ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން  ފަސްނުޖެހޭނަން - ޕުޓިން 

Facebook
Twitter
WhatsApp
106A53E6-E0E4-4908-991F-15E1A676E401

ބައިނަލް އަގްވާމީ މީޑިއާތަކުން މިހާރު ލިބެމުންދާ ޚަބަރު ތަކުގައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ ރަޝިޔާގެ ބައެއް ރިޒާވް ސިފައިންގެ ފައުޖުތައް ހަނގުރާމައަށް ނެރުމަށް ރަޝިޔާގެ ރައީސް ޕޫޓިން އަމުރުކުރެއްވި ވާހަކައެވެ. 

ބައެއް މީޑިއާއިން ދެކޭގޮތުގައި ރައީސް ޕޫޓިން މިގޮތަށް ނިންމެވުމުގެ އަސްލަކީ 7 މަސްދުވަސް ފާއިތުވެގެން މިދާ ޔޫކްރެއިންގެ ހަނގުރާމަ ރަޝިޔާއިން ބޭނުންވާގޮތަށް ކުރިއަށް ނުދިއުމާއި އަދި ފާއިތުވެގެން މިދާ ދުވަސްތަކުގައި ހަނގުރާމައިގެ މައިދާނުން ރަޝިޔާއަށް ލިބެމުންދާ ގެއްލުންތަކެވެ. 

މިއަދު ހެނދުނު ޓީ. ވީ. މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވީ ރަޝިޔާ ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއް އަދި އެކަމުގައި އަތުގައިހުރި ކޮންމެ ވަސީލަތެއްގެ ބޭނުން ކުރާނެކަމަށެވެ. ރައީސް ޕޫޓިން ނުސީދާގޮތަކަށް މި އިޝާރާތް ކުރައްވަނީ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންވެސް ކުރާނެ ވާހަކަ ކަމުގައި ބެލެވެއެވެ. 

މީގެ ކުރިންވެސް ރައީސް ޕޫޓިން ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީގެން ރަޝިޔާގެ ބާރު ކަނޑުވާލަން މަސައްކަތް ނުކުރުމަށް ހުޅަނގުގެ ގައުމުތަކުގެ ވެރިންނަށް އިންޒާރު ދެއްވާފައެވެ. އަދި އެއީ ހަމަ އޭނާގެ އަގައިން ބޭރުކޮށްލި ބަހެއް ކަމުގައި ނުދެކުމަށްވެސް ވިދާޅުވިއެވެ. 

ރައީސް ޕޫޓިން ވިދާޅުވާގޮތުގައި ރަޝިޔާގެ ލަޝްކަރުތަކަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި ޔޫކްރެއިނާއެކުކުރެވޭ ހަނގުރާމައެއް ނޫނެވެ. އެއާޚިލާފަށް ރަޝިޔާއިން ކުރިމަތިލާން ޖައްސާފައި މިވަނީ ހުޅަނގުގެ އެންމެ ޒަމާނީ ހަނގުރާމައިގެ ހަތިޔާރިތަކާއެކު ކުރެވޭ އެމީހުންގެ ބައިވެރިވާ ބޮޑު ހަނގުރާމައަކާއެވެ. 

ބެލެވޭ ގޮތުގައި ރަޝިޔާ ރިޒާވް ލަޝްކަރުން ތިންލައްކަ ސިފައިން ނެރޭނެއެވެ. ރަޝިޔާގެ ދިފާޢީ ވަޒީރު ސަރޖީ ޝޮއިގޫ ވިދާޅުވީ ރިޒާވް ސިފައިންގެ ގޮތުގައި ނެރޭނީ އެކަމަށް ފުރިހަމައަށް ތަމްރީނު ދެވިފައިތިބި މީހުން ކަމުގައެވެ. އަދި އެ ތަމްރީނުތައް ފުރިހަމަކޮށފައިވާ ފަންސަވީސް މިލިއަން ސިފައިން އެބަތިބިކަމަށާއި މިފަހަރު މި ނެރެވެނީ އޭގެ ތެރެއިން ގާތްގަނޑަކަށް އެއް ޕަރސެންޓް ކަމުގައެވެ.

އަދި މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާގެ ރިޒާވް ލަޝްކަރުން ބައެއް ނެރެވޭ ފުރަތަމަފަހަރު ކަމަށެވެ.ރައީސްޕޫޓިންގެ ވާހަކަފުޅު މިއައީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާއި ދެކޮޅަށް ޔޫ. އެން. ގެ ޖެނެރަލް އެސެމްބްލީގައި ގިނަ ފާޑުކިއުންތަކެއް އަމާޒުކުރެވިފައިވާ ދަނޑިވަޅެއް ގައެވެ.

ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. މިއަދުގެ ވަގުތެއްގައި ރައީސް ޒެލެންސްކީގެ ރެކޯޑްކޮށްފައިވާ ޚިތާބެއް ޖެނެރަލް އެސެމްބްލީގައި އިއްވޭނެއެވެ.                                                           

އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ބެން ވެލަސް ވިދާޅުވަނީ ރައީސް ޕޫޓިންގެ ވާހަފުޅުން ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާ ބަލިވެއްޖެކަން އެނގިއްޖެ ކަމުގައެވެ. ކިތަންމެ ގިނަ އިންޒާރު ތަކެއްދީ ޕްރޮޕަގެންޑާ ފަތުރަމުން ގެންދިޔަސް ޔޫކްރެއިނުން ހަނގުރާމަ ރަޝިޔާއަށް ކާމިޔާބު ކުރެވެމުންނުގެންދާ ކަމަކަމަށެވެ. އަދި ބައިނަލް އަގްވާމީ މައިދާނުގާ ރަޝިޔާއަށް ދެން އޮތީ ސަލާންޖަހާ ނާށިގަނޑު ހިފައިގެންނިކުތުމެވެ.                                                     

ރައީސް ޕޫޓިންގެ ވާހަކަފުޅުތައް މިއައީ ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާއަށް ގެއްލުންތަކެއް ލިބެމުންދާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ. އަދި ރަޝިޔާގެ ބާރުގެ ދަށަށް ގެނެވިފައިވާ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތަކަކީ ރަޝިޔާގެ ސަރަޙައްދު ތަކެއްތޯ ފެންނަ ނުފެންނަ ވޯޓެއްނަގަން ޢިއުލާނު ކުރެވިފައި ވަނިކޮށެވެ. ޢާންމު ވޯޓުނެގުމަށް ހަމަޖެހިފައިވަނީ ލުހަންސްކް އާއި ޚާރސޮން އާއި ރަޝިޔާގެ ބާރުގެ ދަށުގައިއޮތް ޒަޕޯރިޒްހިއާ އަދި ޑޮނެސްކް ސަރަހައްދުގައި މިއަންނަ ހުކުރު ދުވަހުއެވެ.                                 

ރައީސްޕޫޓިން ވިދާޅުވީ ހިނގަމުންމިދާ ހުރިހާ ކަމަކީވެސް ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންގެ ދެކުނުގައި މުސްލިމް އާބާދީތައްގިނަ އަވަށްތަކުގެ މީހުންގެ ބޮލަށް ވަދެގެން ވަކިވެގަތުމުގެ ޙަރަކާތް ތަކަށް ބާރުދިނުމުގެ ނަތީޖާއެއްގެގޮތުން އުފެދިގެން އައި ކަންތައް ގަނޑެކެވެ.                          

މި ހަނގުރާމައިގާ މިހާތަނަށް އެތައް ބަޔަކު މަރުވެގެން ހިނގައްޖެއެވެ. އަދި ކާބޯ ތަކެއްޗާއި ހަކަތައިގެ އަގު ދުވަހަކުވެސް ނުއުފުލޭ ވަރަށް މައްޗަށް އަރައިގެން ހިނގައްޖެއެވެ. މީގެ އިތުރުން ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިއުކްލިއަރ ޕަވަރޕްލާންޓް ވެސް ހުރީ މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިއޮތް ޔޫކްރެއިންގެ އިރު ދެކުނު ސަރަހައްދުގައެވެ. 

އެ ސަރަހައްދުގައި ބަދަލުކުރެވެނުންދާ ހަނގުރާމައިގެ ޙަރަކާތްތަކުގެ ސަބަބުން މިއީ ނުރައްކާތެރިކަން އިންތިހާއަށް ގޮސްފައިވާ ސަރަހައްދެއް ކަމަށް ބަލަންޖެހެއެވެ. އެ ޕްލާންޓުން ރޭޑިއޭޝަން ލީކްވާން ފަށައިފިނަމަ ދެން ވެދާނެގޮތެއް ހިތަށްވެސް ނުގެނެވޭހާ ބިރުވެރިވާނެއެވެ.                                                       

ރައީސް ޕޫޓިންގެ ވާހަކަފުޅުގައި ނޭޓޯގެ އިސް ސަފުގައި ޙަރަކާތްތެރި ވަމުންގެންދާ ބައެއް ބޭފުޅުން ރަޝިޔާއާއި ދެކޮޅަށް ނިއުކްލިއަރ އަދި ފަނާކުރަނިވި ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އެކަހަލަ ވިސްނުން ގެންގުޅޭމީހުނަށް އަހަރެން ހަނދާންކޮށްދޭން ބޭނުންވަނީ އަހަރެމެންގެ އަތުގައިވެސް ނިއުކްލިއަރ އަދި ފަނާކުރަނިވި ހަތިޔާރު އެބަހުރިކަމާއި ނޭޓޯގެ ގައުމު ތަކުގައިހުރި އެބާވަތުގެ ހަތިޔާރު ތަކަށްވުރެން އަހަރެމެންގެ ހަތިޔާރުތަކުގެ ފެންވަރުވެސް މާރަނގަޅުވާނެއެވެ. އަދި ރަޝިޔާގެ ރައްޔިތުންނާއި ރަޝިޔާގެ ސަރަހައްދަށް ނުރައްކާ ވެއްޖެކޮންމެ ހިނދެއްގައި އަހަރެމެންއަތުގައިހުރި ކޮންމެ ވަސީލަތެއްގެ ބޭނުން ކުރާނަމެވެ. ރައީސް ޕޫޓިން ވިދާޅުވިއެވެ.

ބައެއް ރިޒާވް ލަޝްކަރުތައް ނެރުމުގެ އަމުރުގައި މިއަދު އަހަރެން ސޮއި ކޮށްފީމެވެ. އަހަރެމެން މިދައްކަނީ އަދި ހަމައެކަނި ބައެއް ރިޒާވް ލަޝްކަރުތައް ނެރޭ ވާހަކައެވެ. އޭގެތެރޭގައި ސިފައިންގެ ޚާއްސަ ތަމްރީނު ލިބިފައި ތިބިމީހުންވެސް ހިމެނޭނެއެވެ. ޕޫޓިން ވިދާޅުވިއެވެ.                             

މިއަންނަ ހުކުރުދުވަހު ބާއްވާ އިންތިޚާބާ ގުޅޭގޮތުން ރައީސް ޕޫޓިން ވިދާޅުވީ އެސަރަހައްދުތަކުން އިންތިޚާބު ބޭއްވުމުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ރަޝިޔާގެ ކިބައިން އެދިފައިވާ ކަމުގައެވެ. އެހެންކަމުން އިންތިޚާބު ބޭއްވުމަށާއި މިނިވަންކަމާއެކު ރައްޔިތުންގެ ނިންމުން ނިންމުމަށްޓަކައި ރައްކާތެރި މާޙައުލެއް ރަޝިޔާއިން ކަށަވަރު ކޮށްދޭނެއެވެ. 

ބައެއް ގައުމުތަކުގެ ވެރިން ދެކޭގޮތުގައި ބާއްވަންއުޅޭ އިންތިޚާބަކީ ޣައިރު ގާނޫނީ އިންތިޚާބެކެވެ. އެއަށް އަމަލުކުރާކަށްވެސް ނުޖެހޭނެއެވެ. ރައީސް ޒެލެންސްކީ ވިދާޅުވަނީ އެއީ މީހުންގެ ވިސްނުން އެހެންފަރާތްތަކަށް އަނބުރާލުމަށްޓަކައި ދައްކާ ހޮޅި ވާހަކަތަކެކެވެ. 

އަދި ޔޫކްރެއިނުން އަތުލާފައިވާ ހުރިހާބިމެއް އަނބުރާ އަތުލާނެ ކަމަށެވެ. އަހަރެމެންނަށް ރަޙްމަތްތެރިންގެ މަދަދު ލިބެމުންދާހާ ހިނދަކު މާދުރުގައި ހުރެ މީހަކު ތަޅާހާ އަނގަޔަކުން ހަނގުރާމައިގެ މިސްރާބު ބަދަލެއް ނުކުރެވޭނެއެވެ. ރަޝިޔާގެ އެތެރޭގައިވެސް މިހާރު ނެރެން އުޅޭ ރިޒާވް ލަޝްކަރާއި މެދުވެސް ހިތްހަމަނުޖެހުން ދަނީ ހައްތާ ބޮޑުވަމުންނެވެ. އަހަރެމެންގެ ބަފައިންނާއި ދަރިން މަސްމުގުރާ މެޝިންތަކުގެ ތެރެއަށް އަޅާލާކަށް އަހަރެމެން ބޭނުމެއްނޫނެވެ. މިއީ ޔޫކްރެއިންގައި ކުރެވެމުންދާ ހަނގުރާމައިގާ ރަޝިޔާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.


ނަމަވެސް ހިތާމަޔަކީ މިހަނގުރާމަ ފެށުމުގެ އަސްލަކީ ޔޫކުރެއިން އިން ގޮތްދޫނުކޮށް ނޭޓޯގެ މެމްބަރަކަށް ވާން ހިއްޕެވި ހިއްޕެވުންކަން ޒެލެންސްކީ މިހާރު ހަނދުމަފުޅު ނެތްކަމެވެ. ރަޝިޔާއިން ބުނަމުންގެންދަނީ ރަޝިޔާގެ ދޮރުއަށިކައިރީ ޔޫރަޕްގެ ނޭޓޯއާއި އެމެރިކާއިން ހަތިޔާރު ބަހަށްޓައި ރަޝީޔާއަށް ބިރުދެއްކޭ ޙާލަތަށް ގެނަޔަކަށް އެއްވެސް ޗާންސްއެއް ނުދޭނޭކަމަށެވެ.                                                      

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް