މަނަދޫގައި ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ނ. މަނަދޫގައި ހައުސިންގ ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ހައުސިން ޔުނިޓް ޕްރޮޖެކްޓްގެ ދަށުން އެރަށުގައި 40 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.
ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް މިއަދު ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

މިނިސްޓްރީން ބުނީ 40.3 މިލިއަން ރުފިޔާގެ މި ހައުސިން މަޝްރޫއަކީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރާ ގޮތަށް ހިންގާ މަޝްރޫއެއް ކަމަށާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށކަމަށެވެ.  

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މަނަދޫގައި ތަރައްގީކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 700 އަކަފޫޓު ހުންނާނެކަމަށާ މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ.

އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ޕާކިން ޒޯންގެ އިތުރުން ވެސް އިތުރު ކަންތައް ހިމެނޭނެކަމަށެވެ.

މަނަދޫގެ މި ހައުސިން މަޝްރޫއު ދޮންބޭޒްއާއި ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫއުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ވިދާޅުވީ، މަނަދޫއަކީ ބޯހިޔާވަހިކަމުގެ ޑީމާޑް އޮތް ރަށެއްކަމަށާ މި ދައުރުގެ ތެރޭގައި މަނަދޫގައި 50 ހައުސިން ޔުނިޓް އަޅައި ދިނުމަށް މި ސަރުކާރުން ވައުދުވެފައިވާކަމަށެވެ. އަދި އެކަން ސަރުކާރުން ފުއްދަވައި ދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ހާރޫނު ވިދާޅުވިއެވެ.

ނިސްބަތުން ހުސް ބިން ބޮޑު މަނަދޫގައި މީގެ ކުރިންވެސް ސަރުކާރުން ވަނީ 26 ހައުސިން ޔުނިޓް އަޅައި ފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް