6 އަހަރުދުވަހަށްފަހު ކުވޭތުގެ ސަފީރަކު އީރާނަށް 

Loading

Facebook
Twitter
WhatsApp

ބައިނަލް އަގުވާމީ މީޑިއާތަކުން ޚަބަރު ލިބެމުން ދާގޮތުގައި 6 އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު ކުވޭތުން އިރާނަށް ސަފީރަކު ކަނޑައަޅައިފިއެވެ. 

މިދިޔަ ހޮނިހިރުދުވަހު ކުވޭތުގެ ސަފީރު ބާދިރް ޢަބްދުﷲ އަލް މުނައިޚް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲއަން  އެރުވުން ތެހެރާނުގައި ރަސްމީގޮތުން ހިނގައިދިޔަކަން އީރާނުގެ ޚާރިޖިއްޔާގެ ވެބްސައިޓްގައިވެސް ވަނީޝާއިޢުކޮށްފައެވެ. އަދި ކުވޭތުންވެސް މުނައިޚް އަކީ އީރާންގައި ހުންނަވާނޭ ކުވެއިތްގެ ސަފީރުކަން ކަށަވަރު ކޮށްދީފައިވެއެވެ. 

ސައޫދީ އެރޭބިއާ އާއި އީރާނާ ދެމެދު އުފެދުނު ދެބަސްވުމާއި ގުޅިގެން ސައޫދީ އެރޭބިއާއަށް ތާއީދުކުރުމުގެ ގޮތުން ކުވޭތުން އިރާނާއެކު އޮތް ސިޔާސީ ގުޅުން 2016 ގައި ކަނޑާލިއެވެ. އެކަމަކު އީރާނުގެ ސަފީރަކު މިހާރުވެސް ކުވޭތުގައި ހުންނަވައެވެ. މި ބަދަލަކީ ސުންނީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ސައޫދީ އެރޭބިޔާއިން ޝިޔާޢީ މުސްލިމުންގެ އާބާދީ ގިނަ އީރާނާއެކު ދެ ގައުމުގެ މަސްރަހް ފިނިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ. 

ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ދެކޮޅުވެރިކަމުގެ ސަބަބުން އެ މުޅި ސަރަހައްދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުން ދިޔައެވެ.                                                                 

ރިޔާޒުން ތެހެރާން އާއި އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލީ ޝިޔާޢީންގެ މަޝްހޫރު ދަންނަބޭކަލަކު ސަޢޫދީ އެރޭބިޔާއިން 2016 ވަނަ އަހަރު މަރާލުމާގުޅިގެން އީރާނުގައި ހިނގާދިޔަ މުޒާހަރާގައި އެ ގައުމުގައި ހުންނަ ސައޫދީ އެރޭބިޔާގެ އެމްބަސީއަށް ހަމަލާދިނިމާއި ގުޅިގެންނެވެ. މި މައްސަލާއާއި ގުޅިގެން ކުވޭތުން އިޜާނާއެކު އޮންނަ  ސިޔާސީ ގުޅުން ކަނޑާލުމަށްފަހު އެގައުމުގެ ސަފީރުވެސް އަބުރާގެނައީއެވެ.

އެހެންނަމަވެސް ކުވޭތުން ގެންދިޔައީ ސަރަހައްދުގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުމާ އެއްހަމަޔަކުން އީރާނާއެކުގައިވެސް ޚާރިޖީ ސިޔާސަތުގައި އެއްބައިވަންތަކަން ދަމަހައްޓަމުންނެވެ. ގަލްފުގެ އެހެން ގައުމުތަކުންވެސް ސައޫދީ އެރޭބިޔާއާއިއެކު އެއްބައިވަންތަ ކަމުގައި ދެމިތިބިކަން ގެންދިޔައީ ހާމަކުރަމުންނެވެ. އެހެންނަމަވެސް ގިނަ އަރަބި ގައުމުތަކުން އީރާނާއި އެކު އޮންނަ ސިޔާސީ ގުޅުން ކަނޑައެއް ނުލައެވެ.           

އެންމެ ފަހުގެ ޚަބަރުތަކުން އެނގޭގޮތުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް އިންވެސް އީރާނާއެކު އޮންނަ ޒަމާންވި ރުޅިވެރިކަން އެއްފަރާތްކޮށް މިހާރު ރަނގަޅު ގުޅުމެއް އުފައްދަން ބޭނުންވާ ކަމަށާއި ވަރަށް އަވަހަށް އެމިރޭޓްސް ސަފީރަކު އިރާނަށް ހަމަޖެހިގެންދާނެކަމަށް ބެލެވޭ ކަމުގައި އެ ގަމުގެ ސިޔާސީ  އިސް ބޭފުޅަކު ވިދާޅުވިއެވެ.           

ސަޢުދީ އެރޭބިޔާއިން މިހާރު ގެންދަނީ އީރާނާއެކު އޮތް ދެބަސްވުންތައްނިމުމަކަށް ގެނެސް ގަލްފު ސަރަހައްދުގެ ސުލްހައަށްޓަކައި އީރާނާއެކު ވާހަކަ ދައްކަމުންނެވެ.  އަދި މި ވާހަކަ ތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއްވެސް ލިބެމުންދާ ކަމަށް ސައޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރު ވިދާޅު ވިއެވެ. މި ވާހަކަ ތަކުގައި މެދުވެރިއެއްގެ ބައި އަދާކުރަމުންގެންދަނީ އިރާގުންނެވެ.                                    

Loading

2 Responses

  1. އީރާނަކީ ޕާޝިޔާ އެވެ. ސައުދީ އަރަބިޔަ، އިމެރެޓްސް، ބަހުރެއިން، ސިޒްރޭލު މިއީކީ އޮޓަމަން އެމްޕަޔަރު ދުވަސްވަރުވެސް ދަންނަ ދައުލަތްތަކެއް ނޫނެވެ. އެހެނަސް ޕާޝިއާ ނުވަތަ އީރާން ދެނެއެވެ. ވީމާ އެމެރިކާ އާއި އިސްލާމުންގެ ޢަދުއްވުން ރުއްސުވައިގެން ވެރިކަމުގެ ބާރުގެ ހަން ފަތުރަން އީރާނާއި ދެކޮޅުވެގެން އެއްވެސް ޢަރަބި ގައުމަކަށް ފައިދާއެއް ވާކަށް ނެތެވެ. މިއަދު 30 އަހަރުގެ ދުނިޔޭގެ ބޮޑެތިބާރުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކުވެސް އީރާން އެވަނީ ނިއުކުލިއަރ ބާރަކާއިހަމަޔަށް އައިސްފައެވެ. ދެން ޖަމަލު ފޮޑިޖެހާ ނެށުމަށްވުރެ އިސްލާމް ދީނަށާއި އަރަބީނަށްވެސް ފައިދާ ބޮޑީ ތިގޮތެވެ. ހެޔޮވިސް ނުން ދެއްވާށިއެވެ. އާމީން

  2. މުސްލިމް ގައުމުތައް އެއްގަލަކަށް އެރުމަކީ ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާނެއެވެ. ކޮންމެ މަކަރުވެރުރޭވުމެއްގެ ދަންތުރައިގައި އިސްލާމީ ގައުމުތައް ޖައްސަން މަސައްކަތްކުރާނެއެވެ. އަދި ކާމިޔާބުވެސް ކުރާނެއެވެ. ދައްކާނެ އެހެން ވާހަކައެއް ނެތިއްޔާ މަޒްހަބީ ތަފާތުނެރެގެންވެސް އެކަން ކުރާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް