ފަސޭހައިން ހާސިލް ކުރެވޭ ޑިގްރީއަކަށް ވުރެ ވިސްނަންވީ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް: ރައީސް

Loading

Facebook
Twitter
WhatsApp

މަތީ ތައުލީމު ހާސިލް ކުރާއިރު އެންމެ ފަސޭހައިން ހާސިލް ކުރެވޭ ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި ވިސްނަންވީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

2020 އަދި 2021ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމި މަތީ އަރުތަވެރީންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރުމުގެ ބަދަލުގައި ވިސްނަންވީ އެ ދަރިވަރަކު ކުރިއަރަން ބޭނުންވާ ދާއިރާ އަކުން މަތީތައުލީމު ހާސިލުކުރުމަށް ކަމަށެވެ.

“ މަތީ ތަޢުލީމު ހާސިލްކުރާއިރު ވެސް، އެންމެ ފަސޭހައިން ހާސިލުކުރެވެން އޮތް ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި، ވިސްނުން ހިންގަންވީ އެ ކުއްޖަކު އެންމެ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް. މިއަދު ތިޔައިން ކޮންމެ ކުއްޖަކަށް ވެސް އެނގޭނެ، ތިމަންނާ ކުރިއަށް ދާން އެންމެ ބޭނުންވަނީ ކޮން ދާއިރާއަކުން ކަން. ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރަން އުޅުމަކީ، ތިމާގެ ކިބައިގައި ހުންނަ ހުނަރު، ބައެއް ފަހަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް.“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އެޅޭނީ، އެ ކުއްޖަކު އެންމެ ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކޮށްގެން ކަމަށާ ކޮންމެ ދާއިރާއަކީ ވެސް އޭގެ ޒާތުގައި ރަނގަޅު އަދި ކުރިއަށް ދިއުމުގެ ފުރުސަތު ހުރި ދާއިރާތައް ކަމަށެވެ.

ޖަލްސާގައި ދަރިވަރުންނާ މުހާތަބްކޮށް ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ދަރިވަރުންގެ ވިސްނުން މިއަދު އަމާޒު ކުރަންވީ، ގައުމު ބިނާކުރުމަށް ކަމަށެވެ. އަދި ގައުމު ބިނާކުރުމަށް އަމިއްލަ ނަފްސް ބިނާ ކުރަން ޖެހޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ ޤައުމު ބިނާކުރުމުގެ ފެށުމަކީ، ތިޔަ ކުދިންގެ އަމިއްލަ ނަފްސު ބިނާކުރުން. ގައުމަށްޓަކައި ތިމާގެ ކިބައިގައި އުފައްދަންވީ ކޮންކަހަލަ ޝަޚްޞިއްޔަތެއްކަން ކަނޑައެޅުން. އެފަދަ ޝަހްސިއްޔަތެއްގައި ހުންނަންޖެހޭނެ އިލްމީ ގާބިލްކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުން. ގައުމަށްޓަކައި ތިމާގެ ކިބައިގައި އުފައްދަންވީ ކޮންކަހަލަ ޝަހްސިއްޔަތެއްކަން ކަނޑައެޅުން. އެފަދަ ޝަހްސިއްޔަތެއްގައި ހުންނަންޖެހޭނެ އިލްމީ ގާބިލްކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުން.“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަގުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވައި ލައްވާ ރައީސް ވިދާޅުވީ ޒަރޫރީ ޚިދުމަތްތައް ނެތް ރަށްރަށުގައިވެސް ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާ އެއިން ކޮންމެ ޚިދުމަތަކީ ވަޒީފާގެ އެތައް ފުރުސަތެއް ކަމަށެވެ. އަދި  ބޭނުންވަނީ، އެ ވަޒީފާތައް އަދާކުރާނެ ހުނަރުވެރި އަދި ފަންނުވެރި ތައުލީމީ ދިވެހި ޒުވާނުން ތަކެއްކަމަށާ ރަށުގައި ތިބެ ގައުމަށް ހިދުމަތް ކުރަން ވިސްނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. .

“ ތަރައްގީ ލާމަރުކަޒުވެގެން ދާވަރަކަށް، ވަޒީފާއާއި ޒަރޫރީ ޚިދުމަތްތައް ހޯދުމަށްޓަކައި ހިޖްރަކުރަންޖެހޭ މިންވަރު ދާނީ ދަށްވަމުން. މިއަދު ތިޔަ ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި އާއިލާއާ އެކުގައި ތިބެގެން، ގައުމަށް ޚިދުމަތް ކުރެވެން އޮތީ ކޮން ގޮތަކަށްތޯ“ ރައީސް ސާލިހު ވިދާޅުވިއެވެ.

ސާނަވީ ތައުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ސާނަވީ  ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ



ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.

މީގެ އިތުރުން، މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާސިލުކޮށްފައެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް