މިއިން ޒަމާނަކުވެސް ޔޫރަޕަށް މެދުވެރި ނުވާފަދަ ހަނަފަސްކަމެއްމެދުވެރިވުމުގެ ސަބަބުން ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު ކޯރު ދަނޫބުގެ ފެންގަނޑު ވޭތުވެދިޔަ ސަތޭކަވަރަކަށް އަހަރުދުވަހުގައިވެސް ނުހިނދޭވަރަށް ހިނދިއްޖެއެވެ. އޭގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައިގާ އެ ކޯރުގެ ތެރެއިން ސަރބިޔާގެ ޕްރަހޯވޯގެ ބަނދަރަށް ގޮވާ އެއްޗެއްސާއެކު ފެތިފައިހުރި ޖަރުމަނުގެ އެތައް ބޯޓެއް ފެނުން މައްޗަށް ދައްކާލައިފިއެވެ.
ސައެންސްވެރިން ބުނާގޮތުގައި މިއަހަރު މެދުވެރިވެގެން މިއުޅޭ ހަނަފަސްކަމަކީ ޖައްވު ހޫނު ވަމުން ދިއުމުގެ ނަތީޖާއެވެ. ޖަރުމަނުގެ ލަޝްކަރަށް ނިސްބަތްކުރެވޭ ވިއްސަކަށް ބޯޓު މިހާރުވެސް އެތަނުން ފެނެއެވެ. އަދި އެބޯޓުތައް ބަރުކޮށްފާހުރި ގޮވާތަކެތީގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް ނުރައްކާތެރި ކަމުގައިވެސް ބުނެއެވެ.
އެ އުޅަނދުތަކަކީ ނާޒީ ޖަރުމަނުގެ ބްލެކް ސީ ފްލީޓުގައި ހިމެނުނު އުޅަނދުތަކުގެ ތެރެއިން 1944 ވަނަ އަހަރު ރަޝިޔާގެ ކުރިއެރުން ތަކުން ފިލަން އުޅުމުގެ ތެރޭގައި ފައްތާލެވުނު ބައެއް އުޅަނދުފަހަރެވެ.އެ އުޅަނދުފަހަރުގެ ސަބަބުން ހިކިދިޔަވަރުގައި ކޯރުތެރެއިން ދަތުރުުރުމަށްވެސް ހުރަސް އެޅެމުން ދެއެވެ.
ދަނޫބު ކޯރު ފެށިގެން އަންނަނީ ޖަރުމަނުގެ ބްލެކް ފޯރެސްޓް ސަރަޙައްދުންނެވެ. ކޯރު ބްލެކް ސީގެ ތެރެއަށް ހުޅުވިގެން ދިއުމުގެ ކުރިން ޔޫރަޕްގެ ދިހަ ގައުމެއް ހުރަސްކުރެއެވެ. އޭގެ ތެރޭގައި ރޮމޭނިއާ އޮސްޓްރިއާ ޖަރުމަނު އަދި ޔޫކްރެއިންވެސް ހިމެނެއެވެ. ކޯރުގެ ދިގުމިނަކީ ގާތްގަނޑަކަށް 1800 މޭލެވެ.
ޕްރާހޯވޯގައި ދިރިއުޅޭ އުމުރުން 74 އަހަރުގެ ވެލިމީރ ރާޖިލޮވިކް ބުނާގޮތުގައި ފިލައިގެން ދާން އުޅުނު ޖަރުމަނުގެ ލަޝްކަރުގެ ބޯޓުފަހަރުގެ ސަބަބުން އަހަރެމެންނަށް މިއޮތީ ތިމާވެށީގެ ބޮޑުވެގެންވާ މުސީބަތަކާ ކުރިމަތިވެފައެވެ. ޚާއްސަކޮށް އަހަރެމެންނާއި ރޮމޭނިޔާގެމަސްވެރިންނަށްވެސް ކުރިމަތިލާން ޖެހިފައި މިވަނީ ނިމުމެއްނެތް ނުރައްކަލަކާއެވެ.
ސަރބިޔާގެ ސަރުކާރުން މިހާރު ގަސްދުކުރަނީ ކޯރުތެރޭގައި ކުރެވޭ ދަތުރުފަތުރަށް މަގު ފަހިކޮށް ދިނުމުގެ ގޮތުން ކޯރުތެރެ ކޮންނާށެވެ.ޕްރާހޯވޯގެ ސަރަހައްދަށް ފެތިފައިހުރި ބޯޓުފަހަރުގެ ސަބަބުން އެ ސަރަހައްދު ކޮނުނު ކަމުގައިޔަސް ފުޅާމިނުގައި ލިބޭނީ ގާތްގަނޑަކަށް 100 ވަރަކަށް މީޓަރެވެ. މީގެކުރިން އެ ސަރަހައްދުން ދަތުރުކުރަން 200 ވަރަކަށް މީޓަރުގެ ފުޅާމިނެއް ލިބެއެވެ. ކޯރުގެ ގޮނޑުދޮށަށް ބީއްސާލާފައިހުރި އުޅަނދުފަހަރުގެ ހަލާކުވެފައިވާ ބްރިޖާއި ކުނބާއި ވީދިފައިވާ ބޯޓުފަހަރުގެ އޮނިގަނޑު ކޯރުގެބިމުން މައްޗަށް ހިއްލިފާހުރި އިރު ބޮޑު ބައިތަކެއް ވަނީ ބިމުގެ އަޑީގައި ވަޅުލެވިފައެވެ.
އެހެންކަމުން ފުންކުރުމުގެ މަސައްކަތަށްވެސް ބޮޑެތި ހުރަސްތަކެއް އޮތީ ކުރިމަތިވެފައެވެ. ފެތިފައިހުރި އުޅަނދުތައް ނަގައި އެތަނުގައި ހުރި ގޮވާތަކެތި ސާފުކުރަން މިދިޔަ މާރޗްމަހު ސަރބިއާ ސަރުކާރުން ހުޅުވާލުމާއި ގުޅިގެން ލިބުނު ޖަވާބުތަކުން އެނގުނުގޮތުގައި އެކަމަށް އެކަނިވެސް ތިރީހަކަށް މިލިއަން ޑޮލަރު ޚަރދުކުރަން ޖެހޭނެއެވެ

ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއި ގަނަ ހޫނުގެ ސަބަބުން ފަރަންސޭސި ވިލާތާއި ޖަރުމަނާއި އިޓަލީ ފަދަ ގައުމުތަކުގައިވެސް ކޯރުތަކުގައި ކުރެވޭ ދަތުރުތަކަށް ބޮޑެތި ތުރާތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ލިއުމުގައި ދަނޫބު ކޯރުގެ ވާހަކަ އަންނައިރު އަޅުގަނޑުމެންގެ ކިއުންތެރިންނަށް އެ ކޯރާބެހޭކޮތުން ކުރު ތަޢާރުފެއް ދޭން ބޭނުމެވެ. މައުލޫމާތަކީ ނިމުމެއް އޮތް އެއްޗެއް ނޫނެވެ.
މިލިއުން ފަށައިގަތުމުގައި ބުނެފައިވާފަދައިން ދަނޫބު ކޯރަކީ ޔޫރަޕްގެ ސަރަހައްދުގައި އޮންނަ ދެވަނައަށް އެންމެ ބޮޑު ކޯރެވެ. އެންމެ ބޮޑު ކޯރަކީ ރަޝިޔާގައި އޮންނަ ވޮލްގާ ކޯރެވެ. ވޮލްގާ ކޯރުގެ 2300 މޭލު ދެމިގެންދަނީ މެދުތެރޭ ރަޝިޔާއިން ފެށިގެން ރަޝިޔާގެ ދެކުނުން ގޮސް ކެސްޕިއަން ކަނޑުގެ ތެރެއަށެވެ. މެދުތެރޭ އަދި އިރުދެކުނު ޔޫރަޕްގެ ގައުމުތައް ސިޔާސީގޮތުން ބަހާލުމުގައި ދަނޫބު ކޯރު ވަރަށް މުހިންދައުރެއް އަދާކުރިއެވެ. އެކޯރުގެ އައްސޭރިފަށުގައި އިމާރާތް ކުރެވުނު ވަރުގަދަ ކިއްލާތަކަކީ ބާރުގަދަ އެތައް ރަސްކަމެއްގެ ދިފާޢީ މައިމަރުކަޒުތައް ކަމުގައިވެގެން ދިޔައެވެ.
އަދި އެ ކޯރަކީ ގައުމުތަކުގެ ވިޔަފާރީގައި މިއަދުވެސް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ވަސީލަތެކެވެ. ކޯރުގެ އައްސޭރިފަށުގައި އޮސްޓްރިއާގެ ވިއެނާ އާއި ހަންގޭރީގެ ބުޑަޕެސްޓާއި ސަރބިޔާގެ ބެލްގްރޭޑް ފަދަ ވެރިކަންކުރާ ރަށްތައް ބިނާކޮށްފައިވުމުން ދަނޫބު ކޯރުގެ މުހިންމުކަން ފާހަގަކުރެވިގެންދެއެވެ.
One Response
ޚަބަރެއް ގެންނައިރު އެ ޚަބަރަކާގުޅޭ އިތުރު މައުލޫމާތު އެނގުމަކީ ކިއުންތެރިންނަށް ފައިދާކުރާނެ ކަމެކެވެ. މި ލިއުމުގައި ބުނެފައިވާފަދައިން މައުލޫމާތަކީ ނިމުމެއް އޮތް އެއްޗެއް ނޫނެވެ.