ޔޫރަޕަށް ބޭނުންވާ ހަކަތަ ނުލިބިދާނެތީ ފަރަންސޭސިންގެ އާދޭސް 

Loading

Facebook
Twitter
WhatsApp

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަރަންސޭސި ރައީސްގެ ގަނޑުވަރުގައި ސަޢޫދީ ވަލީއަޙުދު މުޙަންމަދު ބިން ސަލްމާނުގެ ޝަރަފްގައި އޮތް ރޭގަނޑުގެ ފަރީއްކޮޅެއްގައި ރަޝިޔާގެ ތެލާއި ގޭސް ނުލިބުމުގެ ސަބަބުން ޔޫރަޕާށް ދިމާވެފައިވާ ނުކުޅެދުން ތެރިކަމުން އަރާގަތުމަށް އެހީވެދިނުން އެދި ވަލީ އަހްދު މުޙައްމަދު އަރިހުގައި ފަރަންސޭސި ރައީސް އެދި ވަޑައިގެންފިއެވެ. 

ފަރަންސޭސި ރައީސް އޮފީހުން ހިއްސާ ކުރި ބަޔާނެއްގައި ބުނާގޮތުން ސަޢޫދީ ޢަރަބިޔާ އާއި އެކު ގުޅުން ބަދަހިކުރުމުގެ ބޭނުންތެރިކަމާއި އަދި ސަޢޫދީގެ ހަކަތަ ޔޫރަޕުގެ ގައުމުތަކަށް ފޯރުކޮށްދިނުން އިތުރުކޮށްދިނުން އެދިވަޑައިގެން އެކަމަށް ބާރު އަޅުއްވައި ވަލީއަޙުދުގެ ފަރާތުން ފަރަންސޭސި ރައީސް އެދިވަޑައިގަތެވެ. ނަމަވެސް މިކަމާބެހޭގޮތުން ދެގައުމުގެ މެދުގައި އެއްވެސްކަހަލަ އެއްބަސްވުމަކަށް ނާދެވެއެވެ. 

ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނީއްސުރެން ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ރަޝިޔާއިން ފޯރުކޮށްދޭ ހަކަތައިގެ ބަދަލުގައި އެހެން ގޮތެއް ހޯދަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ފަރަންސޭސީ ރައީސް ކުރެއްވި މަސައްކަތުގެ ތެރޭގައި އެމިރޭޓްސްގެ ރައީސްއަށް ރަސްމީ ދައުވަތެއްދީގެން ޕެރިސްއަށް ގެނައުމާއި އީރާނުގެ ރައީސްއާއި އެކު ފޯނުން ވާހަކަދެއްކެވުން ހިމެއެވެ. 

ވަލީއަޙުދާއެކު ބައްދަލުވުން ބޭއްވުމުގެ ކުރިން ފަރަންސޭސި ރަސްމީ ދާއިރާއިން ހާމަކޮށްފައިވަނީ ދެންއޮންނަ އޯޕެކް ގައުމުތަކުގެ ބައްދަލުވުމުގައި ތެލުގެ އަގު ކުޑަކުރުމަށްޓަކައި ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދޭތޯ އެދެންވެސް މެކްރޯން ވަނީ ގަސްދު ކުރައްވާފައެވެ. އެހެންނަމަވެސް ރަސްމީގޮތުން އަދި މިހާރު އެކަން ހާމަކުރުން އޮތީ ފަސްކޮށްލާފައެވެ. 

އެމެރިކާއާއި އެކު ފަރަންސޭސި ވިލާތުން މިކަހަލަ ގުޅުމެއް އޮތްކަން އެނގިފައިނެތް ނަމަވެސް އެމެރިކާގެ އިސް ވެރިޔަކު ވިދާޅުވެފައިވަނީ ހުރިހާ މީހުންވެސް އެދެމުންގެންދަނީ ތެލުގެ އަގު ދަށްކުރުމަށްޓަކައި ތެޔޮ އުފައްދާ މިންވަރު އިތުރކޮށްދިނުން ކަމަށްވާތީ މިއަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޯޕެކްގެ ބައްދަލުވުމުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރެވޭކަމުގައެވެ. އަދި ސައޫދީ އެރޭބިޔާއިން ތެޔޮ އުފެއްދުން އިތުރު ކުރެވޭނެ ޖާގަވެސް އެބައޮތް ކަމުގައެވެ.               

ފަރަންސޭސި ރައީސް ބޭއްވި ރޭގަނޑުގެ ފަރީއްކޮޅުގެ ކަންތައް ގަޑުބަޑުކޮށްލީ  ޚަޝޯގީ މަރާލުން ވަލީ އަޙުދު މުޙައްމަދާ ގުޅުވައިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދެ ޖަމްއިއްޔާއަކުން ބުރާސްފަތިދުވަހު ޝަކުވާ ހުށައެޅުމާއި ގުޅިގެންނެވެ. އެމްނެސްޓީ އިންޓަރނޭޝަނަލްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ އަދި ޔުނައިޓެޑް ނޭޝަންސްގެ ކުރީގެ ރަޕޮޓިއަރ ފޮރ އެކްސްޓްރާ ޖުޑިޝަލް ކިލިންގްސް އަގްނެސް ކަލަމަރޑްވެސް ވަނީ ވަލީއަޙުދު މުޙއްމަދަށް މެކްރޯން މަރުޙަބާ ކީ ކަމަށްޓަކައި ވަރަށް ނުރުހުމުގެ ބަސްތައް ރަށްދުކޮށްފައެވެ. ވަލީއަޙުދު މުޙައްމަދުގެ މި ދަތުރުފުޅަކީ ޚަޝޯގީގެ މަރުގެ ހާދިސާއަށް ފަހު އެންމެ ފުރަތަމަ ޔޫރަޕަށް ކުރައްވާ ދަތުރުފުޅެވެ. 

މެކްރޯންގެ އެއިޑަކުވެސް ވަނީ އިންސާނީ ހައްގުތަކުގެ މައްސަލާގައި މެކްރޯން ދޫނުދެއްވުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް އޭނާ ގަބޫލުކުރާގ ޮތުގައި ޔޫރަޕަށް މިހާރު ދިމާވެފައިވާ ހަކަތައިގެ ނުކުޅެދުން ތެރިކަމުން އަރައިގަތުމަށްޓަކައި ސައޫދީންނާއެކު ވާހަކަދެއްކުން ނޫންގޮތެއ ނެތެވެ.   ހަމަމިފަދައިން އެމެރިކާގެ ރައީސް ބައިޑަންވެސް ވަނީ ސައޫދީ އެރޭބިޔާއިން ސަލާންޖަހާ ނާށިގަނޑު ހިފައިގެން ދުނިޔެއަށް ނިކުންނަން ޖެހޭވަރު ކޮށްލާނެ ކަމަށްބުނެ މަލާމާތްކުރުމަށްފަހު  މިދިޔަ މަހުގެ ތެރޭގައި ސައޫދީ އަށް ވަޑައިގެން ވަލީއަޙުދު އާއި ބައްދަލު ކުރައްވާފައެވެ.                                                        

ތެލުގެ އަގު މިހާރު އުޅެނީ މިއަހަރު ފެށުނު ހިސާބަށް އަޅާކިޔާއިރު ގާތްގަނޑަކަށް ތިރީސް އިން ސައްތަ އަގުބޮޑުކޮށެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާއެކު ތެލުގެ އަގު ކުއްލިއަކަށް ބޮޑުވެގެންދިޔައެވެ.        

ޖީ 7 ގެ ވެރިންގެ ބައްދަލުވުމުގައި ބައިޑަން ގާތު މެކްރޯން ވިދާޅުވިކަމަށްވަނީ އެމިރޭޓްސްއިން ތެޔޮނެގުން އިތުރު ކުރެވޭނެ ގޮތެއް ނެތްކަމަށާއި ސައޫދީން ކޮންމެވެސް ވަރަކަށް އިތުރު ކުރެވިދާނެ ކަމަށް އެމިރޭޓްސްގެ ރައީސް އޭނާގާތު ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް އެމިރޭޓްސްގެ ތެލާބެހޭ ވަޒީރު ސުހައިލް މަޒްރޯއީ ވިދާޅުވެފައިވަނީ އެމިރޭޓްސްރައީސްގެ އެވިދާޅުވުމަކީ އޯޕެކުން އެމިރޭޓްސްއަށް ދީފައިވާ ކޯޓާގެ މިންވަރުގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.                                                     

ހޫތީންގެ ހަނގުރާމަވެރިން އެމިރޭޓްސް އާއި ސައޫދީގެ ހަކަތަ ހިމެނޭ ސަރަހައްދުތަކަށް ހަމަލާ ދެމުންގެންދާތީ ފަރަންސޭސި ވިލާތުން އެދެގައުމާއެކު އޮންނަ ދިފާޢީ ގުޅުންވެސް މިހާރު އޮންނަނީ ވަރުގަދަކޮށްފައެވެ. އޭގެ އިތުރުން ސައޫދީ އާއިއެކު ފަރަންސޭސި ވިލާތުން ދެ ގައުމުގެ އާދަކާދައާއިގުޅޭ ކަންތައްތައް ކުރިއަރުވަންވެސް މަސައްކަތް ކުރަމުން ގެންދެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޓްއަރިޒަމް ސަރަހައްދަކަށް ތަރައްގީކުރުމަށް ވަލީއަޙުދު މުޙައްމަދު ކަނޑައަޅުއްވާފައިވާ އަލް އުލާ ސަރަހައްދު ތަރައްގީ ކުރުމުގައިވެސް ފަރަންސޭސިން ބައިވެރި ވެއެވެ. އަދި 2020 ވަނަ އަހަރު ސައޫދީން އެންމެ ގިނަ ހަތިޔާރު ގަތީވެސް ފަރަންސޭސި ވިލާތުންނެވެ.          

ނޫސްވެރިޔާ ޚަޝޯގީ މަރާލި މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ  ވަލީއަޙުދު މުޙައްމަދަށް އަމާޒުކޮށް ނަފްރަތުގެ ފާޑުކިއުންތައް ފާޅުކުރަމުންނެވެ. ނަމަވެސް ސަޢޫދީގެ ތެޔޮވަޅުތަކުގެ މުހިންމުކަމުން ބަސްމަގު ބަހަށްޓަން މަޖުބޫރުވެފައިވަނީ ވަލީއަޙުދު ރަތަށްނާރުވާ ހިސާބުގާކަން ފާހަވެއެވެ.                                  

Loading

2 Responses

  1. ހަކުރު ދެންޏާ ބޮޑުބޭބެ. ބުނާވަރަކަށް ތެޔޮދީފައި ބުނާ ވަގުތަކު ތެލުގެ އަގު ދައްކޮށްލަދީފާ ދެން ހެޔޮ މެރިޔަސް. އެހެންބަޔަކު ފަނާ ކޮށްލި ޔަސް. ހަމަ އެއްކުޅިއެއް. ޑިމޮކްރެސީ އޭ ހިޔުމަން ރައިޓްސް އޭ ކިޔައިގެން ފޭކްޖައްސާ މީހުން މޮޔަކުރުވުން.

  2. ވަލީއަހްދު މުހަންމަދު ރަތަށް އަރުވައިފިއްޔާ ދެން ވާނެގޮތް އެ ފަރަންޖީންނަށް އެނގެއެވެ. އެހެންވެގެން މަސައްކަތްކުރަމުންއެ ގެންދަނީ ވަލީއަހްދު މުހަންމަދު ގޯންޏަށްލައިގެން ގެންގުޅޭށެވެ. ކޮންއަކަސް އެމީހުންގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބު ކޮށްފިއެވެ. އޯޕެކުން މިހާރު ތެޔޮ ނަގާ އަދަދަށް ދުވާލަކު އެއްލައްކަ ފީފާތެޔޮއިތުރުކުރަން އެއްބަސްވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް