ގާނޫނުގެ ބާގަނޑުތައް   

Loading

Facebook
Twitter
WhatsApp

ގާނޫނުގެ ބާގަނޑުތަކޭ ލިއުނީމާ ދެމާނައެއްގައި ތަރުޖަމާ ކުރެވި ދާނެއެވެ. އޭގެތެރެއިން އެއް މާނައަކީ ގާނޫނު ލިޔެފައިހުރި ބާ ކަރުދާސް ތަކެއްގެ ވާހަކައެވެ. އެނެއް މާނައަކީ ގާނޫނުގައިހުރި ލޯވަޅު (ލޫޕްހޯލް) ތަކެއްގެ ވާހަކައެވެ. އަމާޒަކީ ގާނޫނުގައި ހުރި ލޯވަޅުތަކެވެ. ލިއަންމިއުޅެނީ ގާނޫނުގައި ލޯވަޅުތަކެއް ހުރުމާއެކު ނޫނީ ގަނޫނުގައި ލޯވަޅުތަކެއް އަޅައިގެންވިޔަސް ގާނޫނީ ޙުކުމް ތަންފީޒު ކުރުމުގެ ވާހަކައެވެ. 

ގާނޫނު ތަންފީޒު ކުރަން ޖެހޭނެކަމާއި މެދު ސުވާލެއް ނުއުފައްދަމެވެ. ގާނޫނު ތަންފީޒުކުރުމަކީ ނުކޮށް ދޫކޮށް ލެވޭނޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން ގާނޫނުގެ ހަމަތަކުން ހަމަ އެކަކުވެސް އިސްތިސްނާ ކުރެވިގެން ނުވާނެއެވެ. ގާނޫނުގެ ކުރިމަތީގައި އަދިފަހަތުގައިވެސް ހުރިހާ ރައްޔިތުން ހަމަހަމަ ވެގެންވެއެވެ. ވަކި މީހަކަށް ޙަވާލުކުރެވުނު ދަވްލަތުގެ ނޯކިރީއެއްގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމުގައި އޭނާއަށް ލިބިދީފައިވާ ބާރެއް ނުވަތަ އިޚްތިޔާރަކީ އެ ގާނޫނުން އޭނާ އިސްތިސްނާ ކުރާކަމެއް ނޫނެވެ.                                                                         

ގާނޫނުގެވާހަކަ ދައްކާއިރު އެންމެފުރަތަމަ ދައްކަން ޖެހެނީ ގާނޫނު ވުޖޫރުކުރެވިގެން އަންނަ ގޮތުގެ ވާހަކައެވެ. ރައްޔިތުންނަށް ފެންނަ މަންޒަރެވެ. ފޮރުވިފައިވާ މަންޒަރުގެ ވާހަކަ ދެއްކޭނީ ފެނުނީމައެވެ. ގާނޫނުގެ ބާގަނޑުތައް އެނގުނީމައެވެ.                 

ދިވެހރާއްޖޭގެ ގާނޫނުހަދާ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ތަކެއްގެ މައްޗަށް އެކުލެވޭ ތަނެކެވެ. އެކަމަށްވެސް ގާނޫނުން ހަމަތަކެއް ގާއިމްކޮށްފާ އެބަ އޮތެވެ. އެކަމަކު މި ދެންނެވި ހަމަތައް ހަމަ ރަނގަޅުހެއްޔެވެ؟ ނޫނީ އެކަމުގައި ރައްޔިތުންގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯ ބެލި ހެއްޔެވެ؟ ހުރިހާ ރައްޔިތުން ކައިރިއަށްގޮސް ކޮންމެ ފަހަރަކު އެމީހުންގެ ވިސްނުން ހުރިގޮތް ދެނެގަންނަން ޖެހޭ ހެއްޔެވެ؟ މިއީ ކުރެވިދާނެ ސުވާލެކެވެ. ދިވެހިރާއްޖޭން ވެސް ކަންތައް މިކުރަނީ އެހެން ގައުމު ތަކުގައިވެސް ކަންތައް ކުރާ ގޮތަށޭވެސް ބުނެވިދާނެއެވެ.

އަބަދުވެސް ބުނާނީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްވާނަމަ އެކަމުގައި އެ ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ. އަދި އަމުދުން މިހާ ކުޑަކުޑަ އާބާދީއެއް ގައެވެ. އެކަންކުރާނެ ގޮތްތައް ކިޔާދޭކަށް ބޭނުމެއް ނޫނެވެ.އެހެންނަމަވެސް އެއްގޮތެއް ބުނެލާނަމެވެ. ހުށައަޅާފައިވާ ގާނޫނުގެ ޑްރާފްޓްގެ  ކޮޕީއެއް ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފޮނުވައިގެން ރައްޔިތުން ދެކޭގޮތް ދެނެގަނެވިދާނެއެވެ. ތިއީ ދެން ވަރަށް އުނދަގޫ ކަމެކޭ ބުނެފާނެ ފަރާތްތަކަށް ރައްދަކީ އެ ގާނޫނަކަށް ރައްޔިތުން އަމަލުކުރުން ލާޒިމްވާނަމަ އުނދަގުލަށް ފަސޭހަޔަސް އެކަންކުރުން ރަނގަޅެވެ. 

އެކަން ނުކުރީމާ ދެންވާގޮތް ރާއްޖޭގައި އަބަދާއަބަދު އެދަނީ ފެންނަމުންނެވެ. ގާނޫނު ހެދުމުގައި ހުރި ބާގަނޑުތަކެވެ. ގާނޫނު ތަންފީޒު ކުރުމުގައި ހުރި ބާގަނޑު ތަކެވެ. މިބާގަނޑު ތަކުން ބައެއްފަހަރު ފައިބައިގެން ދަނީ އަދަދު ނުކުރެވޭހާ ގިނައިން ރައްޔިތުންގެ ފައިސާއެވެ. އެތައް ރައްޔިތެއްގެ ޙައްގުތަކެވެ. މި ފަހަކަށް އައިސް ރާއްޖޭގެ ނޫސްތަކުން ފާހަގަކުރެވުނު ބައެއް ފަލަ ސުރުޚީތަކަށް އަލި އަޅުވާލާނަމެވެ.                                          

އައްޑޫ އަތޮޅުގެ އަންހެނުންގެ ކޮމިޓީއަކަށް މެމްބަރުން އިންތިޚާބުކުރުން ދާދި މިދާކަށް ދުވަހު ބޭއްވުނު ކަމަށްވެއެވެ. ބާރަ ހާހަށްވުރެން ގިނަމީހުން ވޯޓުލާން ޖެހެއެވެ. އެކަމަކު ވޯޓުލީ އެއްހާސް ވަރަކަށް މީހުންނެވެ. ކޮންމެ ވޯޓެއްގެ އަގަކަށް އަށްހާސް ރުފިޔާގެ އަގެއް ރައްޔިތުން ދޭން ޖެހުނެވެ.                                                                

އައްޑޫ އަތޮޅުގެ އިންތިޚާބާމެދު ވިސްނާލާއިރު މިއަންނައަހަރު ރާއްޖޭގެ އެންމެ ބާރުގަދަމަގާމަށް ރައީސުލް ޖުމްހޫރިއްޔާއަކު އިންތިޚާބު ކުރާއިރު ވޯޓުލުމުގެ ޙައްގު ލިބިފައިތިބި އާބާދީގެ ވިހިއިން ސައްތަ ރައްޔިތުން ވޯޓުލުމުން އޭގެ ތެރޭން އެންމެ ގިނަ ވޯޓު ކާމިޔާބު ކުރި މީހާއަށް 50 އިން ސައްތަ އެއްވޯޓް އިތުރަށް ވޯޓުލިބިއްޖެނަމަ އެމީހަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ބަލަން ޖެހޭނެއެވެ. އެކަމަކު މިއީ ކޮންފަދަ ގާނޫނީ ހަމައެއް ހެއްޔެވެ؟ 

ރައްޔިތުން ވޯޓު ލާން ޖެހޭނެއޭ ވޯޓު ނުލީ ކީއްވެގެންހޭ ބުނެ ރައްޔިތުންނާއި ދިމާލަށް އިނގިލި ދިއްކުރުމުގެ ޙައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެކަން ގަބޫލުކުރަން ޖެހޭނެއެވެ. މިހާ ބޮޑު ބާގަނޑަކާއެކު ގާނޫނު ފާސްކުރިއިރު ރައްޔިތުން ކައިރީގާ ހޭ ވެސް އަހާނުލުމަކީ އިންސާފުތޯއެވެ؟ ރައްޔިތުން ވޯޓުލާން ބޭނުން ނުވީއެވެ. އެއީ ވެރިކަމަކީ ރައްޔިތުންގެ ބާރުކަން އަންގާދެވިދާނެ އެއްގޮތެވެ.  އެއަށްފަހު ދެން ޖެހިގެން އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ބޯމަތިވެގެން އަންނައިރު އެކަމަށް ޝަރުތު ތަކެއް ކަނޑައަޅާކަށް ނުޖެހޭ ހެއްޔެވެ؟                                               

ރ. އަތޮޅު ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ ސަބަބުން ހެދުނު ބާގަނޑުން ފައިބައިގެން ދިޔަ ފައިސާގެ އަދަދުވެސް މިހާތަނަށް ޔަގީން ވެއްޖެކޭ ނުބުންވޭނެއެވެ.ހަމަ އެހެންމެ އޮޑިޓްރިޕޯޓް ތަކުގައި އޮޑިޓަރ ޖެނެރަލް ގެނެސްދީފާ ބޮޑެތި ޚިޔާނާތުގެ ރިކަވަރީ އެއްވެސް އިރެއްގައި ޖެއްސިއްޖެތޯއެވެ؟                                                              

ދުވާފަރުގެ ޙާދިސާއިން ލިބިދޭ ފިލާވަޅަކީ އިންތިޚާބު ކުރެވޭ ކޮންމެ މަގާމަކަށްވެސް ކުރިމަތިލުމަށް ޝަރުތުތަކެއް ފުރިހަމަވާން ޖެހޭކަމެވެ. އަދި ގާނޫނު ތަންފީޒު ކުރުމަކީ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމުން އާންމުކޮށްލާ ލިއުމަކުން ނުވަތަ ގަވައިދަކުން ނުފުދޭނެ ކަމެވެ. ގާނޫނު އޭގެ އަކުރުން އަކުރަށް ތަންފީޒު ކުރަން ޖެހޭނެއެވެ. އެހެންނޫނީ އެ ވަޒީފާ ގަބޫލުނުކުރާށެވެ. ރިސޯރޓުގެ ނުވަތަ އެހެން ވަޒީފާގައި މަޑުކުރާށެވެ. ޒިންމާ ނަގަން ނުޖެހެންޏާއި އެންމެރަނގަޅުތާއެވެ. ޒިންމާދާރު ކުރުވާނީ ކާކުކަންވެސް މިހާރު ދައުލަތުގެ ޙާލަށްބެލުމުން މިވަނީ ވާތާވެފައެވެ.                                                                       

މީގެ ކުޑަދުވަސްކޮޅެއް ކުރިން ބޭއްވީ އިންތިޚާބެއްގައި ވޯޓު ލާންޖެހޭ އެތައް ބަޔަކުގެ ތެރެއިން އެންމެ މީހަކު ވޯޓު ދިނުމުންވެސް އެވޯޓު ލިބުނުމީހާ އިންތިޚާބު ކުރެވުނީ ކަމަށެވެ. ވަކި ފަރުދުންތަކެއް ނުވަތަ ވަކި ޖަމާޢަތެއް ނުވަތަ ވަކި އާބާދީއެއް ތަމްސީލުކުރަން ވިޔަސް އެކަމަށް ބަސްބުނަން ޖެހޭ އެތައް ބަޔަކުގެ ތެރޭން އެންމެ މީހަކު އާނބަސް ބުނުމުން އޭނާއަށް އެ ޖަމާއަތެއްގެ ނަމުގައި ބަސްބުނުމުގެ ޙައްގު ދިނުމަކީ އަދި އެތައް ފަހަރަކު ވިސްނާލަން ޖެހޭ ކަމެކެވެ. މިއީވެސް އަޅުގަނޑުމެން މިކިޔާ ގާނޫނުގެ ބާގަނޑުން ބާގަނޑެކެވެ.           

ގާނޫނު ހަދާ މަޖިލީހާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. އެކަމަކު އެއިން އެއްވެސް އިދާރާއަކަށްވުރެން ރައްޔިތުންގެ މަސްއޫލިއްޔަތު ކުޑައެކޭ ބުނެވާކަށް ނެތެވެ. ކެޔޮޅުބޭ ގޯތީ މުޙައްމަދު ވީމާ އޭނާއަކީ އަދި މަސްވެރިކަމުގެ ގާނޫނެއް ވުޖޫދު ކުރުމަށްޓަކައި މަޝްވަރާ ދެވިދާފަދަ މީހަކަށް ނުވެދާނެއެވެ. ހަމަ އެފަދައިން ގާނޫނުގައި ހުރި ބާގނަޑުތަކެއްގެ ސަބަބުން އެ ގާނޫނު ތަސްދީގުކުރި ރައީސުލް ޖުމްހޫރިއްޔާއާ ދިމާލަށް އިނގިލި ދިއްކުރުންވެސް އެއީ އޭގެޒާތުގައި އެންމެ ރަނގަޅުގޮތަކަށް ނުވެދާނެއެވެ. 

މަޖިލީހުން ދެވަނަ ފަހަރަށްވެސް ފާސްކުރީމާ ދެން އެގާނޫނު ތަސްދީގު ކުރުން ނޫންގޮތެއް އޭނާއަކަށް ނޯންނާނެއެވެ.  އެކަހަލަ ދެއުޅި އެއްނުވާ ގާނޫނެއް ފާސްކުރަން ފުރުސަތު ދިނީތީ މަޖިލީހުގެ ރައީސްއާ ދިމާލަށް އިނގިލި ދިއްކުރެވޭކަށްވެސް ނޯންނާނެއެވެ. ހަމައެފަދައިން ތަންފިޒީ އިދާރާ ތަކަށްވެސް ފާޑުކިޔޭކަށް ނޯންނާނެއެވެ. މިކަންކަން ގަބޫލުކުރަން ޖެހޭނެއެވެ. ރައްޔިތުންގެ ގެއިން ނުކުންނައަމުރު ތަންފީޒުނުކުރަން ދައްކާނެ ބަހަނާއެއް ނޯންނާނެއެވެ. ދެން އެހެންވީއިރު ޒިންމާދާރު ކުރުވާނީ ކާކުހެއްޔޭ ސުވާލު ކުރެވިދާނެއެވެ. 

ޖަވާބުވެސް ވަރަށް ފަސޭހައެވެ. މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ރައްޔިތުންނެވެ. ފުރިހަމަ ކޮންމެ ގާނޫނަކާ ދެއުޅިއެއްނުވާ ގާނޫނު ތަކަކީވެސް ރައްޔިތުންގެ ފަރާތުން ވުޖޫދުކުރި އެއްޗެއްސެވެ. ކުރުކޮށް ބުނާނަމަ ރައްޔިތުންގެ ގޭގެ އެންމެހާ ކަންތައް ތަކަށް ރައްޔިތުން ޒިންމާދާރުވާން ޖެހޭނެއެވެ. މިހެނޭ އެހެނޭ ކަންތައް ހިނގަނީ ބުނެ ދެއްކޭނެ ބަހާނާއެއް ނޯންނާނެއެވެ.                                                    

ރައްޖޭގަ ސަރަހައްދަށް އުރިގެން ފަރުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނުދީ ރައްކާވެގެން ދިޔަ ބޯޓުފަހަރުން ލިބެންޖެހޭ ފައިސާގެ އަދަދުވެސް ނޭންގެއެވެ. ގާނޫނު ތަންފީޒުކުރާ ފަރާތުން އެ އަދަދުތަކާއި އެއާމެދު އަމަލުކުރިގޮތް ރައްޔިތުންނަށް އަންގަންވެސް ބޭނުން ނުވާކަހަލައެވެ. 

1990 މެދުތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދަށް އުރޭ އުޅަނދުފަހަރާބެހޭ ގާނުނެއް ވުޖޫދުކުރެވުނެވެ. މިހާރު އެގާނޫނު އުވިއްޖެއެވެ. އެ ގާނޫނުން އެންމެ ފުރަތަމަ ޖުރިމަނާކުރެވުނީ މާލޭގެ ލޮނުޒިޔާރަތްކޮޅަށް އުރުނު ޑެލްމާސްގެ ބޯޓެކެވެ. ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މިލިއަން ޑޮލަރުން ބޯޓުގެ ވެރިފަރާތް ޖުރިމަނާކުރެވުނެވެ. 

ގާނޫނުގައިއޮތް ގޮތުން އެފައިސާ ދިވެހި ސަރުކާރަށް ހަމަޔަށް އަދާކުރުމަށް ފަހުގައި މެނުވީ ބޯޓު ފުރުވާލެވޭނެ ގޮތެއް ނޯވެއެވެ. އެ އަދަދު ކުޑަކޮށް ދިނުމަށާއި ބޭންކް ގަރަންޓީއެއް ހުށައެޅުމުން ބޯޓުފުރުވާލުމުގެ ހުއްދައަށް ބޯޓުގެ ވެރިފަރާތުން ސަރުކާރުގައި ދެންނެވިއެވެ. އެހެންނަމަވެސް ބަންޑާރަނައިބުގެ އޮފީހުން އެންގެވިކަމަށް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމުގައެވެ. އޭގެފަހުން ބޯޓުގެ ވެރިފަރާތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް އާދޭސް ދެންނެވުމުން ޖުރިމަނާ ފަސްލައްކަ ޑޮލަރަށް ކުޑަކޮށްދެއްވައި އަދި ބޭންކު ގަރަންޓީއެއް ދިނުމުން ބޯޓު ފުރުވާލަން ހުއްދަދިނުން އެންމެ ރަނގަޅުކަމަށް ފެނިވަޑައިގަންނަވާކަން އެންގެވީއެވެ. އަދި މާލެ ކައިރީ ފޮނަދޫ ފަރަށް އުރުނު ބޭރު ގައުމެއްގެ ބޯޓެއް ތިރީސް ހާސް ޑޮލަރުން ޖުރިމާނާ ކުރެވުނެވެ.

އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ތެޔޮ އުފުލާ ބޯޓެއ މާލެ އަތޮޅު ދެކުނު ފަރާތު ފަރަކަށް އުރުމުން ހަމަ އެ ގާނޫނުގެ ދަށުން ތިރީސް ހާސް ޑޮލަރުން ޖުރިމަނާ ކުރެވުނެވެ. އެއަށްފަހު ސޫތުކުޅިން ފުރައިގެ މޮރިޝަސް އަށް ދިޔަ ދެ ލަކުޑިބޯޓުގެ ނިގާރަމަށް އަރުވާފައިހުރި ހިލަގޯނިތަކެއް އުތުރުގެ ރަށެއްގެ ފަރުމައްޗަށް އުކާލުމުން ތިންހާސް ޑޮލަރުން އެ އުޅަނދުތަކުގެ ވެރިފަރާތް ޖުރިމަނާކުރެވުނެވެ. މިއިން އެއްވެސް އުޅަދެއް ޖުރިމަނާ ދެއްކުމުގެ ކުރިން ފުރުވާނުލެވޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެންގިއެވެ. އަދި އެ އެންގުން އެގޮތަށް ތަންފީޒު ކުރެވިގެން ދިޔައެވެ.  

ގަބޫލުކުރާގޮތުގައި މިއީ ގާނޫ ތަންފީޒުކުރުމުގައި ވަރަށް ރަނގަޅު ހަމައެކެވެ. ތިމަން މަނިކުފާނަކީ އޮތޯރިޓީ އޭ މަށަށް ފެންނަގޮތަށް ނިންމާނީއޭ ހީކުރުމަށްވުރެން މަޝްވަރާގެ އުސޫލުން ކަންތައްކުރުމުގެ އުސޫލު މާރަނގަޅެއް ނުވާނެތޯއެވެ. މި ލިއުނު ޙާދިސާތަކުގެ ދުވަސްވަރު އެ ކަމާބެހޭ އިދާރާތަކުގައި ތިއްބެވީ ވަރަށް ތަޖްރިބާ ކާރު ބޭފުޅުންކަމުގައި ބުނެވެއެވެ. ރައްޔިތުންގެ ކަންތައްތައް ހިންގުމަށާއި އިސްލާޙު ކުރުމަށް އަބަދުވެސް މަޝްވަރާގެ އުސޫލަށްވުރެން ހެޔޮގޮތެއް ނޯންނާނެކަން ޔަގީނެވެ.                                                    

Loading

One Response

  1. ރައްޔިތުންގެ ކަންތައްތަކުގައި މަޝްވަރާގެ އުސޫލު ބޭނުން ކުރުމަކީ ގާނޫނުގެ ބާގަނޑުތައް ނެތިކޮށްލުމަށް އޮތް ހަމައެކަނި ފުރުސަތެވެ. މިހާރު މިވާގޮތަކީ ގާނޫނުގެ ބާގަނޑުގެ ތެރޭން ރައްޔިތުންގެ ޙައްގުތައް ރައްކާތެރިނުކުރެވި ގެއްލިގެންދާތަން ފެނުނީމާ އަދި ރައްޔިތުންގެ މާލިއްޔަތު އަމިއްލަ އެކައުންޓަށް ކަލާކޮށްލީމާ ރައްޔިތުން އިނގިލި ދިއްކުރާތަން ފެންނަނީ ގާނޫނު ތަންފީޒުކުރާފަރާތްތަކާ ދިމާލަށެވެ. މިއީ ރައްޔިތުން އެތައްފަހަރަކު ވިސްނަން ޖެހޭ މައްސަލައެކެވެ. ސަބަބަކީ މިލިއުމުގައިވާ ފަދައިން ރައްޔިތުންގެ ގެއިން ނިކުންނަ އަމުރުތައް ތަންފީޒުކުރުން ނޫން އެހެން ގޮތެއް ނޯންނާނެއެވެ. ގާނޫނުގައި ބާގަނޑުތަކެއް ހުރިނަމަ އެކަން ރަނގަޅުކުރަންޖެހޭނީ ރައްޔިތުންގެ ގެއިންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް