ރަޝިޔާއިން ފޯރުކޮށްދޭ ގޭހަކީ ޔޫރަޕްގެ ގައުމުތަކަށް ކިހާ ބޭނުން އެއްޗެއް؟ 

Loading

Facebook
Twitter
WhatsApp

ޗައިނާއަށް ފޯރުކޮށްދޭންޖެހޭ ގުދުރަތީގޭހުގެ މިންވަރ މާ ބޮޑަށް އިތުރުވުމާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކަށް ބަރާބަރަށް ގޭސް ފޯރުކޮށް ނުދެވޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ބިޔަ ގޭސް ކުންފުނި ގޭޒްޕްރޯމް އިން ބުނެފައިވަނީ ނޯޑް ސްޓްރީމް 1 ގެ ގުދުރަތީ ގޭސް ފޯރުކޮށްދޭ ހޮޅި މަރާމާތު ކުރުމަށް ޓަކައި ބަންދުކުރެވިފައިވާތީ ޔޫރަޕްގެ ގައުމުތަކަށް ގޭސް ފޯރުކޮށްދިނުމުގެ އެއްބަސް ވުމުގައި އޮންނަ “ އިންސާނުންގެ ބާރު ނުފޯރުވޭ ޙަލަތުގެ މާއްދާގެ ދަށުން “ މިވަގުތު ގޭސް ފޯރުކޮށް ދެވެން ނެތީކަމަށެވެ. 

އަދި މިޙާލަތުގައި ރަޝިޔާއިން އިތުރަށް ކުރެވޭނެކަމެއް ނެތުމާއެކު އޭގެ މަސްއޫލިއްޔަތުވެސް އުފުލެން ނެތް ކަމުގައެވެ. ރަޝިޔާއިން ގޭސް ފޯރުކޮށް ނުދީފާނެ ކަމުގެ ބިރު ޔޫރަޕްގެ ގައުމު ތަކުގައި މިހާރު ދަނީ ފެތުރެމުންނެވެ. ރަޝިޔާގެ ގޭސް ޔޫރަޕަށް ފޯރުކޮށް ނުދީފިނަމަ އެކަމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތައް މެދުވެރިވާނެ ކަމަށް މުޙައްލިލުން ބުނެއެވެ. އަންނަ ފިނި މޫސުމާއި ދިމާކޮށް ޖަރުމަނުފަދަ ގައުމުތަކަށް މިއީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމަކަށް ވެގެންދާނެއެވެ. އަދި ރަޝިޔާއިން މިހާރު ގަސްދުކުރަނީ ޔޫރަޕްގެ ގައުމުތަކުގެ ބަދަލުގައި ސައިބީރިޔާގެ މަގުން އަޅާފައިވާ ޕައިޕްލައިން މެދުވެރިކޮށް ޗައިނާއާއި އޭޝިއާގެގައުމުތަކަށް ބޭނުންވާ ގޭސް ފޮނުވައި ދިނުމަށެވެ.                     

ގަޒްޕޯމަށް މިހާރު ދިމާވެފައި މިވަނީ ގުދުރަތީ ކާރިސާއެއް ކަމަށް ޢިއްލާން ކުރުމަށްފަހު ޖުލައި 14 ގެ ތާރީޚުގައި މިހާރުވަނީ ކަސްޓަމަރުންނަށް ނޯޓިސް ފޮނުވައިފައެވެ. ގުދުރަތީ ކަރިސާއެއްކަމަށް ޢިއްލާން ކުރުމުން އެއްބަސްވުމުގައި ވާގޮތަށް ގޭސް ފޯރުކޮށް ދިނުމުން ބަރީޢި ވެވޭނެއެވެ. މިގޮތުން ޖަރމަނުގެ ގޭސްކުންފުނި ޔުނިޕަރ އަށްވެސް އެ ނޯޓިސްވަނީ ލިބިފައިކަން އެކުންފުނިން ވަނީ ކަށަވަރު ކޮށްދީފިއެވެ. 

އެހެންނަމަވެސް ޔުނިޕަރ އިން ބުނަނީ މިގޮތަށް ގޭސްފޯރުކޮށްދިނުން މަދުކުރުމަކީ އިންސާފެއް ނޫން ކަމުގައެވެ.ޔޫކްރެއިންގެ ހަނގުރާމަ ފެށުނީއްސުރެން ރަޝިޔާއިން އަންނަނީ ޔޫރަޕްގެ ގައުމުތަކަށް ގުދުރަތީގެސް ފޮނުވުން މަދުކުރަމުންނެވެ.އަދި އެހެން ހަދަން ޖެހުނީ ނޯޑް ސްޓްރީމް 1 ގެ ޕައިޕްލައިން މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ބައެއް ކެނެޑާއިން ފޮނުވާދިނުން ލަސްވުމުގެ ސަބަބުން ކަމުގައި ރަޝިޔާއިން ބުނެއެވެ.

އެހެންނަމަވެސް ގިނަ މުޙައްލިލުންގެ ނަޒަރުގައި މިއީ ސިޔާސީގޮތުން ރަޝިޔާއިން ކުޅޭ ކުޅިއެކެވެ. ސަބަބަކީ އެހެން ދާއިރާތަކަށް ފޮނުވަމުން ގެންދާ ގޭސް އަށް މިގޮތް ދިމާވެފައި ނުވާތީއެވެ. އަދި ރަޝިޔާއިން ނޯޑް ސްޓްރީމް 1 ގެ ޕައިޕްލައިނުން އަލުން ގޭސް ފޯރުކޮށްދޭން ނުފެށުންވެސް އެކަށީގެންވާ ކަމުގައެވެ. މިހާރު އެ ޕައިޕްލައިން ހުރީ މަރާމާތުކުރަން ބަންދުކޮށްފައެވެ. އަދި މި ހަފްތާގެ ފަހުކޮޅުގައި އަލުން ހުޅުވާގޮތަށް ވާހަކަ ދެކެވިފައި އޮތަސް ރަޝިޔާއިން އެކަން ކުރާނެ ކަމާދޭތެރޭ މިހާރު ޝައްކު ކުރެވެއެވެ.

އެހެންނަމަވެސް ސަކްސޯ ބޭންކުގެ އިސްބޭފުޅެއް ކަމުގައިވާ އޯލް ހެންސަން ވިދާޅުވަނީ ނޯޑް ސްޓްރީމް 1 ން ތަންކޮޅެއް ޕްރެޝަރ ދަށްކޮށްގެން ނަމަވެސް ޔޫރަޕަށް ގޭސް ފޯރުކޮށްދޭނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.                               

ޔޫރަޕަށް ފޯރުކޮށްދޭ ގޭހުގެ މިންވަރު ތާށިކޮށްފާ އޮތްނަމަވެސް ގަޒްޕޯމުން ބުނަނީ ސައިބީރިއާ މަގުން ޗައިނާއަށް ބޭނުންވާ ފޮސިލް ފިއުލް ބަރާބަރަށް ފޯރުކޮށްދޭނެ ކަމުގައެވެ. އަދި އެއީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއް ކަމަށްވެސް ގަޒްޕޯމުން ބުނެއެވެ.

2019 ވަނައަހަރު ރައީސް ޕުޓިން ޗައިނާއަށް ކުރެއްވި ދަތުރަށްފަހު ޗައިނާއެކު ވެވުނު އެއްބަސްވުމުގެ ދަށުންރަޝިޔާއިން ގެންދަނީ ގޭސް ފޯރުކޮށް ދެމުންނެވެ. ޗައިނާއާއި ރަޝިޔާއަކީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. ޔޫކުރޭންގެ ހަނގުރާމަ ފެށުނުފަހުން މިދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކޮށްފައިވެއެވެ. އަދި އިންޑިއާ އިންވެސް މިހާރު ރަޝިޔާގެ ތެޔޮ އެތެރެކުރުން ވަނީ ވަރަށްބޮޑަށް އިތުރު ކޮށްފައެވެ. ޔޫރަޕްގެ ދުއްތުރާތަކާހެދި ރަޝިޔާއިން ގެންދަނީ އެމީހުންގެ އިގްތިސާދު ފުޅާކުރެވިދާނެއިތުރު ގޮތްތައް ހޯދަމުންނެވެ.                                                                       

ކެނެޑާއަށް ރިޕެއަރ ކުރަންފޮނުވި ޕައިޕްލައިންގެ ޓަރބައިން ލަސްވުމުން އެ ޕައިޕްލައިން މަރާމާތުގެ މަސައްކަތް ހުއްޓިފާއޮތުމުން ގޭސް ފޯރުކޮށް ދިނުމަށް ހުރަސް އެޅުން އެއީ އުޒުރެއްކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް މިހާރު ޓަރބައިން ލިބި ރިޕެއަރ ކުރުންވެސް ނިމުމަކަށް އައިސްފައިވާތީ އެންމެ ކުޑަމިނުން ސާޅީސް އިންސައްތަގެ ޕްރެޝަރުގައި ނަމަވެސް ގޭސް ފޯރުކޮށްދިނުމަށް ހަމަޖެއްސުންއެއީ އިންސާފުވެރިގޮތެއްކަމަށް ޔޫރަޕުން ބުނެއެވެ. 

އެހެންނޫނީ ބެލެވޭނީ ޔުކްރެއިން އަށް ޔޫރަޕުން ރަޝިޔާ އާއި ހަނގުރާމަ ކުރަން އެހީ ފޯރުކޮށްދޭތީ ޔޫރަޕްގެ އިގްތިސާދު އިނދަ ޖައްސާލުމަށްޓަކައި ސިޔާސީ މަގްސަދެއްގައި ރަޝިޔާއިން އެގައުމުތަކަށް ގޭސް ފޯރުކޮށްދިނުމަށް އުޒުރުވެރިވަނީ ކަމަށް ހެންސަން ބުނެއެވެ.       

Loading

3 Responses

  1. ސާބަސް އެތިފަހަރަކައް އެތިފަރެއް ޔޫރަޕުބޭނުންވީމައި ރަޝިޔާއަށް ދަތިކުރަންވީ ރަޝިޔާއައްވެސް އެހައްގު އޮންނާނެ

  2. މިހާރު ތިދަނީ ރަނގަޅަށް. އެމެރިކާގެ ޝައިތާނީ އަނިޔާވެރިކަން ދެން ކޮންމެވެސް ވަރަކަށް މައިތިރި ކުރެވޭނެ ކަމަށް ފެނެއެވެ. އެކަކު މާ ބާރުގަދަވީމާ ދެން އެހެން މީހުނަކަށް އަމާން ކަމެއް ނޯންނާނެއެވެ. ވީމާ މިހާރު މިދާގޮތް ހަމަ ރަނގަޅެވެ. ޝައިތާނު ބަލިކުރެވޭނޭ އެހެން ގިނަ ބަޔަކު ގުޅިގެން ކެރިގެން މަސައްކަތް ކުރީމައެވެ. ގޭސް ކަނޑާލީމާ ރަޖާލައިގެން ތުރުތުރު އަޅައަޅަން ބައިތިއްބަވާށެވެ.

  3. މޫނަކަށް ކަނދުރާއަކަށް ބެލޭކަށް މިޒަމާނުގައި ނޯންނާނެއެވެ. އެމެރިކާމީހުން ބުނަނީ އެމެރިކާގައިހުރި ތެލާގޭހުން މުޅިދުނިޔެއަށް ފުދޭވަރަށް ފޯރުކޮށްދެވިދާނެކަމަށެވެ. އެކަމަކު އެމެރިކާގައި މަސައްކަތުމީހުންގެ އުޖޫރައާއި އިނާޔަތްތަކާ އަދިވެސް ތެލާގޭސް ބިމުން މައްޗަށް ނެގުމަށް ކުރަންޖެހޭ ޚަރަދު ބޮލަކަށް ނުވަދެއެވެ. ކުރީދުވަހަކު އެމެރިކާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވީ ޗައިނާއާއި އެއްހަމައެއްގައި ހަތިޔާރުގެ މައިދާނުން ޖާގަހޯދޭނެ ގޮތަކާބެހޭގޮތުން ސީރިއަސް ކޮށް ވިސްނަން ވެއްޖެކަމުގައެވެ. ސަބަބކީ އުފެއްދުންތެރިކަމުގެ އަގު އަޅާ ކިޔާއިރު ޗައިނާއިން ޚަރަދުކުރާ ކޮންމެ ޑޮލަރަކަށް އެމެރިކާއިން 20 ޑޮލަރު ހޭދަކުރަންޖެހެއެވެ. އެހެންވީމާ ދުނިޔޭ ތެލާގޭހުގެ ބާޒާރުގެ މިހާރުގެ އަގުތަކަށް ވި ގުނަ އިތުރުކުރީމާ އެ ގަނެވޭނެ މީހަކު ހުރެދާނެބާވައޭ ހިތައް އަރައެވެ. މިއޮއް ހާ ޒަމާނުގައި އެމެރިކާއިން އެކަން ނުކޮށް އޮތީ ތެލާ ގޭސް އެމެރިކާގައި ނެތިގެނެއްނޫނެވެ. އެ ނަގައިގެން ވިއްކޭނެ މާރކެޓެއް ނެތީމައެެވ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް