ޗައިނާގެ ޖާސޫސީ ބޯޓު ސްރީލަންކާގައި ބަނދަރުކޮށްފި 

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް ހަފްތާއެއްހާދުވަހު ލަންކާގެ ކަނޑުގެ ސަރަޙައްދުގައި މަޑުކޮށްގެން ރަޙުމަތްތެރިކަމުގެ ޙައްލެއްހޯދުމަށް މަސައްކަތްކޮށް ލަންކާއިން ހުއްދަދިނުން ލަސްކުރަމުން ދިޔަ ޗައިނާގެ ރިސާރޗް ޝިޕް ޔުއާންގް ވާންގް 5 ސްރީލަންކާގެ ހަމްބަންޓޮޓާގައި ބަނދަރު ކޮށްފިއެވެ. އަދި ޗައިނާއިން ބިލްޓްކޮށް ހިންގާ އެބަނދަރުގައި މި އޯގަސްޓްމަހުގެ 22 ވަނަދުވަހާ ހަމަޔަށް އެ ބޯޓު އޮތުމުގެ ހުއްދަ ދީފައިވާ ކަމަށް މިއަދު ސްރީލަންކާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

އެހެންނަމަވެސް އެއީ ސްރީލަންކާގެ ސަރަހައްދުގައި އޮވެގެން އެއްވެސް ބާވަތެއްގެ ރިސާޗެއް ނުކުރުން ޝަރުތު ކޮށްފައި ކަމަށްވެސް ސްރީލަންކާގެ ރަސްމީ ފަރާތުން މައުލޫމާތު ދީފައިވެއެވެ. އެއީ ޖާސޫސި ބޯޓެއް ކަމަށާއިޖާސޫސީ ހަރަކާތްތައް ހިންގާނެ ކަމަށް ބެލެވޭކަމުގައި މީގެ ކުރިން އިންޑިއާއިން ބުނެފައިވާ ކަމަށް މީޑިއާ ތަކުން ހާމަކުރެއެވެ. ވަރަށް ގިނަ އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި  އެއީ ޑުއަލް ޔޫޒް ސްޕައި ޝިޕެކެވެ.

އެހެންނަމަވެސް ތަޙްލީލީ ޝިޕިންގް ވެބްސައިޓް ތަކުން ހާމަކުރާގޮތުގައި އެއީ ރިސާރޗް ކުރުމާއި ސާރވޭކުރަން ބޭނުންކުރާ ބޯޓެކެވެ. އިންޑިއާގެ އެން.ޑީ.ޓީވީ. ގެ އެއްރިޕޯރޓެއް ބުނާގޮތައި އިންޑިއާއިން ކަންބޮޑުވަނީ އެ ބޯޓު ސްރީލަންއަށް އައުމުގއިވެސް އަދި ފުރައިގެން ދާއިރުވެސްއިންޑިއާގެ ކަންތައްތަކަށް ފާރަލުމުގެ ހަރަކާތްތައް ހިންގާނެތީއެވެ. އަދި މިދިޔަ ޖުލައިމަހުގެ ކުރީކޮޅު އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެ ބޯޓުގެ ދަތުރު ރާވާފައިވާގޮތް ބަލަމުންގެންދާ ކަމަށާއި އިންޑިއާގެ  ސަލާމަތާއި އިގްތިސާދު އިންޑިއާއިން ރައްކާތެރިކުރާނެމަށެވެ.                      

ރޮއިޓާރސް އަށް މައުލޫމާތު ދިން ޚާރިޖީ ރައްކާތެރި ކަމާއިބެހޭ މުޙައްލިލަކު ވިދާޅުވެފައިވަނީ ޗައިނާގެ މި ބޯޓަކީ  ޖައްވުތެރޭގެ ޙަރަކާތްތައް ދެނެގަތުމާއި ސެޓެލައިޓްތަކުގެ ދައުރުކުރުމާއި ރޮކެޓާއި އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ފޮނުވުން ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އެންމެ ފަހުގެ ޓެކްނޯލޮޖީ ގާއިމް ކޮށްފައިހުރި ބޯޓެއް ކަމަށެވެ. ރޮއިޓާރސް އިން އިތުރަށް ބުނެފައިވަނީ އެ ބޯޓުގެ ދަތުރާބެހޭގޮތުން އިންޑިއާއިން ސްރީލަންކާ ސަރުކާރަށް އަނގަބަހުން ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ.                                    

އެ ބޯޓު ސްރީލަންކާގައި ބަނދަރު ނުކުރުމަށާއި އެއީ އިތުރަށް ވާހަކަ ދައްކަންޖެހޭ މައްސަލައެއް ކަމަށް ސްރީލަންކާގެ ޚާރިޖިއްޔާއިން ޗައިނާއަށް އެންގިކަމަށް ވެސް ރޮއިޓާރސް އިން ބުނެފައިވެއެވެ. މިކަމާގުޅިގެން ޗައިނާއިން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނޭބުނެ އެހެންގައުމަކުން ސްރީލަންކާއަށް ފިއްތުން ކުރިމަތިކުރުމަކީ އިންސާފެއްނޫންކަމަށެވެ. އެހެންނަމަވެސް އެއީ ކޮންގައުމެއްކަމެއް ހާމައެއް ނުކުރެއެވެ.  ސްރީލަންކާއިން ފަހުން ބުނެފައިވަނީ އެ ބޯޓު ބަނދަރުކުރުމުގެ ހުއްދަ ދެވޭނެކަމުގައެވެ.

ކޮންމެއަކަސް އިންޑިއާއާއި ޗައިނާއާއި ދެމެދު ސިޔާސީގޮތުން ސްރީލަންކާ ފިތި ބާރުވެފައިހުރި މިންވަރު މި ހާދިސާއިން ހާމަވެގެން ހިގައްޖެކަމުގައި މީޑިއާތަކުން ވެސް ބުނެފިއެވެ. އިންޑިއާއިން އެއްވެސް މިންވަރަކަށް ސްރީލަންކާއަށް މި ކަމުގައި ފިއްތުން ކުރިމަތި ނުކުރާކަމަށް ބުންޏަސް އިންޑިއާގެ ސަލާމަތާ އިގްތިސާދު އިންޑިއާއިން ރައްކާތެރި ކުރާނެކަމަށްބުނެ ނުސީދާގޮތުން އެބޯޓުގެ ދަތުރާމެދު އިންޑިއާ ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.

ސްރީލަންކާއަށް މެދުވެރިވެފައިވާ އިގްތިސާދީ ނުކުޅެދުންތެރިކަމުން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން މިހާރު ގެންދަނީ އިންޑިއާއިންނެވެ. މިހާރު ދިމާވެގެން މިއުޅޭ ސިޔާސީ އަދި އިކޮނޮމިކް ބޭންކްރަޕްސީ ކަންތައްގަނޑުގެ ސަބަބުން އެކަމަށްވެސް ހިޔަނި އެޅިދާނެކަމަށް ބެލެވެއެވެ. 

އިންޑިއާގެ ސިޔާސީ ދާއިރާގެ ވަރަށްގިނަ ބޭފުޅުންގެ ނަޒަރުގައިސްރީލަންކާއިން އިންޑިއާއާއި  ޗައިނާއާ މެދު ގެންގުޅޭ  ބެލެންސް ކުރުމުގައި ސްރީލަންކާގެ އާ ސަރުކާރުން ހާމަކުރަން ބޭނުން ނުވާ ކަންތައްތަކެއް އެބަހުރިކަމަށް ޝައްކު ކުރެއެވެ. ސްރީލަންކާއަށް ބެއިޖިންގް ގެ ނުފޫޒު ފުޅާކުރަމުން ގެންދިއުމަކީވެސް ނިއު ދިއްލީ ކަންބޮޑުވާ ކަމެކެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑްގެ މަޝްރޫޢުގައި އޭޝިއާގައި ގާއިމްކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ޗައިނާއިން ސްރީލަންކާއަށް ދީފައިވެއެވެ. އެހެންނަމަވެސް މިފައިސާތައް ޚަރަދުކުރެވިގެން ގޮސްފައިވަނީ ސްރީލަންކާއަށް އެން ފައިދާކުރަނިވި ގޮތްގޮތަކަށް ނޫންކަމަށް ބުނެއެވެ.

މީގެ އެއް މިސާލަކީ މިހާރު ޗައިނާގެ ރިސާރޗް ޝިޕް ބަނދަރުކުރެވިފައިވާ ހަމްބަންޓޮޓާގެ ބަނދަރެވެ. އެކަމަށް ނެގި ދަރަނި އަދާނުކުރެވުމުގެ ސަބަބުން މިހާރު އެ ބަނދަރު އެއޮތީ ޗައިނާގެ މާރޗެންޓް ޕޯރޓް ހޯލްޑިންގ އަށް 99 އަހަރަށް މަޖުބޫރީ ޙާލަތުގައި ދޫކުރެވިފައެވެ.                               

Loading

2 Responses

  1. މިއީ ދަރަނިވެރިވުުގެ އެއް މުސީބާތް. ދަރަނި ނަގަނީ އަތުގައި ފައިސާނެތީމާ. އެންމެ ފަހުން ދަރަނީގެ މައްޗަށް ދަރަނި އަރައިގެން ގޮތް ގައުމު އިފްލާސް ކުރަންޖެހެނީ. ރީތި ކޮންލަން ބޭންކްރަޕްސީ އޭ ކިޔަސް އެއްޗަކީ ހަމަ އެކައްޗެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް