ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މީހާ ބަންދު ނުކުރަން ސްޕްރީމް ކޯޓުން އަމުރުކުރުން: ބޮޑު ހައިރާން ކަމެއް 

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޮޑު ވަޒީރުކަން ނަރެންދުރަ މޯދީއަށް ލިބިވަޑައިގެންނެވި ފަހުން އެ ގައުމުގެ ސްޕްރީމް ކޯޓުން ނެރޭ ބައެއް އަމުރުތަކާ މެދު ވަރަށް ގިނަ ބަޔަކު ހައިރާންވެ ފާޑުކިޔަމުން ގެންދެއެވެ.

ކީރިތި ރަސޫލާ  ﷺ  އަށް ފުރައްސާރަކުރި އިންޑިއާގެ ވެރިކަން ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނޫޕޫރު ޝަރުމާގެ މައްޗަށް ހުށަހެޅިފައިވާ 9 މައްސަލައިގެ މައްޗަށް ބިނާކޮށް އޭނާ ބަންދު ނުކުރެވޭނޭކަމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ދާދިފަހުން ބުނުމާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބި ފާޑުކިޔަމުން ގޮސްފައިވެއެވެ.

ނޫޕޫރުޝަރުމާއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އޮގަސްޓު 10 ވަނަ ދުވަހުގައެވެ. ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އޭގެ ކުރިން އޭނާއާ ދެކޮޅަށް އެހެން މައްސަލައެއް ކޯޓަކަށް ހުށަނޭޅޭނޭކަމަށް ވެސް ބުނެފައެވެ.

ނޫޕޫރު ޝަރުމާ: ހިންދޫންގެ ތާއިދު ލިބިފައިވޭ

ނޫޕޫރު ޝަރުމާ އާއި ބީޖޭޕީގެ އެހެން އިސް މީހަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމާ ގުޅިގެން އިންޑިއާގެ މުސްލިމުންގެ އިތުރަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެކަން ކުށްވެރިކޮށް އެކަމާ ދެކޮޅަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭކަމެއް ނޫންކަމަށް ވަރަށް ގިނަ ގައުމުތަކުން ވެސް ބަޔާން ނެރެފައި ވެއެވެ.

ނޫޕޫރު ޝަރުމާގެ ބަޔާނާ ގުޅިގެން އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ މުސްލިމުން އޭނާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައިވެއެވެ. ނަމަވެސް ވެރިކަމުގެ ފަރާތުންނާއި އިންޑިއާގެ ހިންދޫން ދިޔައީ އޭނާ ހިމާޔަތްކުރަމުންނެވެ. ކޯޓަށް ހާޒިރުކުރަން އަމުރު ނެރުމުން އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ކޯޓަށް ހާޒިރެއް ނުވެއެވެ.

ނޫޕޫރާ ދެކޮޅަށް އިންޑިއާގައި މުޒާހަރާ ކުރަމުން ދަނީ

ނޫޕޫރު ޝަރުމާއާ ދެކޮޅަށް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސްޕްރީމް ކޯޓުން ވަނީ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ގައުމުގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާތީ އެ ދެއްކި ވާހަކައަށް މާފަށް އެދުމަށް އަންގާފައެވެ.

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ނޫޕޫރު ޝަރުމާ ދެއްކި ވާހަކައާ ގުޅިގެން އިންސާފު ހޯދުމަށް އިންޑިއާގެ އެކި ކޯޓުތަކުގައި މުސްލިމުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބީޖޭޕީގެ ވެރިކަމެއްގައި ނޫޕޫރު ޝަރުމާއާ ދެކޮޅަށް ފިޔަވަޅެއް އަޅާފާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް