ޖައްވުތެރޭގައި އެންމެ ފުރަތަމަ ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަނެއް ގާއިމްކުރީ ނާސާއަކުން ނޫނެވެ. އަދި ކިއެއަތް! އެއީ ރަޝިޔާއެވެ. 41.2 ފޫޓުގެ ޒަރްޔާ ނަންދެވުނު ( ޒަރްޔާއަކީ ރަޝިޔާގެ ބަހުން އިރުއެރުން ) މޮޑިއުލް އޭގެ ދަތުރަށް ފަށައިގަތީ އުޑުމަތި ބަނަ ދުވަހަކު އެކަމަށްޓަކައި ކަޒަކިސްތާނުގައި ތައްޔާރު ކުރެވިފައިވާ ފެސިލިޓީއަކުން 1998 ނޮވެމްބަރ 20 ވަނަ ދުވަހުއެވެ.
އެއީ 1989 ވަނައަހަރު ފިނި ހަނގުރާމަ ނިމުމަށްފަހު ޖެހިގެންއައި ދިހަވަރަކަށް އަހަރު ޖިއޯ ޕޮލިޓިކްސް ގެ ވާގަނޑު ދެކޮޅަށް ދަމަމުންގޮސް ކުރީގެ ދެ ދުޝްމިނުން ހިއްސާ ކުރާގޮތަށް ކުރިއަށްއޮތް 30 އަހަރުދުވަހަށް ހާސިލު ކުރެވުނު ހެޔޮ ނަތީޖާއެކެވެ.
ފިނިހަނގުރާމަ ނިމުމަށްފަހު އެމެރިކާއިން އޮތީ ރަޝިޔާއާއެކު އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނެއް ގާއިމުކުރަން ތައްޔާރަށެވެ. ހަމައެކަނި ކުރީގެ ދެ ދުޝްމަނުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައެއް ނޫނެވެ. އެއަށްވުރެން ބޮޑަށް ރަޝިޔާގައި އެބުނާ ޑިމޮކްރެސީގެ އުސޫލުތައް އަށަގެނުވުމަށް ޓަކައެވެ. ކުރިމަގު ވަރަށް ބަނަކޮށް އޮތް ވެއްޓެއްގައި މި އެއްބަސްވުން ވުޖޫދަށް ގެނައުމަށްޓަކައި ދެގައުމުގެ މަންދޫބުން އެތައް ފަހަރަކު ބައްދަލުކޮށް ވަރަށް ބުރަކޮށް ޙިކުމަތްތެރިކަމާއި އެކު މަސައްކަތްކުރަން ޖެހުނެވެ. ވާހަކަތަކުގެ ތެރެއިން ޖައްވު ސާފުވެގެން އައިއިރު ދުނިޔެއަށް އަލަށް ތަޢާރުފް މިކުރެވުނު ޖައްވީ ދަތުރުތަކުގެ އިންޖީނުގެ ބުރަފަތި ކަމުގައި ވެވުނީ ރަޝިޔާއަށެވެ.
ކޮންމެއަކަސް ޒަރްޔާ އުދުއްސާލުން ވެގެންދިޔައީ ހަމައެކަނި ފެންނަން އޮތް ކާއިނާތު ދެނެގަތުމުގެ ފެށުމަކަށްނޫނެވެ. ދުނިޔޭގެ ބޮޑު ދެބާރުގެ މެދުގައި އުފެދި އެތައް ޒަމާނެއް ފާއިތުވެގެން ދިޔަ ރުޅިވެރިކާމާއި ކިރިޔަކިރިޔާ ނުފެށިއޮތް ނިއުކްލިއަރ ދެކޮޅުވެރި ކަމަށްވެސް ކޮންމެވެސް ވަރެއްގެ އުނގުރިއެއް ޖެހިގެން ދިއުމެވެ. ދުނިޔެމަތީގައި ސުލްޙަ ގާއިމް ނުކުރެވުނަސް ތަރިތަކުގެ ދުނިޔޭގައި އަމާންކަން ލިބިދާނެކަމުގެ އުންމީދެއް ލިބުމެވެ. އެހެންނަމަވެސް އޭގެ ވިހި އަހަރު ފަހުން މިހާރު ރަޝިޔާއިން އެކަންވެސް ނިމުމަކަށް ގެންނާނަކަމަށް ބެލެވެއެވެ!
މޮސްކޯގެ ސްޕޭސް އޭޖެންސީއަށް އަލަށް އައްޔަން ކުރެވުނު ވެރިޔާ ޔޫރީ ބޮރިސޯވް މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހު ވިދާޅުވެފައިވަނީ ރަޝިޔާގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ގާއިމްކުރުމަށްޓަކައި މިހާރުގެ ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުގެ ކަންތައްތަކުގައި ރަޝިޔާގެ ބައިވެރިވުން 2024 ގައި ނިމުމަކަށް ގެންނާނެ ކަމަށެވެ. އެހެންނަމަވެސް އޭގެ އެއްދުވަސްފަހުން ނާސާއަށް ރަޝިޔާއިން އަންގާފައިވަނީ 2028 އާ ހަމަޔަށް ދެމިތިބެވިދާނޭ ކަމުގައެވެ.
މިކަމާގުޅިގެން ޖޯރޖް ވޯޝިންގްޓަން ޔުނިވަރސިޓީގެ ޖައްވީ ސިޔާސަތާބެހޭ ކުރީގެ ޑިރެކްޓަރ ޖޯން ލޮގްސްޑަން ވިދާޅުވީ 2028 އާ ހަމަޔަށް ތިބޭނެކަމަށް ރަޝިޔާއިން ބުނުމަކީ މާ މުހިންމު ވާހަކައެއްނޫންކަމުގައެވެ. ސަބަބަކީ މިހާރު އޮތް އެއްބަސްވުން ކޮންމެ ގޮތެއްގައިވެސް 2030 ގައި ނިމުމަކަށް އަންނާނެތީއެވެ.
ކޮންމެގޮތެއްގައިވެސް 2030 ގައި ރަޝިޔާގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ގާއިމް ކުރާނެކަމަށް ބަލަންޖެހެއެވެ. ދާދި މިދާކަށްދުވަހު ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަން ކަންތަކައް ރަޝިޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ލަޑިމިއަރ ސޮލޯވީވް ވެސް މުސްތަގްބަލްގައި ރަޝިޔާ ގާއިމްކުރާ ޖައްވީ ސްޓޭޝަނާ ބެހޭ ބައެއް މައުލޫމާތު ވަނީ ހާމަކޮށްފައެވެ. އެ ސްޓޭޝަނަށް ރަޝިޔާއިން ދޭން ގަސްދު ކުރާނަމަކީ ރަޝިއަން އޯރބިޓަލް ސަރވިސް ސްޓޭޝާން ( ރޮސް ) އެވެ. އެ ސްޓޭޝަން މަސައްކަތްކުރާނީ އޭގައި ދާއިމީގޮތެއްގައި ފަޅުވެރިން ތިބުމަކާނުލައި އޭގެ އަމިއްލަ ޒާތުގައެވެ. މިއީ މިރޮނގުން ކުރިއަށް އެޅޭނެ ފިޔަވަޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ވެގެންދާނީ ނާސާ އިން ރާވަމުން ގެންދާ ވިޔަފާރި އުސޫލުން ހިންގަން ގަސްދުކުރާ ޖައްވީ ސްޓޭޝަންގެ އުސޫލުތަކާ ޚިލާފް އަދި ފަޅުވެރިން ހިމެނޭގޮތުގައި އަލަށް ތަޢާރުފް ކޮށްފައިވާ ޗައިނާގެ ޖައްވީ ސްޓޭޝަން ޓިއާންގޯންގް ގެ އުސޫލުތަކުން ވެސް އެއްފަރާތް ވުމެއްކަމުގައެވެ.
ހަގީގަތަށް ބުރަވެ ހުރެ ވާހަކަދައްކާނަމަ ޖައްވީ ސްޓޭޝަނުގައި ފަޅުވެރިންތިބެގެން ހިންގުމާއި ކިތަންމެ މޮޅު ޓެކްނޯލޮޖީއެއް ބޭނުންކޮށްގެންވިޔަސް ފަޅުވެރިން ނެތި ހިންގުމުގައި ތަފާތު ތަކެއް ހުންނާނެކަން ގަބޫލުކުރެވޭނެއެވެ. ފަޅުވެރިން ތިބެގެންނަމަ އިތުރު ޖައްވީ ތަޙުލީލުތައް ކުރުމަށާއި އަދި ކަމެއްގޯސް ވެއްޖެނަމަ އެކަމެއް ޙައްލުކުރުން ފަސޭހަވެސް ވާނެއެވެ.
ރަޝިޔާއިން ގަސްދުކުރާ ސްޓޭޝަންގައި ގާއިމް ކުރެވޭ ސަން ސިންކްރޯނަސް އޯރބިޓެއްގެ ސަބަބުން ދުނިޔޭގެ ޕޯލްތަކުގެ އިތުރު ހޯދުންތަކަށް މަގުފަހިވެގެން ދާނެއެވެ. އެހެންނަމަވެސް ޖައްވުތެރޭގައިމިހާރުވެސް އެތައް ސެޓެލައިޓަކުން ހަމަ މިމަސައްކަތް ކުރަމުން އެބަ ގެންދާކަންވެސް ހަނދާންކުރުން ރަނގަޅެވެ. ސަން ސިންކްރޯނަސް އޭބުނުމުގެ މާނައަކީ އެ ސްޓޭޝަން ދުނިޔޭގެ ސަތަހައިގާ ދަތުރުކުރާނީ ދުވާލުގެ ވަގުތުތަކުގައެވެ.
ރޮސް އަކީ ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަން ނުވަތަ ޓިއާންގޯންގަށްވުރެން ފުރިހަމަ ނިޒާމެއްކަމަށް ބެލެވުނަސް 2030 ގައި އޭގެ ބައިތަކެއް ޖައްވުގައި ގާއިމްކުރަން ރަޝިޔާއިން މަސައްކަތް ކުރަމުން ގެންދާ ލަނޑުދަނޑިއަކީ ޙާސިލުކުރަން ފަސޭހަ ކަމަށް ނުވާނެއެވެ. އެމެރިކާގެ އެއަރފޯސް ސްކޫލް އޮފް އެޑްވާންސްޑް އެއަރ އެންޑް ސްޕޭސް ސްޓަޑީޒް ގެ ޖައްވީ ސިޔާސަތުގެ ތަޖްރިބާކާރު ވެންޑީ ވިޓްމަން ކޮބް ދެކޭގޮތުގައި ރޮސްކޯމޮސް އަށްވުރެން މާލީ ގޮތުން ތަނަވަސްކަން ލިބިފައިވާ ނާސާއަށްވެސް 2030 ގައި އެފަދަ ޖައްވީ ސްޓޭޝަނެއް ގާއިމުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އެހެންވީމާ ރަޝިޔާއިން އަލަށް ތަޢާރުފް ކުރަން މިއުޅޭ ޖައްވީ ސްޓޭޝަނާއި ބެހޭގޮތުން ގިނަ ސުވާލުތަކެއް އުފެދެއެވެ. ފަހަރެއްގައި ޗައިނާގެ އެއްބާރުލުން ރަޝިޔާއަށް ލިބިދާނެއެވެ. އެކަމަކު އޭގެ ސަބަބުން ޗައިނާގެ އަމިއްލަ ޖައްވީ ސްޓޭޝަން ޓިއާންގޯންގް ގެ ބޭނުންތެރިކަން ކުޑަވެދާނެތީ ޗައިނާއިން އެކަމުގައި މާބޮޑު ޝައުގުވެރިކަމެއް ހުންނާނެކަމަކަށް ނުބެލެވެއެވެ. އަދި އެ ފެންވަރުގެ ޖައްވީ ސްޓޭޝަނެއް ގާއިމުކުރުމަށްޓަކައި ޗައިނާގެ ކުރިއަރާފައިވާ ޓެކްނޯލޮޖީގެ ބޭނުން ހިފަން ރަޝިޔާއަށް ޖެހުމާއި އެފަދަ ޙާލަތެއް ޗައިނާއިންވެސް އެމީހުންގެ އެއްބާރުލުން އެއްކޮށް އަތުން ބީވެގެން ހިނގައިދާނެ ގޮތަކަށް ޓެކްނޯލޮޖީ ފޯރުކޮށްދީފާނެ ކަމަކަށްވެސް ނުބެލެވެއެވެ. އަދި އެހެން ތަޖްރިބާކާރަކު ވިދާޅުވެފައިވާ ގޮތުގައި 2030 ގެ ލަނޑު ދަނޑިއަށް ވާސިލުވުމަށްޓަކައި މިހާރުން މިހާރަށް ރަޝިޔާއިން އެމަޝްރޫއު ފަށަންއެބަޖެހެއެވެ. އެކަމަކު އެ ކަންކުރުމަށް ބޭނުންވާ ފައިސާ ރަޝިގައި ނެތްކަން އެނގެއެވެ.
ކޮންމެގޮތެއްގައިވެސް ރަޝިޔާއިން އެމީހުންގެ މަގްސަދުގައި ކުރިއަށްދާނެކަމަށް ބަލަންޖެހެއެވެ. އަދި ޒަމާންވީ ބައިނަލް އަގްވާމީ އެއްބަސްވުމާއި އެއްބައި ވަންތަކަން ދެން ދެމިއޮންނާނެ ކަމަށް ބެލެވޭކަށްވެސް ނެތެވެ. ޖައްވީ އެއްބައި ވަންތަކަން ނެތިގެން ދަނީއެވެ. އަލުން ހަމަޔަކަށް އަޅުވަން ވަރަށް ވަގުތު ނަގާނެއެވެ.
މިހާރު މިފެންނަމުންދަނީ ޖައްވީ ސްޓޭޝަންގެ މުހިންމުކަން ކުޑަވެ ޖިއޯޕޮލިޓިކްސް ފަހަތު ސީޓަށް އެއްލާލެވޭ ތަނެވެ. ނާސާއިން މަސައްކަތްކުރަމުން އެގެންދަނީ ވިޔަފާރި އުސޫލުން އެމީހުންގެ އަމިއްލަ ސްޓޭޝަނެއް ގާއިމްކުރާށެވެ. ރަޝިޔާއިން އެމީހުންގެ އަމިއްލަ ސްޓޭޝަނެއް ގާއިމްކުރަނީއެވެ. ނަތީޖާއަކަށް ވެގެން ދާނީ ޖައްވީ ސްޓޭޝަންގެ މުހިންމުކަން މިހާރަށްވުރެން ކުޑަވެގެން ދިއުމެވެ.
އެހެންނަމަވެސް ވެންޑީ ވިޓްމަން ދެކިވަޑައިގަންނަވާ ގޮތުގައި ޖައްވުތެރޭގައި ގިނަ ސްޓޭޝަން ތަކަކާއި އެސްޓްރޯނޯޓުން ތަކެއް ތިބުމުގެ ސަބަބުން މިހާރަށްވުރެން ފުށޫ އެރުން ކުޑަވެ ރައްކާތެރިކަން ބޮޑުވާނެއެވެ.ޖައްވުތެރޭގައި ތިބޭ އިންސާނުންނަށް ދެރަގޮތެއް މެދުވެރިވުމަކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. މިދިޔަ އަހަރު ރަޝިޔާއިން ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނާ އެހާ ކައިރިން ކުރި އެންޓި ސެޓެލައިޓް ޓެސްޓުގައި ބުރައިގެން ދިޔަ އެތިއެތިކޮޅުގެ ސަބަބުން މިހާރުވެސް އެއޮތީ އެސްޓްރޯނޯޓުންނަށް ކުރިމަތިލާން ޖެހިފާއޮތް ނުރައްކާތެރިކަން ފެންނާށެވެ. އެހެންވީމާ އެމެރިކާއާއި ރަޝިޔާއާއި އަދި ޗައިނާއިން ވަކިވަކި ސްޓޭޝަންތަކެއް ޖައްވުގައި ގާއިމްކޮށްފިނަމަ ކޮންމެ ބަޔަކުވެސް ވިސްނަންޖެހޭ ބައިވަރު ޙާލަތުތަކެއް ހުންނާނެއެވެ. މެދުވެރިވެދާނެ ކޮންމެ ނުރަނގަޅު ކަމަކުން އެންމެންނަށްވެސް ލިބޭނީ ގެއްލުވެ.
ޖޯރޖް ވޯޝިންގްޓަން ޔުނިވަރސިޓީގެ ޖައްވީ ސިޔާސަތާބެހޭ ކުރީގެ ޑިރެކްޓަރ ޖޯން ލޮގްސްޑަން ވިދާޅުވާގޮތުގައި ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަންގެ އެއްބަސްވުމުން ވަކިވެ ރަޝިޔާއިން އެމީހުންގެ އަމިއްލަ ސްޓޭޝަނެއް ގާއިމުކުރަން ފެށުމަކީ ޖައްވީ އެކުވެރިކަމުގެ ޙަޔާތުގައި މެދުވެރިވާނެ އެންމެބޮޑު ހިތާމައެވެ. އެހެނީ ރަޝިޔާގައި ޑިމޮކްރެސީއެއް ނެތެވެ. އެތަނުގެ ވެރިޔަށް އެހުރީ ޕޫޓިން އެވެ. ރަޝިޔާއިން އެއޮތީ ޔޫކްރެއިނަށް ވަދެގެންފައެވެ. ފެންނަމުން މިދަނީ ބައިނަލް އަގްވާމީ ސިޔާސީ ގުޅުންތަކާއި އެއްބައިވަންތަކަން ކެނޑިގެންގޮސް ދެފަރާތުންވެސް ރަތްކާޑު ދައްކަމުން ގެންދާތަނެވެ. ދުނިޔޭގެ ނިއު އޯޑަރަށް ހީނުކުރެވޭހާ ލޮޅުން އަރާނެކަމާއިމެދު ޝައްކެއްނެތެވެ.
One Response
މިހާރު ތިޔަ ވާން އުޅެނީ އަދި މާދެރަގޮތެކެވެ. އަނެއްކާވެސް ތެޔޮ ބައްތިއާއި އަނބުރާ ފޯނުގެ ދުވަސް އަންނަނީ ބާވައެވެ.