ހެދޭކުރިއަށް ފެންދިނުމުން ހައްދަންބޭނުންވާ ކުރިމަރުވަނީއެވެ 

Loading

Facebook
Twitter
WhatsApp

އަޅުގަނޑު ލިޔަންބޭނުންވަނީ ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގައި އަބަދުވެސް ކަންހިނގަމުން ދާގޮތުގެ މައްޗަށެވެ. އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ ސިޔާސީގޮތުންހެދޭ ކުރިއަށް ފެންދިނުމަށެވެ.

ހައްދަންބޭނުންވާ ކުރިއަށް ފެންދެވޭނެ މާޙައުލެއްވެސް ނެތޭ ބުނެވިދާނެއެވެ. ބޭނުންވިޔަސް ނުވިޔަސް ފެންދެމުން ގެންދިޔައީ ހެދޭކުރިއަށެވެ. ޒަމާންތައް ބަދަލުވަމުންގޮސް ދިވެހިންނަށްވެސް ސިޔާސީގޮތުން ރަނގަޅު މޭވާއެއްލިބިދާނެ ކުރިއެއް ސިޔާސީ ވެށިން ކުއްލިއަކަށް ދައްކާލިތަން ފެނުނެވެ.

އަޅުގަނޑު މި އިޝާރާތްކުރީ އޭރު ދިވެހިން ފެންދެމުންދިޔަ ގަސް ބިޔަވެ އުމުރުން ދުވަސްވެ ކިތަންމެވަރަކަށް ފެންދިނަސް ދެން އިތުރަށް އާރޯކަން ނުގެނެވިދާނެ ކަމަށް ވިސްނެންފެށިދުވަސްވަރުގެ ވާހަކައަށެވެ. ސިޔާސީވެށިން އަލަށް ދެއްކި ކުރިއަށް ދިވެހިން ފެންދީ ބަލަހައްޓަމުން ގެންދިޔައީ މުޅިން އާ އުންމީދު ތަކަކާއި އެކުގައެވެ. 

ދިވެހިންގެ ނަސީބު ރަނގަޅުކަމުން އެގަސް އުފެދި ބޮޑުވަމުންދިޔައިރު އިހަށް ނުލިބުނު މިންވަރަކަށް ގަހުގެ ހިޔާ އަދި މޭވާވެސް ލިބެމުން ދިޔައެވެ. ނަމަވެސް ތިރީހަކަށް އަހަރުގެ ދިގުމުއްދަ ތެއްގައި ގަސްހެދި ބިޔަވެ އުމުރުން ދުވަސްވުމުންވެސް އެ ގަހަށް ފެންދިނުން ނޫންގޮތެއް ނެތްކަން ދިވެހިންނަށް ގެންދިޔައީ މަޖްބޫރު ކުރުވަމުންނެވެ. 

އޭރުގެ ބަހުން ބުނާނަމަ ކުދި ބާލިދީ އާއި ބޮޑެތި ބާލިދީ ތަކުންވެސް ފެން ދޭންޖެހިފައޮތީ ހަމަ އެގަހަށެވެ. ދިވެހިންނަކަށްއެނޫން ގޮތެއް ފެންނާކަށް ނެތެވެ. އެހެނަސް ގުދުރަތުގެ ގާނޫނުގެނިޔާގައިވ ާގޮތުން ގަހުގެ ފަތްތައް ދޮންވެ ހިކިގެން ވައިގެތެރެއަށް ބުރަބުރައިގެން ދާންފެށިއެވެ. ގޮފިތައް ހިކި މުރަނަވެ ބިނދިބިނދިގެން ބިމަށް ފައިބާންފެށިއެވެ. 

ގަހުގެ ވަށައިގެން އޮތްބިމުގެ ތާޒާކަޏް ކެނޑިއްޖެއެވެ. އެހާތަނުން ހުޅަނގު ފަރާތުން ދައްކާލި ބިޔަ ތޫފާނެއްގައި އެ ގަސް ވެއްޓި ގަހުގެ ވަށައިގެން އޮތް ސަރަހައްދުވެސް ގަނބައި ގެންފިއެވެ. ވަށައިގެން ހުރި ކުދިބޮޑު ހުރިހާގަހެއް ވެލިގަނޑުގެ ތެރޭގައި ވަޅުލެވިގެން ދިޔައީއެވެ. އަލުން އެ ބިމުގެ ތެރެއިން މައްޗަށް އެރިދާނެކަމުގެ އުންމީދެއްވެސް ނެތް ގޮތެއްގައެވެ.                                                            

ކޮންމެއަކަސް ތޫފާނުގެ ކޮޅިގަނޑު ނިމި ވައިމަޑުވެ މިނިވަންކަމުގެ ގިނަ ވައުދުތަކާއެކު މުޅިން އާދުވަހަކަށް ދިވެހިޖައްވަށް އިރު އަރައިފިއެވެ. ސިޔާސީ ހަމަޖެހުމާއި ކޮންމެމީހަކަށްވެސް ބަސްބުނުމާއި އެމީހަކު ބޭނުންވާ ރާސްތާއެއް ޚިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާކަން ޢިއްލާނުކުރަމުންނެވެ. ސިޔާސީ ފަސްގަނޑުގައި އެތައް ގަހެއްގެ ކުރިތައް ދައްކާލައިފިއެވެ. އެމީހަކު ބޭނުން ކުރިއަކަށް ފެންދިނުމުގެ ފުރިހަމަ މިނިވަންކަން ލިބިއްޖެއެވެ. މި ޙަރަކާތުގައި ޒުވާނުންތަކެއް ބައިވެރިވިތަން ފެނިގެންދިޔައެވެ. އާ އުންމީދު ތަކަކާއި އެކުގައެވެ. 

އަޅުގަނޑު މިލިއުމުގައި ވަކި ޒުވާނެއް މި ޚާއްސަކުރަނީ އެ މިނިވަންކަން ހޯދުމަށް މަސައް ކަތްކުރި ދިވެހި އެންމެހާޒުވާނުން ނަށް ޝުކުރުވެރި ވަމުންނެވެ. އޭގެތެރޭން ގިނަ ޒުވާނުން ތަކެއް ޙަރަކާތްތެރި ވަމުންގ ެންދިޔައީ އަމިއްލަ އެދުމުން އެއްކިބާވެތިބެ ގައުމަށްޓަކައޭ ބުނަމުންނެވެ.                                                       

ކޮންމެއަކަސް އަލަށް މިލިބުނު މިނިވަން ކަމާއެކު ފަސްގަނޑުޖެހި ސިޔާސީ ބިމުގައި އެންމެ ފުރަތަމަވެސް ދައްކާލި ގަހުގެ ކުރިތައް ވަރަށްވެސް ތަޒާކަމާއެކު ހެދިގެންދާން ފެށިއެވެ. ދިވެހިންގެ ބިމުގައި ދިވެހިން ބޭނުންވާ ގޮތަކަށް އެ ގަހުގެ ކުރިތައް ބައްޓަންކުރުމުގެ ފުރުސަތު ކަށަވަރު ކޮށްދެމުންނެވެ. ގަސް ހެދި ބޮޑުވަމުން ދިޔައީ ދިވެހިންގެ އުންމީދުތަކާ އެއްގޮތަށެވެ. ގަސްބޮޑުވެ ފޯދި ކުރިތަކުގައި އެތައްބައިވަރު މަލެއްފޮޅި މޭވާތައް ދައްކާލިތަން ފެނުނެވެ. މޭވާތައް ދޮންވެ ފައްކާވުމުން އެ މޭވާތައް ބިނދެ ކައިރީގައިތިބި ބައިވެރިންނަށް ބަހާލައިފިއެވެ. އަނެއްކާވެސް ރައްޔިތުންގެ މަތިން ހަނދާން ނައްތާލީއެވެ. ރައްޔިތުންގެ ޝުއޫރުތަކުގައި ކޮޅުފައިން ޖަހައިފިއެވެ.                                                                          

ކޮންމެއަކަސް މޭވާތައް ބެހުމުގައި ހިއްސާ އެއްނެތި ރައްޔިތުން ބޭރުކުރުމުން އެ ޙަރާކާތުގައި އުޅުނު ބައެއްޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށް އެއިން އެއްވެސް ޙިއްސާއެއް ބޭނުންކުރުމަށް އުޒުރުވެރި ވީތަންވެސް ފެނިގެން ދިޔައެވެ. ހަމައެއާއެކު ލިބުނުޙިއްސާ މަދުވެގެން މޫނު ކުނި ކުރަމުން ދިޔަބަޔަކުވެސް ފެންނާން ފެށިއެވެ. އެހާތަނަށް ދިއުމުން ރައްޔިތުންނަށް އެނގުނީ ފެންދީގެން ރައްކާތެރި ކަމާއެކު މި ހެއްދުނީ އޮށަނި ގަހެއްކަމެވެ. 

އޮށަނިގަހެކޭ އަޅުގަނޑު މިދެންނެވީ އަޅުގަނޑު އުފަންވެ ބޮޑުވެގެން އައި މެދު ރާއްޖެތެރޭގައި ބޭނުންކުރާ ބަހުރުވައިގާ އޮށަނިގަހަކީ ވިހަ މޭވާއެއް އަޅާގަހެއް ވީމައެވެ. ކޮންމެއަކަސް ބައިއަޅައިގެން ޙިއްސާތައް ލިބުނުމީހުން އެމޭވާތައް ކައިގެން މިހާރު އެތިބީ ފިސާރިރަނގަޅަށް އެ ވިހައިގެ މަސްތުގެ ތެރެއަށް ގެނބިފައެވެ. ސަލާމަތް ވެވޭނެގޮތެއް އަދި ސަލާމަތް ކުރިވިދާނެ މަގެއްވެސް ފެންނާކަށް ނެތެވެ. 

ރައްޔިތުން ހެއްދިގަސް ކަނޑާލަން  ރައްޔިތުން ތިބީ މިހާރު ކެތްމަދުވެފައެވެ. އެހެނަސް އެ ގަހުގެ ކައިރިއަށްވެސް ރައްޔިތުންނަށް ދެވޭކަށް ނެތެވެ. މުޅި ސަރަޙައްދު އޮތީ ގަސް ރައްކާތެރިކަމުގެ ފިޔަޅުތަކުން ފުރިހަމައަށް ގާޑްކޮށްފައެވެ. ނުރައްކާތެރި ޖަނަވާރުތައްވެސް އެ މަސްތުގައި ޖައްސައި ގަހުގެ ފާރަވެރިންގެ ގޮތުގައި ބައިތިއްބާފައެވެ.                              

އެތައް ބުރައަކާއި ގުރުބާނީ ތަކަކާއި އެކު ހެއްދި ގަހާކައިރިވެވޭނެ ގޮތެއްވެސް ނެތުމުން ބައެއް ޒުވާނުން އިންތިހާދަރަޖައަކަށް ނާއުންމީދުވެ މި ދިވެހި މުޖުތަމާޢުން އެކަހެރިވާންގަސްދުކޮށްފިއެވެ. އެހެނަސް އޭގެތެރޭން އަޅުގަނޑުގެ މިލިއުމުގައި މިފާހަގަ ކުރާ ޒުވާން ސަޚްޝިއްޔަތު މިގައުމާއި އިސްލާމީ ދުނިޔޭގައި ހިނގަމުންދާ ނުރަނގަޅު ކަންތައްތަކާއިމެދު އަތްއުރާލައިގެން ހުންނަން ބޭނުން ނުވާ ޒުވާނެކެވެ.

އެހެންކަމުން އެ ޒުވާނާ ގަސްދުކުރީ ކޮންމެވެސް ސިފައެއްގައި އޭނާގެ އަޑު އިސްލާމީ ދުނިޔެއަށާއި އަދި ޢާންމުކޮށް މުޅިދުނިޔެއަށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށެވެ. ތެދުވެރި ހިތަކައިގެން މަސައްކަތް ކުރުމުން މަންޒިލް މަގްސޫދަށް ވާސިލް ވެވޭނެ މަގުތަކެއް ފެންނާނެތީއެވެ. އެ މަގަކީ އެންމެ ސީދާކޮށް ފެންނަންއޮތް މަގަކަށް ނުވެދާނެއެވެ. ހުރަސްތައް ގިރާކުރުމަކީ މަގްސަދު ކަމުގައި އަޒުމު ކޮށްފިނަމަ ކޮންމެ އުނދަގުލެއްވެސް ގިރާކުރެވޭނެއެވެ. 

މިފިކުރާއި ވިސްނުމުގައި އަޅުގަނޑު މި އިޝާރާތްކުރާ ޒުވާނާ ފެށި މަސައްކަތުގައި މިހާތަނަށް ވެސް ގިނަ ކާމިޔާބީ ތަކެއް ޙާސިލު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުންތަކެއް ބައިނަލް އަގްވާމީ ދުނިޔެއަށް ތަޢާރުފް ކުރުމުގައި މިހާރުވެސް ގެންދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިއަދު ފްރެންޑްސް އޮފް ޕެލަސްޓައިންގެ ގޮލޯބަލް ނެޓްވޯރކްގައި ދިވެހިން ތަމްސީލު ކުރައްވަނީ އެ ޒުވާނާއެވެ. 

ފަލަސްތީނުގެ މައްސަލައަކީ ދިވެހިން ހިތާއި ހިތުގެ ގުޅުމުން ގުޅި ލާމެހިފައިވާ މައްސަލައެކެވެ. ސިޔާސީ ހަރަކާތްތަކުގައި 20 އަހަރުދުވަސް ހޭދަކުރުމުން އެ ޒުވާނާއަށް ލިބިފައިވާ އެއްވެސް އަމިއްލަ އެދުމެއްނެތް ސިޔާސީ ތަޖްރިބާގެ ބޭނުން އެކުރައްވަނީ ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ އުންމީދުގައެވެ.ދިވެހިންނަށްޓަކައި ދިވެހި ސިޔާސީ ފަސްގަނޑުގައި ވިހަނޫން މޭވާގަސްތަކެއް އިންދުމަށް ބިން   ސާފުކުރުމުގެ މަސައްކަތުގައެވެ.

ދިވެހިމީޑިއާތަކުގެ ދުރުމި އެޒުވާނާއަށް އަދި އަމާޒުވާތަނެއް ނުފެނެއެވެ. އެހެނަސް އެ ޒުވާނާގެ މަސައްކަތް ފާހަގަކުރާ ބައެއް އިސްލާމީ ގައުމުތައް މިހާރު ވަރަށް ފާޅުކަން ބޮޑުގޮތަކަށް އެބަފެނެއެވެ. އެގޮތުން ތުރުކީގެ ސިޔާސީ މައިދާނަށް އެޒުވާނާއަކީ މިހާރު އާ ނަމެއްނޫނެވެ. ފަލަސްތީނާބެހޭ ކޮންމެ ބަހުސެއްގައި އެދިވެހި ޒުވާނާގެ ވަރަށް މުހިންމު ޙިއްސާއެއް އޮެވެއެވެ. 


ފަލަސްތީނުގެ މައްސަލަ ފަދައިން ދިވެހިންގެ ސިޔާސީ މައިދާނުގައިވެސް ތަފާތު ވިސްނުން ތަކާއިއެކު ތަފާތު އުކުޅުތައްބޭނުންކުރާތީ އެބަފެނެއެވެ. އެފަދަ މާޙައުލެއްގައި ބައިވެރިވެ އަޑުއުފުލުމުގެ ފުރުސަތު ލިބުމަކީވެސް ފަޚުރުވެރިވުން ކާމިޔާބީއެކެވެ. ކާމިޔާބީ ޙާސިލު ކުރުމަށްޓަކައި ތަފާތު އަޑުތަކުން އެކައްޗެއް ކިޔަން ޖެހޭނެއެވެ. ތަފާތުތައް ނައްތާލުމުގައި ދިވެހި އެ ޒުވާނާ އަދާކުރަމުން ގެންދާ ޙިއްސާއަށް މިއަދު އެ މާޙައުލުގެލޯތައް ވަނީ އަމާޒު ކުރެވިފައެވެ. 

އަޅުގަނޑުގެ މިލިއުމުގައި އިޝާރާތް މިކުރާ ދިވެހި ޒުވާނާއަކީ އެންމެން ދަންނަ ނަޒާކީ ޒަކީގެ ދަރިފުޅު މުޢާދު މުޙައްމަދުޒަކީއެވެ. އެ ޒުވާނާގެ އަމާޒުތަކަށް ވާސިލުވުމުގައި މިހާރު މަސައްކަތްތައް ކުރަމުންގެންދަނީ އިސްލާމީ އުންމަތުގެ ވަރަށް ޝަރަފްވެރި މަގާމެއް ލިބިފައިވާ ތުރުކީގެ ބިމުގައެވެ. އަދި ތުރުކީވިލާތަކީ ކުރީގެ އޮޓަމަން އެމްޕަޔަރގެ އިސްލާމީ ޚަލީފަތުގެ ފަޚުވެރި އިސްލާމީވަންތަ ބިޔަގައުމެވެ. ފަލަސްތީނުގެ ނިކަމެތި ކޮށްލެވެިފައިވާ މުސްލިމުންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި އެންމެގިނައިން މުސްލިމް ރެފިއުޖީންނަށް ބޯހިޔާވަހިކަންދެމުންގެންދާ ފަޙުރުވެރި ގައުމެވެ.

އެމްޑީޕީގެ ޙަރަކާތްތައް ފެށިގެން ހިނގަމުންދިއަ ދުވަސްވަރަކީ މުޢާދު އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުއްވި ދުވަސްވަރެވެ. އެމްޑީޕީ އިން އިނގިރޭސި ވިލާތުގައި ހިންގި ގިނަ ޙަރަކާތްތަކުގައި ނަޝީދުގެ އަރިހުގައި މަސައްކަތް ކުރެއްވިއެވެ.

މިއަދު މުޢާދު މުޙައްމަދު ޒަކީ އަކީ ޕީޕީއެމްގެ ތުރުކީގައިހުންނަވާ ރެޕްރެޒެންޓޭޓިވްއެވެ. އަދި ރާއްޖެއިން ތުރުކީއަށް އަމިއްލަގޮތުންނާއި ކުޅިވަރާއި ސަގާފީ ދާއިރާއިން ވިޒިޓްކުރަށްވާ ބޭފުޅުންގެ މަދަދުގާރު އެމްބަސަޑަރވެސް މެއެވެ. މުޢާދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ވަކިޕާޓީއަކާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރެއްވި ނަމަވެސް އަބަދުވެސް އިސްކަން ދެއްވާނީ މުޅި ދިވެހީންގެ އިސްލާމީވަންތަކަން ކުރިއެރުމާއި ލާބަޔަށް ކަމުގައެވެ.ފަލަސްތީނުގެ ވަކިދައުލަތެއް އުފެދި ހަމަޖެހުން ފެނުމަކީ އޭނާ އެންމެ އުފާކުރައްވާނެ ދުވަސްކަމުގައެވެ




Loading

One Response

  1. މިގައުމު ދިވެހިންނަށް ދެން އަތުޖެހޭނީ ވަރަށް ގިނަ ގުރުބާނީ ތަކެއް ވެގެންނެވެ. ގައުމީ އެއްބައިވަންތަކަމެއް މިހާރަކު ނެތެވެ. ކުރީގައި އޮތްފަދަ އިސްލާމީ އެއްބައިވަންތަކަމެއްވެސް ނެތެވެ. ދީނުގެ ހުކުމްތަކަށްވެސް ދަނީ ފަރުވާ ކުޑަކުރަމުންނެވެ. އަމިއްލަ އެދުމާއި ކޮރަޕްޝަނާއި ފަސާދަ މިއޮތީ މުގޫލާފައެވެ. ބޮޑުތަކުފާނާއި ދޮންބަންޑާރައިން ފަދަ ޒުވާނުންތަކެއް އުފެދެން އެބަ ޖެހެއެވެ. އެންމެ މުޢާދު ޒަކީއަކަށް ކުރެވިދާނެވަރަށް ވުރެން ބޮޑުކަމެކެވެ. ވަގުތު ފާއިތުވެގެން ނުދަނީސް ދިވެހި ޒުވާނުން މިކަން ދެނެގަނެ މި ގައުމު ދިވެހިންނަށްޓަކައި އަބަދުގެ އަބަދަށް ރައްކާތެރިކޮށްދޭން އެބަ ޖެހެއެވެ. މާތް ﷲ ދިވެހި ޒުވާނުންގެ ފައިތިލަތައް އެންމެ ހެޔޮ މަގުގައި ސާބިތު ކުރައްވާފާންދޭވެ….އާމީން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް