އިނގިރޭސީންގެ އިސްތިއުމާރީ ވެރިވެގަަތުން ވަރަށް އަނިޔާވެރި

Loading

Facebook
Twitter
WhatsApp

އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަމަކީ މަދުރަސީ ތާރީޚު ކިޔަވައިދޭ ހިސްޓްރީ ފޮތްތަކުން ކިޔައިދެމުންދާ ކަހަލަ ނަލަ ވިރާސީ ވެރިކަމެއް ނޫނެވެ. އެއަށްވުރެ މާ ނުތާހިރު އަދި އެހާމެ އަނިޔާވެރި ވެރިކަމެކެވެ. ޖަރުމަނުން ހަގުރާމައިގާ ޒައެނިސްޓުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ ޢަމަލުތަކަށްވުރެވެސް އަނިޔާވެރި ހިޔަޅު ވެރިކަމެކެވެ. ހިސްޓްރީ އޮޅުވާލުމަކީވެސް ޙީލަތްތެރި ޢަމަލެކެވެ. އެންމެ ފުރިހަމަ ގޮތަކީ އިގިރޭސިވިލާތުން، އެފަދަ ލާއިންސާނީ ޢަމަލުތަށް ހިންގައި އަޅުވެތިކޮށް މީހުންތައް މަރާފައިވާ ގައުމުތަކުގެ ރައްޔަތުން ކިބައިން ކުޑަމިނުން މަޢާފަށް އެދުމެވެ. 

މިލިޔުމުގައި އިނގިރޭސި ވިލާތުގެ ރާނީ އަވަހާރަވުމާއި ގުޅިގެން އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އުޅެންޖެހުން ބައެއްގައުމުތަކުގެ ޒުވާނުންގެ ވިސްނުން ހުރިގޮތުގެ ޚުލާސާއެކެވެ. ދިވެހި ތާރީޚުގައިވެސް ކޮންމެވެސް ވަރަކަށް އިނގިރޭސީން އިސްތިއުމާރުގެ ކުލަ ހޭކިފައި ހުރިކަމަށް ތާރީޚުގެ އިލްމުވެރިންގެ ލިއުންތަކުގައި ހުއްޓާ ފެނެއެވެ.                                            

1952 ވަނައަހަރު ކްއީން އެލިޒަބަތު 2 އަށް އިނގިރޭސި ވިލާތުގެ ޝާހީ ތަޚްތު ލިބިވަޑައިގަތުމުން ދުނިޔޭގެ އެތައް މިލިއަން މީހުން ރުހުމުގައްޔާއި ނުރުހުމުގައިވެސް އެކަމަނާއަށް ކުރުނީސްކުރަން މަޖުބޫރު ކުރުވިގެން ދިޔައެވެ. ނަމަވެސް މިއަދު އެކަމަނާ ދުނިޔެ ދޫކޮށް ދިއުމުން އެދުވަހު އެކަމަނާއަށް ކުރުނީސްކޮށް އަޅުވެތިވާން ޖެހުނު އެތައް ބަޔަކު ގެންދަނީ ތަފާތު އިޙްސާސް ތަކެއް ބައިނަލް އަގްވާމީ މީޑިއާގައި ހިއްސާ ކުރަމުންނެވެ. 

އެއްބަޔަކު ނަފްރަތާއި ރުޅިވެރިކަމެވެ. އަނެއްބަޔަކު އެތައް ސަބަބަކާހުރެ އެމީހުންގެ އަސްލު އިހްސާސްތައް ފާޅުކުރަން ޖެހިލުންވެތިބެ ތައުރީފް ކުރަނީއެވެ. އަދި އަނެއްބަޔަކު އިނގިރޭސިވިލާތަށް މިލިބުނު ހިތާމައަކީ އެމީހުންގެ ހިތާމައެއްގެ ގޮތުގައި އިހްސާސް ކުރަމުންގެންދެއެވެ.

އެކަމަކު އިންގިރޭސީން އަނިޔާވެރިވެ އަޅުވެތިކުރެވުނު ގައުމުތަކުގެ ގިނަ ޒުވާނުން ދެކޭގޮތުގައި އެ ގައުމުތަކުގެ ރުއްގަހާއި ބިމުގެ ޝުޢުރުތައް ފާޅުކުރެވޭނެނަމަ، އަދި އެ ޝުޢޫރުތައް އަޑުއެހުމުގެ ކުޅަދާންކަން  އިންސާނާއަށް ލިބިފައިވާނެބާވައޭ ހިތަށް އަރާނެ ބަޔަކުވެސް އުޅޭނެއެވެ.އިސްތުއުމާރީ ބާރުތަކުން އޮހޮރުވާލި އެގައުމުތަކުގެ ރައްޔިތުންގެ ލޭ ބިމަށް ހިކިފައިވީނަމަވެސް އެ ލޭތަކުގެ ރަހަ އެ ފަސްގަނޑުން ނުފިލާނެއޭ ބުނެ މަޢާފް ނުކުރާނެ މީހުންވެސް މަދެއް ނުވާނެއެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ދަނީ ރާނީ އަވަހާރަވުމުގެ ހިތާމަ އިނގިރޭސި ވިލާތާއި ދުނިޔޭގެ ކަންކޮޅުތަކުގައި ފާޅު ކުރަމުންދާއިރު ހަމަ އެދަނޑިވަޅުގައި އެފްރިކާއާއި އޭޝިއާ އަދި ކެރީބިއަންގެ ބައެއް ގައުމު ތަކުގެ ރައްޔިތުންގެ ހިތްތަކުގައިވާ ނަފްރަތާއި ރުޅިވެރިކަމުގެ އިހްސާސް ތައްވެސް ފާޅު ކުރަމުން ގެންދާތީއެވެ.

އެގައުމުތަކުން ދެކޭގޮތުގައި މިއަދު އިސްތިއުމާރުގެ ވާހަކަ ދައްކާއިރު އެކަމުގެތެރޭގައި އިންސާނުންތަކެއް އަޅުންގެ އަޅުންގެ ގޮތުގައި ވިއްކަމުން މަރަމުން ގެންދިޔަ އަނިޔާވެރި ގޮތާއި އެފްރިކާގެ ސްކޫލްތަކުގައި ހިންގަމުންގެންދިޔަ ލާއިންސާނިއްޔަތު ދުވަހަކުވެސް ނުދެކޭފަދަ އަނިޔާވެރިކަމާއި ގައުމުތަކުގެ މުއްސަނދިކަމާއި ތާރިޚާއި ސަގާފަތު ފޭރިގަނެގެން ގެންދިޔަ ގޮތުގެ ވާހަކަ މާ ބޮޑަށް ދައްކަން ޖެހެއެވެ. 

ދުނިޔެ ދުށް މިހުރިހާ އަނިޔާވެރި ކަމެއްގެ މިސްރާބު ކަނޑައެޅުމުގެ އެންމެ އިސް މާލިމީއަކީ އިނގިރޭސިވިލާތުގެ ރާނީއެލިޒަބަތު 2ކޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެނީ އޭނަޔަކީ އިނގިރޭސިވިލާތުގެ ހެޑް އޮފް ސްޓޭޓް އެވެ. ސައިޕްރައިޓް ފައިޓާރސް އެސޯޝިއޭޝަނުން ދެކޭގޮތުގައި އެގައުމަށް މެދުވެރިވެފައިވާ ހުރިހާ ހިތާމައެއްގެ ޒިންމާ އުފުލަންޖެހޭނީ އިނގިރޭސި ވިލާތުގެ ރާނީއެވެ. މިއަދު އެކަމަނާ ދުނިޔޭގައި ނެތުމުން އެވާހަކަ ދައްކަން ބޭނުންވާ މީހުންނާއި ދައްކަންބޭނުން ނުވާމީހުންވެސް ތިބުމަކީ އަދި މުޅީން އެހެންކަމެކެވެ.           

އަވަށްޓެރި އިންޑިއާއަށް ބަލާލާއިރުވެސް އެ ގައުމުގެ ބޮޑުވަޒީރުގެ ވިސްނުންފުޅު ހުރީ އިސްތިއުމާރުގެ ނިޝާނަތަކާއި ނަންތައްވެސް އެ ގައުމުން ފޮހެލާށެވެ. މިއަދު އިންޑިއާގެ ކެރިފޯރުންތެރިކަން ވެސް ހުރީ އިނގިރޭސިވިލާތަށް ވުރެންވެސް މާކުރީގައެވެ. ނިއުދިއްލީގެ ވިޔާފަރިވެރިއަކު ވިދާޅުވެފައިވަނީ “ މިއަދުގެ ދުނިޔޭގައި ރަސްކަލުންނާއި ރަނިންނަށް ޖާގައޮތްކަމަކަށް ގަބޫލެއް ނުކުރަމެވެ. ވެރިކަން ކުރާނެގޮތަކާއި ނިޒާމެއް ކަނޑައަޅާނީ އެ ގައުމެއްޔެ ރައްޔިތުންނެވެ ”.  ރާނީ އެލިޒަބަތު އުފަންވެ ވަޑާއިގަތީ މުޅިދުނިޔޭގައި އިނގިރޭސި އިސްތިމާރުގެ ވަކިތައް ހިއްޕަމުން ދިޔަ ދުވަސްވަރުގައި ކަމުން އެކަމަނާއަށް ޖެހިވަޑައިގަތީ އެކަމުގެ ތެރެއަށް ވެދެވަޑައިގަންނަވާށޭ ބުނެ އެ ލާއިންސާނީ އަނިޔާތަކާއި، ދުނިޔޭގެ ގިނަ ބަޔަކު  އަޅުވެތިކޮށް މަރާހެދުމުގައި އެކަމަނާގެ ކުށެއްނެތްކަމަށް ދެކެން ބޭނުންވާ ބަޔަކުވެސް އެބަފެނެއެވެ.                                                     

އިނގިރޭސިވލާތުގެ ރަސްގެފާނު (ރާނީގެ ބައްޕާފުޅު) އަވަހާރަވެއްޖެކަމުގެ ޚަބަރާއި އިނގިރޭސި ވިލާތުގެ ރާނީގެ ބިޔަ މަސްއޫލިއްޔަތު އެކަމަނާގެ ކޮނޑުފުޅުގައި އެޅުނުކަން އެނގުނުއިރު އެކަމަނާ ހުންނެވީ ފިރިކަލުންނާއެކު ކެންޔާގައެވެ.އޭރު އެކަމަނާގެ އުމުރުން 25 ވަރަކަށް އަހަރުފުޅު ކަމަށް ބުނެވެއެވެ.

އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް ކެންޔާގެ މައު މައު ޖަމާއަތުން ކުރަމުންގެންދިޔަ ޖިހާދާ ގުޅޭ އެހެންނަމަވެސް ދުވަސްވުމުގެ ސަބަބުން ފަނޑުވެފައިހުރި ލިއުންތަކެއް ރާނީގެ ވެރިކަމަށް 4 ވަރަކަށް އަހަރުދުވަސް ފަހުން 1956 ވަނައަހަރު އެލިސް މޫގޯ އެވެ ކިޔުނު ގާނޫނީ ވަކީލަކު ހާމަކުރުމުގެ ނަޖީތާއަކަށްވެގެންދިޔައީ އެލިސް މޫގޯގެ މާމައާއި އެނޫނަސް އެތައް ބަޔަކު އިނގިރޭސީންގެ ހުއްދަނެތި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން މަނާކުރުމެވެ.

އެލިއުންތަކުގައިވާ ގޮތުން އެއްލައްކައެއްހާ ކެންޔާގެ ރައްޔިތުންއިންސާނުންގެ ހިތަށްވެސް ނުގެނެވޭފަދަ ނިކަމެތި ޙާލެއްގައި ކުޑަގޮޅިތަކުގައި ބަންދު ކުރެވިފައި ވެއެވެ. މޫގޯ ބުނާގޮތުގައި އޭނާގެ ކާފައިންނާއި މާމަމެން އުޅެންޖެހުނީ އިނގިރޭސީންގެ އަނިޔާވެރިކަން ހައްދުން ނައްޓާލާފައިވާ މާޙައުލެއް ގައެވެ. އެހެންވީއިރު އިނގިރޭސި ރާނީ މަރުވެގެން އަހަރެމެން ހިތާމަކުރާނީ ކިހެނެއްހެއްޔެވެ؟

ކެންޔާގެ އެހެން ރައްޔިތަކު ކަމުގައިވާ އުމުރުން 98 ވަނައަހަރުގެ ކަހެންގެރީގެ ހަނދާންތައް ކިޔާދެމުން ބުނެފައިވަނީ އިނގިރޭސީންނާ ދެކޮޅަށް ޙަރަކާތްތެރި ވަމުންދިޔަ މައުމައު ޖަމާއަތުގެ މީހުންނާދޭތެރޭ އިނގިރޭސީން ކަންތައްކުރީ އެއްވެސް ޒަމާނެއްގައި އިންސާނުން އިންސާނުނާ ދެތެރޭ ކަންތައް ކޮންފާނެކަމަށް ހިތަށްވެސް ނުގެނެވޭފަދަ އަނިޔާވެރިކަމާއެކުގައެވެ.

މައުމައު ޖަމާއަތާއި އޭނާ ގުޅުނު އިރު އޭނާގެ އުމުރަކީ އެންމެ ސަތާރަ އަހަރެވެ. ކާނެ އެއްޗެއް އަދި ފެންފޮދެއްވެސް ބަނޑުމުއްތި ކުރާނެވަރަށް ނުދީ ތަޅާ އަނިޔާކޮށް ހަތް އަހަރުދުވަސް ވަންދެން އަހަރެންނާއި އަހަރެންގެ ބައްޕަ އެއްގޮޅިއެއްގައި ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްތައް އަހަރެން ހަނދާން ނައްތާލާނީ ކިހެނެއްހެއްޔެވެ؟ އެ ހަތް އަހަރުދުވަހު އަހަރެންގެ އަނބިދަރިން ގަނަތެޅެމުން ގެންދިޔައީ އިނގިރޭސީންގެ އިސްތިއުމާރުގެ ވަކިތަކުގެ ތެރޭގައެވެ. އެދުވަސް އަހަރެން ހަނދާން ނައްތާލާނީ ކޮންފަދައަކުން ހެއްޔެވެ. މިއީ އަހަރެންކަހަލަ އެތައް މިލިއަން ކެންޔާގެ ރައްޔިތުންގެ ޝުއޫރެވެ. އަހަރެމެން އިނގިރޭސީންނަށް މަޢާފްކުރާނީ ކިހެނެއްހެއްޔެވެ ؟އިގިނރޭސީން އަހަރެމެންގެ ބިމާއި އަހަރެމެންގެ އުފަންވުމުގެ ޙައްގު ތައްވެސް ދަމައިގަތީ އެމީހުންގެ އަތުގައި އޮތް ބާރުގެ ސަބަބުންނެވެ. 

ނަމަވެސް ކެންޔާގެ ރިޔާސަތުގެ މިހާރު މުއްދަތު ހަމަވާ ރައީސް އުހުރު ކެންޔައްޓާގެ ނަޒަރުގައި ރާނީ އަކީ ވިހި އަދި އެކާވީސް ވަނަގަރުނުގެ އެންމެ ވަރުގަދަ އެއް ސަޚްސިއްޔަތެވެ. އެފްރިކާގެ ގައުމުތަކާދޭތެރޭ އިނގިރޭސީން ގެންގުޅުނު ލާއިންސާނިއްޔަތުގެ ހަނދާން އާކުރާކަން އޭނާ ބޭނުންފުޅެއް ނުވެއެވެ. ރުޅިވެރިކަމާއި ނަފްރަތު ފާޅުކުރަމުން ގެންދަނީ ގައުމުތަކުގެ އާންމު ރައްޔިތުންނެވެ. ގެއްލުވާލި އިންސާނީ ކަރާމަތާއި ކަރުގައި އަޅުވާފައިވާ އަޅުވެތި ކަމުގެ ދަގަނޑު ޗޭނުގަނޑުގެ ބުރައާއި އުނދަގޫ އުފުލަންޖެހުނީ އެ ރައްޔިތުންކަމުގައި ވީމައެވެ. 1964 ވަނައަހަރު ކެންޔާގެ ފުރަތަމަ ރައީސް ކަމަށް އިންތިޚާބުވުމުގެ ކުރިން އޭނާގެ ބައްޕާފުޅު ޖޯމޯ ކެންޔައްޓާވެސް ރާނީގެ އަމުރުފުޅަށް ޖަލަށްލެވި އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހުނެވެ.

ނައިރޯބީގައި ދިރިއުޅެމުން ގެންދާ އާންމު ރައްޔިތަކު ދެކޭގޮތުގައި މައުމައުގެ މެމްބަރުންނާއި ދޭތެރޭ އިނގިރޭސީން ކަންތައްކުރީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތިއެވެ. އުމުރުން ދުވަސްވެފައިވާ ގިނަ ބަޔަކު މަރާލިއެވެ. އަނެއްބަޔަކު ޖަލުތަކުގައި ބަންދު ކުރިއެވެ. އެކަމަކު މިކަންތައްތަކުގެ އިލްޒާމު ރާނީގެ އިސްތަށިފުޅުގައި އެޅުވިދާނެ ބާވައެވެ؟ 

އޭރު އެކަމަނާއަކީ އަދި ވަރަށް ޒުވާން ބޭފުޅެކެވެ. ދުނިޔޭގައި ކަންހިނގާގޮތް ރަނގަޅަށް އެނގިވަޑައި ނުގަންނަވާނެއެވެ. އިނގިރޭސިވިލާތް ހިންގުމުގެ މަސްއޫލިއްޔަތު އުފުލަމުން ގެންދިޔައީ އެހެން ބައެކެވެ. އެހެންވީމާ ރާނީ ބޮލުގައި ހުރިހާ ޒިންމާއެއް އެޅުވުމަކީ އަދި އެންމެ ރަނގަޅުގޮތެއް ނޫންކަމުގައި ގަބޫލުކުރާ ބަޔަކުވެސް އެބަތިއްބެވެ.                                                          

ޖެމެއިކާގެ ނޭޝަނަލް ކައުންސިލް ގެމެމްބަރަކު ވިދާޅުވާގޮތުގައި ކޮމަންވެލްތު ގައުމުތަކުގެ ހުރިހާ މުއްސަނދި ކަމެއް މިލްކުވެގެންވަނީ އިނގިރޭސި ވިލާތަށެވެ. އަދި އެއީ އެއްވެސް ގައުމެއްގެ ރައްޔިތުންނާއެކު ޙިއްސާކުރެވޭނެ މިލްކެއްވެސް ނޫނެވެ.                                                         

އެލިޒަބަތުގެ ރާނީގެ ރަނިކަމުގައި އެފްރިކާގެ ގާނާއިން ފެށިގެން ޒިމްބާބުވޭ އާއި ހަމަޔަށް މިނިވަންކަން ލިބިފައިވަނީ އެތައްޖިހާދު ތަކެއްކޮށް އެތައް ބަޔަކު މަރުވުމަށް ފަހުގައެވެ. ހަމައެފަދައިން ކެރޭބިއަންގެ ޖަޒީރާތަކާއި އަރަބިންގެ ރަށްތަކަށް މިނިވަންކަން ލިބުނީވެސް ބޮޑެތި އިނގިރޭސީން ނާއި ދެކޮޅަށް ބޮޑެތި ގުރުބާނީ ތަކެއް ވެގެނެވެ. އެތަކެއް ބައެއްގެ ފުރާނަ ދުއްވާލައިގެންނެވެ. 

ކެރީބިއަންގެ ގައުމުތަކުން އިސްތިއުމާރީގެ ސިފަތައް ސިޔާސަތުގެތެރޭންވެސް ނައްތާލައި އިނގިރޭސި ރާނީއަކީ އެ ގައުމުތަކުގެ އެންމެ އިސް ވެރިޔާ ކަމުގައި ގަބޫލު ނުކުރުމުގެ ގަދަ އޮއިވަރެއް މިހާރުވެސް އެބަ ކުރިއަށް ދެއެވެ.                                  

ބައެއް ތާރީޚީ އިލްމުވެރިން ދެކޭގޮތުގައި އިނގިރޭސި ވިލާތުގެ ރާނީއަކީ އެކަމަނާގެ ބާރުގެ ދަށުގާއޮތް 56 ގައުމު އަޅުވެތިކަމުން ކޮމަންވެލްތުގެ ގައުމުތަކަކަށް ބަދަލު ކުރެއްވުމުގައި އަމާންކަމާއިއެކު އެއްބާރުލުން ދެއްވި ބޭފުޅެކެވެ. ހަމައެއާއެކު އިނގިރޭސީންނާއި ދެކޮޅަށް ތެދުވި ކޮންމެގައުމަކަށް އެކަމަނާއަކީވަރަށް ހަރުކަށިކަމާއިއެކު ރައްދު ދެއްވި ބޭފުޅެކެވެ.                                                                 

މެދުއިރުމައްޗަށް ބަލާއިރު ރާނީގެ އަވަހާރަވުމާމެދު ހިތާމަފާޅުކުރަނީ ވަރަށް މަދުބައެކެވެ. މިހާރު ސަރަހައްދީ ދެބަސްވުން އުފެދިފައިވާ ކޮންމެ ގައުމެއްގެ ޝިކާދަތު އަމާޒުވެފައިވަނީ އިނގިރޭސީންނަށެވެ. މިކަމުގައި ވަކިހިސާބަކުން ހުއްޓާލާފައިއޮތް އިނގިރޭސީންގެ ސިޔާސަތު ތަންފީޒުކޮށް ނިންމާލުމަށް ފަލަސްތީނުގެ ހަމާސްގެ ވެރިޔާ އިނގިރޭސި ރާޖާ ޗާލްސް 3 އަށް މިދިޔަ ހޮނިހިރު ދުވަހު ގޮވާލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަކީ މިއަދުވެސް އިނގިރޭސީންގެ ޙީލަތްތެރި ސިޔާސަތުގެ ސަބަބުން މިިނިވަންކަން ގެއްލުވައި ލެވިފާވާ ބައެކެވެ.                       

ޔުގެންޑާގެ ސިޔާސީ މުހައްލިލަކު ވިދާޅުވަނީ އިސްތިއުމާރީ ވަކިތަކުން މިންޖުވީކަމަށް ބަލާފާ ކޮމަންވެލްތަށް ވަދެވުމަކީ ހިތްދަތި އިޙުސާސްތަކެއްގެ ހަނދާން ނުފިލާ ދެމިހުންނާނެ ދިގުމަގަކަށް އަޅަންފެށުނު ފިޔަވަޅެކެވެ. އެހެންނަމަވެސް ރާނީއާ ދޭތެރޭ ކިތަންމެ ގިނަ ނަފްރަތުގެ ޝޫއޫރުތަކެއް ފާޅުކުރަމުން ގިނަ ބަޔަކު ގެންދިޔަ ކަމުގައިވިޔަސް އަދި މިއަދުގެ ދުނިޔޭގައި އިނގިރޭސި ދައުލަތަކީ މީގެ ފަންސާހަކަށް އަހަރު ކުރިއެކޭ އެއްފަދަ އިގްތިސާދީ ބާރެއް ކަމުގައި ނުވިޔަސް ދުނިޔޭގައި އެންމެ މަގްބޫލު ބަހަކީ އިނގިރޭސިބަސް ކަމުގައި ވެގެންދިއުމުގައި ރާނީގެ ޙިކްމަތްތެރި ސިޔާސަތަށް ތައުރީފްކުރަން ޖެހޭނެއޭ ބުނެވިދާނެއެވެ. އިންސާނުން ވާހަކަ ދައްކާ ބަހަކީ އެމީހުންގެ މައްޗަށް އެންމެ ނުފޫޒުގަދަ ވަސީލަތް ކަމުގައި ގަބޫލުކު ރެވޭތީއެވެ.                                       

ޖެމެއިކާގެ ޔުނިވަރސިޓީއެއްގެ ޕްރޮފެސަރަކު ވިދާޅުވަނީ އެގައުމުގެ އެންމެ އިސްވެރިޔަކީ އިނގިރޭސި ތަޚުތުގައި އިންނަވާ ބޭފުޅަކު ނޫންކަމަށް ޢިއުލާނުކޮށް އެގައުމަކީ ހުރިހާގޮތަކުންވެސް މިނިވަން އަދި އަމިއްލަ ވެރިކަމެއް ކުރާ ގައުމަކަށް ހެދުމަށްޓަކައި ބޮޑުވަޒީރުގެ އޮފީހުން ޢިއްލާން ކުރައްވާފައިވަނިކޮށް އިނގިރޭސިވަލީ އަޙުދު ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަބަލުން އެ ގައުމަށް ވަޑައިގެން އިސްތިއުމާރީ ވެރިކަމުގައިހުރި ނުރަނގަޅު ސިފަތަކާއި އަޅުވެތިކޮށްގެން ގެންގުޅުނު ދުވަސްތަކާ ދޭތެރޭ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދެއްކުމުން ޒުވާން ޖީލުގެ ވިސްނުން ހުރިގޮތް ހާމަވެގެން ހިގައްޖެ ކަމަށެވެ. 

ޖެމެއިކާގެ ސިޔާސީ މައިދާނުގެ ޙަރާކާތްތެރިއަކު ކަމުގައިވާ ނަދީމް ސްޕެންސް ދެކޭގޮތުގައި ޖެމެއިކާގެ އިސްރައްވެހިން ރާނީ އެލިޒަބަތަށް ތަޢުރީފް ކުރުމަކީ ބަލާގަނެވިދާނެ ކަމެކެވެ. އެހެންނަމަވެސް މިހާރުގެ ޒުވާނުން އެކަން ގަބޫލެއް ނުކުރާނެއެވެ. އަދި އެމީހުންގެ ނަޒަރުގައި އިނގިރޭސީންނަކީ އެމީހުން އަޅުދާސްވާން ޖެހޭ ބައެއްވެސް ނޫނެވެ.                        

ކެންޔާއަށް ނިސްބަތް ކުރެވޭ ކާޓޫނިސްޓަކު ދެކޭގޮތުގައިވެސް އިނގިރޭސީންގެ އިސްތިއުމާރު އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. އަންނަން އޮތް އެތައް ޖީލަކަށް އެދުވަސްތައް އެނގެން ޖެހޭނެއެވެ. އެއީ ކެންޔާގެ ބިމުގައި ކުރެވިފައިވާ އެންމެ ހިތި ތަޖްރިބާއެވެ. އަހަރެމަން އިނގިރޭސީންނަކީ ވަރަށް އަނިޔާވެރި ޚާއިނުންތަކެއް ކަމުގައި އޭނާ ސިފަކުރެއެވެ.                                                 

Loading

One Response

  1. އިންސާނުންނަށް ލިބިފައިވާ އެއްވެސް ބާރެއް އަބަދަށް ދާއިމަށް ނޯންނާނެކަމުގެ ހެކިތައް މާޒީގެ ތާރީޚުން އެނގެއެވެ. މައްސަލައަކީ ވަގުތީގޮތުންނަމަވެސް ބާރު ލިބިފައިވާމީހާ އެކަންގަބޫލުނުކޮށް އަނިޔާވެރިކަން އިސްކުރުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް