ޔޫރަޕްގެ ގައުމުތަކުގައި ހަކަތަ ބޭނުންކުރުން ރޭޝަންކުރަން ވިސްނަނީ

Loading

Facebook
Twitter
WhatsApp


މި ފެށޭ ފިނިމޫސުމުގައި ޔޫރަޕްގެ ގައުމުތަކުގައި ހަކަތަ ރޭޝަންކުރުންނޫން އެހެންގޮތެއް ފެންނާން ނެތްކަމަށް ހީކުރެވެން ފަށައިފިއެވެ. ބޯލްޓިކް ކަނޑުތެރޭންލާފައި ޖަރުމަނަށް ހަކަތަ ފޮނުވަން އަޅާފައި އޮންނަ ނޯޑް ސްޓްރީމް ޕައިޕްލައިން ބަންދުކުރުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދެން ހަކަތަ ފޮނުވޭންއޮތް ހަމައެކަނި ދެ ވަސީލަތަކީ  ޔޫކްރެއިން ތެރެއިން އަޅާފައި އޮތް ޕައިޕްލައިނާއި ބޯލްޓިކްސީގެ ތެރެއިން އަޅާފައިއޮތް ތުރުކްސްޓްރީމް ޕައިޕްލައިނެވެ. 

މީގެ ތެރެއިން ޔޫކްރެއިންގެ ތެރެއިން އަޅާފާ އޮތް ޕައިޕްލައިނުން ހަކަތަ ފޯރުކޮށްދިނުން އޮތީ ވަރަށް ބޮޑަށް މަދުކޮށްލާފައެވެ. ހަކަތަ ފޯރުކޮށްދޭން އަޅާފައިއޮންނަ ނޯޑް ސްޓްރީމް ޕައިޕްލައިން މުއްދަތެއް ނެތްގޮތަށް ބަނދުކުރުމާއި ގުޅިގެން ޖަރުމަނުގައި މިއަހަރު ބަންދުކޮށްފައި ބަހައްޓަންބޭނުންވި ނިއުކްލިއަރ ރިއެކްޓަރ ތައްވެސް  އެންމެފަހުން ދިގުމުއްދަތަކަށް ހިންގާފައި ބަހައްޓަން މަޖުބޫރުވެއްޖެ ކަހަލައެވެ. 

ޖަރުމަނު ސަރުކާރުން މިހާރު ބަލަމުން ގެންދަނީ ދިގު މުއްދަތަކަށް އެ ރިއެކްޓަރތައް ހިންގާފައި ބެހެއްޓިދާނެތޯއެވެ. ދެ ރިއެކްޓަރ ހިންގާފައި ބެހެއްޓުމުން ގޭސް ބޭނުންކުރާ މިންވަރަށް ގާތްގަނޑަކަށް 3 އިންސައްތައިގެ ހައްލެއް ލިބޭނެއެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5.4 މިލިއަން ކިއުބިކް މީޓަރުގެ ގޭހެވެ. ނިއުކްލިއަރ ރިއެކްޓަރތައް ހިންގައިގެން ގޭސް ބޭނުންކުރާ މިންވަރަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދާދެވުނު ކަމުގައިވިޔަސް އެއީ ދިގު މުއްދަތަކަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ތަޖްރިބާކާރުން ބުނެއެވެ.                                          

ޖަރުމަނު ސަރުކާރުން ހާމަކުރާ ގޮތުގައި ހަކަތަ ލިބިދާނެ ގޮތްތަކަށް  ގެންދަނީ ބަލަމުންނެވެ. ފެޑެރަލް އޭޖެންސީ ނެޓްވާރކްގެ ރައީސް ކްލޯސް މެލަރ ގެ ވާހަކައިގާ ހާމަކޮށްފައި ވާގޮތުން ޖަރުމަނުގެ ގޭސް ރިޒާރވްތައް 95 އިންސައްތައަށް ފުރިފައި ހުރިނަމަވެސް ރަޝިޔާއިން ހަކަތަ ފޯރުކޮށް ނުދޭނަމަ އެއިން ފުއްދާލެވޭނީ ހަމައެކަނި ދެތިން މަސްދުވަހުއެވެ. 

ޖަރުމަނުގައި މިހާރުހުރީ 85 އިންސައްތައިގެ ރިޒާރވެކެވެ. ޔޫރަޕްގެ ގައުމުތަކުގެ ވެރިންގެންދަނީ ގޭސް ނުލިބުމުގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި ގިނަ ފިޔަވަޅު ތަކެއް އެޅުމާދޭތެރޭ ވިސްނަމުންނެވެ. ބައެއް އިންޑަސްޓްރީތައް ވަގުތީ ގޮތުން ހުއްޓާލުންވެސް މީގެތެރޭގައި ހިމެނެއެވެ. މޮސްކޯއިން އަޅާފައިވާ ހަކަތަ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޔޫރަޕްގެ އިގްތިސާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާއިރު ޔޫރޯގެ އަގުވެސް ވަނީ ވެއްޓިފައެވެ. ކޮންމެއަކަސް ޔޫރަޕުން ޔޫކްރެއިނަށް ތާއީދުކުރުމުގެ ނަތީޖާ އަކީ ކޮބައިކަން ފިނިމޫސުމް ކުރިއަށް ދިޔަވަރަކުން އެނގޭނެއެވެ.                                

ހަކަތައާބެހޭ ތަޖްރިބާކާރަކު ކަމުގައިވާ ޕްރޮފެސަރ ތިއެރީ ބްރޮސް ހާމަކުރާގޮތުގައި ހަކަތަ ލިބުން ދަތިކަމަކަށް ވުމުގެ ސަބަބުން މިހާރު ޔޫރަޕްގެ ގައުމުތައް އޮތީ ރެޑްޒޯނަށް ވެއްޓިފައެވެ. މިހާރު ބޭނުންކުރާ މިންވަރު އެންމެ މަދުވެގެންވެސް އިތުރު 3 އިންސައްތަ މަދުކުރަން އެބަޖެހެއެވެ. ޔޫރަޕްގެ ގައުމުތަކުގައި ގޭސް ބޭނުންކުރުން  މަޖްބޫރު ކުރުމެއްނެތި 15 އިންސައްތަ ދަށްކުރުމުގެ ވިސްނުމެއް މިހާރުވެސް އެބަގެންގުޅެއެވެ. އަދި އެހެންގޮތެއް ނެތިއްޖެ ހާލަތެއްގައި އެކަން މަޖުބޫރު ކުރުމާއި ބެހޭގޮތުން ވަޒީރުން ފެންވަރުގެ ކުއްލި ބައްދަލުވުމެއް މިހިނގާ ސެޕްޓެމްބަރު މަހު 9 އަކަށް ވަނީ ތާވަލު ކުރެވިފައެވެ. 

ޖަރުމަނުން ގަސްދުކުރަނީ އެހެންގޮތެއް ނެތްނަމަ ގޭސް ބޭނުންކުރުން ރޭޝަން ކުރުމަށެވެ. ޔޫރަޕިއަން ކޮމިޝަނުން އިންޒާރު ދޭގޮތަށް ބަލާއިރު ހަކަތަ ބޭނުންކުރުން މިހާރުއްސުރެން އެންމެ މަދުވެގެން 15 އިންސައްތައިގެ ދަށްކުރަން ޖެހޭނެއެވެ. އެހެންނޫނީ އެންމެ ފަހު ވަގުތު ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ގަޒްޕްރޯމުން ގޭސް ފޯރުކޮށްދޭން ފަށާފާނެ ކަމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް މޮސްކޯއިން އިޝާރާތް ކުރުމާގުޅިގެން މިވަގުތު ގޭހުގެ އަގު ކޮންމެވެސް ވަރަކަށް ދަށަށް އެބަދެއެވެ. އެހެންނަމަވެސް ޖީ 7 ގެ ވެރިންގެ ބައްދަލުވުމުގައި ރަޝިޔާގެ ހަކަތަ ވިއްކޭނެ އެންމެ މަތީ އަގެއް ކަނޑައެޅުމުގެ މަޝްވަރާތައް ފެށުމާއެކު ގަޒްޕްރޯމުން ބުނެފައިވަނީ ޔޫރަޕަށް ހަކަތަ ފޯރުކޮށް ދިނުމަށް ބޭނުންކުރާ ހޮޅި މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފައިވާ ކަމުގައެވެ. މި ޚަބަރާއެކު އަނެއްކާވެސް ގޭހުގެ އަގު މައްޗަށް ދާނެކަމަށާއި އިންޑަސްޓްރީ ތަކަށާއި ގޭބިސީތަކަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމުގައެވެ.                                  

ފިނިމޫސުން ފެށޭނީ އޮކްޓޮބަރު މަހުގައެވެ. މޫސުން ލަފާކުރާފަރާތްތަކުން ބުނާގޮތުގައި މިއަހަރު ފިނިމޫސުން އެހެން އަހަރުތަކަށް ވުރެން ހޫނުވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ޔޫރަޕްގައި މިހާރު ހުރި ގޭހުގެ ރިޒާވް ހުސްވެއްޖެނަމަ ދެން އުޅެންޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ސިޔާސީ ބޭފުޅުންގެ ދުޢާއަކަށްވަނީ ސްޕްރިންގ މޫސުން އަވަހަށް ފެށުމެވެ.                                                      

ހަކަތަ ލިބުން ދަތިވުމުން ޔޫރަޕަށް ދިމާވެފައިވާ އަނެއް މައްސަލައަކީސްޓެއިންލެސް ސްޓީލްގެ މިލްތައް ބަންދުކުރަން ޖެހުމެވެ. މިވަގުތު ދަބަރުނުޖަހާ ދަގަނޑު ޓަނެއްގެ އަގު އުޅެނީ އެކާވީސް ހާސް ޑޮލަރުގެ ތެރޭގައެވެ. ދަގަނޑު އުފައްދާ މިލްތަކާއި ގަންނަފަރާތްތަކުންވެސް މިހާރު ބަލަމުންގެންދަނީ މާރކެޓަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށެވެ. އޯގަސްޓް މަހުގެ ހޯދުންތަކުން ދައްކާގޮތުގައި ޔޫރަޕްގެ ކާރުޚާނާތައް ބަންދު ކުރަން މަޖުބޫރު ވެދާނެކަމަށް ބެލެވެއެވެ.  

ޔޫރަޕްގެ ދަބަރު ނުޖަހާ ދަގަނޑު އުފައްދާ ކާރުޚާނާތަކުގެ އުފެއްދުން ގެއްލުމުގައި ހިންގަން ޖެހިއްޖެނަމަ ވާނެ ގޮތަކާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބު މިހާރުވެސް އޮތީ ފެންނާށެވެ. އެއްގޮތަކީ އުފެއްދުން މަދުކުރުމެވެ. އަނެއްގޮތަކީ އެއްކޮށް ހުއްޓާލުމެވެ. ރައީސް ޕޫޓިންގެ ހަކަތަ ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގެ ސަބަބުން ޔޫރަޕްގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ. 

އިގްތިސާދީ ތަޖްރިބާކާރުންވެސް މިހާރު އިންތިޒާރު ކުރަމުންގެންދަނީ ފިނިމޫސުމުގައި މެދުވެރިވެދާނެ ދަތި އިނދަގޫ ޙާލަތަކާއި މެދުގައެވެ. މިހާރުވެސް ޔޫރަޕްގައި ތިންމިލިއަންޓަނުގެ ދަބަރު ނުޖަހާ ދަގަނޑު ވިއްކޭންގޮތެއް ނެތިފާ އެބަހުއްޓެވެ. ހަކަތައިގެ ބާޒާރުގައި އަގު އުފުލެމުންދާ މިންވަރަށް ބަލާއިރު ކާރުޚާނާތައް ހިންގަމުން ގެންދެވޭނެގޮތެއް އޮތްކަމަކަށް ނުފެނެއެވެ. އޯގަސްޓް މަހުގެ ކުރީކޮޅު ގެންކްގައި ހުންނަ ބެލްޖިއަން އަޕެރާމް މިލް ވަނީ ބަންދުކޮށްފައެވެ. އަދި ހަމައެކުންފުނީގެ ޗެޓްލެޓް މިލްގެ އުފެއްދުންވެސް ވަނީ މަދުކޮށްފައެވެ. ހަމައެއާއެކު ސްޕެއިންގެ އެކްރިނޮކްސްގެ އުފެއްދުނ މަދުކުރަން ޖެހުމުގެ ސަބަބުން އެކުންފުނީގައި މަސައްކަތްކުތާ 85 އިންސައްތަ މުއައްޒިފުން މަސައްކަތް ކުރަންޖެހޭ ގަޑި މަދުކޮށްފިއެވެ.                                                       

ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ގަބޫލުކުރައްވާ ގޮތުގައި ރަޝިޔާއިން މިހާރު ރާވަމުން އެގެންދަނީ ފިނިމޫސުމަށް އަމާޒުކޮށް ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ފިސާރި ވަރުގަދަ ގޮއްވާލުމެއް ތައްޔާރު ކުރުމަށެވެ. ނޯޑް ސްޓްރީމްގެ ހޮޅިވެސް ބަންދުކުރާނެއެވެ. މިކަންތައް ހައްލުކުރެވޭނެ އޮތީ ދެގޮތެކެވެ. ފުރަތަމަގޮތަކީ ފިސާރި ހަރުދަނާ އެކުވެރިކަމެއް އަހަރެމެންގެ މެދުގައި ރަޝިޔާއާއި ދެކޮޅަށް ގާއިމްކުރުމެވެ. ދެވަނަގޮތަކީ ރަޝިޔާގެ ހަކަތަ ވިއްކަމުންގެންދާ ގޮތްތައް ބަލައި އެކަންހުއްޓުވޭނެ އިތުރުގޮތްތައް ތަންފީޒު ކުރުމެވެ. 

ރަޝިޔާއަށް ލިބޭ އާމްދަނީ ހުއްޓުވުމެވެ. ރަޝިޔާއިން އަހަރެމެންނަށް ކޮށްފާނެ ޖެއްސުމަކަށްވުރެން މާ ގިނަ ޖެއްސުން އަހަރެމެންނަށް ކުރެވޭނެއެވެ. ރަޝިޔާގެ ބޭނުމަކީ ޔޫރަޕްގެ ގައުމުތަކުގެ އާންމު ދިރިއުޅުން ފުނޑު ފުނޑު ކޮށްލުމެވެ. މުޅި ޔޫރަޕް ބަލިކަށިކޮށްލުމެވެ. ހަނގުރާމަކޮށްގެން އެމީހުންގެ މަގްސަދު ހާސިލު ނުކުރެވިދާނެތީ މިހާރު އެ މަސައްކަތްކުރަނީ ހަކަތަ ހަތިޔާރަކަށް ބޭނުންކުރާށެވެ. މިސައިލުން ނުކުރެވުނު ކަންތަކުން ފަގީރުކަން އާންމުކުރުމާއި ސިޔާސީ މައިދާންތައް ހަލަބޮލިކޮށްލުމަށެވެ. މިކަން ވިޔަ ނުދިނުމަށްޓަކައި ޔޫރަޕްގެ ގައުމުތައް އެކަތިގަނޑަކަށްވެ އެކުވެރި ވާން އެބަޖެހެއެވެ. ރައީސް ޒެލެންސްކީގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.                   

ގަޒްޕްރޯމުން ނޯޑް ސްޓްރީމް ބަންދުކުރާނެކަން އިއުލާނު ކުރުމުން އެކަމަށް ރައްދު ދީ ޔޫރަޕިއަން ކޮމިޝަނުން ބުނީ މިއީވެސް ރަޝިޔާއަށް އިތުބާރުނުކުރެވޭނެކަމުގެ ދަލީލެއް ކަމުގައެވެ. އަދި ހަމައެއާއެކު ސީމެން ކުންފުނިންވެސް ބުނަމުންގެންދަނީ ނޯޑްސްޓްރީމްގެ ހޮޅިން ލީކްވަނީކަމަށްބުނެ ޔޫރަޕަށް ގޭސްފޯރުކޮށްދިނުން މެދުކަނޑާލުމަކީ ޓެކްނިކަލްގޮތުން ގަބޫލުކުރެވޭ ވާހަކައެއް ނޫންކަމުގައެވެ.                                      

ރަޝިޔާއިން ޔޫރަޕަށް ހަކަތަ ފޯރުކޮށްދިނުން މެދުކަނޑާލުމާގުޅިގެން އުފެދެމުންދާ ސިޔާސީ ހަލަބޮލިކަންވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އޭ. އެފް. ޕީ. އާ ވާހަކަދައްކަމުން އިޓަލީގެ ފާރ ރައިޓް ޕާރޓީގެ ލީޑަރު މައްޓޯ ސެލްވިނީ ގޮވާލެއްވީ ރަޝިޔާއާއި ދޭތެރޭ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށެވެ. އަހަރެމެންގެ ރައްޔިތުން މިތިބީ ހަކަތަ ނުލިބުމުގެ ބިރުވެރިކަމުގައި ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ހަކަތައަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް މިދަނީ އިތުރުވަމުންނެވެ. 

ރަޝިޔާއަކަށް ވާ ގެއްލުމެއް ނުފެނެއެވެ. ހަކަތައިގެ އަގުތައް އުޑާހަމަޔަށް އުފުލިގެންދިއުމުން އެކަމުގެ ބުރަ އުފުލަން މިޖެހެނީ ޔޫރަޕްގެ ރައްޔިތުންނަށެވެ. ޔޫކްރެއިނަށް ތާއީދުކޮށް ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުންވަންޏާ އެކަންކުރާށެވެ. އެކަމަކު އެކަމުގެ ސަބަބުން އަހަރެމެންގެ އިގްތިސޯދު ފުނޑި ރައްޔިތުން ބިކަވެގެން ގޮސްގެންނުވާނެއެވެ. އެންމެފުރަތަމަ އަހަރެމެންގެ އިގްތިސޯދާއި އަހަރެމެންގެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދޭށެވެ. ހަމަގައިމުވެސް ޔޫރަޕްގެ ލީޑަރުންނަށް މިއޮތީ ނުރަނގަޅު ނިންމުމެއް ނިންމިފައެވެ. އެ ނިންމުމުގެ ހުރިހާ ފައިދާއަކާއި މޮޅެއް އޮތީ ރަޝިޔާއަށެވެ. މިހާރުވެސް ޔޫރަޕް މިއޮތީ ކުޑަކަކޫ މައްޗަށް ތިރިކޮށްލުވައި ފައެވެ.                                         

ސިލްވިނީއަށް ރައްދުދެމުން ޑިމޮކްރެޓިކް ޕާރޓިގެ ލީޑަރ އެންރިކޯ ލެއްޓޯ މަލާމާތުގެ ގޮތުން ބުނަނީ އެވާހަކަތައް އަޑުއަހަން އިންއިރު ހީކުރެވުނީ ރައީސް ޕޫޓިން ވާހަކަދައްކަނީ ކަމަށެވެ. ހަމަ ގައިމުވެސް ޕޫޓިންއަށްވެސް އެއަށްވުރެން މޮޅަކަށް އެވާހަކައެއް ނުދެއްކޭއެވެ. އަދި އެވާހަކަތަކުން އަހަރެމެންނާއި ޔޫރަޕްގެ ގައުމުތަކާއެކު އޮތްގުޅުމަށްވެސް ނުރަނގަޅު އަސަރުކުރާނެ ކަމުގައެވެ.                                     

ހަކަތައިގެ މައްސަލާގައި ޗެކް ރިޕަބްލިކްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ސަރުކާރާ އިދިކޮޅަށް އަޑުއުފުލުން އިތުރު ވަމުންދާއިރު މުޒާހަރާގައި ބޭނުންކުރާ ލިއުންތަކާއި ޕްލަކާރޑްތަކުގައި “ މިއީ އަހަރެމެންގެ ހަނގުރާމައެއްނޫން ގައުމުގެ ބޮޑުވަޒީރު އެ އުޅެނީ އެމެރިކާނުން އަޅާކަހަލަ ތޮތްޕެއް އަޅައިގެން ޔޫކްރެއިންގެ ދިދައިގެ ކުލަތަކުން ގަމީހެއް ފަހައިގެން ނޭޓޯ ބްރޭންޑުގެ ޓައީ އެއް އަޅައިގެން..“ މިކަހަލަ ސަރުކާރާއި ދެކޮޅުވެރި އެތަކެއް ލިޔުންތައް މުޒަހަރާގެ ތެރޭގައި އިތުރުވަމުންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް