އިސްލާމީ ދައުލަތެއް ދެކެ ބިރުގަންނަންވީ ކީއްވެ؟ 

Loading

Facebook
Twitter
WhatsApp


އިސްލާމީ ޝަރިޢަތަކީ ފުރިހަމަ ވެފައިވާ ޝަރީޢަތެކެވެ. ދައުލަތާއި ވެރިކަމުގެ ވާހަކަ އިސްލާމީ ޝަރީޢަތުގައި އައިސްފައިވެއެވެ. މުޙައްމަދުގެފާނު މައްކާއިން މަދީނާއައް ހިޖުރަ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ކުރެއްވި ކަންކަމުގެ ތެރޭގައި އިސްލާންދީނާއި، މުސްލިމުން ޙިމާޔަތްކުރާނޭ ދައުލަތެއް އިޢުލާން ކުރެއްވިއެވެ.

އިސްލާމްދީން ޙިމާޔަތްކޮށް، ދީނުގެ ޙުކުމްތަށް ތަންފީޒުކުރާ ދައުލަތެއް އޮތުމަކީ ދީނުގެ ޙުކުމްތަށް ތަންފީޒު ކުރަން އުފެއްދެވި ދީނުގެ އެއްބައެވެ. ދީނުގެ ޙުކުމްތައް ތަންފީޒް ކުރުމަކާނުލާ ދީނަށް ފުރިހަމަ ކަމެއް ނާންނާނެއެވެ. އިސްލާމްދީނާއި، އިސްލާމީ ދައުލަތެއް ހިންގުމުގެ ސިޔާސަތުތަކާއި ވެރިކަން ހިންގުމާއި، އެއްވެސް އަސްލެއް ގުޅުމެއް ނުވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް އުސޫލެއް އޮތް ވާހަކަ ތަކެއް ނޫނެވެ.

އެފަދަ އެހުރިހާ ވާހަކަ ތަކެއް ނުކުންނަނީ ޔަހޫދީންނާއި، ނަސާރައިންގެ ނަޒަރިއްޔާ ތަކުންނެވެ. އެހެނީ އިސްލާމް ދީނަކީ ހަމަ އެކަނި މިސްކިތަށް އޮންނަ ދީނެއް ނޫނެވެ. އެއީ އަޅުކަމާއި، ވެރިކަމުގެ ދީނެވެ. އިންސާނުން ދުނިޔެމަތީ ޢަދުލު އިންސާފަށް ލޯބިކޮށް ދައުލަތެއްގެ ޙިމާޔަށް ލިބިގެން ހަމަޖެހިލައިގެން ދިރިއުޅެން އަމާންކަންމަތީ އުޅުމަށް ބާރުއަޅާ ދީނެކެވެ.  

ދީނެގެ އުސޫލުތަކަށް ނަޒަރު ހިނގާލުމުން މި ކަންތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެގެން ދާނެއެވެ.

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޣިޞާޞައާއި، ޙުދޫދުތަކާއި، އަދި އެހެނިހެން ތަޢުޒީރީ އަދަބުތަކަކީ އެ ގާއިމް ކުރުން، އިސްލާމީ ވެރިކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ލައްވާފައިވާ ކަންކަމެވެ. އަދިހެޔޮ ކަންތަކަށް އަމުރުކުރުމާއި، ނުބައި ކަންތައްތައް ނަހީކުރުމާއި، އަދި ޢަދުލްވެރިކަން ގާއިމް ކުރުމާއި، ޙައްޤުތަށް ހޯދައި ދިނުމަކީ، ޙާކިމްގެ ވާޖިބްތަކުގެ ތެރެއިންވާ ކަންކަނެވެ. 

ވީމާ އިސްލާންދީނާއި، ސިޔާސަތާއި، ނުވަތަ ވެރިކަމާ ގުޅުމެއް ނެތް ކަމަށް ބުނުމަކީ ބާތިލު ވާހަކަތަކެވެ.

ޔަހޫދީންނާއި ނަޞާރާއިންގެ، މަންސޫޙު ވެފައިވާ ޝަރީއަތް ތަކުގައި ވެރިކަމެއްގެ ވާހަކަ ނުވަތަ ދައުލަތެއްގެ ވާހަކަ ބަޔާން ކުރެވިފައި ނުވެއެވެ. އިސްލާމްދީނުގައި ޙާކިމާ އި، ރައްޔިތުންގެ ވާޖިބުތަށް ވަރަށް ރަނގަޅަށް ބަޔާން ކުރަށްވާފައި ވެއެވެ. އަދި ދީން ޤާއިމު ކުރުމުގެ ވަރަށް ބޮޑު ބާރެއް ޙާކިމާއަށް ދެއްވަފައިވެއެވެ. އިސްލާމްދީންވަނީ އެދީނުގެ ޝަރީޢަތް ޤާއިމުކުރާ ވެރިންނަށް  އިޙްތިރަމާއި، ޤަދަރު ދެއްވާފައެވެ. އެފަދަ ވެރިންނަށް ކިޔަމަންތެރިކަން  އަދާކުރުމަކީ އީމާންކަނުގެ ތެރެއިންވާ ކަމެއްކަމުގައި ލއްވާފައެވެ.

މިއަދު މުސްލިމު ޤައުމުތަކަށް ކުރިމަތި ވެގެން އުޅޭ، ދީނީ، އަޚުލާޤީ، ސިޔާސީ، އިޖްތިމާޢީ މައްސަލަ ތަކަކީ އިސްލާމީ ނިޒާމު ނެތުމުގެ ސަބަބުން  ކުރިމަތި ވެގެން އުޅޭ މައްސަލަ ތަކެއްކަން ގަބޫލު ކުރަން ޖެހެއެވެ. ނަމަވެސް ޔަހޫދީންނާއި، ނަޞާރައިން މިފަދަ ދައުލަތެއް ދުނިޔޭގައި ޤާއިމްވެގެން  ދިއުމަށް ބިރުގަނެއެވެ. މިހެންކަމުން މުސްލިމުންގެ ބޮލުގައި ތަފާތު ބަދުނާމުތަށް އޅުވަމުން،  މުސްލިމުންނާއީ އިސްލާމީ ޤައުމުތަކާ ހަނގުރާމަކޮށް އިނދަޖައްސުވާ ފަނާކޮށްލަމުން ދާކަމީ ދުނިޔެއިން ފެންނަމުންދާ ޙަގީގަތެކެވެ. 

ޢިރާޤު ހަނގުރާމައަށް ލަޝްކަރު ފޮނުވަމުން، އެމެރިކާގެ ރައީސް ފުރަތަމަ ޢިއުލާން ކުރެއްވީ އެއީ މުސްލިމް އުންމަތާ އެކު ކުރެވޭ ޞަލީބީ ހަނގުރާމަ އެއްކަމުގައެވެ. ނަމަވެސް މުސްލިމުންގެ ފުށުން އައި ރައްދު ތަކުގެ ސަބަބުން އެއީ އޮޅިގެން ވިދާޅުވެވުނު އެއްޗެއް ކަމުގައި ހެއްދެވިއެވެ. ދެން ކިއުއްވީ އެހެން ނަމެކެވެ.

އާދެ! ޑިމޮކްރަސީގެ ނަމުންނެވެ. މި ނަމުގައި ޢިރާޤަށް އަރައި އެތަން އަޅުވެތިކޮށް، ފަނާކޮށްލައި އެތަށްހާސް މުސްލިމުންނެއް ކަތިލައި، އެތާގެ ހަޒާނާތަށް ފޭރި، މުސްލިމް އެތަކެއް ހާސް އަންހެނުންގެ ޢިފަތްތެރިކަން ފޭރި، އެ ޤައުމު ބައިބައިކޮށް، އެތަށް ޖަރީމާއެއް އެވަނީ ހިންގައިފައެވެ. 

މި ކަމުގައި އެމެރިކާގެ އެންމެ ބޮޑު ބައިވެރިއަކީ އިނގިރޭސިވިލާތެވެ. ދެން އަފްޢާނިސްތާނަށް ހެދިގޮތް ބަލާލަމާތޯއެވެ. ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އެޤައުމު ވަނީ އަޅުވެތި ކޮށް ފަނާކޮށްލެވިފައެވެ. 

ފަލަސްތީނަށް ބަލާލަމާތޯއެވެ. އިނގިރޭސީން ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދައުލަތެއް ޤާއިމުކޮށްދީ، އެތަނުގެ އަހުލުވެރި ރައްޔިތުން  އެބައިމީހުންގެ ބިންތަކުން ގަދަކަމުން ބޭރުކޮށްލައި އެބިންތައް ފޭރިގަތީއެވެ. މުސްލިމް ފަލަސްތީންގެ ޙައްޤުތަށް ހޯދައި، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން، ފަލަސްތީނޭ ކިއުނު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ ކޮންމެ މަސައްކަތަށް ހުރަސް އަޅައި މިއަދާ ހަމަޔަށްވެސް ފަލަސްތީނަށް އެމީހުނގެ ދައުލަތެއް އޮތުމުގެ ޙައްގުން އެވަނީ މަޙުރޫމް ކޮށްލާފައެވެ.

ފަލަސްތީނުން އެމީހުންގެ ކަންކަން، މިޒަމާނުގައި މިކިޔާ ޑިމޮކްރެސީގެ އުސޫލުން  އެތަނުގައި ވޯޓްލައިގެން ވެރިކަން ކުރުމަށް ހޮވުނު ޖަމާޢަތަކީ އެމެރިކާއާއި ހުޅަނގުގެ ވެރީން ނުރުހޭ ޖަމާޢަތަކަށް ވުމުން އެޤައުމުގެ ރައްޔިތުންގެ މަށްޗަށްވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައި އެމީހުން ބޭނުންވާ މީހަކު ވެރިކަން ކުރިޔަ ނުދީފައެވެ. އެގޮތުން އިންސާނީ ޙައްޤުތަކާއި، މުސްކުޅިންނާއި، ކުޑަކުދިންގެ ޙައްޤުތަކަށް ބަލާލުމެއްނެތި، އެބައިމީހުން އެދަނީ ބިންމަތީގައި ފަސާދަކުރަމުން ނެވެ. 

އެ ޑިމޮކްރެސީ މިއޮތީ ރާއްޖެޔާ ހަމައަށްވެސް އައިސްފައެވެ. އެގޮތުން ހުޅަނގުން އަޅުގަނޑުމެންނާ ސިޔާސީ، އިޖްތިމާޢީ، ކަންތައްތަށް ބައްޓަން ކުރުމުގައި، ވީހާވެސް ބޮޑަށް ދީނާއި ޢަޤީދާއާ ދުރުކުރުމަށް ހިއްވަރުދީ މަސައްކަތް ކުރާނެއެވެ. އެހެންވުމުން ކާފަރުންގެ އެނހީއާއި މަދަދުން އިސްލާމީ ގައުމުތަކުގައި އެގައުމުތަކުގެ ރައްޔަތުން، ކުރަން ބޭނުންވާ އިސްލާމީ ދައުލަތެއް އޮތުމަށް ދެކޮޅުވެރި ވާނެއެވެ. 

އެހެނީ އިސްލާމީ ދައުލަތެއް ހިންގުމުގެ ފުރިހަަމަކަމާއި އެފުރިހަމަ ސިސްޓަމުގެ ތެރެއިން، ހުޅަނގުން ގެންގުޅޭ ޑިމޮކްރެސީގައި ބޭނުންކޮށްލެވޭ ދޮގާއި ކަމަރާއި ޙީލަތްތެރިކަން ވެރީނާއި ވެރީންނަށް ތާޢިދު ކުރާބަޔަކަށްވެސް ބެނުން ކޮށްގެން ކުރެވިގެން ނުވާނެއެވެ. 

މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގނޑުމެން ގައުމުގައި ދެވަނަ އެހެން ދީނަކަށް ޖާގައެއް ނޯންނާނެއެވެ. ނަމަވެސް އަޅުގަނޑުމެން ޢައިރު މުސްލިމުންނަށް އިސްލާމީ ތަރަހައިގެ ތެރެއިން އިޙްތިރާމް ކުރަން ޖެހޭނެއެވެ. އިސްލާމީ ވެރިކަމެއް ގެ ފުރަތަމަ އަސާސްއެކީ އެންމެންގެ މެދުގައިވެސް ޢަދުލްވެރިވުމެވެ.

އިސްލާމްދީނަކީ، ޢަދުލުއިންސާފުގެ ދީނެވެ. ހަރުކަށި ނިރުބަވެރި ދީނެއްނޫނެވެ. ވީމާ އިސްލާމްދީން ބަދުނާމު ކުރުމަށް އެއްވެސް ޖާގައެއްނެތެވެ. ދުނިޔޭގެ ބައެއް ހަރުކަށި ޢަމަލުތަކަކީ އެއީ ދީނީ ނަޒަރަކުން ބަލާއިރު، ދީނުގެ މިންގަނޑަށް ފެތޭ ކަންކަމެއް ނޫނެވެ. ބަޔަކު ހިންގާ އެފަދަ ޢަމަލަކުން އަދި ދީނާ މެދު ނަފުރަތު އުފެދިގެން ނުވާނެއެވެ. މިސާލަކަށް ދަންނަވާނަމަ، އިނގިރޭސިވިލާތުގައި އަޅުގަނޑުމެން ދަންނަ އައި.އާރ.އޭ ޖަމާޢަތަކީ ލާއިންސާނީ ނިރުބަވެރި (ޓެރެރިސްޓް) ހައްދުން ނެއްޓިފައިވި ޖަމާޢަތެކެވެ. ނަމަވެސް އެމީހުންކަށް ނަސޯރާ ޓެރަރިސްޓުންނެކޭ ފަހަރެއްގައިވެސް މުޚާތަބު ކުރެވިފައެއް ނެތެވެ.

ނަމަވެސް ޢަރަބި ނަމެއްކިޔާ މީހަކު އެފަދަ ޢަމަލެއް ހިންގައިފިނަމަ ވަރަށް އަވަސްވެގަނެ އެއީ އިސްލާމިކް ޓެރެރިސްޓެއްކަމަށް ހުޅަގުން ޢިއުލާނުކުތެވެ. އެއީ އިސްލާމިފޯބިއާނޫން ދެން ކޯއްޗެއްތޯއެވެ؟

ރާއްޖެއަށްވެސް  އިޞްލާޙީ ބަދަލު ތަކެއް އަންނަމުން ދާއިރު، އަޅުގަނޑުމެންގެ އަގީދާ ޙިމާޔަތްކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ވާޖިބަކަށް ވާންޖެހޭނެއެވެ. ވަކިން ޙާއްޞަކޮށް ޤާނޫނު ހަދާ މަޖިލީހުގެ ޢިއްޒަތަތެރި މެންބަރުންގެ މަސްއޫލިއްޔަތު މިކަމުގައި ވަރަށް ބޮޑުކަމުގައި ދެކެމެވެ. 

އިސްލާމްދީނާއި ތަޢާރުޟްވާ ގޮތަށް ޤާނޫނުތަށް ހެދުމުގެ ފުރުސަތު އެބޭފުޅުން ދެއްވައިގެން ނުވާނެއެވެ. އެބޭފުޅުން ރައްޔަތުންގެ ވަކީލުންގެ ގޮތުގައި އެވަޒީފާ ލިބިގެންފާވަނީ މާތްﷲ ގަންދީ ކުރާ ހުވަޔަކުންނެވެ. އެކަން ހަނދުމަފުޅުގައި އަބަދުވެސް ބަހަށްޓަވަން ޖެހޭނެއެވެ.

މިހާރުވެސް ދީނުގެ ދިފާޢުގައި ވަކާލާތު  ކުރައްވާ މަދު ޢިއްޒަތްތެރި ބޭފުޅުންކޮޅެއް މަޖިލީހުގައި ތިއްބެވިކަމީ  އަޅުގަނޑުމެން އަބަދުވެސް އުފާ ކުރަންޖޭނޭ ކަމެކެވެ. ރައްޔަތުން ހެޔޮލަފާ ބަޔަކަށް ވެއްޖެނަމަ އެބައެއްގެ ވެރީންނަށްވެސް ތިބޭނީ ހެޔޮލަފާ މީހުންކަން ކަށަވަރެވެ. 

އަޅުގަނޑުމެން އަބަދުވެސް އެފަދަ ހެޔޮލަފާ ދީންނަށް ފުރައްސާރަނުކުރާނެ ދީންދެކެ ލޯބިވާ މީހުން ރައްޔަތުންގެ ވަކީލުންގެ ގޮތުގައިހޮވަން ޖެހޭނެއެވެ. އަދި އެބޭފުޅުންނަށް  ހެޔޮދުޢާ ކުރަންޖެހޭނެއެވެ. އެބޭފުޅުންނަށް ސާބިތުކަން ދެއްވުމަށާއި އިސްލާމީ ހަރުދަނާ އުސޫލުގައި ދެމިތިއްބެވުމުގެ ތަޢުފީގަށް އެދިގެނެވެ. 

މާތްﷲ މި ދިވެހި ޤައުމު އަބަދުގެ އަބަދަށް، އިސްލާދީނަށް ލޯބިކުރާ ހެޔޮލަފާ އަހުލުވެރި ބައެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ލަހައްޓަވައި އިސްލާމީ ދައުލަތެއްގެ އަސާސްތަކުގެ މިންގަނޑުން ވެރިކަން ހިންގުމުގެ ހެޔޮތަޢުފީގު މިންވަރު ކުރައްވާށިއެވެ. އާމީން!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް