ރައީސް ޔާމީންގެ ޝަރިޢަތް، އާރަށު މައްސަލައިގެ އަޑުއެހުން 

Loading

Facebook
Twitter
WhatsApp

މިއަދު ޝަރިޢަތުގައި ވ.އާރަށް ކުއްޔަށް ދިނުމުގައި ކަރަޕްޝަން ހިންގަވައި މަންފާތަކެއް ހޯދިކަމާއި ގުޅޭ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔަކު 3 އައިފޯނަކުން ނެގި ޑޭޓާތައް އެފޯނުގެ ވެރިފަރާތަށް އެނގުމެއްނެތި، އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރިކަން އެނގިއްޖެއެވެ.

އެކަން ހާމަވީ މިއަދުގެ ޝަރިޢަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ބޭއްވި އަޑުއެހުމުގައެވެ.

ހެއްކެއްގެ ގޮތުގައި މިއަދު ސަރުކާރުން ދައުލަތުގެ ނަމުގައި ހާޒިރު ކުރީ މާކް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ރައްޔަތެކެވެ. އޭނާއަކީ ޑިޖިޓަލް ފޮރެންސިކް އެގްޒަމިނަރ ކަމަށް ބުންޏެވެ. އޭނާގެ ހެކިބަސް ނެގީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށެވެ. ގަބޫލު ކުރެވޭގޮތުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އޭނާ ހުށަހެޅީ ސައިމަން އެޓްކިންސަން ނަމަކަށް ކިޔާ ބައެއްގެ ފަރާތުން ހެކިވެރިޔާއަށް ލިބުނު 3 އައި ފޯނެއްގެ ޑޭޓާތައް ނަގައި އެނެލައިޒް ކޮށްފައިވާތީ އެ ރިޕޯޓުގައިވާ ކަންކަން އޮޅުންފިލުވުމަށެވެ.

މީޑިބުނާ ގޮތުގައި އެއީ މިހާރު ކަރަޕްޝަނާއި ފަސާދަ ސާބިތުވެ ދިގު މުއްދަތަކަށް ޖަލައްލުމަށް ޙުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދުއަދީބު އޭނާގެ ކަރަޕް އެކުވެރީން ކަމުގައިވާ އެސްއޯއެފް އެއް ބައިވެރިޔާމުޙައްމަދު އައްލާމް ލަތީފް (މޮހޯ) އަތަށް ދީފައިވާ 3 ފޯނެވެ. 

މިއަދުގެ އަޑުއެހުމުން އެނގުނުގޮތުގައި އެބުނާ ތިން ފޯނުގެ ތެރެއިން ޑޭޓާ އެއްކުރެވިފައިވަނީ ދެ ފޯނުންނެވެ. އަނެއް ފޯނު ޑިފޯލްޓް ވެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި އިންގިރޭސި ހެކިވެރިޔާ ބުނީ ދިވެހި ފުލުހުން އެދިގެން ފޯނުގައި ހުރި މަޢުލޫމާތުތައް ޙަވާލު ކުރީކަމުގައެވެ. އެގޮތަށް އެދުނީ މިދިޔަ އަހަރުގެ ފަހުކޮޅު ލިރާރު ނަމަކަށް ކިޔާ ފުލުހެއްގެ ފަރާތުން ކަން އޭނާ ފާހަގަކުރިއެވެ. 

ފޯނުގެ މަސައްކަތް ކުރިއިރު ފުލުހުންނަށް އެކަން އެނގުނީ ކިހިނެއްތޯ އާއި ފުލުހުން އެފަދަ މައުލޫމާތެއް ދިންތޯ ދިފާއީ ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވުމުން ދައުލަތުގެ ނަމުގައި ސަރުކާރުން ފޮނުވާފައިވާ ވަކީލު ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް އިއުތިރާޒް ކޮށްފައެވެ. އެކަމަކު ޝަރީއަތުން ދިފާއަށް ފުރުސަތު ދިނުމުން ހެކިވެރިޔާ ބުނީ އޭނާ އެފަދަ މައުލޫމާތެއް ފުލުހުންނަށް ނުދޭ ކަމަށާއި، ސައިމަން އެޓްކިންސަންގެ ލިޔުންތައް ދޭން އޭނާ ގާތުގައި ބުނީ ދިވެހި ފުލުހުން ކަމުގައެވެ. 

އަދި އެބުނާ ފޯނުގައި ހުރި ފޮޓޯތައް ނެގިތާ 6 އަހަރު ފަހުން 2021 ވަނަ އަހަރު ފުލުހުން އެ ޑޭޓާތައް އޭނާ އަތުން ހޯދީ ކަމުގައެވެ. ހެކިވެރިޔާ ބުނީ އެ މުއްދަތުގެ ތެރޭގައި ފޮޓޯތައް ހުރީ ފައިލް ޕްރޫފް ސޭފެއްގައި 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ އިމާރާތެއްގައި ކަމުގައެވެ.

ލިޔެކިޔުން ސައިމަން އެޓްކިންސަން އާއި ޙަވާކު ކުރުމަށްފަހު ރިޕޯޓުތައް ހެކިވެރިޔާ އަތުގައި ހުރީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ބުނީ ކޭސްތަކާއިގުޅޭ ޑޭޓާ މަދުވެގެން 10 އަހަރު ވަންދެން ބެހެއްޓުމަކީ އާންމު އުސޫލު ކަމުގައެވެ. އަދި އެ ޑޭޓާ އަކީ ކޮންބައެއްގެ އެއްޗެއްތޯ ސުވާލު ކުރުމުން ބުނީ ޑޭޓާގެ ވެރިފަރާތަކީ ސައިމަން އެޓްކިންސަން ކަމުގައެވެ. އަދި މަސައްކަތުގެ ގޮތުން އޭގެ ކޮޕީ ބަހައްޓަން ޖެހޭތީ ބެހެއްޓީކަމަށެވެ.

ހެކިވެރިޔާ ސައިމަން އެޓްކިންސަން އަށް އެހެން ފަރާތަކަށް އެހެކިތައް ޙިއްސާކުރެވިދާނެ ތޯ ސުވާލު ކުރުމުން ދައުލަތުން ކުރި ޢިއުތިރާޒުގެ ރައްދުގައި ވަކީލު ޝަމީމް ވިދާޅުވީ އެވިޑެންސް ނުވަތަ ހެކީގެ ސައްޙަ ކަން ކަށަވަރު ކުރުމަށް އެ ސުވާލު ކުރެވޭނެ ކަމުގައެވެ. 

ޝަރީޢަތުން ދިފާއަށް ފުުރަސަތު ދިނުމުން ހެކިވެރިޔާ ބުނީ އިނގިރޭސި ވިލާތުގެ ފުލުހުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެފަދަ ޑޭޓާ ނުވަތަ ރިޕޯޓުތައް ހިއްސާ ކުރުމަކީ މަނާކަމެއް ކަމުގައެވެ. އެހެން ނަމަވެސް ދިވެހި ފުލުހުންނާ ހިއްސާ ކުރިކަމުގައެވެ. ގަބޫލުކުރެވޭ ގޮތުގައި ބޮޑު މަންފާއަކަށް އެބުނާ ޑޭޓާ އޭނާ ވިއްކާލީކަމުގައި ބެލެވެއެވެ. އަދި މިހެންވުމުން އެބުނާ ޑޭޓާ އަގަޑު ބަގަޑު ކޮށްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑޭޓާ އެނަލައިޒް ކުރެވުނު ފޯނުތަކުގައި ހުރި މެސެޖުތަކުގައި އާރަށާއި ގުޅޭ އެއްވެސް ވާހަކައެއް ހުރިތޯ ދިފާއުން ސުވާލު ކުރުމުން ދައުލަތުން ވަނީ ޝަރީއަތް މެެދެވެރިކޮށް އެކަން ހުއްޓުވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ. އެދުވަހު ނަގާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާތުގެ ހެކިބަހެވެ.


މިދެމީހުންނަކީވެސް ބޮޑެތި ކަރަޕްޝަން މައްސަލަތަކެއް ސާބިތުވެ ޖަލުޙުކުމް ދވެިފައިވާ ބޮޑެތި ކުށްވެރީންނެވެ. ނަމަވެސް ސަރުކާރާއި ހެދިފައިވާ ”ޑީލް“ އެއްގެ ދަށުން މިދެމީހުންވެސް ޙުކުމް ތަންފީޒްކުރަމުން ގެންދަނީ އަރާމާއި އުފަލުގައި ގޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް