ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ޖަމާވާނީ ރުފިޔާ އެކައުންޓްތަކަށް: ބީއެމްއެލް

76

ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ރުފިޔާ އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، “ވިސާ ޑައިރެކްޓް” “މާސްޓަ ކާޑް ސެންޑް” ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓް ތަކަށް ޖަމާކޮށްދިނުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

އެމްއެލް އިން ބުނީ، ޓްރާންސްފާ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ގެނެވުނު ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް ފައިސާ ފޮނުވާ P2P) ) ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާގެ މުއާމަލާތްތައް ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިން ކަމަށެވެ. މި ބަދަލާއެކު ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުން ހުއްޓޭނެ އެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތަކަށް ވާއިރު ބީއެމްއެލް އިން ބުނީ، މި ބަދަލު ގެނައި ނަމަވެސް، މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގޭނެ ކަމަށެވެ. ނަމަވެސް މި ބަދަލާއެކު ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓް ތަކުން ކަމަށް ބޭންކް އިން ބުނެފައިވެ އެވެ.

މި ބަދަލު ގެނައި ނަމަވެސް ޓީޓީ މެދުވެރިކޮށް ލިބޭ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާ ކުރެވޭނެ އެވެ. ބޭރުން ލިބޭ ފައިސާ ޖަމާކޮށްދިނުމުގައި ބޭންކުން ހަމައެކަނި ބަދަލު ގެނެސްފައިވަނީ ވިސާ ޑައިރެކްޓް އަދި މާސްޓަކާޑް ސެންޑް ފަދަ ޕްލެޓްފޯމް ތައް މެދުވެރިކޮށް ބޭރުން އޮންލައިންކޮށް ލިބޭ ފައިސާއަށެވެ.

ކުރިއެކޭ އެއްގޮތަށް ޑޮލަރު އެކައުންޓަށް ޓީޓީގެ ގޮތުގައި ލިބޭ ފައިސާ ޖަމާވާނެ އެވެ. އަދި މި ބަދަލު ގެނައި ނަމަވެސް މިހާރެކޭ އެއްގޮތަށް ބީއެމްއެލް މޮބައިލްޕޭ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ