ތެލުގެ މުއްސަނދިކަން ދެން ސަޢޫދީން ބޭކާރެއް ނުކުރާނެ     

Loading

Facebook
Twitter
WhatsApp

ޔޫރަޕްގައި މިހާރު ގޭހުގެ އަގު އުޅެނީ ތެލުގެ ނިސްބަތުން 410 އެމެރިކާ ޑޮލަރަށް ފީފާއެކެވެ.              

ސައޫދީ އެރޭބިޔާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ މިއަހަރުގެ ދެވަނަ ތިންމަސްދުވަހުގެ ފައިދާ 48.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. 

ބުލޫމްބާރގުން ބުނާގޮތުގައި މިއީ ތިން މަސްދުވަހެއްގައި ދުނިޔޭގެ އެއްވެސް ކުންފުންޏަކަށް މިހާތަނަށް ތެލުގެ ވިޔާފާރީގައި ޙާސިލުކުރެވުނު ލަނޑު ދަނޑިއެއް ނޫނެވެ. މިހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ދުއްތުރާ ތަކުގެ ސަބަބުން ރަޝިޔާގެ ހަކަތަ ވިއްކުމަށް އެޅިފައިވާ ހުރަސްތަކާއި އަދި ތެލުގެ އަގުވެސް މައްޗަށް ދިއުމުންނެވެ.                    

ސަޢޫދީ އެރޭބިޔާއަށް ތެލުން ލިބެމުންދާ ފައިދާއިން ގައުމުގެ އިގްތިސާދު ފުޅާކުރުމުގެ މަގްސަދުގައި  މިހާރު އެހެން އިންޑަސްޓްރީ ތަކަށްވެސް އިންވެސްޓް ކުރަމުން އެބަ ގެންދެއެވެ. ދުނިޔެއަކީ ސާފު ހަކަތަ ބޭނުންކުރެވޭ ތަނަކަށް ހެދުމަށްޓާކައި ކުރެވެމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާއަކާ ހަމަޔަށް ދާއިރުވެސް ސަޢޫދީ އެރޭބިޔާއިން ބޭނުންވަނީމިއަދެކޭވެސް އެއފަދައިން އެންމެ މަތީ މަގާމުގައި ދެމި ތިބުމަށެވެ.                       

އަރާމްކޯގެ ސީ.އީ.އޯ އަމީން ނާސިރު ވިދާޅުވެފައިވަނީ ދުނިޔޭގެ ހަކަތައިގެމާރކެޓާއި އިގްތިސާދަށް މެދުވެރިވަމުންދާ ބުނަންނޭގޭ ގޮތްތަކަކާއިސަބަބުތަކަކާހުރެ އަހަރެމެންގެ އިންވެސްޓްމެންޓް ތަކަކީ ސާފު ހަކަތައަކަށް ދުނިޔެ ބަދަލުވަމުން ދާ މަރުޙަލާގައިވެސް ދުނިޔޭގެ ބާޒާރުގައި ހަކަތަ ފޯރުކޮށްދިނުން އެއްހަމައެއްގައި ހިފޭއްޓުން ކަށަވަރު ކުރުމުގެގޮތުން ރަނގަޅު ބިންގަލެއްގެ މައްޗަށް ރޭވިގެންދާ މަޝްރޫއު ތަކެއް ކަމުގައެވެ.ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ދުނިޔޭގެ އިގްތިސާދަށް އަޔަސް ކުރިއަށްއޮތް ދިހަވަރަކަށް އަހަރު ދުވަހުވެސް ތެލުގެ މައްޗަށް ބަރޯސާވުންއަދި ކުޑައެއް ނުވާނެއެވެ.                                        

ތެލުގެ ބަޒާރަށް މިއައި ބޮޑު ބަދަލުގެ ސަބަބުން ބޮޑެތި ފައިދާތައް ލިބުނު އެހެން ކުންފުނިތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެކްސޯން އާއި ބީޕީ ފަދަ ކުންފުނިތައްވެސް ހިމެނެއެވެ. ހަކަތައިގެ ބާޒާރަށް މިއައި އަގުބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ތަކްލީފުތަކަށް ލުޔެއް ހޯދާދިނުމުގެ ނަމުގައި ބައެއް ސަރުކާރުތަކުން ހަކަތަ ފޯރުކޮށްދޭ ކުންފުނިތަކުން އިތުރު ޓެކްސް ނެގުމުގެ ނިޒާމެއްވެސް ތައާރުފް ކޮށްފިއެވެ. ޔުނައިޓެޑް ކިންގްޑަމްގައި ހަކަތައިގެ އަގުބޮޑުކުރުމުން ހަކަތަ ފޯރުކޮށްދޭ ކުންފުނިތަކުން 5 ބިލިއަން އެމެރިކާ ޑޮލަރުގެ ޓެކްސް ދައްކަން ޖެހޭނެއެވެ.                                                     

ސަޢޫދީ އެރޭބިޔާއަށް ތެލުންލިބޭ އާމްދަނީން އެހެން އިންޑަސްޓްރީތަކަށްވެސް އިންވެސްޓް ކުރެވެމުން ދާއިރު މިހާތަނަށް ރިއަލް އިސްޓޭޓް އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ. ދާދި ފަހުން އަލްމަޖީދިއްޔާ ރެޒިޑެންސްގެ ނަމުގައި ތަޢާރުފްކުރެވުނު 300 ރިޔާޒް ކޮމްޕްލެކްސް އިމާރާތްތައް މަސްދުވަހުގެ ތެރޭގައި އެއްކޮށް ވިކި ހުސްވެއްޖެއެވެ.

ކޮންމެ އިމާރާތެއްގަ އަގަކީ  ގާތަގަނޑަކަށް ދެލައްކަ ހަތްދިހަހާސް އެމެރިކާ ޑޮލަރެވެ. ސައޫދީ އެރޭބިޔާގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ނަށްވެސް އިމާރާތް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލަދީފައެވެ. 2015 ގައި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނުގެ އަތްމައްޗަށް ސައޫދީ އެރޭބިޔާގެ ބާރުތައް އައުމާއެކު އޭގެކުރިންއެގައުމުގައި ހިންގަމުންދިޔަ ބައެއް ކުރީގެ ގާނޫނުތަކަށް ބަދަލު ގެންނަވާފައިވެއެވެ. 

އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން އިޖްތިމާއީ ކަންކަމުގައި އެކުގައި ޙަރަކާތްތެރިވުން ހުއްދަ ކުރެއްވުމާއި އަންހެނުންނަށްވެސް އެއްގަމު އުޅަނދުފަހަރު ދުއްވުން ހުއްދަކުރެއްވުމާއި  ގޯތި ގެދޮރު ގަނެ މިލްކުކުރުމާއި ކުއްޔަށްދިނުމާއި އަދި ތަފްރީޙުގެ ( އެންޓަރޓެއިންމެންޓް ) ޙަރަކާތް ތަކުގައި ބައިވެރިވުންވެސް ވަނީ ހުއްދަ ކުރައްވާފައެވެ. 

ސަޢޫދީ އެރޭބިޔާގައި މިހާރު އަންހެނުން ވަޒީފާ އަދާ ކުރުމަކީ ހުއްދަކަމެކެވެ. އަލް މަޖީދިއްޔާ މިލްކިއްޔާތު ތަކުގައިވެސް ތިރީސް އިންސައްތަ އިންވެސްޓަރުންނަކީ އަންހެން ހިއްސާދާރުންނެވެ.     

މިއަހަރުގެ ދެވަނަ ތިންމަސަދުވަހުގެ ތެރޭގައި ސަޢޫދީ އެރޭބިޔާގެ ޖީ.ޑި.ޕީ. 11.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު ތެލާ ނުބެހޭއިގްތިސާދުވެސް 5.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. ސަޢޫދީގެ އިގްތިސާދު ތަފާތު މަރުޙަލާތަކަށް ފުޅާކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް މުޙައްމަދު ގެންދަވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ. 

ހަމައެއާއެކު ރިޔާޒުގައި އިތުރު ޝޮޕިންގމޯލް ތަކާއި ޕާރކްތައް ހެދުމުގެ މަޝްރޫއުވެސް އެބަ ކުރިއަށް ގެންދަވައެވެ. ޚާއްސަހޮތެއްގައި ރެޑްސީގެ ގޮނޑުދޮށުގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ޓްއަރިސްޓް ސިޓީ ފާހަގަކޮށްލެވެއެވެ.                                      

މިދިޔަ ޖޫންމަހު ސަޢޫދީ އެރޭބިޔާގެ ބަޖެޓްގެ އަރަނި ހުރީ 15 ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި އެއަދަދު މިއަހަރު ނިމޭއިރު 80 ބިލިއަނަށް އަރާނެކަމަށް ބެލެވެއެވެ. ސައޫދީ އެރޭބިޔާގެ މާލީ ވަޒީރު މުޙައްމަދު އަލް ޖަދާން ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި އަހަރެމެންނަށް ވަނީ ވަރަށް ބޮޑު ޅައެއްޗެއް އެޅިފައެވެ. އެއީ ތެލުން ގިނަ ފައިސާ ލިބެމުންދާނަމަ ޚަރަދުތައްވެސް ގިނައިން ކުރަނީއެވެ. ނަތީޖާއަކަށްވާނީ ތެޔޮ ލިބުން ހުއްޓިއްޖެނަމަ އަހަރެމެން ތިބެން ޖެހިދާނެ ޙާލަތަކާމެދު ވިސްނިފައެއް ނެތެވެ. 

އެހެންނަމަވެސް މިހާރު މިގެންދަނީ ތެލުންލިބޭ ފައިސާއިން އިތުރު މަޝްރޫއުތަކަށް އިންވެސްޓް ކުރަމުންނެވެ. އަދި ތެޔޮ ލިބެންނެތްދުވަހަކުންވެސް ސަޢޫދީ އަރޭބިޔާގެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެވޭނެ ފަދަ އިންޑަސްޓްރީ ތަކެއް އުފެއްދުމަކީ މިއަދު ސަޢޫދީގެ އަމާޒެވެ.            

Loading

One Response

  1. ބޭކާރު ނުކޮށް 50 ޕރިންސަސް އަށް ނުބަހާ ސަޢުދީގެ ކުރިއެރުމާއި. ސަޢޫދީގެ ރައްޔަތުނގެ ލާބޔާ މަންފައަށް އަދި އިސްލާމީ އުންމަތަށް ކުރިއެރުން ހޯދަން އިންވެސްޓް ކުރައްވަންޏާ ވަރަށް ރަނގަޅެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން މުޙައްމަދަށާއި ސަޢޫދީގެ އެންމެނަށް ލިބޭށިއެވެ. އާމީން!

Leave a Reply to މުޙައްމަދު މޫސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް