އިނގިރޭސި ރާނީ އަވަހާރަވުމާއި ބަންގާޅު ބޮޑުތަދުގެ ޙާދިސާ 

Loading

Facebook
Twitter
WhatsApp

އިނގިރޭސީންގެ ވެރިކަމުގައި އެންމެ ގިނަދުވަހު ތަޚުތުގައި އިންނެވި ރާނީ އެލިޒެބަތު 2 ވަނަ، ހަތްދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް 9 ސެޕްޓެމްބަރ 2022 ގައި އަވަހާރަވެއްޖެއެވެ. 

އިނގިރޭސި ދައުލަތުގެ އައު ޞަފްޙާއެއް ފަތްޖެހިގެން ތާރީޚުގެ ތެރޭގައި ރައްކާ ކުރެވިގެން ދިޔައީއެވެ. ގޮށްމުށުގެ ގަދަބާރުން އަނިޔާވެރި ވެރިކަމެއް ދުނިޔޭގެ ބޮޑު ބައެއްގައި ގާތްގަނޑަކަށް 3 ޤަރުނު މި ރާނީގެ އިނގިރޭސީން ހިންގިއެވެ. ދުނިޔޭގެ ފަސް ބައްރުގައި އިނގިރޭސީން ކުރި އިސްތިޢުމާރީ ވެރިކަމުގެ އެންމެ ފަހުގެވެރިޔާ އަވަހާރަވީއިރު، އިނގިރޭސި ދައުލަތުން ދުނިޔެއަށް ދީފައިވާ އަނިޔާއާއި،އަޅުވެތިކަމާއި، ނާއިންސާފާއި، ލާއިންސާނީ ހަނދާންތައް އަޅުވެތި ކުރެވުނު ޤައުމުތަކުގެ ރައްޔިތުންގެ އަރުތަކުން މުޅިން ފިލައިގެން ނުދެއެވެ. 

ރާނީ އެލިޒެބަތު ދެވަނަ، އިނގިރޭސި ދައުލަތުގެ ސިންގާސަނާއަށް ރެދަލި ކުރެވިގެން ދިޔައީ އެކަމަނާގެ ބައްޕާފުޅު އިނގިރޭސި ރާޖާ ޖޯރޖް ހަވަނަ 1952 ވަނަ އަހަރު އަވަހާރަ ވުމާއި ގުޅިގެންނެވެ. 

ބަނގްލާދޭޝް ބޮޑުވަޒީރު ޝޭޚު ޙަސީނާގެ ސަރުކާރުގެ ކެބިނެޓް ޑިވިޝަނުން 9 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ނެރެފައިވާ ތަޢުޒިޔާގެ ބަޔާނުގައި ބުނެފައިވެއެވެ. ”ބަނގްލާދޭޝްގެ ވަރަށް އިޚްލާޞްތެރި ރަޙްމަތްތެރިއެއް ކަމަށްވާ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނަ އަވަހާރަ ވުމާއި ގުޅިގެން 9 ސެޕްޓެމްބަރ 2022އިން 11 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް، މިތިންދުވަހަކީ ޤައުމީ ހިތާމައިގެ ދުވަސްތަކެއްގެ ގޮތުގައި ފާހަގަ ކުރަން ބަންގްލާދޭޝް ސަރުކާރުން ނިންމައިފިއެވެ.“މިއެވެ. 

އަހަރަކީ 1942 ވަނަ އަހަރެވެ. އިނގިރޭސީންގެ ދައުލަތުގެ ވެރިޔާގެ ޙައްސިއްޔަތުން ތަޚުތުގައި ވެރިކަން ކުރަމުން ގެންދެވީ މަރުވެގެންދިޔަ ރާނީ އެލިޒެބަތުގެ ބައްޕާފުޅު އިނގިރޭސި ރާޖާ ޖޯރޖް ހަވަނައެވެ. ސަރުކާރުގެ އެންމެ އިސްވެރިއަކީ ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް އެވެ. 

އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައިވާ އެންމެބޮޑު އަދި އެސަރަޙައްދަކުން އެންމެ ގިނަ ނަފާތައް ލޫޓުވަމުން ގެންދިޔަ އިންޑިއާ އޮތީ ބޮޑު ތަދުމަޑު ކަމެއްގެ ހިޔަނީގެ ބިރުވެރި އަނދިރި ކަމުގައެވެ. ބޮޑުވެގެންވާ ހައިހޫނުކަމެއްގެ އިންތިޒާރުގައެވެ. މިހާރުގެ ޖޯގްރަފީއިން، އިންވަކިކޮށްފައިވާ ގޮތުންނަމަ އިންޑިއާ، ޕާކިސްތާނު އަދި ބަނގްލާދޭޝްއެވެ. އަދި އެއާއި އިންވެގެންއޮތް ބަރުމާއެވެ. މިދައްކަނީ މުޅިދުނިޔޭގެ އޭރުގެ އާބާދީގެ ގާތްގަނޑަކަށް 4 ނުވަތަ 5 ބައިކުޅަ އެއްބައި ނިސްބަތްވާ ބިޔަ އާބާދީއެއްގެ ވާހަކައެވެ. 

ދެވަނަ ބޮޑުހަނގުރާމައިން ކާމިޔާބު ހޯދުމަށް އިނގިރޭސީން ގެންދިޔައީ ޙީލަތްތެރިކަމާއިއެކު، ރަޙްމެއްނެތް ހަނގުރާމައެއް ކުރަމުންނެވެ. 

ދެވަނަ ބޮޑު ހަނގުރާމައިގެ ބައިވެރިންގެ ތެރެއިން އެންމެ ނުބައި ނުލަފާ މީހުންނަކީ އެ ހަނގުރާމައިން ބަލިވި ޖަރުމަނުގެ ވެރިންނާއި ޖަޕާނު މީހުންކަމަށް، ހަނގުރާމައިން މޮޅުވި، އިނގިރޭސީންނާއި އެމެރިކާނުން އިސްވެ އޮވެ އުފައްދާފައިވާ އިއްތިޙާދުން ބުނަމުން ދިޔައެވެ. ޖަރުމަނުގެ ވެރިޔާ ހިޓްލަރުގެ އަމުރަށް ގާތްގަނޑަކަށް 6 މިލިޔަން ޔަހޫދީން މަރާލުމަކީ އޭނާއާއި ޖަރުމަނުވިލާތަށް އަދަބު ދޭންޖެހޭ ކަމެއްކަމަށް ނިއުރެންބާރގްގައި ހިންގުނު ޝަރީޢަތްތަކުން ކަނޑައެޅިގެން ދިޔައެވެ. 

އިނގިރޭސި ތަޚުތުގެ ދަށުގައި އޭރުއޮތް އިންޑިއާގެ ބެންގޯލުގައި 60 މިލިއަން ރައްޔިތުން ތިއްބެވެ. ކާބޯތަކެތިން މަޙުރޫމްކޮށް 1943 ވަނަ އަހަރު ގާތްގަނޑަކަށް 5 މިލިއަން ރައްޔިތުން ބަނޑަށް މަރާލި ޙާދިސާގެ ވާހަކަ ދައްކަނީ ތާރީޚީ ޢިލްމުވެރިންގެ ތެރެއިން ވަރަށް މަދުބައެކެވެ. 

އެވާހަކަ ދައްކާ ފަރާތްތަކުގެ ތެރޭގައި އިނގިރޭސީންނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެއީޤުދުރަތީ ކާރިސާއެއްގެ ސަބަބުން ދިމާވި ޙާދިސާއެއް ކަމަށް ސިފަކޮށް، އިސްތިޢުމާރީ ދައުލަތުގެ ވެރިން ޙިމާޔަތް ކުރުމަށް ވަކާލާތު ކުރާ މީހުންވެސް މަދެއް ނޫނެއެވެ.

ބެންގޯލް ފެމިން ނުވަތަ ބަންގާޅު ބޮޑުތަދަކީ ލަންޑަންގައި ވެރިކަން ހިންގަމުންގެންދިޔަ ވޯރ ކެބިނެޓް ނުވަތަ ހަނގުރާމައިގެ ވަޒީރުންގެ މަޖިލީހުގެ ސިޔާސަތުގެ ދަށުން ރޭވިގެން ހިނގި ލާއިންސާނީ ޖަރީމާއެއް ކަމާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ނަސްލެއް ނައްތާލުމަށް ރާވައިގެން އިންސާނިއްޔަތާއި ދެކޮޅަށް ހިންގުނު ޖަރީމާއެކެވެ. މިއީ ޙަގީގަތުގައިވެސް އިނގިރޭސީންގެ ލާއިންސާނީ ނަސްލީ އިމްތިޔާޒުގެ ނަތީޖާއެވެ. ތެދެކެވެ! ޙާލަތު އިތުރަށް ގޯސްވެގެން ދިއައީ ޤުދުރަތީ ކާރިސާތަކެއް މެދުވެރިވި ވަގުތު އިނގިރޭސި ސަރުކާރުން ވީ ބޮޑުއިހުމާލެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ބަނޑު ފުރާނަ މުއްތިކުރުމަށް ދައުލަތުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ރައްޔިތުންނަށް ނުދިނީއެވެ. 

1941 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަރުމާއަށް ޙަމަލާދޭންފެށި ޖަޕާނު ސިފައިން1942 ވަނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރީން އިނގިރޭސީން ބަލިކޮށް މުޅި ބަރުމާ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

އެހިސާބުން ފެށިގެން އިންޑިއާގެ ބޮޑު ސަރަޙައްދަކަށް ޚާއްސަކޮށް ބަންގާޅަށް ނިސްބަޔްވާ ހުރިހާ ހިސާބަކަށް ބަރުމާއިން ކުރިން ލިބެމުންދިޔަ ކާޑުގެ ގިނަބާވަތްތައް، ޚާއްސަކޮށް ހަނޑޫ ލިބުން ހުއްޓުމަކަށް އައީއެވެ. ބަރުމާއާއިއިންވެގެން އޮތް އިންޑިއާގެ އިތުރު ސަރަޙައްދުތައް ޖަޕާނުސިފައިންގެ އަތްދަށަށް ދިޔަނުދިނުމަށް ކަމަށްބުނެ ބަންގާޅުގެ އެއްލައްކަ އަށްވުރެ ގިނަ އޮޑި ދޯނިފަހަރަށް އިނގިރޭސީން ބޮން އަޅައިގެންނާއި އެކިގޮތްގޮތުން ޙަމަލާދީ ހަލާކުކޮށް ނަންތާލިއެވެ. 

އެކަމުގެ ސަބަބުން އިންޑިއާގެ އެހެނިހެން ސަރަޙައްދު ތަކުން ޚާއްސަކޮށް އައްސޭރި ފަށުގެ ސަރަޙައްދ ުތަކުން ބަންގާޅަށް ކާޑު އުފުލުމުގެ މަގުތައް ބަންދުވިއެވެ. ކާބޯތަކެތި ހުސްވެ ރައްޔިތުން ބަނޑަށް ޖެހުނެވެ. 

ބަނޑަށް ޖެހިފައިވާ ބަންގާޅުގެ ސަރަޙައްދުތަކަށް އިންޑިގައި އުފައްދަމުން ގެންދިޔަ ކާޑުގެ ބާވަތްތައް ފޮނުވުމުގެ ބަދަލުގައި، އިނގިރޭސި އިސްތިޢުމާރީ ދައުލަތުން އެތަކެތި ފޮނުވަމުން ގެންދިޔައީ އެމީހުންނާއިއެކު ހަނގުރާމަ ކުރަމުންގެންދިޔަ ޔޫރަޕުގެ ސަރަޙައްދު ތަކަށެވެ. 

ބޮޑުއަގުގައި ވިއްކައިގެން  ވިޔަފާރީގެ ނަފާ ހޯދުމަށެވެ. އިންޑިއާގައި ހުންނަ އިނގިރޭސި ދައުލަތުގެ ވައިސްރޯއި ލޯރޑް ލިންލިތްގޯވް، އިންޑިއާގެ ބޮޑު ސަރަޙައްދެއްގެ ގިނަ ރައްޔިތުންތަކެއް ބަނޑަށް ޖެހެމުންދާކަމާއި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާން ދާދިގާތްވެއްޖެ ކަމަށްބުނެ، އިނގިރޭސި ދައުލަތަށް އިންޒާރުދީ އެހީއަށް އެދުނުހިނދު ލަންޑަނުގައި ވެރިކަން ކުރަމުންގެދިޔަ ހަނގުރާމައިގެ ކެބިނެޓުން އިންޑިޔާ ރައްޔިތުންނަށް އެހީ ނުވާން ނިންމި ނިންމުމަކީ ޝައްކެއްނެތި ލާއިންސާނީ އަނިޔާވެރިކަމުގެ އިންތިހާ ދަރަޖައިގެ ޢަމަލެކެވެ. 

ބަންގާޅު ބޮޑުތަދާއި ގުޅިގެން އިންޑިއާގެ ފަސްމިލިއަން މީހުން މަރުވިކަމަށް ރިޕޯޓުތަކުގައި ލިޔެވިފައިވެއެވެ. ކާބޯތަކެތި ހުސްވެގެން މީހުންގެ އަގުބޮޑު ބިންތަކާއި، ގެދޮރާއި، ހިފާގެންގުޅޭ ތަކެއްޗާއި، ގައިގައި އަޅާ ގަހަނާކޮޅާއި އަންނައުނު ވިއްކާފައި ވެއެވެ. ބަނޑު ފުރާނަ މުއްތިކުރުމަށް އަންހެނުން ހަށިވިއްކަން ފެށިއެވެ. އަޅުންގެ ގޮތުގައި ޅަދަރިން ވިއްކާން ފެށިއެވެ. ރަށުތެރެއިން ފެންނަމުން ދިޔައީ ފުރޭތަ ތަކެއްފަދަ ފުރާނަހުރި ކަށިގަނޑުތަކެއް ކާބޯތަކެތި ހޯދުމަށް ހިނގާބިނގާވެ އުޅޭތަނެވެ. 

އަދި ހިނގާނެ ހާލެއްނެތިގެން ބިންމަތީގައި ދެމޭތަނެވެ. މަގުމަގުމަތީގައި މަރުވެގެން ވެއްޓިފައިވާ އެތައްހާސް މީހުންގެ ހަށިތައް ކުއްތާއާއި އެހެނިހެން މިނިކާ ޖަނަވާރުތައް ކަމުން ގެންދިއައެވެ. މުޅަވެ ކުނިވެފައިވާ ހަށިތައް މަގުތަކުގައި ފެތުރިފައިވުމުގެ ސަބަބުން ބަލިމަޑުކަން ޢާއްމުވިއެވެ. 

ހައިހޫނުކަމުގައި މަރުވަމުން ދިޔަމީހުންނެކޭ އެއްރޭޓެއްގައި، ކޮލެރާއާއި މެލޭރިއާ ފަދަ ބަލިތަކުގައި މީހުންތައް މަރުވަމުން ދިޔައެވެ. ދުވާލެއްގެ މައްޗަށް އެތައްހާސް މީހުންނެއް މަރުވަމުން ދިޔަކަމަށް އިންޑިއާގެ ރެކޯޑުތަކުން ފެންނަން އެހުރީއެވެ.

އިންޑިއާގެ ހިތްދަތިކަމުގެ ޙާލަތު އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާރޗިލްއަށް ދެންނެވުމުން އިންޑިއާ މީހުންނަށް ފުރައްސާރަ ކުރިއެވެ. ”މިމުޞީބާތުގައި ގާންދީ އަދިވެސް މަރުނުވަނީތޯ“ އޭނާ ސުވާލު ކުރިއެވެ. ބަންގާޅުގެ މީހުންނަށް އިންޑިއާގެ އެހެން ހިސާބުތަކުންވެސް ކާބޯތަކެތި ފޯރުކޮށްދިނުމަށް އޭނާ ދެކޮޅުހެދިއެވެ. ކިތަންމެގިނަބަކު މަރުވިއަސް އެކަމުގައި ފަރުވާލެއް ނެތްކަމަށާ، ބަންގާޅީންނަކީ ނުވަތަ އިންޑިއާ މީހުންނަކީ މުސަޅު ވިހާހެން ވިހާބައެއްކަމަށް ބުނެ އިނގިރޭސި ބޮޑުވަޒީރުޗާރޗިލް ކުޅަ ފުރައްސާރައާއި މަލާމާތަކީ ތާރީޚުގައި ލިޔެވިފައިވާ މަޝްހޫރު ވާހަކައެކެވެ.

އިނގިރޭސި އިސްތިއުމާރުގެ ބާރުތަކުން އިންޑިއާ ލޫޓުވާލީއެވެ. އިންޑިއާ (އިންޑިއާ، ޕާކިސްތާން، ބަނގްލާދޭޝް) ގެ ޚަޒާނާތައް ދަވާލައި އިޤްތިޞާދީ ވަސީލަތްތައް ފޭރިގަތެވެ. ޤުދުރަތީ މުއްސަނދި ކަމާއި މަސައްތް ތެރިކަން ނުވަތަ އިންޑަސްޓްރީޒް ތައްވެސް ބަނގުރޫޓް ކޮށްލިއެވެ. 6 މިލިއަން ޔަހޫދީން މެރިކަމަށްޓަކައި ޖަރުމަނުގެ ނާޒީ ސިފައިން ކުއްވެރިވެ އަދަބު ލިބުނުއިރު، އިނގިރޭސިންނަށް ވަފާތެރިކަމާއިއެކު ޚިދުމަތް ކުރަމުންގެންދިޔަ އެމީހުންގެ އަމިއްލަ 5 މިލިއަން ރައްޔިތުން،ބަނޑަށް މަރައިހުސްކުރި ކަމަށްޓަކައި އިނގިރޭސި ސަރުކާރުން އަދިއަދަށްވެސް އެންމެ ކުޑަމިނުން މަޢާފަށް އެދިފައެއްވެސް ނުވެއެވެ. 

އެހެންނަމަވެސް 5 މިލިއަން ބަންގާޅީން މަރުވިތާ 80 އަހަރުފަހުން އެމީހުންގެ މަރުގެ ޒިންމާ ނަގަންޖެހޭ އިނގިރޭސި ވިލާތުގެގ ވެރިޔާ މަރުވުމުގެ ހިތާމައިގައި ބަންގަލާދޭޝްގެ ރައްޔިތުން އެފަދަ ގޮތަކަށް ހިތާމަ ފައުޅުކުރުމުގައި ބައިވެރިވާން މަޖުބޫރު ކޮށްފިއެވެ. ޗާރޗިލްއަކީ ތިމަންނާގެ އެންމެ ހިިތްގައިމު ބޮޑުވަޒީރުކަމަށް ބުނި ރާނީ އެލިޒަބަތު 2 މަރުވުމުގެ ހިތާމައިގައެވެ.

ޤައުމުގެ ބޯޑަރު އިސްތިއުމާރުންގެ ބާރުން މިނިވަންވިއަސް، ވެރިންނާއި ރައްޔިތުންގެ ސިކުނޑިތައް އަދިވެސްވަނީ އިސްތިއުމާރުންގެ އަޅުވެތި ކަމުގައި ކަސްތޮޅުއެޅިފައެވެ.

Loading

4 Responses

  1. ރަގަޅުވާހަކެއް މިއަދުވެސް އެމީހުންގެ އަނިޔާވެރިކަން އެވަނީ ހައްދުފަހަނައަޅާފަ އެގޮތުން ފަލަސްޠީނަށް ބަލައިލުމުން އެނގޭނެ ޒައިނިސްޓް ޔަހޫދީންގެ ދިފާއުގައި އެމެރިކާ އާއި އިނގިރޭސިން އެދަނީ އިޒްރޭލަށް މަދަދުދާރިވެ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަ އެގޮތަށް ހަދަމުން

  2. މޮޅުމީހަކަށްވެވެނީ އެމީހުންކައިރިން ކިޔެވީމާކަން ގަބޫލުކުރުމާއި ތަހްޒީބުގޮތަކީ އެމީހުން ދިރިއުޅެމުންދާގޮތްކަން ގަބޫލުކުރުވުމަކީ މިހާރުގެ ކޮލޯނިއަލިޒަމެވެ. އޭރު ގެންގުޅުނީ ކަނޑި ބަޑިއާއި ބޮމެވެ. މިހާރު ކޮނެލަނީ ސިކުނޑިއެވެ. އަޅުގަނޑުގެ އުސްތާޒަކު ވިދާޅުވިއެވެ. އެބޭފުޅާއަކީ އޭރު މަޖީދިއްޔާ ސްކޫލްގެ ސުޕުރިންޓެންޑެންޓެވެ. އޭރުގެ ސިޔާސަތުގައި އެ ސްކޫލުގައި ކިޔަވާދިނުމުގެ ހުރިހާ ކަމެއްގެ ފާރަވެރިޔާއެވެ. މަޖީދިއްޔާ ސްކޫލުގައި އިނގިރޭސި ބަސް ކިޔަވާދޭން ގެނައި ފޮތް އެބޭފުޅާ ހިތްހަމަޖެހިވަޑައިނުގަތެވެ. އަދި ވިދާޅުވިކަމަށްވަނީ މިތާނގައި އިނގިރޭސި ބަސް ކިޔަވާދޭން ޖެހޭނީ އިނގިރޭސި ވިލާތުގައި އިނގިރޭސި ބަސްކިޔަވާދޭން ބޭނުންކުރާ ފޮތުން ކަމުގައެވެ. މިއީ ދެން ކޮންކަމެއް ހެއްޔޭ ހީކުރެވިދާނެއެވެ. އެކަމަކު އިނގިރޭސީންނަށް ކިޔަވާދޭން ވަކި ފޮތްބައެއް ކޮލޯނިއަލް ގައުމުތަކުގައި ކިޔަވާދޭން ވަކި ފޮތްބައެއް….ވިސްނާ ބަޔަކަށް އިބްރަތްތެރި ފަލާވަޅެއް ލިބޭނެއެވެ.

  3. އިންޑިއާގެ މިނިވަންކަމުގެ ބާނީ، މޯހަންދާސް ކަރަމްޗަންދު ގާންދީ، އާދެ މަހާތުމާ ގާނދީ ވިދާޅުވެފައިވެއެވެ. ”އިނގިރޭސިވިލާތް ތަރައްޤީކޮށްފައިވަނީ ދުނިޔޭގެ ދެބައިކުޅަ އެއްބައިގެ މުއްސަނދިކަމުގެ ބޭނުންކޮށްގެންނެވެ.“

    އަހުރެން ދުށްގޮތުގައި، އިނގިރޭސިވިލާތް ތަރައްގީކޮށްފައި ވަނީ ދުނިޔޭގެ މުއްސަދިކަމުގެ ދެބައިކުޅަ އެއްބައި ލޫޓްވާލައި، އެތައް މިލިއަން މީހުންނެއްގެ ލޭ އޮހޮރުވާލާފައެވެ.

    އިނގިރޭސިން އިސްތިޢުމާރު ކުރި 200 ގައުމުގެ ތެރެއިން، ހަމައެކަނި އިންޑިއާއިން ފޭރިގަތް މުއްސަނދިކަމަކީ، އިނގިރޭސިވިލާތުގެ ސިނާޢީ އިންގިލާބުން ލިބުނު މުއްސަނދިކަމަށް ވުރެ އެތައް ގުނައެއް ބޮޑު މުއްސަނދިކަމެކެވެ. ޗައިނާއާއި އެ ގައުމުގައި، އިނގިރޭސިން ހިންގި އޮޕިއުމް ހަނގުރާމައިން ފޭރުނު މުއްސަދިކަމާއި އަދި މިސްރުން ފޭރިގަތް މުއްސަދިކަން ނުހިމަނައި، ހަމައެކަނި އިންޑިއާއިން ގާތްގަނޑަކަށް 45 ޓްރިލިއަން ޑޮލަރުގެ މުއްސަދިކަން އިނގިރޭސިން ވަނީ ފޭރިގެންފައެވެ. މިއީ މިއަދުގެ އިނގިރޭސިވިލާތުގެ އަހަރީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓަށްވުރެ (ޖީ.ޑީ.ޕީ) 17 ގުނަ މަތީ ޢަދަދެކެވެ.

    އޭރުގެ އިނގިރޭސި ދައުލަތް، ތާރީޚުގައި މަޝްހޫރުވެފައިވަނީ އެ ދައުލަތުގެ ދިދައަށް އިރު ނުއޮއްސޭ ދައުލަތެއްގެ ގޮތުގައެވެ. އެއީ އިނގިރޭސިން އިސްތިޢުމާރުކުރި ޤައުމުތަކުގެ އަދަދު ގިނަވެފައި ސަރަހައްދު ފުޅާވީމައެވެ. އޭރު ދުނިޔޭގެ %90 ވަރަކަށް ޤައުމު އޮތީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައެވެ. ޢަދަދުގެ ގޮތުން ބަލާއިރު އެއީ ގާތްގަނޑަކަށް 200 ވަރަކަށް ގައުމެވެ. އިނގިރޭސިންނަށް އިސްތިޢުމާރު ނުކުރެވި ދުނިޔޭގައި ބާކީ އޮތީ އެންމެ 22 ގައުމެވެ. އިނގިރޭސިންގެ މި ބިރުވެރި އަދި އަނިޔާވެރި އިސްތިޢުމާރުގެ ސަބަބުން އެތައް މިލިއަން އިންސާނުންގެ ފުރާނަވަނީ ގެއްލިފައެވެ. ހަމައެކަނި އެފްރިކާއިން، 3 މިލިއަން މީހުން އަޅުންގެ ގޮތުގައި އެމެރިކާއަށް ވިއްކުމަށްޓަކައި ގަދަކަމުން އިސްތިޢުމާރީންގެ ބޯޓްތަކަށް ލައިގެން ގެންދެވުނެވެ. މީގެތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް ވީގޮތެއް މިއަދާއި ހަމައަށްވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ތާރީޚީ ބައެއް ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ދަތުރުމަތީގައި އެމީހުންނަށް ދިން ލާއިންސާނީ އަނިޔާގެ ސަބަބުން ގިނަބަޔަކު މަރުވުމުން، އެޓްލާންޓިކް ކަނޑަށް އަޅާލީއެވެ. ހަގީގަތަކީ ޔޫރަޕްގެ އިސްތިޢުމާރީންގެ ސަބަބުން އޭޝިޔާއާއި އެފްރިކާއަށް، މުސީބާތާއި ބަނޑުހައި ހޫނުކަން ފިޔަވައި އިތުރު އެހެން އެއްޗެއް ލިބިފައި ނުވާކަމެވެ.

    އެކަމަކު، މިއަދު ހިތި ހަގީގަތަކީ، މި ލުޓޭރުން އަހަރެމެންނަށް ޑިމޮކްރެސީއާއި، އިންސާނީ ޙައްޤުތަކާއި އަދި ޢަދުލު އިންސާފު ކިޔަވައިދެނީއެވެ. އަދި އަހަރެމެން ލޯމަރާލާފައި އެމީހުން ދައްކާ ކޮންމެ ވާހަކައެއް ގަބޫލުވެސް ކުރަނީއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ ތެރޭގައި، ރޯނުއެދުރު ހެދިގެން އުޅޭ، ސިޔާސީ ކަސްބީން އަހަރެމެންނަށް ބުނެދެނީ ސަލާމަތްވާން އޮތީ ދޮންމީހުން އުޅޭގޮތަށް އުޅެގެން ކަމަށް ވިއްޔާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް