއެވެ. އޮސްޓްރޭލިޔާ އާއި ކެނެޑާއާއި ނިއުޒީލޭންޑުގައި ނެގުނު ފެންނަ ނުފެންނަވޯޓުން ހާމަ ވެގެންދިޔައީ މިވަގުތަށް އެކަން ކުރެވޭނެ މަގު ފަހިވެފާ ނެތް ނަމަވެސް އިނގިރޭސި ތަޚްތަށް ކުރުނީސްކުރުން ނިމުމަކަށް ގެންނަން އެ ގައުމުތަކުގެ ރައްޔިތުން ބޭނުންވެފައި ތިބި މިންވަރެވެ.  

ނިއުޒީލޭންޑުގެ އާބާދީގެ ސަތާރަ އިންސައްތައަކީ އެ ގައުމުގެ އަސްލު ރައްވެހިންގެ ނަސްލަށް ނިސްބަތްކުރެވޭ މީހުންނެވެ. އެމީހުން ވާހަކަދައްކާ އުޅޭ ބަހަކީ މިހާރު ނިއު ޒީލޭންޑުގެ ރަސްމީ ބަހެކެވެ. އަދި އެމީހުންގެ އާބާދީ އޮތީ ޕާރލަމެންޓުގައިވެސް ހިއްސާ ކުރެވިފައެވެ. 

އޮސްޓްރޭލިއާގެ އަސްލު ރަށްވެހިން ކަމުގައިވާ މައޯރީންނާމެދު އިނގިރޭސީންގެ އިސްތިއުމާރުގައި ހިންގި ކަންތައްތައް ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާދެމުންގެންދެއެވެ. އެހެންނަމަވެސް އެ ގައުމުގެ އާބާދީގެ ނިސްބަތުން މައޯރީންގެ ފަގީރުކަން ބޮޑުކަމާއި ކުށްކުރުން ގިނަކަން ފާހަގަ ކުރެވެއެވެ.         

މައޯރީންނަށް ނިސްބަތްކުރެވޭ ސިޔާސީ ޕާރޓީގެ ލީޑަރ ސުވާލު ކުރައްވަނީ އިނގިރޭސީންގެ އިސްތިއުމާރުގައި ދީފައިވާ އަނިޔާތަކުގެ ވާހަކަ މިހާރު ނުދައްކާ ދެން ދައްކާނީ ކޮން އިރަކުން ހެއްޔެވެ؟ 

ޕްރިންސް ވިލިއަމް ރަސްކަމަށް އައިމާ ހެއްޔެވެ ނުވަތަ އެނާގެ ދަރިން ތަޚުތަށް އިސްކުރެވުނީމާ ހެއްޔެވެ؟ އޭނާ ވިދާޅުވާ ގޮތުގައި އިނގިރޭސި ތަޚުތަށް ކުރުނީސްކުރުން މިހާރު ނިމުމަކަށް ގެންނަންވީ ވަގުތު ޖެހިއްޖެއެވެ. އިސްތިއުމާރީގައި އަހަރެމެންނަށް ދީފައިވާ އަނިޔާއާއި ގެއްލުން ރަސްގެފާނަށާއި ޕްރިންސުންނަށް ކިޔާދީ އޮޅުންފިލުވާދޭނެ މީހަކު އަހަރެމެންގެ ތެރޭގައި ނެތެވެ.

ބޮޑުވަޒީރު ޖެސިންދާ ވެސް ވިދާޅުވަނީ ހަމަކަށަވަރުންވެސް ނިއުޒީލޭންޑަކީ ޖުމްހޫރިއްޔަތަކަށް ވާނެކަމަށެވެ. އެކަމަކު އެކަމަށް ވަގުތު ނަގާނެއެވެ. އެހެންނަމަވެސް ސެންޓަރ ލެފްޓް ޕާރޓީއިން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ޖުމްހޫރިއްޔަތަކަށް ތާއީދުކުރައްވައެވެ. އަދި އެކަންތައް ދިރާސާ ކުރުމަށްޓަކައި ވަކި މިނިސްޓަރަކުވެސް ވަނީ ޚިޔާރު ކޮށްފައެވެ. 

އަދި އެ ޕާރޓީން އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ ވޯޓަކަށް ދާނެއެވެ.އެހެންނަމަވެސް ރަސްގެފާނު ޗާލްސް އާއިއެކު މިލިބުނު ފުރުސަތުގައި މިހާރުގެ ޙާލަތު ރަނގަޅަށް ދިރާސާ ކުރުމަށްފަހު ދެން ކަންތައް ކުރަންވީ ގޮތެއް ޚިޔާރު ކުރެވިދާނެއެވެ.                           

ކެނެޑާގެ އަސްލު ރައްވެހިންނަކީ އެގައުމުގެ 38 މިލިއަން މީހުންގެ އާބާދީގެ އެންމެ 5 އިން ސައްތައެވެ. އެމީހުންގެ ދިރިއުޅުމަކީ އާންމު ރައްޔިތުންނަށް ވުރެން މާ ފަގީރު ނިކަމެތި ޙާލަތެކެވެ. އިނގިރޭސި ތަޚްތާއެކު ކުރިއަށްދާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އަދި މިއަހަރު ކުރީކޮޅު ޗާލްސް ކެނެޑާއަށް ވަޑައިގަތުމުން އިސްތިއުމާރީގައި އެމީހުންނަށް ޖެއްސި ޙާލަތަށް މަޢާފް އެދެން ޖެހޭނެ ކަމަށް އެސެމްބްލީ އޮފް ފަސްޓް ނޭޝަންސް ނޭޝަނަލް ގެ ވެރިޔާ ރޯސް އޭން އާރޗިބޯލްޑް އޭނާއަށް ދެންނެވިއެވެ. އަދި ރާނީ އެލިޒަބަތު އަވަހާރަވުމަށްފަހު އެވިދާޅުވުން ވަނީ ތަކްރާރު ކުރައްވާފައެވެ. 

ކެނެޑާގައި ނެގުނު އާންމު ވޯޓުގެ ނަތީޖާއަކީ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ އިނގިރޭސި ތަޚްތާ ވަކިވާށެވެ. އެހެންނަމަވެސް ތަޖްރިބާކާރުން ވިދާޅުވަނީ ކެނެޑާއިން އިނގިރޭސި ތަޚްތާ ވަކިވުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. މި މައްސަލާގައި ވާހަކަ ދައްކަމުން ބްރިޓިޝް ކޮލަމްބިއާގެ ކުކްޕި7 ގެ ވެރިޔާ ޖޫޑީ ވިލްސަން ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ރަސްކަމުގައި އޭނާގެ މަންމާފުޅު ރާނީ އެލިޒަބަތު ނުކުރައްވާ ދޫކޮށްލެއްވި ގިނަ ކަންތައްތަކެއް ކޮށް ނިންމަވާ ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. 

އޭގެ ތެރޭގައި “ ޑޮކްޓްރިން އޮފް ޑިސްކަވަރީ“ ކެނެޑާގެ އަސްލު ރައްވެހިންގެ ގައުމީ ޙައިސއްޔަތު ނިގުޅައިގެންފައި އޮތް އޮތުމާއި ރައްވެހިންގެ ސްކޫލްތަކުގައި ހިންގި ޖަރީމާތަކާއި ރައްވެހިންނަށް ނިސްބަތްކުރެވޭ ތަރިކަ އަކީ އިނގިރޭސިން ގެ މިލްކެއް ކަމުގައި ހަދާފާއޮތް އޮތުން ނިމުމަކަށް ގެންނާން ޖެހެއެވެ.

ރަސްގެފާނު ޗާލްސް  ގެ ރަސްކަމުގައި މި ކަންތައްތައް ރަނގަޅުގޮތުގައި ނިންމަވައި ދުނިޔޭގެ ކަންކޮޅުތަކުން އެތައް ގައުމެއް އިސްތިއުމާރު ކޮށް ހިންގަމުންގެންދިޔަ އަނިޔާވެރިކަމާއި ފޭރެމުންދިޔަ ގައުމުތަކުގެ އަގުބޮޑު މުދާތަކާއި ރައްވެހިން ގެ ގެއްލިފައިވާ ޢިއްޒަތުންނަފްސް ގެ ބަދަލު ލިބިދޭން ޖެހޭނެކަމުގައެވެ.                                           

Loading

One Response

  1. އަޅުވެތިކަން ބޭނުންނޫނޭ ބުނާނެ ހިތްވަރު ލިބުމަކީ މިނިވަން ކަމުގެ ފެށުންކަމުގައި ބަލާށެވެ. އަޅުވެތިކަމުގެ ފެށުން އައިއިރު އަނގަޔަށްވެސް އޮތީ ކަފަގަންނުވާފައެވެ. ގެރިބަކަރިއަށްވުރެންވެސް ނިކަމެތި ހާލުގައި ނާޒޯންގުތަކުގެ ފަލްކާތެރެއަށް އަޅާލައިގެން ގެނައި އިރު ދަތުރު މަތީގައިވެސް އެތައްބަޔަކު މަރުވެގެން ދިޔައެވެ. އަޅުންނަށް ވެގެންދިޔައީ އެމީހުންގެ އުފެދުމުގައެއް ނޫނެވެ. ބޮޑުމާލޫދަށް މުސަޅުހިފާގޮތަށް ދާޖަހައިގެންނެވެ. އަނބިދަރިންނާއެކު އަރާމުގައި ނިދާފާ ތިއްބައެވެ. އަނިޔާވެރިކަމުގެ ބަސްފޮތުގައި ލިޔެފައިވެސްނެތް އެތައް އަނިޔާއެއް ދީގެންނެވެ. މިއަދު އިންސާނިއްޔަތޭ ކިޔައިގެން އަނގަހުޅުވާއިރު ދުވާވަހުން ކައިރީގައިހުންނަމީހާއަށް ނޯށް ދަމާލެވޭ ވަރެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް