މާރުކޭޓް ގޮޅިތައް ތިންވަނަ ފަރާތަކަށް ދޫކޮށްފައިވާނަމަ އެއްބަސްވުން އާނުކުރާނަން: އެޗްޑީސީ

Facebook
Twitter
WhatsApp
Hulhumale-rashu-market-market

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތައް ގަވާއިދާ ހިލާފަށް ކުއްޔަށް ދީގެން ހިންގަމުންދާ މީހުންގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތަކުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވާތީ އެއްބަސްވުންތައް އާ ކުރުމުގެ ކުރިން އެ ކޯޕަރޭޝަނުން ބެލި ބެލުމުން އެ ތަންތަން ހިންގަން ހަވާލު ކުރި ބައެއް މީހުން ޔުނިޓުތައް ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.


އެޗްޑީސީން ބުނީ ރަށު މާރުކޭޓުން އެކަށީގެންވާ އަގެއްގައި ތަކެތި ވިއްކޭނެކަމާއި ހިދުމަތް އިތުރަށް ރަނގަޅުކޮށް ހިދުމަތް މެދުނެކެނޑި ދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި، މާރުކޭޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ގޮޅިތައް ހިންގަމުންދާ ފަރާތްތަކުގެ އެއްބަސްވުން އިތުރު ހަ މަހަށް އިތުރުކޮށްދޭނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ތިންވަނަ ފަރާތަކަށް ދޫކޮށްފައިވާ ގޮޅިތަކުގެ އެއްބަސްވުން އާނުކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނީ  ތިންވަނަ ފަރާތުގެ ގޮތުގައި ގޮޅި ކުއްޔަށް ނަގައިގެން ހިންގަމުންދާ ފަރާތަކާއެކު އެއްބަސްވުން ހަދައި  ގަވާއިދާ އެއްގޮތަށް އެތަން ހިންގުމުގެ ފުރުސަތު ދިނުމަށް އެ މީހުންނާއެކު އެއްބަސްވުން ހަދަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.  

އެޗްޑިސީން ބުނީ ރަށު މާރުކޭޓުން ތިންވަނަ ފަރާތެއްގެ ގޮތުގައި ޔުނިޓް ކުއްޔަށް ނަގައިގެން ހިންގަމުންދާ ފަރާތްތަކުން އެކަސް ސާބިތުކުރާނެ ހެއްކާއެކު އެ ކޯޕަރޭޝަނަށް މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެކޯޕަރޭޝަނުން ބުނީ ތިންވަނަ ފަރާތުގެ ގޮތުގައި ޔުނިޓް ކުއްޔަށް ނަގައިގެން ހިންގާކަން ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ކުލި ދެއްކިކަމުގެ ލިޔުމާއި، އެ ދެ ފަރާތު ވެފައިވާ އެއްބަސްވުންފަދަ ލިޔުންތައް ހިމެނޭނެ ކަމަށެވެ. އަދި އެ ލިޔުންތަކާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށހެޅުމަށްވެސް އެޗްޑީސީން އެދެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް