ތާރީޚުގެ ތެރެއިން އިނގިރޭސިން އިންޑިއާ ބައިބައިކޮށްލުން 

Loading

Facebook
Twitter
WhatsApp

ދިވެހިންގެ އެންމެ ގާތް އެއް އަވައްޓެރި އަދި ހަމައެފަދައިން އެ ގާތްކަން އަބަދުވެސް ދަމަހައްޓަމުން ގެންދާ އިންޑިއާއަށް އިނގިރޭސީން ވެރިވެގަނެ އެގައުމުގެ މުއްސަނދިކަން ލޫޓުވާލުމަށްފަހު މިނިވަންކަން ދިނިއްޔޭ ބުނެ ފައިބައިގެން ދިޔައިރު ކަންތައް ކުރި ގޮތް ޚުލާސާ ގޮތެއްގައި ނަމަވެސްއެނގުމަކީ ބޭނުންތެރި ކަމެކެވެ. 

މިއަދުގެ ދުނިޔޭގައި އިންސާނިއްޔަތުގެ ހަމަހަމަ ކަމަށް ދައުވާކުރުމުގައި އެންމެ ކުރީސަފަށް ނިކުމެ އުޅޭ އިނގިރޭސީން ކަންތައްކުރި ގޮތް އެނގުން ކޮންމެހެން ބޭނުމެވެ. މިނިވަންކަން ދިނުމުގައި ކޮންމެ ކަމެއްގައިވެސް އަމަލު ކޮށްފައިވަނީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ދުވަހަކުވެސް އެއްބަސް ނުވެވޭ ވަރަށް ނަފްރަތާ ރުޅިވެރިކަން ދެމިއޮންނާނެ ގޮތެއް ކަށަވަރު ކޮށްފައެވެ. ދެ ޕާކިސްތާނުގެ މެދުގައި އިންޑިއާ އޮންނަގޮތަށް މިނިވަންކަން ދިނުން ވިސްނާ ފިކުރުކުރާ މީހެއްގެ ބޯ ހަލާކު ކުރާނެއެވެ.                                                            

އިންޑިއާގައި އިނގިރޭސީން ތިބުމުގެ ޚަރަދު ފޫބެއްދޭނެ ގޮތެއް ނެތުމުގެ ސަބަބުން  ވީހާވެސް އަވަހަކަށް އިންޑިއާއަށް މިނިވަންކަން ދޭން ބޭނުންވާކަން 1946 ވަނައަހަރު އިނގިރޭސީން ފާޅުކުރަމުން ގެންދިޔައެވެ.އެއީ އިނގިރޭސީން ނަށް ނުކޮށްތިބެވެން އޮތް ކަމެއްވެސް ނޫނެވެ. އިންޑިއާއަށް މިނިވަންކަން ދޭނެ ތާރީޚަކީ 1947 އޯގަސްޓް 15 ކަމުގައި އެންމެ ފަހުން އިންޑިއާގައި ހުންނެވި އިނގިރޭސި ވިލާތުގެ ވިޔަޒޯރު ލޯޑް މައުންޓްބެޓަން ނިންމެވިއެވެ.                                                               

އިންޑިއާ ބައިކޮށްލީމާ އޮންނާނެ ގޮތުގެ ޗާޓެއް 1947 ވަނައަހަރު އިނގިރޭސީންގެ ސަރ ސިރިލް ރެޑްކްލިފް  ކުރެހިއެވެ. މެދުތެރޭގައިއިންޑިއާގައި ހިންދޫންގެ އަޣްލަބިއްޔަތު އޮތުމުން އެބައި އެމީހުންނަށެވެ. ހުޅަނގު އުތުރާއި އިރު އުތުރުގައި މުސްލިމް އާބާދީ ގިނަވުމުގެ ސަބަބުން އެ ސަރަހައްދުތައް މުސްލިމުންނަށެވެ.  އެކަމަކު މުސްލިމުންނާއި ހިންދޫންގެ އާބާދީ މުޅިއިންޑިއާގައިވެސް އޮތީ މަސްހުނި ކޮށެވެ.މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް  އިންޑިއާގެ މުޅި އާބާދީގެ 25 އިން ސައްތައެވެ. 

އާބާދީގައި ދެންތިބީ ހިންދޫންނާއި ބުޑިސްޓުންނާއި ސިކުން އަދި އެހެން ދީން ތަކުގެ މީހުންވެސް ހިމެނޭގޮތުގައި އަޣްލަބިއްޔަތަކީ ހިންދޫންނެވެ.އިންޑިއާގެ ހިއުމަނިޓީސް ރިސާރޗް ކައުންސިލްގެ ޕްރޮފެސަރ ނަވްޓީ ޕުރެވަލް ވިދާޅުވާ ގޮތުގައި އިންޑިއާ ބައިކޮށްލުމުގައި އިނގިރޭސީން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ދީންތަކުގެ އާބާދީ އޮތް ގޮތުގެ މައްޗަށެވެ.                

ބުނެވޭގޮތުގައި އަލަށް ކަނޑައަޅަން ޚިޔާލުކުރެވިފައިވާ ސަރަހައްދުތަކަށް 15  މިލިއަން މީހުން ބަދަލުވެގެން ދިޔައެވެ.  މިދުވަސްވަރު ކަލްކަތާގައި ހިނގާދިޔަ ހިންދޫންނާއި މުސްލިމުންގެ ނަސްލީ ދެކޮޅުވެރިކަމުގައި 2000 މީހުން މަރުވިއެވެ. އަދި އެތައްބައިވަރު މުސްލިމުންގެ ގެދޮރު ނެތިކޮށްލެވިގެން ދިޔައެވެ.

ޔުނިވަރސިޓީ އޮފް ލަންޑަންގެ ސީނިއަރ ލެކްޗަރ އެލީނޯރ ނިއުބިގިން ވިދާޅުވެފައިވާ ގޮތުގައި މުސްލިމް ލީގުގެ މިލިޝިއާ އާއި ހިންދޫންގެ ރައިޓްވިންގް ގުރޫޕް އުފެދިގެން ދިޔައީ މިދުވަސްވަރު ގައެވެ. ޓެރަރިސްޓްކަމުގައި ބެލެވުނު މި ގުރޫޕްތަކުން އެކިއެކި ވިލެޖްތަކުގައި ގަދަކަމުން އެމީހުން ބާރު ފަތުރަމުން ގެންދާން ފެއްޓިއެވެ. އަމްރިތުސާރުގެ ވަގުތީ ފޭލިގެ ތަކުގައި ތިބި ވިއްސަކަށް މިލިއަން ސިކުން ވިއްސި ވިހާލި ކޮށްލެވިގެންދިޔައެވެ.

ވަގުތީ ފޭލިގެ ތަކުގައި ތިބި މީހުންގެ ތެރެއިން މިލިއަނެއްހާ މީހުން އެކިއެކި ބަލިމަޑުކަމުގައި ބޭސްފަރުވާ ނުލިބި މަރުވެގެން ދިޔައެވެ. އަދި  މުޅި އަމްރިތުސަރ ވިރާނާ ކޮށްލެވިގެން ދިޔައެވެ.  އެތައް ހާސް މުސްލިމް އަދި ހިންދޫ އަންހެނުން ރޭޕް ކުރެވިގެން ދިޔައެވެ. މުސްލިމުން ބާރު އަޅަމުން ގެންދިޔައީ އަމްރިތުސަރ އަކީ މުސްލިމުންގެ ޝަހަރަކަށްހެދުމަށެވެ. އެހެންނަމަވެސް ހިންދޫން އެ މައްސަލާގައި ގޮތްދޫނުކުރުމުން އެންމެފަހުން އަމްރިތުސަރ އިންޑިއާގެ ބައެއްގެ ގޮތުގައި ހަމަޖެހުނީއެވެ.

ޕްރޮފެސަރ ނިއުބިގިން ވިދާޅުވަފައިވަނީ އިންޑިއާ ބައިބައި ކޮށްލެވުނު ހާދިސާއަކީ ހިތުން ފިލުވާ ނުލެވޭވަރުގެ ހިތާމަވެރި ހާދިސާއެއް ކަމުގައެވެ.އޭގެސަބަބުން ދެ ގައުމުގައިވެސް ބާރުގަދަ ދީނީ ޖަމާއަތްތައް އުފެދި  ބައިމަދު އާބާދީތަކަށް ނިކަމެތިކަމުގެ އިންތިހާއާއި ކުރިމަތިލާންޖެހުނީއެވެ.                                                        

މީގެ 75 އަހަރު ކުރިން އިނގިރޭސީން އިންޑިއާއަށް މިނިވަންކަން ދިނީ އެ ގައުމު ބައިބައި ކޮށްލާފައެވެ.  އަލަށް އުފެދު ޕާކިސްތާނަށް އިންޑިއާގެދެ ފަރާތަކުން ބައެއް ދީފައެވެ. ޕާކިސްތާނަކާއި އިރުމަތީ ޕާކިސްތާނެއް އުފައްދާފައެވެ. މީގެ ސަބަބުން 15 މިލިއަން މީހުންނަށް ގެދޮރު ގެއްލި އަދި ބުނެވޭގޮތުގައި އެއް މިލިއަން މީހުން މަރުވިއެވެ. އަދި އިންޑިއާއާއި ޕާކިސްތާނުގެ ދުޝްމަނީ ހަމަ އެގޮތުގައި މިހާރުވެސް ދެމި މިއޮތީއެވެ.ކަޝްމީރުގެ މައްސަލާގައި ދެފަހަރު އިންޑިއާއާއި ޕާކިސްތާން ހަނގުރާމަ ކުރަންޖެހުނެވެ.                         

1971 ގައި ބަންގްލާދޭޝް އުފެދުނެވެ. ޕާކިސްތާނުންވަކިވެ ބަންގްލާދޭޝް އުފެއްދުމަށް ކުރި ހަނގުރާމާގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ބައިވެރިކަން ދެނެގަންނަން ޖެހެއެވެ.                                        

ޕާކިސްތާނުގެ އާބާދީގެ ނިސްބަތުން ހިންދޫންނަކީ ހަމައެކަނި 2 އިން ސައްތަ އެވެ. އަދި ޕާކިސްތާނަކީ ފުރިހަމަ މުސްލިމް ގައުމަކަށް ވުމަށް މަސައްކަތް ކުރަމުން ދާއިރު އިންޑިއާއިން ގެންދަނީ ހިންދޫޒަމް ޕްރޮމޯޓް ކުރުމަށް ގަދަޔަށް ބާރު އަޅަމުންނެވެ.                                                              

ޕްރޮފެސަރ ޕުރެވަލް ވިދާޅުވާ ގޮތުގައި އިނގިރޭސީން ބޭނުންވިނަމަ 1947 ގައި އިންޑިއާ ބައިބައި ކޮށްލުމުގެ ބަދަލުގައި ފެޑެރޭޝަން ސަރުކާރެއް ގާއިމު ކުރެވުނީހެވެ. އެކަމަކު ގާންދީ އާއި ނެހުރޫ ބާރު އަޅަމުން ގެންދިޔައީ ތަފާތު ދީންތަކާއި މަޒްހަބުތައް އެކުލެވޭގޮތުގައި އިންޑިއާއަކީ އެއް ދައުލަތެއްގެ ގޮތުގައި ބޭއްވުމަށެވެ. އެކަމަށް މަގުފައި ކުރުމުގެ ގޮތުން ހިންދޫންނާއި މުސްލިމުންގެ ވޯޓާރސް ލިސްޓެއް ތައްޔާރުކުރުމާއި މުސްލިމުންނަށާއި ހިންދޫންނަށް އިންތިޚާބީ މަގާމުތަކުގެ އަދަދު ކަނޑައެޅުންފަދަ ކަންތައްވެސް ކުރެވުނެވެ. 

މުސްލިމުންގެ މަދު އާބާދީއެއް ހިންދޫންގެ ބިޔަ އާބާދީއެއްގެ ތެރޭގައިދިރިއުޅުމުން ދިމާވަމުން ހިނގައިދާނެ ކަންތައްތަކާއިމެދު އެބޭފުޅުން ފިކުރު ނުކުރައްވާ ކަހަލައެވެ. ހަމައެފަދައިން އޯލް އިންޑިއާ މުސްލިމްލީގުގެ ލީޑަރ މުޙައްމަދު އަލީ ޖިނާހް ވެސް ގަދައަޅުއްވަމުން ގެންދެވީ މުސްލިމުންގެ ވަކި ދައުލަތެއް ގާއިމް ކުރުމުގެ މައްޗަށެވެ. އަދި ގާންދީމެންގެ އެއްދައުލަތުގެ ވިސްނުންފުޅު އެއްގޮތަކަށްވެސް ގަބޫލުކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އިނގިރޭސި ވިލާތުގެ ޚާރިޖީ ސިޔާސަތާބެހޭ އިންސްޓިޓިއުޓެއްގެ އިސް ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ ގަރެޓު ޕްރައިސް ވިދާޅުވާގޮތުގައި އިންޑިއާއަށް މިނިވަންކަން ދިނުމުގެ ވާހަކަތައް ދެކެވެމުން ދިޔައިރު ހިންދޫންގެ އަޣްލަބިއްޔަތާއެކު ދިރިއުޅެން ޖެހިދާނެތީ މުސްލިމުން ގެންދިއައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.އެހެންކަމުން ދެފަރާތުގެ ވިސްނުން މިހާބޮޑަށް ތަފާތު ވެފައިވާއިރު އަލުން އެއްގަލަކަށް އެރުވުމަކީ ވަރަށް ގިނަ ދުވަސް ނަގާނެކަމެއް ކަމުގައި ވެސްޑޮކްޓަރ ޕްރައިސް ވިދާޅުވިއެވެ.                                                        

1959 ވަނައަހަރުން ފެށިގެންކޮންމެ ދުވަހަކު ހަވީރު އިންޑިއާ ޕާކިސްތާން ބޯރޑަރ ހުރަސް ކުރުން ފާހަގަ ކުރާ ވަގާހު ގައި ދެގައުމުގެ ސިފައިން ދެ ގައުމުގެ ދިދަ އެކުއެކުގައި ތިރިކުރުން ހިނގަމުންދިޔައެވެ. ވިސްނުމާއި އަގީދާގައި ކިތަންމެ ތަފާތު ތަކެއް ހުއްޓަސް ރީތި އެކުވެރިކަމެއްރަމްޒުކޮށްދިން ކަމެކެވެ.     

Loading

3 Responses

  1. ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަމެވެ. މިލިއުމުގެ އެންމެ ފަހު ޕެރެގްރާފްގެ ފުރަތަމަ ލައިން ނިމޭތާގައި ( ފާހަގަކުރާ ވަގުތުގައި ) އެއީ ލިއުމުގެ ކުށެކެވެ. ރަނގަޅުގޮތަކީ ވަގާހު ގައި މިހެންނެވެ. ސަންދާނު.

  2. އިނގިރޭސިން އަދި އެމެރިކާވެސް ތިއީ ބޮޑެތި އަނިޔާވެރީން. ގޫގުލް ކޮށްލިޔަސް މިހާރުވެސް މިވެރިންގެ ލާއިންސާނީ ކަންކަން ލިޔެވިފައި އެބަހުރި. އެހެނަސް މާސްމީޑިއާ އެމީހުން ކޮންޓްރޯލް ކުރާތީ އެހެން މީހުންގެ ނުވައިވާހަކަ އަބަދު ދުނިޔެއްއަށް ދައްކަނީ. ވީމާ އަހަރެމެން ގިނަ މީހުން އެމީހުންގެ މީޑިއާ ދައްކައިދޭ ކިޔައިދޭ ވާހަކަތައް ގަބޫލުކުރެވި އެ އަނިޔާވެރީން އެއީ ހެޔޮލަފާ ބައެއްކަން ގަބޫލުކުރެވެނީ. ޙަގީގަތަކީ ވަރަށް ޙީލަތްތެރި އަނިޔާވެރި ބައެއްތީ!

  3. މިހިރީ އިހަށްދުވަހު ކަންތައް ކުރި ގޮތެވެ. ހިޔަޅުވެސް މިބައިމީހުންދެކެ ލަދުގަންނާނެކަން ކަށަވަރެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް