ޗައިނާގެ ރައީސް ސަޢޫދީ އެރޭބިޔާ އަށް 

Loading

Facebook
Twitter
WhatsApp

ޗައިނާގެ ރައީސް ޒީ ޖިންޕިންގ މިއަންނަ ހަފްތާގައި ސައޫދީ އެރޭބިޔާއަށް ވަޑައިގެންފާނެކަމަށް ބެލެވެން ފަށައިފިއެވެ. އަދި އެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތެލުގެ މައްސަލައަށް ކަމަށްވެސް ލަފާކުރެވެއެވެ.

ޗައިނާއާއި ސަޢޫދީ އެރޭބިޔާގެ ގުޅުން ވަރަށް ރަނގަޅު ވެފައިވާ މިދަނޑިވަޅުގައި ކުރެވޭ މިދަތުރުފުޅުގައި ސަޢޫދީ އެރޭބިޔާގެ އެންމެ އިސްބޭފުޅުންނާއިއެކު ބައްދަލުކުރައްވާނެއެވެ. އަދި އެމެރިކާގެ ރައީސް ބައިޑަން އަށް ލިބިވަޑައިގެންނެވި މަރުޙަބާއަށް ވުރެން ހޫނު މަރުޙަބާއެއް ރައީސް ޒީ އަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބެލެވެއެވެ. މީގެ މަހެއްހާދުވަސް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީއަށް ވަޑައިގަތުމުން ލިބިވައިގަތީ ވަރަށް ފިނި މަރުޙަބާއެކެވެ. 

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯރޓް ކުރާ ސަޢޫދީއެރޭބިޔާއަށް ރައީސް ޒީ މިވަޑައިގަންނަވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާއިގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރަށް ބޮޑު ހަލަބޮލިކަމެއް އައސްފައިވާ ދަނޑިވަޅެއް ގައެވެ. ޗައިނާއާއި ސައޫދީގެ ގުޅުން ބަދަހިވުމުގެ އުތުރުން މިހާރު އެ ދެ ގައުމުން ތެލުގެ އަގުވެސް އެމެރިކާޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާއިން އަދާކުރުމާބެހޭގޮތުން މަޝްވަރާތަކެއް އެބަ ކުރިއަށްދެއެވެ.                                   

މީގެކުރިން ސަޢޫދީ އެރޭބިޔާއަކީ ޗައިނާއަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯރޓް ކުރާގައުމެވެ. އެހެންނަމަވެސް ރަޝިޔާއިން ޔޫކްރެއިންގެ ކޯޅުންގަނޑާއި ގުޅިގެން ރަޝިޔާއަށް ހުޅަގުން ކުރިމަތި ކުރަމުން ގެންދާ ދުއްތުރާ ތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ކުރިމަތިވަމުންދާ ހީނަރުކަން ފޫބެއްދުމަށްޓަކައި ރަޝިޔާގެ ތެލުއަގު ވަރަށް ބޮޑަށް ދަށް ކޮށްފާ އޮތުމާއެކު މިހާރު ޗައިނާއިން އެންމެގިނައިން ތެޔޮ ގަންނަނީ ރަޝިޔާއިންނެވެ. އަދި ސައޫދީ އެރޭބިޔާގެ ތެލުގެ އަގު އުފުލުމާ ގުޅިގެން  ރަޝިޔާގެ ތެލުގެ މާރކެޓް މިހާރު އޮތީ އޭޝިއާގެ އެހެން ގައުމުތަކަށްވެސް ވަރަށް ފުޅާކޮށްފައެވެ.                                                 

އެމެރިކާގެ ރައީސްގެ ސަޢޫދީ ދަތުރުފުޅު ނިންމާލައްވަން ޖެހިވަޑައިގަތީ އެމެރިކާއަށް ދިމާވެފައިވާ އިންފްލޭޝަންގެ މައްސަލަތަކަށް ލުޔެއް ލިބިދާފަދަ އެއްބަސްވުމަކަށް ނާދެވި ހަމައެކަނި އޯޕެކުން ތެޔޮ އުފައްދާ މިންވަރަށް ދުވާލަކު އެއްލައްކަ ފީފާ ތެޔޮ އިތުރު ކުރެވިދާނެކަމުގެ އުންމީދު ތަކަކާއެކުގައެވެ.                            

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާގޮތުގައި މިއަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ބައިޑަން އޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޒީ ޖިންޕިންގއާއި ބައްދަލު ކުރައްވަފާނެ ކަމަށްވެސް ބެލެވެއެވެ.             

Loading

One Response

  1. ތިޔަ ދެބޭފުޅުން ބައްދަލު ކުރައްވައިގެންވެސް ދުނިޔެއަކީ ސުލްހެވެރި ތަނަކަށް ހައްދަވައިދެއްވުން އެދެން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް