ރާއްޖޭގެ މަސަވެރިކަމުގެ ސިނާޢަތުވެސް ބިދޭސީންގެ އަތްމައްޗަށްގޮސް ނިމިއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖޭގޭ އިގްތިޞާދީ ނާރެހަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ރާއްޖެއަށްމާތްރަސްކަލާންގެ މިންވަރު ކުރައްވާފައިވާ ކަނޑު ރޯދީގެ ސިނާޢަތު ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ ކަމަށް ދެކެވެމުން އެދާ ވާހަކަތަކާމެދު ކޮންމެ ދިވެހިރައްޔިތަކު ފުންކޮށް ވިސްނާލަން ޖެހިއްޖެކަމަށް ދެކެމެވެ. 

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތް ތެރިވަމުން އަންނަ ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖެ އައިސް ތިބި މީހުންކަން ލިބެމުންދާ މަޢުލޫމަތް ތަކުން އެނގެއެވެ. އެއީ އެއްވެސް މަސްދޯންޏަކަށް މަސަވެރިކަން ކުރުމުގެ ނަމުގައި ވާރކްޕާމިޓް ލިބިދީ ބިދޭސީން އެތެރެ ކޮށްފައި ނުވާތީއެވެ.

މަސަވެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހުވަދޫއަތޮޅާއި ތިލަދުންމަތީގެ މަސްދޯނިފަހަރު ތަކުގައި އެކަނިވެސް ބައިލައްކައަށް ވުރެ ގިނަ ބިދޭސީން ޙަރަކާތްތެރިވަމުން ދާކަމަށް އަންދާޒާކުރެވި އެހިސާބުގެ ރައްޔަތުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

    ރާއްޖޭގައި މިހާރު މަސްވެރިކަމަށް ބަނދެވޭ އުޅަނދު ފަހަރު އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑެތިވަމުންނެވެ. އެގޮތުން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދެއްގައި ވިހި ނުވަތަ ފަންސަވީސް މީހުން މަހަށް ގޮސް އުޅެއެވެ. އެގޮތުން މަސްދޯންޏެއްގައި އެވްރެޖް ކޮށް 15 ބިދޭސީން މިހާރު ޙަރަކާތްތެރި ވާއިރު ބިދޭސީންނަށްވުރެ ދިވެހި މަސްވެރީން މާބޮޑުތަނުން މަދުކަން ފާހަގަ ކުރެވެއެވެ.

    ރާއްޖޭގެ މަސްވެރިކަމުގެ މުޅި ސިނާޢަތުގައި ޙަރަކާތް ތެރިވާ ބިދޭސިންގެ ޢަދަދު ލައްކައަކަށްވުރެ މަދުނުވާނޭ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންވީއިރު ރާއްޖޭގެ މަސްވެރިކަމުގެ ކުރިމަގާމެދު ވިސްނާލަން އެބަޖެހެއެވެ. ޙައިރާންވަނީ އެގޮތަށް މިގައުމުގައި ވަގަށް އުޅޭބަޔަކަށް ހަމަ އެއްވެސް ޖެހިލުމެއްނެތި ބޭނުން ތަނެއްގައި ބޭނުން މަސައްކަތެއް ކޮށްލައިގެން އުޅެވޭތީއެވެ. އަދި ޢާމްދަނީހޯދައި އެފައިސާ ޑޮލަރަށް ހަދައި ކަޅުބާޒާރު ހިންގައި އެމީހުންގެ ގައުމަށް އެފައިސާ ޓްރާންސްފަރ ކުރާއިރު ދިވެހި ސަރުކާރު އެލާޓަށްނައިސް ބޮޑު ނިދީގައި އޮވެވެނީ ކީއްވެބާވައެވެ؟ 

      ހުވަދޫ އަތޮޅު ގެމަނަ ފުށްޓަކީ މަސްދޯނިފަހަރު ގިނަރަށެކެވެ. އަދި އެރަށަކީ މަސްވެރިކަމުގެ ދިގުސަގާފަތެއް އޮތް މަސްވެރިކަމުގެ ތަޖްރިބާ ހުރި ގިނަ ކެޔޮޅުން ތަކެއް ތަމްރީނު ކުރެވިފައިވާ ޒަމާނީ މަސްވެރި ނާރެހެކެވެ. 

ހަމަ އެހެންމެ ގެމަނަފުށްޓަކީ މަސްވެރިކަމުގެ ބޮޑު އާބާދީއެއް އޮތް، އަދި މަސް ދޯނި ފަހަރާ ކަންނެލި އޮޑި ފަހަރު ގިނަ މަސްވެރި ރަށެކެވެ. ކަން މިހެން ހުރިނަމަވެސް މިފަހަކަށް އައިސް ރަށުގެ ޒުވާނުން މަސަވެރިކަމުގެ ސިނާޢަތާ ދުރަށްޖެހެމުން ދާތީ ރަށުގެ މަސްވެރި އާބާދީ ހީނަރުވަމުން ދާކަން ފާހަގަ ކުރެވެއެވެ.

   މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ދާއިރާ ތަކުގައި މަސައްކަތް ކުރަނީ ބިދޭސީންނެވެ.80% އަކީ ވަގުމީހުނެވެ. އެގޮތުން ރާއްޖޭގައި ބިދޭސީން މަސައްކަތް ނުކުރާ އެއްވެސް ދާއިރާއެއް ނެތެވެ. ހުވަދޫއަތޮޅު އުތުރުބިތުގައި އޮންނަ ގެމަނަފުށްޓަކީ އެ އަތޮޅު ދިޔަދޫ މީހުން ބަދަލު ކުރެވިފައިވާ ރަށް ކަމަށް ވާތީއާއި އެކު ރަށުގެ މަސްވެރިކަމުގެ އާބާދީ އަށް ވަނީ އިންގިލާބީ ބަދަލު ގެނެވިފައެވެ. 

އެހެނަސް މަސްވެރިކަމުގެ ދާއިރާއާ ފެއަށް ޖެހޭ ޒުވާނުން ގިނަވަމުންދާތީ ރަށުގެ މަސްދޯނި ފަހަރާ ކަންނެލި އޮޑިފަހަރު މަސްވެރިކަން ކުުރާން މިހާރު އެތިބެނީ ބިދޭސީ މަސްވެރީންނެވެ. 

ރަށުގެ މަސްވެރީންނަށްވުރެ ބޮޑުތަނުން ވަނީ ބިދޭސީ މަސްވެރީން އިތުރުވެފައެވެ. ރާއްޖޭގެ ޒަމާންވީ މަސްވެރިކަމުގެ ސިނާޢަތު ބިދޭސީންގެ ބާރުގެ ދަށަށް ހިނގައިދާނޭ ކަމުގެ ބިރަށްޓަކައި ބިދޭސީން އެރަށުގެ މަސަދޯނި ފަހަރާ ކަންނެލި ދޯނިފަހަރުގައި ގިނަކަން ރަށު ކައުންސިލަށް ފާހަގަ ކުރެވި ރަށުގެ މަސްވެރި އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅެން މަނާކޮށް ރަށުކައުންސިލުން ގެމަނަފުށީގެ މަސްވެރި އުޅަނދުފަހަރުގެ ވެރިންނަށް އެންގެވި ކަމަށް ޚަބަރުލިބިގެން ދިޔައެވެ.

އެހެނަސް މަސްދޯނިފަހަރުގެ ވެރިންގެ ޖަވާބަކީ ދިވެއްސެއްގެ ހަސިއްޔަތުން ދެލޯ ކަރުނައިން ފުރިގެން ދާފަދަ ހިތްދަތި ޖަވާބެކެވެ. ބިދޭސީން ބާލައިފިނަމަ ރަށުގެ މަސަދޯނިފަހަރު މަހަށް ފުރޭނެ ގޮތެއް މިހާރު ނެތްކަމުގައެވެ. ސުބުޙާނައްލާހި އެވެ. ރާއްޖޭގެ ހުރިހާ ދާއިރާތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ވުރެ ބިދޭސީ މަސައްކަތް ތެރީން ބޮޑުތަނުން އިތުރު ވީއެވެ. މާކުރީންސުރެންވެސް ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުންދަނީ ވިސާއެއްނެތި ގަވާޢިދާ ޚިލާފަށް ވަގަށް ކަންދަނެވެ.

     ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑުކުރުމަށްޓަކާ އުފެއްދި ދެވަނަ ޖީލުގެ މަސްދޯނިފަހަރު މިހާރުވަނީ މަސްވެރިކަމުގެ 3 ވަނަޖީލުގެ ދޯނިފަހަރަށް ބަދަލުވެ ހަތްދިހަ ނުވަތަ އަށްޑިހަ ޓަނުގެ މަސް ބޭނޭ ވަރަށް ބޮޑެތި ވެފައެވެ.

      ރާއްޖޭގައި ބިދޭސީން ޙަރަކާތްތެރިނުވާ އެއްވެސް ދާއިރާއެއް ނެތްކަން ޔަގީންނެވެ.މިއީއަކީ ސިއްރެއްނޫނެވެ. ގިނަ ބިދޭސީން ރާއްޖެ އެތެރެވަފައިވަނީ ގަވާޢިދާ ޚިލާފަށެވެ. ރާއްޖޭގައި ވަގަށް އުޅޭ ބިދޭސީންގެ ކަންތަށްތައް 3 މަސްދުވަހުގެ ތެރޭގައި ޙައްލުކޮށް ދެއްވާނޭ ކަމަށް 2018 ގައި ވެރިކަން ހޯއްދަވަން ކުރެއްވި ކެމްޕޭންތަކުގައި މިހާރުގެ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޒު ފައްޔާޒު އިިސްމާޢީލު ވަޢުދުވެފައެވެ. ރައްޔަތުން އެ އަޑުވެސް އަހާ ގަބޫލުކުރިއެވެ. ނަމަވެސް މިނިސްޓަރުކަން ލިބިވަޑައިގަތުމުން އެވާހަކަ ފުޅު ވެގެން ދިޔައީ އެމަނިކުފާނު ރައްޔިތުންނަށް ކަމުގެ ޙަގީގަތް އޮޅުވާލައްވަން ދެއްކެވި ދޮގު ވާހަކަ ފުޅެއްކަމުގައެވެ.

      ރާއްޖޭގައި ރާއްޖޭގެ އާބާދީއާއި ނުބައްދަލު މިންވަރަށް ބިދޭސީން ދިރިއުޅެމުންދިއުމަކީ ޔަގީނުންވެސް ގައުމީ ސަލާމަތަށް އޮތް ވަރަށްބޮޑު ނުރައްކަލެކެވެ. އެހެނަސް ސަރުކާރުން މިކަމާމެދު މިހާރު ކަންބޮޑުވުމެއް އޮތްކަމަކަށް ނުފެނެއެވެ.

      މިދައުރުގެ ރައީސުލްޖުމްހޫރިއްޔާ ގައުމާ މިޚަތަބު ކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވަނީ މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަދު ފަހަރުގައި އެމަނިކުފާނުގެ ސަރުކާރެއްގައި ޕާކްކުރެވޭނެ ފަސޭހަގޮތެއް (ފަސޭހައިން ޕާކްކުރެވޭނެ ތަނެއް)ހަމަޖައްސަވައި ނުދެއްވާ، ސްޓިކާ ނުޖައްސަވާނޭ ކަމަށެވެ. އެހެނަސް އެވިދާޅުވި ބަހާ ޢަމަލު ދިމައެއް ނުވިއެވެ. މިހާރު އެންމެ ފޯރީގައި ފުލުހުންނަށް ތަންފީޒްކުރެވާ ކަމަކީ އުޅަނދުފަހަރުގައި ސްޓީކާޖެހުމެވެ. 

ޚަބަރު ތައްބުނަނީ މިހާރު ރައްޔިތުންގެ އަތުން އެގޮތަށް ދައުލަތަށް ނަގާ ވާރުގެ މިންވަރު ކުރީސަރުކާރަށްވުރެ އެތަކެއްގުނަ އިތުރު ކޮށްފިކަމަށެވެ.

     ސަރުކާރުން ބޭނުން ވެގެން އެ އުޅުއްވަނީ ސަރުކާރު ހިންގުމުގައި އިގްތިޞާދީގޮތުން ސަރުކާރު ބޮލުރޮދި ކެނޑި ދައުލަތުގެ ދަރަނި އަތްނުފޯރާ ހިސާބަށް ގޮސްފައިވާތީ ދައުލަތުގެ ދަރަނި ރައްޔިތުންގެ ދިޔަ ފެލާލައިގެން ނަމަވެސް، ފޫބައްދާނޭ ފައިސާ އެއްކުރަން ފޫގަޅައިގެން އުޅުއްވާ ކަހަލައެވެ. އެގޮތުން ސްޓިކާ ޖަހައިގެންނާއި އިތުރު ކުރެވުނު ގޮތަކަށް ރައްޔަތުން އަތުން ނެގޭ ވާރު އިތުރުކޮށްގެން މަތިބަރު މިސަރުކާރުން ކުރަމުން ގެންދާ ބޭއިސްރާފު ޚަރަދުތައް ރައްޔިތުންގެ އަތުން ރިކަވަރ ކުރުމަށެވެ.

  އަދި މިދާކަށް ދުވަހު  މާލޭ ސަރަޙައްދުގައި މިނީ ބަހުގެ ޚިދުމަތް ފެށްޓުމާއި ގުޅިގެން މަގުމަތީގައި ޕާކުކޮށްފައިވާ 500 އަށްވުރެ ގިނަ އުޅނދު ޓޯކުކުރި ވާހަކަ އަޑު އިވުމުން އެނގިގެން އެދިޔައީ ހޯދުނުގޮތަކަށް ފައިސާހޯދައިގެން ވިޔަސް ސަރުކާރުގެ އިސްވެރިން ނާޗަރަންގީ ކުޅުއްވަން ފައިސާ އެއްކުރައްވާނޭ ކަމެވެ. ސިޔާސި އެއްވެސް މަގާމެއް އުނިކޮށް ރައްޔަތުން އަތުން ނަގާ ޓެކްސްތައް ކުޑަކުރުމުގެ އެއްވެސް ޚިޔާލެއް ހަމަ ނެތީއެވެ. ރައްޔަތުންގެ ޙާލަތު ނޭގަނީއަކީ ނޫނެވެ. ހަމަ ބޮޑުވަރިހަމައީ އެވެ.

      އިއްޒަތް ތެރި ރައީސުލް ޖުމްހޫރިއްޔާ އެވެ. ރާއްޖޭގައި ރާއްޖޭގެ އާބާދީއާއި ނުބައްދަލު މިންވަރަށް ވިސާނެތި ވަގަށް ބިދޭސިން އުޅޭކަން މަނިކުފާނަށް އެނގިވަޑައިގެންފައި ހަމަ ނެތީތޯއެވެ؟ އެހެން ކަމަށް ވާނަމަ ގަވާއިދާޚިލާފަށް ރާއްޖޭގައި ވިސާއެއް ނެތި އެ އުޅޭ ކޮންމެ ބިދޭސީއެއްގެ ކަންކަށިމަތީގައި (ވެހިކަލްތަކުގައި ސްޓީކާ ޖައްސަވާހެން)، 250 ރުފިޔާގެ ސްޓިކާއެއް ޖައްސަވައި އެފައިސާ ދައުލަތަށްނަންގަވަން ފަށްޓަވައިފިނަމަ ސަރުކާރުން ތިޔަ ކުރައްވާ އިސްރާފް ޚަރަދުތައް ފޫބެދި ދައުލަތުގެ ދަރަނި އަރަނިކުރެވިދާނެ ކަމުގައި ދަންނަވަމެވެ.

Loading

One Response

  1. ވަރަށް ދެރައެވެ. ދިވެހިންވެސް މަސައްކަތްކުރާނަމަ މިހެން ނުވާނެއެވެ. މަސްދޯނިފަހަރަށް ވަގުމީހުން އަރުވާވަރެއް ނުވީހެވެ. ސަރުކާރުގެ ވާހަކަ ބާއްވައިފާ އަހަރެމެން އަހަރެމެން ކާންބޯން ކުރާ މަސައްކަތް ކުރަންޖެހޭނެއެވެ. ސަރުކާރު ދެންވެސް ވަޢުދުފޮށި ހުޅުވާނެއެވެ. އެއީ ހަމަ ވޯޓްހޯދުމަށެވެ. މިހާރު ދިވެހިންނަށް ވާނުވާ އެނގެން ވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް