މުރުތައްދު ސަލްމާނު ރުޝްދީ ވެންޓިލޭޓަރާގުޅާފައި

Facebook
Twitter
WhatsApp
8EA7E8D4-C00E-4C69-8D0D-08BB9DF4E735

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނިއުޔޯރކުގެ ޗައުޓައުކާ އިންސްޓިޓިޔުޓްގައި ތަގްރީރުކުރަން ހުއްޓާ ވަޅިއަކުން ހަމަލާދެވުނު 75 އަހަރުގެ ލިއުންތެރިޔާ ސަލްމާނު ރުޝްދީ އަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން މިހާރު އޭނާ އޮތީ ވެންޓިލޭޓަރަށް ގުޅާފައެވެ.                                 

ރުޝްދީއަށް މިދިޔަ ހުކުރުދުވަހު ހަމަލާ ދެވުނުއިރު އޭނާހުރީ ޗައުޓައުކާ އިންސްޓިޓިއުޓްގައި ތަގްރީރު ކުރާށެވެ. އޭނާގެ ހަށިގަނޑަށް  ދިހަ ވަރަކަށް ސިކުންތުގެ ތެރޭގައި ފަނަރަ ވަރަކަށް ފަހަރު ވަޅިއަކުން ހަމަލާދީފައިވާ ކަމުގައި ޚަބަރުތައް ބުނެއެވެ. ރުޝްދީއަށް ޙަމަލާދީފައިވަނީ ހާދީ މަތަރު ކިޔާ މީހެއްކަމަށާއި އެތަނުގައިހުރި ފުލުހުންގެ މީހާ ވަގުތުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް ހާދީ މަތަރުގެ ވަނަވަރުތަކުގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.                                        

އެއްވުމުގެ ތިންވަނަ ބަރީގައި އިން ލޮސްއެންޖަލްސް ޓައިމްސްގެ ކާރޓަރ ބައިހަމް އެ މަންޒަރު ސިފަކޮށްދެމުން ބުނިގޮތުގައި ކަޅުހެދުމުގައި ހުރި މީހަކު ގޮނޑިބަރި ތަކުގެތެރެއިން ލާފައި ވަރަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔަގޮތަށް ގޮސް ފުރަތަމަ ވަޅިހެރީ ރުޝްދީގެ ކަރަށެވެ. ދެން  ރުޝްދީގެ އަތުން އެމީހާ ކޮއްޕާލުމުން ދެން ހަމަލާދިނީ ރުޝްދީގެ މެއަށެވެ.

ރުޝްދީ ކަރުގައި ހިފާއްޓާއިގެން އެތާންގައި އިށީންދެ އިންއިރު އެތަން އޮތީ އެއްކޮށް ލެއިން ތަތްތެޅިފައެވެ. އެވަގުތު އެތާގައި އިން ޑޮކްޓަރަކު ރުޝްދީގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ފަށާގަތެވެ. އަދި ލަސްތަކެއްނުވެ ހެލިކޮޕްޓަރުގައި އޭނާ ހޮސްޕިޓަލަށް ގެންގޮއްސިއެވެ.                                 

ޑޮކްޓަރުންނާ ހަވާލާދީ ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު ރުޝްދީގެ އޮޕަރޭޝަންތައް މިހާރު އެބަ ކުރިއަށް ދެއެވެ. އަދި ބެލެވޭގޮތުގައި އޭނާގެ އެއްލޯ ސަލާމަތް ކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އޭގެ އިތުރުން އެއް އަތުގެ ނާރުތައްވެސް އެއްކޮށް ބުރިވެފާ ހުރުމާއި މެއަށް ދީފައިހުރި ހަމަލާތަކުން ވަރަށް ބޮޑަށް މޭގަނޑުވެސް އޮތީ ޒަޚަމްވެފައެވެ.                                                             

ސަލްމާން ރުޝްދީ މިހާތަނަށް 14 ވަރަކަށް ފޮތް ލިއެފައިވެއެވެ. އޭގެ ތެރޭއިން މުސްލިމުންގެ ނުރުހުން އޭނާއަށް އެންމެބޮޑަށް އަމާޒުވެގެންދިޔައީ ސެޓަނިކް ވާރސަސް އަށެވެ. އެފޮތުގައިވަނީ ރަސޫލާއަށް ވަރަށް ހުތުރު އިހާނާތްތެރި ބަސްތައް ލިޔެ ޖޯކް ޖަހާފައެވެ. އެފޮތާގުޅިގެން މީގެ 33 އަހަރު ކުރީން އީރާނުގެ ދީނީ އިމާމް ޚުމޭއިނީ ވަނީ ރުޝްދީ މަރަން ޖެހޭ ކަމަށް ފަތުވާ ނެރެފައެވެ. އެ ފަތުވާއާއި ގުޅިގެން ރުޝްދީ ދިރިއުޅެމުން ގެންދަނީ ވަރަށް ވަންހަނާ ގޮތެއްގައެވެ.                                                   

ސަޓަނިކް ވަރސަސް 1991 ވަނައަހަރު ޖަޕާނު ބަހަށް ތަރުޖަމާކުރި 44 އަހަރުގެ ޕްރޮފެސަރ ހިޓޯޝީ އިގަރާސީވެސް ފެނިފައިވަނީ ވަޅިހަރާ މަރާލާފައި އޮއްވައެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނެތެވެ. އޭގެފަހުން އިޓަލީބަހަށް އެ ފޮތް ތަރުޖަމާކުރިމީހާގެ ހަށިގަނޑުގެ އެތައްތަނަކަށް އީރާނުގެ މީހަކު ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައި ވެއެވެ.                                                           

ހުޅަނގުގެ ގިނަ މީޑިއާތަކަކުން ގެންދަނީ ސަލްމާން ރުޝްދީއަށް މި ދިން ހަމަލާ ކުށްވެރި ކުރަމުންނެވެ.         

2 Responses

  1. 33 އަހަރު ފަހުން ތަންފީޒް ކުރެވުނީތާއެވެ. ރަސޫލާއަށް އަށާއި އިސްލާމް ދީނަށް ހަޖޫޖެހާ މީހުން އަހަރެމެންގެ ތެރޭގައިވެސް އުޅިގެން ނުވަނެއެވެ. ނުރުހުނަސް އިސްލާމް ދީން މަތިވެރިއެވެ. ނުރުހުނަސް ރަސޫލާ ފޮނުއްވީ ޢާލަމްތަކަށް ނޫރެއް ކަމުގައެވެ. އެއީ ﷲގެ ބަސްފުޅެވެ. ވީއިރު އެކަން ދިވެހިރާއްޖޭގައިވެސް ކޮށްގެން ނުވަނެއެވެ.

  2. ބައެއް ދިވެހި ނޫސްތަކުގައިޝާއިއުކޮށްފައިވާ މުރުތައްދު ސަލްމާން ރުޝްދީއަށް ހަމަލާދިން ޚަބަރާ ގުޅިގެން ކޮށްފާހުރި ކޮމެންޓްތައް ފެނުމުން ވަރަށް ދެރަވިއެވެ. ﷲ ގެ ކަލާމްފުޅަށާއި މި އުންމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަ ކޮށް މަލާމާތްކުރިމީހަކަށް ހަމަލަ ދިނުމުން އެ ކޮމެންޓްތަކުގައި ހުރީ އިސްލާމް ދީނުގެ އަމާންކަމާންދޭތެރޭ ސުވާލު އުފައްދާފައެވެ. އެ ފަދަ ކޮމެންޓް ކުރުމުގެ ކުރިން އިރާގް ލީބިޔާ ސީރިޔާ ފަލަސްތީނު ކަޝްމީރު ސޮމާލިއާ ފަދަ ގައުމުތަކަށް އެބުނާ ސުލްހަވެރި ނަސާރާއިންނާއި ޔަހޫދީން ހަދާލާފައި އޮތް ވަރު އަދި ކުރަމުން ގެންދާ އަނިޔާއާ މެދު އެއްފަހަރު ނަމަވެސް ވިސްނާލިނަމަ ކިހާ ރަނގަޅު ހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް