މިނީބަސް ދަތުރުގެ ސަބަބުން ޓެކްސީ ތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ

Facebook
Twitter
WhatsApp
6519AC7D-9A10-4094-8261-0D6C9917B6FD


    މިނީ ބަސްތަކުގެ ދަތުރުތަކަކީ މިސަރަޙައްދަށް ބޭނުންވެފައިވާ އެންމެ މުހިންމު ޚިދުމަތްތަކުގެ ތެތޭގައި ހިމެނޭއަދި ތަޢާރަފު ކުރުން މާބޮޑަށްވެސް ލައްވެފައިވާ އެއްޚިދުމަތެވެ.

     ސަރުކާރަށް އެއްމެ މުހިންމުވާނީ ރައްޔިތުމީހާއަށް ލުއިފަސޭހަތަކެއް ވުމެވެ. ރައްޔިތުން ދައުލަތެއް ހިންގުމަށްޓަކައި ސަރުކާރެއް އެކުލަވާނީވެސް ރައްޔިތުމީހާ އަށްޓަކައެވެ. އެގޮތުން ރައްޔިތުމީހާގެ ޖީބަށް ލުއި ކުރުމަކީ ވެސް ސަރުކާރުގެ އެއް މަގުޞަދެވެ.

     މިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ކިބައިގާ ބިނާކުރަނިވި ހަރުދަނާ ވިސްނުން ގެންގުޅުއްވާފައި ނެތުމުގެ ސަބަބުން ނުވަތަ އަމިއްލައަށް ފައިދާ ލިބިގަތުމުގެ ވިސްނުން އިސްކުރުމުގެ ދުވަސްވީ ސިޔާސަތުގެ ސަބަބުން މާލޭގެ ސަރަޙައްދު މިވަނީ އިންސާނީ މުޞީބާތަކަށް ބަދަލުވެފައެވެ. 

ނުވަތަ އެއްފައިކުރިއަށް ދެފައި ބާނަން ޖެހޭ ހިސާބަށް ދެވިފައެވެ.ރަށެއްގައި އިންސާނުން އާބާދު ކުރަންވާނީ އެރަށެއްގެ ބިމުގައި އަމާންކަމާއެކު ދިރިއުޅެވޭނެ ދުރުރާސްތާ މިންގަޑެއް އެކަށައަޅައިގެންކަން ޝައްކެއެވެސް ނެތެވެ. އެެއީ ދުނިޔޭގެ ކުރިއަރަމުން އަންނަ ޓެކްނޯކޮޖީ މިންވަރު ހަލުވިކަމާ އެކު އިތުރުވާނެ ޒަމާނެއް އަތުވެދާނޭކަމަށް ވިސްނަން ބޭނުންނުވާ ބަޔަކު ރާއްޖޭގައި ވެރިކަންކުރަމުން އައުމުގެ ނަތީޖާއެވެ. 

އަކަ ކިލޯމީޓަރެއް ހަމަނުވާ ބިމެއްގައި ދިހަ އަކަ ކިލޯމީޓަރުގެ ބިމާ ނުބައްދަލު މިންވަރަކަށް އިންސާނުން އާބާދު ކުރުމުގެ ވިސްނުން އިސް ކުރުމުގެ ނަތީޖާ މިއަދު މާލެއިން ފެންނަމުން މިދަނީއެވެ. 

ކޮންމެ މީހަކަށް ސައިކަލެއް ދެމީހަކަށް ކާރެއް ގެނެސްގެން ދުއްވޭނީ އެރަށެއްގެ ބިމުގައި ދިރިއުޅޭ އެންމެން ގެންނަ އުޅަނދުތައް ޕާރކް ކުރެވޭނެ ޖާގަ އެބިމުގައި އޮތިއްޔާތާއެވެ. ވެރިކަން ކުރެއްވި ބޭފުޅުންގެ ދުރުރާސްތާ ވިސްނުންނުގެންގުޅުއްވުމުގެ ސަބަބުން މިދަތި ޙާލަތު މިއޮތީ މެދުވެރިވެފައއެވެ. ހަތަރުވަން ގޮޅިއެއް މާލޭގައި ހުރަސްކުރަން ވެއްޖެއްޔާ ސަހަރޯ ހީވާނެއެވެ. ހުރިހާ ދުއްވާ އުޅަނދުތައް ފުނިޖެހި އެމީހަކާ އެމީހެކެވެ. ޓުރެފިކް ބަލަހަށްޓާ ފުލުހުންގެ ބޭނުންކޮށްގެން ޙައްލެއް ހޯދަދޭން ނޫޅޭތަނުގައި ކުޑަމިނުން ޓްރެފިކް ލައިޓެއްވެސް ހަރުކޮށްލައެއް ނުދެވުނެވެ.

މިނީ ބަހުގެޚިދުމަތަކީ މާކުރިންވެސް ރައްޔިތުންނަށް ބޭނުން ވެފައިވާ ޚިދުމަތެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެނަސް ސަރުކާރުގެ ފޯރުން ތެރިކަން ނެތްކަމަށް ބުނެ މިފަދަ ޚިދުމަތް ރައްޔިތުންނަށް ނެދެވިފައި ވަނީއެވެ.

    މިނީ ބަހަކީ ހިމަ ގޯޅިތަކަށް ވަދެވޭ ވަރަށް ވުރެ ފުޅާ އަދި އުސް ވެހިކަލް ތަކަށް ވާތީ ޓެކެސީ ތަކުގައި އެދަތުރު ކުރާނެ މީހުން މަދެއް ނުވާނެއެވެ. އެހެން ކަމުން މިނީބަހުގެ ޚިދުމަތާއި ގުޅިގެެން ޓެކްސީ ދަތުރުތަކަށް އަންނާނޭ އެއްވެސް ހީނަރުކަމެއްއޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

މާލޭގެ ސަރަޙައްދުގެ ބިމުގެ ނިސްބަތަށް ބަލާއިރު މާލޭ ސަރަޙައްދުގައި ދުއްވާ ޓެކްސީތައް މާގިނަކަމަށްވެސް ގިނަބަޔަކު ގަބޫލުކުރެެއެވެ. ރާއްޖޭގެ ކަންކޮޅުތަކުން މާލޭ ސަރަޙައްދަށް ހިޖުރަކުރާ ރައްޔިތުންގެ ޢަދަދު މަދުކުރެވޭނެ ގޮތެއް ހެދުމުގެ ވިސްނުމެއް ސަރުކާރަކު ނެތެވެ. ވީމާ ކުރިއަށް އޮތީ އަދިވެސްހައްތާ އުޅަނދުތައް ގިނަވާގޮތަށެވެ. އެއީސަރުކާރު ހިންގަންތިބޭ  ބޮޑުން ބޭނުންވާ ގޮތެވެ. މާލޭސަރަހައްދު ވަނީ ތޮއްޖެހި ބާރުވެފައިކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ. އެކަމުގެ ސަބަބުން ތަފާތު ބަލިތައްވެސް މާލޭގައި އަންނަނީ އިތުރުވަމުންނެވެ.

      ކަން މިހެން ހުރި އިރު ބުނާއަޑު އިވެނީ ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ގާއިމް ކުރެވިފައިވާ ހޮސްޕިޓާތަކުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ޑޮކްޓަރުން ގެންނަން އުޅޭ ވާހަކައެވެ. ސްކޫލްތައް އަޕްގްރޭޑުކޮށް ކިޔަވައިދޭނެ ރަނގަޅު ޓީޗަރުން ގެންނަ ވާހަކައެވެ. މިކަންކަން ކުރާނެވާހަކަ ނުދައްކާ މާލެއާއި އެެއްފެންވަރަށް ބިޔަބޮޑެތި ސިޓީތަކުގައި އެ އަސާސީ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދޭންވީ ނޫންތޯއެވެ؟ އޭރުން ހަމަ ގައިމުވެސް މާލެ ތޮއްޖެހުން މަދުކުރެވޭނެއެވެ.

ކޮންމެ މީހަކުވެސް އޭނޭގެ ދަރިފުޅަށް ތަޢުލީމު އެންމެ ބެސްޓްކޮށް ދޭން ބޭނުންވާނެއެވެ. ވީމާ ކިޔަވައިދޭން އަންނަނީ މާލެއަށެވެ. ޑޮކްޓަރަށް ދައްކަންވެސް އަންނަނީ މާލެއަށެވެ. ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެނީ ކޮންތާކުން ކިހިނެއް ކޮންދުވަހަކުން ކަމެއް ނޭނގެއެވެ. މާލޭސަރުކާރާއިނުގުޅި އަތޮޅުތަކުގެ ކަންކަން އެ އަތޮޅަކުން ވެރީންނަށްހަމަޖެއްސޭނެ ކަމަށް ބުނަމުން ދިޔަ ލާމަރުކަޒީ ވަޢުދުތަކުގެ މަތީން ހަނދާނެއް ނެތެވެ. 

     ކޮންމެއަކަސް ތޮއްޖެހިފައި މިވާ މާލެއަށް މިނީ ބަހުގެ ޚިދުމަށް ދޭން މިއޮތީފެށިފައެވެ. މާލޭ ސަރަޙައްދަށް ދިހަބާރަ މާލެ ފުރޭވަރަށްމީހުންވެސް މިވަނީ ޖަމާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީ ނުބައްދަލު މިންވަރަކަށް ބިދޭސީން ވެސް ވަނީ ރާއްޖެ ފުރާލާފައެވެ. 

ގައުމީ ސަލާމަތަށް ނުރައްކާ ވާހާ މިންވަރަށް ބިދޭސީން ވެސް ރާއްޖޭގައި އުޅޭކަމީ ޙަގީގަތެކެވެ. އެހެންކަމުން ޕަބްލިކްޓްރާސްޕޯޓްގެ ޚިދުމަތް ނުދީ ތިބެވޭކަށެއް ނެތެވެ. އަދި މިނީ ބަހުގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ނުލިބި އޮތުމަކީ ޓެކްސީތަކަށް އޮތް އެޑުވާންޓޭޖެކެވެ.

އެހެން ކަމުން ވިހި ވަރަކަށް މީހުނަށް ދަތުރުކުރެވޭ ވަރުގެ ބަގީ އެތެރެކޮށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްވެސް ފުޅާ ކުރަންވީއެވެ. އެގޮތުން ޕްރައިވަޓައިޒް ކޮށް ބަގީ ދަރުތައް މިސަރަޙައްދަށް އަމާޒުކޮށް ތައާރަފު ކުރުމަކީ މާބޮޑަށްވެސް ރައްޔިތުމީހާގެ ޖީބަށް ލުވިވެގެން ދާނޭގޮތެއްކަމަށް ދެކެމެވެ.އޭރުން މިސަރަޙައްދުގެ މަގުތަކުގެ އަމާންކަން ނުގެއްލިއެކްސީޑެންޓް ތައްވެސް މަދު ވެގެން ދާނެކަމަށް ދެކެމެވެ.

     މިހާރު މާލޭގެ ސަރަޙައްދަށް އިންޖީނު ލީ އުޅަނދު އެތެރެވަމުން މިދާ މިންވަރާއި މެދު ރައްޔަތުން ކަންބޮޑުވާ ހިސާބަށް ހިނގައްޖެއެވެ. މީ ސަރުކާރުން އަވަސް ފިޔަވަޅެް އަޅަންޖެހޭނެ ކަމެއް ކަމަށް ދެކެމެވެ. މާލޭގެ ބިމުގައި ފައިޖައްސާލާނެ ތަނެއްނެތެވެ. މިވަރުގެ ދޯހަޅި ގޮތަކަށް އާބާދީ އެއްފަސް ކުރުމުގެސިޔާސަތެއް ސަރުކާރަކުން ތަންފީޒް ކުރަން ހެޔޮވާނޭހެއްޔެވެ. މިއީ ބުއްޅަބޭގެ ސިޔާސަތެއް ނޫންބާވައޭވެސް ހިތައް އަރައެވެ

One Response

  1. އަނގަ އޮތިއްޔާ ކޮންމެ އެއްޗެކޭވެސް ކިއިދާނެއެވެ. ބާރު އޮތީވިއްޔާ ވަރަށްގިނަ ކަންތައް ބޭނުންގޮތަކަށް ކުރެވިދާނެއެވެ. މާލޭގެ ހަތަރު އަނގޮޅިތަކުގައި ޓްރެފިކްލައިޓް ނެތިގެން މަގުމަތީގެ އަމާންކަން ގެއްލިގެންދިޔަ ދުވަސްވަރެއްވެސް ދެކެފީމެވެ. މިއަދަކު އެ ޓްރެފިކްލައިޓެއް ނެތެވެ. އެކަމަކު އާބާދީ ވީ އިތުރެވެ. ދުއްވާ އެއްޗެހިވީ ގިނައެެވެ. ކިތަންމެ ބޮޑު ގޮނޑިއެއްގައި އިށީންދެވުނަސް ތި ދެއްކެނީ އަދި ރަނގަޅުވާހަކައެއް ހެއްޔެވެ ؟ މިނީ ބަހުގެ ނިމުންވެސް އަންނާނީ ހަމަ ޓްރެފިކްލައިޓަށްވީގޮތަށެވެ. ބަސްދަތުރުކުރަނީ އަދި ދަތުރު ކުރެވެން އޮތީވެސް ދެތިންމަގެއްގައެވެ. ބާޒާރަށް ދާންބޭނުންވާ މީހާ ބަހުގެ އިންތިޒާރުގައި 15 މިނިޓްހޭދަކޮށް ބަހުގައި އަނެއް 15 މިނިޓް ހޭދަކޮށް އޯކިޑް މަގަށް ފައިބައިގެން ބާޒާރުކޮށްނިމިގެން ގަނެވުނު އެތިކޮޅު ހިފައިގެން ޓެކްސީއެއްގައި ގެއަށް އަންނަން ޖެހެނީއެވެ. ހަގީގަތަށް ވިސްނާނަމަ މާލެއަށް ބޭނުންވަނީ މިނީ ބަހެއް ނޫނެވެ. މިއޮއްބޮޑު އާބާދީގެ ބައެއް އެހެންރަށްރަށުގައި އާބާދު ކުރަންވީއެވެ. އެ ރަށްރަށުގައި ހަމައެކަނި ބޮޑެތި ސްކޫލާއި ހޮސްޕިޓަލްތައް އެޅުމަކުން ނުފުދެއެވެ. ވަޒީފާ ލިބޭނެ ފުރުސަތު ތަނަވަސް ކޮށްދޭށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް