ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ބަދަލުދޭން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

ޕެންޝަން އޮފީހުގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމުގައި އަދާކުރެއްވި ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތަކާއި ހިލާފަށްކަމަށް ބުނެ އޭނާއަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން އަށް ބަދަލުދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަންގާފައިވަނީ އޭނާ ޕެންޝަން އޮފީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އޭނާ އެ މައްސަލަ ޓްރައިބިއުނަލަށް ލުމުން މައްސަލަ ބެލުމަށް ފަހުއެވެ.

ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ ޖޯން މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ،  215،880 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް ޖޯން ވަޒީފާއިން ވަކިކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޕެންޝަން އޮފީހުން އޭރު ބުނިގޮތުގައި ޖޯން ވަޒީފާއިން ވަކިކުރީ ސުލޫކީ މިންގަނޑާ ހިލާފުވުމުންކަމަށެވެ.  
ވަޒީފާއިން ވަކިކުރި މައްސަލަ ޖޯން ހުށަހެޅިއިރު އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އިންޒާރަކާ ނުލައެވެ.  އެހެންކަމުން އޭނާ އެދިފައިވަނީ ވަޒީފާ ރުޖޫއަ ކުރުމަށާއި ހަ މަސް ދުވަހަށް ވާ މުސާރަ ނަގައިދނުމަށެވެ.

މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން މައްސަލަ ނިންމީ ޖޯން މަގާމުން ވަކިކުރީ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށްވާތީ، އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، އޭނާ އެ ވަޒީފާގައި ހުރިއިރު އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރު ނުވަތަ 215،880 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޕެންޝަން އޮފީހުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.

ޖޯން އަކީ ޕެންޝަން އޮފީހުގެ ސީއީއޯ އަކަށް އައްޔަންކުރި ފުރަމަތަމަ ބިދޭސީ އެވެ. ޖޯން މަގާމަށް އައްޔަންކޮށް އެކަން ޕެންޝަން އޮފީހުން އިއުލާންކުރީ 2020 އަހަރުގެ ޑިސެމްބަރުމަހުގައެވެ. އޭރު ޕެންޝަން އޮފީހުން ބުނީ  ޖޯން ގްރިންޑަލް އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށެވެ. އޭނާ އަށް އެ މަގާމު ހަވާލުކުރެއްވި އިރު ޕެންޝަން އޮފީހުން ބުނެފައިވަނީ ޖޯން އަދާކުރައްވާފައިވާ މަތީ ފެންވަރުގެ މަގާމުތަކުގެ ތެރޭގައި މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ވަގުތީ ޗީފް އެކްޗުއަރީގެ މަގާމާއި ލޮއިޑްސް ބޭންކިން ގްރޫޕްގެ ސީނިއަ އެކްޗުއަރީގެ މަގާމުގެ އިތުރުން މޯލްޓާގެ ކޮމްޕެރާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް ހިމެނެ އެވެ.
އޭނާއަކީ ފަންޑުތައް ބެލެހެއްޓުމާއި ތަފާސްހިސާބާއި ރިސްކް މޮޑެލިންގެ ތަޖުރިބާކާރެއް ކަމަށް ވެސް ޕެންޝަން އޮފީހުން އޭރު ބުނެފައި ވެއެވެ.

Loading

One Response

  1. މިފަދަ ކަންކަމުގައި އޮތީދެގޮތެވެ. އެއީ ތަންދޮރުނޭގޭ ގަމާރުން ދައުލަތް ހިންގަން ހަވާލުވީމާ ގާނޫނެއް ގަވައިދެއް ނުދަންނާނެއެވެ. ދަންނަމީހުންވެސް ވިދާޅުވީމާ ކޮންމެކަމެއްވެސް ކުރެވިދާނޭ ދަންނަވާނެއެވެ. އެހެނީ ދައުލަތުގެ ޚަޒާނާއިން އެގޮތަށް ޚިޔާނާތްތެރި ވުމަކީ އެފަދަ މީހުން ދެކެގޮތުގައި ”މަށަށް ކީއްތަ“ ؟ އަނެއްގޮތަކީ ރާވައިގެން ހަމަ ބަދަލުދިނުމަށްޓަކައި ގާނޫނާއި ގަވާއިދާ ޚިލާފަށް އެފަދަ ޖަރީމާ ހިންގާލަނީއެވެ. ރައްޔަތުންގެ ޖީބު ކެނޑުމަކީ ދަށުޖަރަޖައިގެ ލީޑަރުން މާބޮޑު ކަމެއް ނޫނެވެ. ދެގޮތުންވެސް ވެރިކަނުގައި ބޭބަޔަކަށާއި އޭނަޔަށް ލަފާދޭ މީހަކަށްވާ ގެއްލުމެއްނެތެވެ. ރިކަވަރީކަމިޝަންވެސް އުވާލައި ނޫނީ އޭސީސީ ޕެރަލައިސްކޮށްލާފައިވެސް އެމީހުން ބޯދަމައިގަނެވެ. މިއީ ގޭންގުތަކަކުން ގައުމު ހިންގުންކަލަ ނުލަފާގޮތެކެވެ. ރައްޔަތުންނަށް ބޮޑުވަރިހަމަވީމާ އޯކޭ ތާއެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް