އަހަރެން ފެނިއްޖެނަމަ ކަލޭމެން ދެން ރޯން ފަށާށެވެ! 

Loading

Facebook
Twitter
WhatsApp


މަތީގައިވާ ސުރުޚީން ކިއުންތެރިންގެ ހިތުގައި ހަމަގައިމުވެސް ތަފާތު ޝުއޫރުތަކެއް އުފައްދާނެއެވެ. ސަބަބުތަކަކާ ހުރެއެވެ. އަޅުގަނޑުމެންނަށް އެކަންތައްތަކުގެ ތަފްސީލު ހާމަކޮށް ނުދެވިދާނެއެވެ. އެކަމަކު ބައިނަލް އަގްވާމީ މީޑިއާ ގައި ހާމަކޮށްފައިވާ މައުލޫމާތު ތަކުގެތެރެއިން ކޮންމެވެސްމިންވަރެއް ކިއުންތެރިންނަށް ގެނެސްދެވޭތޯ ބަލާނަމެވެ.                                             

ސުރުޚީގައި އެވަނީ ޔޫރަޕަށް މެދުވެރިވެފައިވާ ހަނަފަސް ކަމާހުރެ ކޯރުތަކާއި ކަނޑުފަޅުގެ ލޮނުގަނޑު ހިނދުމުގެ ސަބަބުން ކަނޑުގެ އަޑިގައިހުރި އެއްޗެހި ފެނުނުއިރު ހާމަވެގެންދާ ހަގީގަތް ތަކެކެވެ. ކަނޑުގެ އަޑީގައިހުރި ބައެއް ގާ ތަކުގައްޔާއި އަދި ބައެއް އާސާރީ ތަކެތީގައި ބިންވަޅުކަނޑައި ލިއެފައިވާ ލިއުންތަކެވެ. މިއިން ހާމަކޮށްދޭގޮތުންބިރުވެރިކަން އިންސާނިއްޔަތަށް އަންގައި ދިނުމަށް އެކަންކުރި ބަޔަކު ބޭނުންވެފާ އޮތްލެއް ބޮޑުކަމެވެ. 

އެތަކެތި ކަނޑުގެ އަޑީގައި ބަހައްޓާފައިހުރީ ކޮން ޒަމާނެއްގައި ކޮން ސިވިލައިޒޭޝަނެއްގައި ކަމެއް ނޭގެއެވެ. ޖައްވު ހޫނުވުމާއި ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާވާހަކައަކީ ސައެންސްވެރިންގެ ދުލަށް އެންމެ ބާރުލާފައި ދައްކަމުންގެންދާ ވާހަކައެވެ. 

އެވާހަކައަށް ރައްދު ދެވޭނެ އިލްމީ ފެންވަރެއް މި ލިޔުންތެރިއާގެކިބައިގާނެތެވެ. އެހެންނަމަވެސް ފެންނަ މަންޒަރުތަކުން ހާމަވެގެންދާ ހަގީގަތަކީ ދުނިޔޭގެ ބަނދަރުތައް އަބަދުވެސް ފުންކުރަން ކޮންނަމުން ގެންދާކަމެވެ. ދުވަހަކުވެސް ބަނދަރެއް ފުންވެގެން ތިލަކުރަން އުޅުނު ވާހަކަ އަޑެއް ނާހަމެވެ. ކޮންމެއަކަސް ކުއްލިއަކަށް 2022 ވަނައަހަރު ޔޫރަޕްގެ ކަނޑުތަކުގެ އައްސޭރިފަށުގައި އެތައްމީޓަރެއްގެ އަޑިގައިހުރި އެއްޗެތި ފެންނަވަރަށް ކަނޑުތައް އަދި ކޯރުތައް ތިލަވެގެން މިދަޔައީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. 

ސައިންސްވެރިންގެ ކިބައިގާވެސް އަދި މިކަމަށް ޖަވާބެއް ނެތެވެ. ހަމައެހެންމެ ސައެންސް ވެރިންގެ ފަރާތުންވެސް ބުއްދި ގަބޫލުކުރާފަދަ ޖަވާބެއް ލިބިދާނެކަމާމެދު މިހާރު ޝައްކެވެ. މިހާރުވެސް ބުނަމުން އެ ގެންދަނީ މިއީ ޖައްވު ހޫނުވުމުގެ ސަބަބުން މެދުވެރިވާ ގޮތެއް ކަމަށެވެ. ހަމަ އެ އަނގަތަކުން ތަކުރާރުކޮށް ބުނަމުން އިންޒާރު ދެމުން އައީ ޖައްވު ހޫނުވުމުގެ ސަބަބުން ކަނޑުތަކުގެ ލޮނުގަނޑު އުފުލެމުންދާ ވާހަކައެވެ.   

ކޮންމެއަކަސް ޔޫރަޕޭ މިކިޔާ ބައްރުގެ ތިންބައި ކުޅަ ދެބަޔަށް މިހާރުވަނީ ހަނަފަސްކަން އާންމުވަފައެވެ. ޔޫރަޕިއަން ކޮމިޝަނުން އިންޒާރު ދެމުން ގެންދަނީ މިފަދަ ހަނަފަސް ކަމެއް ވޭތުވެދިޔަ 500 އަހަރުދުވަހުގައިވެސް މެދުވެރި ވެފައި ނުވާކަމަށެވެ. 

މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި ޔޫރަޕްގެ ބިމުގެ 47 އިންސައްތައިގާ ފެނުގެ ތެތްކަން ވަނީ ފާހަގަކުރެވޭވަރަށް އުނިވެފައެވެ. އަދި ބިމުގެ އިތުރު 17 އިން ސައްތައިގާ ދަނޑުގޮވާން ކުރެވޭނެގޮތެއް ނެތެވެ. ޔޫރަޕިއަން ޔުނިއަންގެ ރިސާރޗް ކޮމިޝަނަރ ވިދާޅުވެފައިވަނީ މިހާރު މެދުވެރިވެފައިމިވާ ގަދަ ހޫނުގެ ސަބަބުން ހިތަށްވެސް ނުގެނެވޭ މިންވަރަކަށް މުޅި ޔޫރަޕްގައި ފެން މަދުވަމުން ދާކަމުގައެވެ.

ޖަރުމަނާއި ފްރާންސުގެ ކޯރުތަކުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދި ކޯރުތަކުގެ އައްސޭރިފަށް އެއްކޮށް މިވަނީ ހިކިފައެވެ. ޖަރުމަނުގައި ބޯޓުފަހަރުގެ ދަތުރުފަތުރު ކުރުމުގައި އެންމެ ބޮޑަށް ބޭނުންކުރެވެމުންދާ ރައިން ކޯރުގެ ބޮޑުބައެއް އެއްކޮށް ހިކިފައިވާތީ މިހާރު އެކޯރުން ދަތުރުފަތުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ މެދުވެރިވެފައެވެ.         

ޔޫރަޕްގެ ސަރަހައްދަށް މެދުވެރިވެފައިވާ ހަނަފަސްކަމުގެ އިތުރަށް ގަދަ ހޫނުގެ ސަބަބުން ގެރިބަކަރީގެ ދިރިހުރުމަށް ބޮޑެތި މައްސަލަތައް މެދުވެރިވެ ދަނޑުގޮވާމުން އުފެއްދޭ ބާވަތްތައް އާންމުކޮށް އުފެއްދޭ ވަރަށްވުރެން 16 އިން ސައްތަ ދަށްވެއްޖެއެވެ. މިއަހަރު ފެށުނީއްސުރެން މެދުވެރިވަމުން އަންނަން ފެށި މިހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ. އަދި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށަށް  ނިސްބަތްކުރެވޭ ގައުމުތަކަށް މި ހޫނުކަން ނޮވެމްބަރު މަހާހަމަޔަށް ދެމިގެންދާނެ ކަމަށްވެސް ބެލެވެއެވެ.                                   

ޔޫރަޕަށް މެދުވެރިވެފައިވާ ހަނަފަސްކަމުގެ ތެރޭގައި ފާހަގަކުރެވޭ އެންމެ ބިރުވެރި ކަމަކީ އެއީ ކޮންޒަމާނެއްގައި ހިނގައިވާ ކަމެއްކަން ނޭގޭ އެހެނަސް އިންސާނިއްޔަތަށް އިންޒާރު ދިނުމުގެ ގޮތުން ކޯރުތަކުގެ އަޑީގައި  ބަހައްޓާފައިހުރި އިންޒާރުގެ ނިޝާންތަކަކާއި ގާތަކެވެ. އެ ނިޝާންތަކާއި ގާތައް އެއީ ކޯރުގެ އަޑިއަށް ފައްތާފައިހުރި އެއްޗެހިތަކެއް ނޫނެވެ. އެ ޒަމާނުގައި ކޯރުތަކުގެ ފެން ހިނދިފައިވާތީ ތަޖްރިބާ ކުރަންޖެހުނު ތަކްލީފްތައް އަންނަންއޮތް ޖީލުތަކަށް އޮޅުންފިލުވާ ދިނުމަށްޓަކައި ބަހައްޓާފައިހުރި އެއްޗެހިތަކެއްކަން ކަށަވަރު ކުރެވެއެވެ. ޗެކް ރިޕަބްލިކުން ފެނުނު އިންޒާރެއްގައި ”އަހަރެން ފެނިއްޖެނަމަ ކަލޭމެން ދެން ރޯށެވެ“ މިފަދަ އިބާރާތްތައް ހިމެނެއެވެ. ބެލެވޭގޮތުގައި އެއީ 15 ވަނަ ގަރުނަށް ނިސްބަތްކުރެވޭ ލިއުންތަކެކެވެ.                   

އޯގަސްޓް މަސް ފެށުނު ހިސާބުން ފަރަންސޭސިވިލާތުގެ 100 ވަރަކަށް މުނިސިޕަލް ސަރަހައްދަށް ފެނެއް ނުލިބެއެވެ. ފެންޕައިޕްލައިން ވަނީ އެއްކޮށް ހުސްވެފައިކަމަށް ކަމާބެހޭ ވަޒީރު ވިދާޅުވިއެވެ. ފަރަންސޭސި ސަރުކާރުން ހާމަކުރާގޮތުގައި މި ވަރުގެ ހަނަފަސްކަމެއްގެ ވާހަކަ ތާރީޚުންވެސް އެނގޭކަށްނެތެވެ.   

އިނގިރޭސިވިލާތުގެ ތޭމްސްކޯރުގެ ފެންގަނޑުވެސް ވޭތުވެދިޔަ 17 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ނުހިނދޭވަރަށް މިހާރުވަނީ ހިނދިފައެވެ. އިނގިރޭސި ވިލާތުންވެސް ފެނަށް ޖެހުމުގެ ސަބަބުން ފެންހޮޅި ބޭނުންކޮށްގެން ގަސްގަހަށް ފެންދިނުމާއި ހަތަރުފުރޮޅުލީ އުޅަނދުފަހަރު ދޮވުންފަދަ ގިނައިން ފެން ބޭނުންކުރެވޭ ކަންތައްތައް މިހާރު ވަނީ މަނާކޮށްފައެވެ.

އަދި މެދުވެރިވެފައިވާ ގަދަހޫނުގެ ސަބަބުން ގޮތްނޭންގޭ އަލިފާނުގެ ހާދިސާތައް މެދުވެރި ވުމުންވެސް ވަނީ އިތުރު ބިރުވެރިކަމެއް ގެނުވާފައެވެ. މިފަދަ ގަނަހޫނުތަކުގެ ބިރުވެރިކަން 2100 ވަނައަހަރާ ހަމަޔަށް ދާއިރު ތިންގުނަ އިތުރވާނެކަމަށް ސައެންސުގެ ހޯދުންތަކުން ލަފާކުރެއެވެ.      

  
ފާއިތުވެގެން މިދާ ދެމަހެއްހާ ދުވަހު ޗައިނާގެ ސިޗުއާން ސަރަހައްދަށްވެސް ހަމަމިފަދަ ގަދަ ހޫނެއް ވަނީ މެދުވެރިވެފައެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓު ކަނޑާލަން ޖެހުމާއި ޓޮޔޯޓާ ފަދަ ބޮޑެތި ކުންފުނިތަކުގެމަސައްކަތަށްވެސް ވަނީ ހުރަސްތަކެއް މެދުވެރި ވެފައެވެ. މި ގަދަ ހޫނުން ސަލާމަތް ވުމަށްޓަކައި ޗައިނާއިން ވާރޭ ވިލާ އުފެއްދުމުގެ ބޭނުމުގައި މިދިޔަ ބުރާސްފަތި ދުވަހު ބިޔަ ދެ ޑްރޯން އުދުއްސާލާފައި ވެއެވެ. މި ދެ ޑްރޯނުން ދެހާސް މޭލަށްވުރެން ބޮޑު ސަރަހައްދެއް ކަވަރު ކުރާނެއެވެ



   ޕާކިސްތާނުގައި 33 މިލިއަން މީހުން ޙާލުގައިޖެހިފާ:

ދުނިޔޭގެ ބައެއް ކަންކޮޅުތަކަށް މިފަދަ ގަދަ ހޫނެއް ފެތުރިފައިވާއިރު އަޅުގަނޑުމެންގެ އަވަށްޓެރި ޕާކިސްތާނުގައި މޫސުމީ ވިއްސާރައިގެ ސަބަބުން ހާހަކަށްވުރެން ގިނަ މީހުން މަރުވެ ތިން މިލިއަން މީހުން ހާލުގައި ޖެހިއްޖެއެވެ. އޭގެ ތެރެއިން ދެ ލައްކައެއްހާމީހުންނަށް ވީނުވީއެއް ނޭގެއެވެ. ޕާކިސްތާނުން މިހާރު ގެންދަނީ ބައިނަލް އަގްވާމީ އެހީއަށް އެދެމުންނެވެ. ވީމާ ދުނިޔޭއަށް އަންނަ މިނުރައްކާތެރި ބަދަލުތަކާއި މެދު ވިސްނާ ފިކުރުކުރަން ޖެހޭނެއެވެ.                                                     

Loading

One Response

  1. މާޒީގެ ތާރީޚުގައި ޔޫރަޕްގައިވެސް އިންސާނިއްޔަތަށް ނިހާޔަތުގެ ބިރުވެރިކަން ގެނެސްދިން އެތައް ހާދިސާއެއް މެދުވެރިކުރުވާފައި އެބަހުރިކަން ތާރީޚުން ކަށަވަރު ކޮށްދެއެވެ. ނަމަވެސް އެ ސިވިލައިޒޭޝަންތަކުގެ ވާހަކަ ބާއްވާފައި މިހާރު ދައްކަންބޭނުންވަނީ އަނެއްކާވެސް ކޮންމެވެސް ގައުމުެއް ފުޑާލާނެގޮތުގެ ވާހަކައެވެ. އޭރުވެސް ކަންތައް ކުރީ އެގޮތަށެވެ. މީގެ އަހަރުތަކެއް ފަހުން ދުނިޔޭގައި ދިރިއުޅޭ ބަޔަކު މިއަދުގެ ޙާލަތުން ފިލާވަޅު ލިބިގަންނާނެއެވެ. ހީރޯޝީމާ އާއި ނާގަސާކީއެވެ. އިރާގައި އަފްގާނިސްތާނެވެ. ފަހަރެއްގައި މިހާރު ފެންނަމުންދާ އާސާރީ ތަންތަނުން ފެންނަ ބިރުވެރިކަން ގެނުވި ބަޔަކު ފޮރުވިފައި އޮތް ފަދައިން މިހާރުގެ ތާރީޚުވެސް ނޭނެގުމުގެ ކަނޑަށް ގަންބާލާފައިވެސް ބާއްވާފާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް