އެއްވެސް ނިޒާމަކުން ފައިދާއެއް ނެތް! 

Loading

Facebook
Twitter
WhatsApp


އަޅުގަނޑުމެން ހޭވެރިކަން ވީއްސުރެ ސަރުކާރު   ހިންގަމުން އައީ ޔުނިޓްރީ ނިޒާމަކުން ނެވެ.  ވެރިކަން ކުރަން އިސްލާމް ދީނާއިއެންމެގާތް ނިޒާމަކީ ޔުނިޓްރީ ނިޒާމްކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. ވެރިކަން ކުރައްވާ ބޭފުޅެއްގެ ކިބައިގާ އިޚުލާސްތެރިކަން ނެތީ ވިއްޔާ ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންނަށާއިގައުމަށް ވާނެ ފައިދާ އެއް ނުއޮންނާނެކަން ޔަގީނެވެ.

      ޔުނިޓްރީ ނިޒާމަކީ 3 ބާރު އެއްވެފައި އޮންނަ ނިޒާމެކެވެ. މި ނިޒާމުގައި ދައުލަތް ހިންގާނީ ވަލިއްޔުލް އަމްރެވެ. ޢަދުލުއިންޞާފު ގާއިމް ކުރުމުގައިވެސް އެންމެ އިސް ފަރާތަކީ ވަލިއްޔުލް އަމްރު އެވެ. ދައުލަތުގެ ކަންކަން ނިންމެވުމަށްޓަކާ މުސްތަގިއްލު ކޮމިޝަން ތަކެއް އެކުލަވާލެވި އެ ކޮމިޝަން ތަކަށް ބޭފުޅުޅުން ކަނޑައަޅުއްވާނީ މަޝްވަރާ މަޖިލިސް ނުވަތަ ރައްޔިތުން ހޮއްވަވާފައި ތިބޭ މަންދޫބުންގެ ތާއިދު އޮންނަ ގޮތެއްގެ މަތީންނެވެ.

މިދެންނެވި މަޖިލިސް ތަކުން ކަންކަން ފާސް ކުރަން ޖެހޭނީ އަޣުލަބިއްޔަތުންނެވެ. އެއްވެސް މަޖިލީހަކަށް ނުވަތަ ކޮމިޝަނަކަށް ސިޔާސީ ނުފޫޒެއް ފޯރުވިގެން ނުވާނެއެވެ. ނަމަވެސް ފެނިގެން ދަނީ މުޅީންވެސް އިދިކީއްޔަށެވެ.

 ކަން މިހެން އޮންނަން ޖެހޭއިރު މަގާމުތަކަށް ހޮވާ ފަރާތްތަކާއިއައްޔަނު ކުރެވޭ ފަރާތްތަކުން ރިޝްވަތު ނަގައި ވަކިފަރާތެއް ރުއްސުމަށްޓަކާ ގާނޫނުތަކާ ގަވާޢިދުތައް ހަދާ މަޖިލީހާއި ކޮމިޝަން ތަކުން އިސްލާމީ އުޞޫލްތައް ދޫކޮށް ވަކިފަރާތަކަށް ޖެހި ބޭއިންޞާފުން ކަން ކަން ނިންމަމުން ދާހާ ހިނދަކު ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންނަށް ވާނެ ފައިދާއެއް ހަމަ ނޯންނާނެއެވެ.

 ރާއްޖޭގައި ޔުނިޓްރީ ނިޒާމެއް އޮތުމެކޭ ރިޔާސީ ނިޒާމަކަށް ބަދަލުވުމެކޭ ޖެހުނީ ދާދި އެއްތާކުއެވެ. ހަމަ އެހެންމެ ބަރުލަމާނީ ނިޒާމެއް އޮތަސް އެ ނިޒާމް ރައްޔިތުންނަށް ތަމްސީލު ކުރައްވާ ފަރާތްތަކުގެ އިޚުލާޞް ތެރިކަމެއް ނެތީވިއްޔާ ނިޒާމަކުން ވާނެ ފައިދާއެއް ޔަގީނުންވެސް ނޯންނާނެއެވެ.

 ރިޔާސީ ނިޒާމަކީ 3 ބާރު ވަކިން މަސައްކަތް ކުރާގޮތަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ. އެއީ ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާބާރާއި ޢަދުލު އިންޞާފުގެ ބާރެވެ. މިބާރުތަކުގެ ވެރީންނަކީ މުސްތަގިއްލު ވެރިން ކަމަށް ކަނޑައެޅިފައި އޮންނަނީ ގާނޫނު އަސާސީ ގައެވެ. އެހެނަސް އެބޭފުޅުން ނުވިކި ވަކި އަތަކަށް ނުޖެހި ކަންކަން ނިމިގެން ދާތަން ރައްޔިތުންނަށް ފެންނަ ދުވަހެއް ނާދެއެވެ. އަދި އަމުދުން އިސްލާމް ދީން ރާއްޖޭގައި ދިފާއުކޮށް ރައްކާތެރިކުރުމުގެ ނަމުގައި ސިޔާސީ ޕާޓީ ހައްދަވައިގެން އުޅުއްވާ މީހުންގެ ޙާލަކީވެސް ހަކުރު ދެންޏާއި ބޮޑުބޭބެ ކަމުގައިވުމުންނެވެ.އެހެނީ އެބައިމީހުންވެސް ބައިވެރިވެގެން އެއިރެއްގައި ވެރިކަމުގައި ހުންނަވާ ވަލިއްޔުލް އަމްރެއްގެ ވެރިކަން ދެމެހެއްޓުމަށް ޙައްގެއް ބާތިލެއް، ދޮގެއް ތެދެއް ބެލުމެއްނެތި ފަތުވާދެމުން ގެންދާކަމުން އެނގުނީ  އެއްވެސް ނިޒާމަކުން ދިވެހީން ނަށް ހެޔޮވެރިކަމެއް ނުލިބޭނެކަމެވެ.

 މިހާރު ދިވެހިން ތަޖްރިބާ ނުކޮށް އޮތް ހަމަ އެކަނި ނިޒާމަކީ މިކިޔާ ބަރުލަމާނީ ނިޒާމެވެ. ގާނޫނު އަސާސީ އަށް ބަދަލެއް ގެންނަން ހުށަހެޅި ދާނެއެވެ. އަދި އެހުށަހަޅާ އިސްލާހަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި އިސްލާހަކަށް ވެދާނެއޭ ބަޔަކު އެބަ އަންގަދެއެވެ.ނަމަވެސް ގާނޫނަށް ގެނެވޭ އެ އިސްލާހުގެ ސަބަބުން ރައްޔިތުން ކަރުތާ ފެނުގައި ތިބެން ވެސް ޖެހިދާނެއެވެ. އެ ހުށަހެޅޭ އިސްލާހަކާ ބެހޭގޮތުން މަޖިލީހުގައި ކުރެވޭ ބަހުސް ތައް ވަރަށް ފުރިހަމަވެސް ވެދާނެއެވެ. މިހާރުވެސް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ބަޙުސުގެ މަރުޙަލާގައި ވަރަށް ޖޯޝާއިއެކު ބަޙުޝް ކުރެވޭތަން ފެނެއެވެ. ގިނައިން ދައްކަނީވެސް އޮށްޓަރުލާ ވާހަކައެވެ. އެހެނަސް އެންމެ ފަހުވަގުތު އެކަމަކާއި މެދު ވޯޓަކަށް އެހުމުން ނަތީޖާ ނިކުންނަނީ ރައްޔިތުންގެ އުންމީދުތައް ފޫއަޅުވާލެވި މަޖިލީސް މެމްބަރުންގެ އަމިއްލަ މަސްލަޙަތު ކުރިއަށްނެރެވޭ ނަތީޖާތަކެވެ. 

މިރާއްޖޭގައި އަދި މިހާތަނަށް ވެރިމީހާގެ ނުފޫޒާއި ބާރު ނުފޯރާ މުސްތަގިއްލު އެއްވެސް މުއައްސަސާއެއް ނުވަތަ ކޮމިޝަނެއް ވެސް އުފެދި ހިންގިފައެއް ނެތެވެ. ސަރުކާރުވެސް އަދި ވަކިވެފައި ހުރި ބާރު ތައް ވެސް ގާނޫނު އަސާސީގައި ލިޔެފައި އެ ބުނާ މިނިވަން ކަމާއެކު ނުފޫޒުން ރައްކާތެރިވެގެން ހިނގާ މަންޒަރު ފެނުނު ލޮލެއް އަދި ނެތޭބުނުން ދޮގަކަށް ނުވާނެއެވެ.

ރިޔާސީ ނިޒާމުގައި ކޯލިޝަން ހެދުމަކީ އޮންނަ ކަމެއްނޫނެވެ.އެހެނަސް ގާނޫނު އަސާސީގައި ބަޔާންވެގެންވަނީ އިންތިޚާބު ކުރެވޭ ކޮންމެ ފަރާތެއްވެސް އިންތިޚާބު ވުމަށް %51 އިންސައްތަ ވޯޓް ހޯއްދަވަން ޖެހޭނެ ކަމުގައެވެ. ގާނޫނު އަސާސީގައި މިގޮތަށް ބަޔާން ކުރެވިފައި އޮތުމުން އެބުނާ %51 އިންސައްތަ ހޯދުމަށްޓަކައި ރިޔާސީ ނިޒާމުން ބޭރުވެ ބަރުލަމާނީ ނިޒާމުގައި އޮންނަ ގޮތަށް ކޯލިޝަނެއް ހަދާން ޖެހުމަކީ ރައްޔިތުން އެކުލަވާލާ ވެރިކަމުގެބާރު ފަޅިފަޅިކޮށް ކޯލިޝަންގައި ހިމެނޭ ފަރާތްތަކަށް ބަހާލެވިގެން ދާ ދިއުމެކެވެ. 

އެހެން ކަމުން މިހާރު މި ޕްރެކްޓިސް ކުރާ ރިޔާސީ ނިޒާމް ވެގެންދަނީ ގަޑުބަޑު ވެފައިވާ ނިޒާމަކަށެވެ. ރިޔާސީ ނިޒާމުގެސިފަ ނުގެއްލި ބާރު ތައް ރައްޔިތުންގެ އަތުން ބީވެގެން ނުދާނޭފަދަ އިސްލާހެއް ގާނޫނު އަސާސީ އަށް އެބަ ގެންނާން އެބަޖެހެއެވެ. އެގޮތަކީ ކޯލިޝަނެއް ނުހަދާ އިންތިޚާބު ތަކުގައި ވާދަ ކުރައްވާ ފަރާތައް އިންތިޚާބު ކުރެވޭނީ ގާނޫނުއަސާސީގައި އެބުނާ %51 އިންސަތަނޫން އެހެން މިންގަނޑެއް ގާނޫނު އަސާސީ ގައި ހިމަނައިގެންނެވެ. 

މިހެން ދެންނެވުމުން ބައެއް ފަރާތްތަކުން މިއީ ހަމަޖެހޭ ގޮތެއްވެސް ނޫނޭ އެބަ ވިދާޅުވެއެވެ. އެހެނީ އެހެންކަމަށް ވެއްޖެނަމަ ވޯޓްލާ ރައްޔަތުންގެ 30ހަކަ%ން ހޮވޭ ރައީސް އަކީ ޖުމްލަ ވޯޓްލުމުގެ ޙައްގު ލިބިގެންވާ 10% ވޯޓް ލިބިގެން ހުންނަވާ ރައީސްއަކަށް ވެދާނޭ ކަމަށެވެ. އެހެންކަމުން ރައްޔަތުންގެ މެޖޯރެޓީ ރުހުންނުލިބޭ ރައީސްއަކު 5 އަހަރުގެ ދައުރެއް ނިންމުމަށް ރައްޔަތުން ގައިގާ ހަންމުށި އަޅަންވެސް ޖެހިދާނެކަމަށެވެ. މިއީ ހައްތާވެސް ބަޙުޝެއްގައި ސުވާލު އުފެއްދިދާނެ  ކަންކަމެވެ.

    ރިޔާސީ ނިޒާމްގެ ތެރެއިން ކަޯލިޝަން ނުހަދާ %51 އިންސައްތަ ވޯޓު ހޯދޭނެ އަދި އެހެން ގޮތެއްވެސް އެބައޮތެވެ. އެގޮތަކީ ވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެނެސްގެން ވާން އޮތް ގޮތެކެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ރިޢާތް ކޮށް 50ހާސް މީހުންގެސޮއި ހޯދައިގެން ނޫނީ ސިޔާސީ ޕާޓީ އެއް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާޙުގެނައުމެވެ.

މިގޮތަށް ހަމަޖެހިއްޖެ ނަމަ މިހާރު ރާއްޖޭ ގިނަވެގެން އޮންނާނީ ސިޔާސީ 3 ޕާޓީއެވެ. ކޮންމެ ދެމަފިރިއަކަށް ސިޔާސީ ޕާޓީ އެއް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮންނަން ވެއްޖެ ނަމަ ކޯލިޝަން ނުހަދާ އެއްވެސް ކެންޑި ޑޭޓަކަށް %51 އިންސައްތަ ވޯޓް ލިބޭނެ ގޮތެއް ނުވާނެއެވެ. ކޯލިޝަނެއް ހަދައިފިނަމަ ކޯލިޝަންގައި ބައިވެރިވާ ސިޔާސީ ޕާޓީ ތަކަށް ބޯކިބާ ފަޅާ ބީދައިން ދައުލަތް ބައިބައި ކޮށް ފައި އެމީހުން މުއްސަދިކަން ދެމެހެއްޓުމަށް ކަރަޕްޝަން ހިންގަަން ދައުލަތުން މަންފާތަކެއް ދޭން އެބަ ޖެހެއެވެ. 

އެހެން ވުމުން ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ ތަންފީޒެއް ނުކުރެވެއެވެ. މިހާރުވެސް ފެންނަން އޮތް ޙަގީގަތަކީ މިއެވެ. ދެން އަނެއްގޮތަކީ މިލިބޭ ހިތި ތަޖުރިބާއިން ޕާޓީ ސިސްޓަމަށް ނޫނެކޭބުނުމެވެ.

     ވެރިކަން ކުރާނޭ ފުރިހަމަ ނިޒާމެއް ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ﷲ ފޮނުއްވެވި ނަބިއްޔާ ވަނީ މިއުންމަތަށް ދައްކަވާ ދެއްވާފައެވެ. އެހެން ކަމުން ވެރިކަން ކުރާ ފަރާތާ ސަރުކާރުގެ މަގާމުތަކަށް ޢައްޔަން ކުރެވޭ ފަރާތްތަކަކީ މާތްﷲ އެންގެވުން ތަކަށާއި މިއުންމަތުގެ ރަސޫލާއަށް އިޚުލާސްތެރި ބަޔަކަށް ވާން އެބަޖެހެއެވެ. 

ހުޅަގުން ތަޢާރަފް ކުރާ ނިޒާމް ތަކަށް ބޯލަނބާ އެވެރިން ކަންކަން ކުރަމުން އަންނަ ފަލްސަފާގެ މައްޗަށް ބިނާކޮށް ވެރިކަމެއް ބިނާކުރަން ވެއްޖެނަމަ އެ ގައުމެއްގެ ހަމަޖެހުން ގެއްލި ފިތުނަ ފަސާދަ ޢާންމުވަމުން ދާކަން ރާއްޖެއިން މިހާރު މިވަނީ ތަޖުރިބާ ކޮށްފައެވެ. ފެނިފައިވާ އަދި ފެންނަމުންދާ ކަންކަމާއި މަންޒަރުތައް ޢިބުރަތަކަށް ނުވޭ ހެއްޔެވެ؟ ދިވެހިރާއްޖެއަކީ ނަސީބު ރަނގަޅުކަމުން އިސްލާމީ ގައުމަކަށް ވާތީ މާތްﷲ ގަންދީ އެކުރައްވާ ހުވާތަކަކީ ބިރުވެތިކަމެއް ނެތި ރައްޔިތުންނަށް ދައްކާ ދަޅައަކަށްވެއްޖެއެވެ.


މަގާމާ ޙަވާލު ވުމަށްފަހު މާތްﷲ ގަންދީ ކުރެއްވި އެހުވާގެ މަތިން ހަނދުމަ ނައްތާލައި ވެރިކަން ކުރައްވަނީ ވަރަށް ހުތުރުކޮށް ހިތުހުރި ގޮތަކަށެވެ. އެހެންކަމުން ދައުލަތް ހިންގުމަށާއިރައްޔިތުންގެ ކަންކަން ކުރުމަށް ސަރުކާރާއި މަތިކުރެވޭ ފަރާތް ތަކަކީ ދީނަށް ލޯބިކުރާ މާތްﷲ އަށް ބިރުވެތި ނުވާ ބަޔަކަށް ވެއްޖެނަމަ ކޮންމެނިޒާމަކުން ވެރިކަން ކުރިއަސް ޖެހޭނީ ހަމަ އެއްތަނުގައެވެ. ރައްޔަތުން އިތުރަށް ދަރަނިވެރިވެ އަޅުވެވުން ފިޔަވައި ވާނެ އެއްވެސް ފައިދާއެއް ނޯންނެއެވެ!

ހެޔޮލަފާ ރައްޔަތުންތަކެއް ނެތި ހެޔޮލަފާ ވެރިޔަކުވެސް ގައުމަކަށް ނުލިބޭނެކަން ދަންނާށެވެ!   

Loading

One Response

  1. އަޅުގަނޑު ދެކޭގޮތުގައި މިއުޅެނީ ނިޒާމުގެ މައްސަލައެއްނޫނެވެ. ބާރުގަދަ ސާޅީހަކަށް މީހުންވެގެން ގައުމާއި ރައްޔިތުން މިއޮތީ ހިސޯރުކޮށްފައެވެ. ޕާރޓީ ސިސްޓަމްގެންނަން ދިވެހި ރައްޔިތުން ބޭނުންވީ ކޮންއިރަކު ހެއްޔެވެ ؟ ޑިމޮކްރެސީ އެއް އޮޓޮކްރެސީއެއް ދިވެހިންނަކަށް ނޭގެއެވެ ވަކިބަޔަކު ނިކުމެ ދެން މިތާގައި ހިންގާނީ ޕާރޓީ ސިސްޓަމާއި ޑިމޮކްރެސީއޭ ކިޔާފައި އެގޮތަށް ހެދީއެވެ. ގާނޫނުވެސް ހެދީއެވެ. ދިވެހި ރައްޔިތުންތިބީ ވާނުވާ ޖަހާފައެވެ. ދެންމިހާރު މިފެންނަނީ ޕާރޓީ ވަރުގަދަކުރަން ފައިސާ ބަހާތަނެވެ. ކޮންތާކުން ހޯދާ ފައިސާއެއް ކަމެއް ނޭގެއެވެ. ރައްޔިތުންގެ އަތާ އަގަޔާ ދިމާލެއް ނުވެއެވެ. ގައުމެއްގައި އެއްބައިވަންތަކަން އޮވެއްޖެނަމަ ހުޅަނގުގެ ގައުމުތަކަށް ހަމަނިންޖެއް ނުލިބޭނެއެވެ. އެހެންވެގެން މިރާއްޖެވެސް މިއޮތީ ބައިބައި ކޮށްލާފައެވެ. ދޭތެރޭ ދޭތެރޭން ހުކުރު ޚުތުބާއިން އަޑު އަހަމެވެ. “ ބަޔަކު މީހުން އެމީހުންގެ ހާލަތު ބަދަލު ނުކުރާހާހިނދަކު މާތް ﷲ އެބައެއްގެ ހާލަތު ބަދަލު ނުކުރައްވާނެތެވެ ”.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް