ރަޝިޔާގެ ޙަރަކާތްތައް ނިއުކްލިއަރ ނުރައްކަލަކާ ދިމައަށް! 

Loading

Facebook
Twitter
WhatsApp

ޔޫރަޕްގެ އެންމެ ނުރައްކާތެރި ނިއުކުލިއަރ ޕަވަރ ޕްލާންޓް ގެ ސަރަހައްދުގައި ހަނގުރާމައިގެ ހަރަކާތް ނުހިންގުމަށް އެދި ގޮވަމުންދާ ގޮވުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ރައީސް ޕޫޓިންގެ ހަނގުރާމައިގެ ފުދުންތެރި މަގްސަދު ހާމަކޮށްދޭ  “ ޒެޑް “ އަކުރު ފަވާލާފައިވާ ރަޝިޔާގެ މިލިޓްރީ ޓްރަކްތައް އެ ޕްލާންޓުގެ ޓަރބައިން ހޯލްގެ ތެރެއިން ފެނިއްޖެއެވެ. 

ރަޝިޔާގެ ބާރުގެ ދަށުގައި ހުރި އެ ޕްލާންޓުގެ ތެރޭގައި ހިފޭއްޓިފައިތިބި ޔޫކްރެއިންގެ މަސައްކަތުމީހުން ގެންދަނީ އެތަނުން ސަލާމަތް ކޮށްދިނުމަށް އެދި އާދޭސް ކުރަމުންނެވެ. ޓެލެގްރާމް ގެ ވަސީލަތުން އެމީހުން ފޮނުވަމުން ގެންދާ މެސެޖްތަކުގައި ބުނަމުންގެންދަނީ “ މިތަނުގެ އެތެރޭގައި ހިނގަނީ އިންސާނުންގެ އިހްސާސް ތަކަށްވެސް ނުގެނެވޭފަދަ ބިރުވެރި ކަންތައްތަކެކެވެ ”. މެދުނުކެނޑި ބޮން އަޅަމުން ގެންދިއުމުގެ ސަބަބުން ރިއެކްޓަރުތަކަށް ދަނީ ގުޑުން އަރަމުންނެވެ. އޭގެ ސަބަބުން ލިބެމުންދާ ގެއްލުން ބުނާކަށް ނޭގެއެވެ. “ މި ހަމަލާތައް އަވަހަށް ނުހުއްޓުވިއްޖެނަމަ ނިއުކުލިއަރ ތެޔޮ ވިރެން ފަށާނެއެވެ. އަދި ރޭޑިއޯ އެކްޓިވް މާއްދާތައް ތިމާވެއްޓަށް ފެތުރިގެންދާނެއެވެ ”.                                          

މިއީ މިހާރު ހުޅަނގުގެ ގައުމުތަކުގައި ވަރަށް ހޫނުވެފައިވާ މައްސަލައަކަށް ވެއްޖެއެވެ. އަދި ރަޝިޔާއިން އެ ސަރަހައްދުގައި ހިންގަމުންގެންދާ ރަޝިޔާއިން ބުނަމުން ގެންދާ ސްޕެޝަލް އޮޕަރޭޝަން (ހަނގުރާމައިގެ)ހަރަކާތްތައް ހުއްޓާލަން އިންކާރުކުރުމުގެ ސަބަބުން ވަރަށް ބިރުވެރި ހާލަތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށްފަހު އިންޒާރު ދެއްވައިފިއެވެ. 

އޭނާ އިންޒާރު ދެއްވަމުން ވިދާޅުވީ އެ ޕްލާންޓުގެ ސަރަހައްދުގައިތިބި ސިފައިންނާއި ހަތިޔާރުތައް އެތަނުން ދުރުކޮށް އެ ސަރަހައްދަކީ މިލިޓްރީ ހަރަކާތް ނުހިންގާ ސަރަހައްދަކަށް ހަދަން ޖެހޭ ކަމުގައެވެ. ޒެލެންސްކީ ވިދާޅުވަނީ އެ ސަރަހައްދުގައި ފުރަތަމަ ހަނގުރާމަ ފެށީ ރަޝިޔާއިން ކަމުގައެވެ. އެކަމަކު ރަޝިޔާއިން ބުނަނީ ފުރަތަމަ ބަޑިޖަހަންފެށީ ޔޫކްރެއިނުން ކަމުގައެވެ. އަދި ވާހަކަ ދައްކަންޖެހޭނީ ހަގީގަތާ އެއްގޮތަށެވެ. ޒެޕޯރިންޒިއާ ގައި ނުރައްކަލެއް މެދުވެރިވެއްޖެނަމަ އެއީ އަމިއްލައަށް މަރުވުން ކަހަލަކަމެކެވެ.                         

ޒެޕޯރިންޒިއާ ނިއުކްލިއަރ ޕްލާންޓުގެ ތެރޭގައި ހަނގުރާމައިގެ ހަތިޔާރު ބަހައްޓާފައިހުރި ކަން ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މީގެ ސަބަބުން ޔޫރަޕަށް ޗެރނޮބީލްއަށް މެދުވެރިވި ކަހަލަ ޙާދިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި ރައީސް ޕޫޓިން ޔޫކްރެއިނަށް ”އަރައިގަތުން“ކާމިޔާބުކުރަން ތެޅިފޮޅެމުން ގެންދާއިރު މި ނުރައްކާ އަދި މާ ބޮޑުކަމަށެވެ.                       

ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓަށް މިފަދަބޮޑު ނުރައްކާތެރިކަމެއް ދިމާވެފައިވާ މިވަގުތުގައި މިދިޔަ ހުކުރުދުވަހު އެތަނުގައި މަސައްކަތްކުރާ މީހުން މަސައްކަތު ނުނިކުތުމަށް އަންގާފައިވާ ކަމަށް ވޯޝިންޓަން ޕޯސްޓުން މައުލޫމާތު ދީފައިވެއެވެ. އަދި ޗެރނޮބީލަށްވުރެން އަށްގުނަ ބޮޑު އެ ޕްލާންޓްގައި ވަރަށް ނުރައްކާތެރި ޓެރަރިސްޓް ހަރަކާތެއް ހިންގަންވެސް ރަޝިޔާއިން ރާވަމުން ގެންދާކަމަށާއި އެފަދަ ކިތަންމެ ކުޑަ ހާދިސާއެއް މެދުވެރިވި ކަމުގައިވިޔަސް މުޅި ޔޫރަޕް ފޮރުވިގެން ހިގައިދާފަދަ ބާރުގަދަ ވިލާގަނޑެއް އުފެދިގެން ދާނެ ކަމަށްވެސް ވޯޝިންޓަން ޕޯސްޓުން ބުނެއެވެ.

އެހެންނަމަވެސް ތަޖްރިބާކާރުން ބީބީސީ ގައި ވިދާޅުވެފައިވަނީ އެ ޕްލާންޓުގެ ސަރަހައްދަށް މަތިންދާބޯޓެއް ކްރޭޝް ކޮށްލިނަމަވެސް އެ ޕްލާންޓަށް ގެއްލުމެއް ނުލިބޭނެކަމަށާއި އެކަމަކު ދިގުދެމިގެންދާ ހަނގުރާމައެއް އެތަނުގައި ހިނގުމަކީ ރަނގަޅުކަމެއް ނޫން ކަމުގައެވެ. އެ ޕްލާންޓު ރަޝިޔާގެ ބާރުގެ ދަށުގައި ހުރިނަމަވެސް އެތަނުގައި މަސައްކަތްކުރަނީ ޔޫކްރެއިން މީހުންނެވެ. އެތަނުގައި ހުރިކަމަށް މީޑިއާތަކުގައި ހާމަކުރަމުން ހަތިޔާރުކާއި އަދި ޚާއްސަކޮށް ބަރު ހަތިޔާރު ތަކަކީ އެ ޕްލާންޓް ކައިރީގައި ހުރި އެއްޗެހިތަކެއް ނޫންކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.                            

ފަރަންސޭސިވިލާތުގެ ރިޔާސީ ގަނޑުވަރުން މައުލޫމާތު ދޭ ގޮތުގައި ޒެޕޯރިންޒިޔާ ނިއުކްލިއަރ ޕްލާންޓުގެ މައްސަލާގައި ފަރަންސޭސި ރައީސްގެ ކަންބޮޑުވުންތައް ރައީސް ޕޫޓިންނާއެކު ހިއްސާ ކުރައްވާފައިވާކަމާއި އަދި  އައި އޭ އީ އޭ ގެ ތަޖްރިބާކާރުން އެތަނަށް ވަޑައިގެން އެތަނުގެ ހާލަތު ބެލުމާމެދު ރައީސް ޕޫޓިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ.

އަދި ފަރަންސޭސި ރިޔާސީ ގަނޑުވަރުން ނޫސްވެރިންނަށް ފޮނުވި ލިއުމުގައި ކުރިއަށް އޮތްތަނުގައިވެސް ދެ ރައީސުންގެ ވާހަކަފުޅު ކުރިއަށް ގެންދަވަން އެއްބަސް ވެފައިވާކަމަށް ބުނެއެވެ. ދެ ރައީސުންގެ ވާހަކަފުޅާއި ގުޅިގެން ކްރެމްލިން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަޝިޔާގެ ބާރުގެ ދަށުގައިހުރި އެ ނިއުކްލިއަރ ޕްލާންޓަށް ޔޫކްރެއިނުން ދޭ ހަމަލާތަކުގެ ސަބަބުން ހިތަށްވެސް ނުގެނެޥޭފަދަ ނުރައްކާތެރި ހާދިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައެވެ.                                                   

މި ނިއުކްލިއަރ ޕްލާންޓް ހިންގަމުން ގެންދާ ޔޫކްރެއިންގެ އޮޕަރޭޓަރުން ތުހުމަތު ކުރާގޮތުގައި މޮސްކޯއިން އުޅެނީ އެ ނިއުކްލިއަރ ޕްލާންޓް ޔޫކްރެއިނުގެ ގްރިޑުން ކަނޑާލާށެވެ. އެކަމަކު އެއީ ވަރަށް ނުރައްކާތެރި ގޮތްތަކެއް މެދުވެރިވެދާނެ ކަމެކެވެ. ހަނގުރާމައެއްގައި ދެފަރާތުންވެސް ޙަގީގަތް ހާމަނުކުރާނެއެވެ.                                                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް