އެމެރިކާއަކީ މެދުއިރުމައްޗަށް ކުރިމަތިވެފައިވާ މުސީބާތެއް 

Loading

Facebook
Twitter
WhatsApp

އެމެރިކާއިން މެދުއިރުމަތީގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް އީރާނުން ބުނެފިއެވެ. 

މިއީ އީރާނުން ބުނި އައު ވާހަކައެއް ނޫނެވެ. އަދި މިއީ ދުނިޔޭގެ ގިނަ ބަޔަކަށް ނޭނގި އޮތް ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ގަލްފާއި ޢަރަބި ގައުމުތަކުގައި ބޯ ބުރާންތި ވެފައި ތިބި ގިނަ ވެރިންނަށް މިކަމެއް ނޭނގެއެވެ. ނޫނީ އެނގޭކަށް ބޭނުމެއް ނޫނެވެ. އެމީހުން ދަނީ އެމެރިކާ ޖަހާ ބެރަށް ނަށަމުންނެވެ. އެކަމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ޚަޝޯޤްޖީ އަވަހާރަކޮށްލުމާ ގުޅިގެން ނަގޫފިތިފައިވާ ސަޢުދީ ޢަރަބިޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނެވެ.

އެމެރިކާގެ ދެފުށްކެހެރި ރައީސް ޖޯ ބައިޑެން މީގެ ދެތިން ދުވަސް ކުރިން ޔަހޫދީންގެ އިޒުރޭލަށާއި ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ކެހިވެރި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނަސީރު ކިނާނީ ދެއްވި ބަޔާނެއްގައި ވިދާޅުވީ ބައިޑެންގެ ދަތުރުފުޅަކީ އީރާނު އެކަހެރިކޮށް ސަރަހައްދުގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން އުފައްދައި ޢަރަބީން ބައިބައިކޮށް އިޒުރޭލަށް ބާރު ހޯދައިދިނުމަށް ކުރެއްވި ދަތުރުފުޅެއްކަމަށެވެ.

އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން މެދުއިރުމައްޗާ ބެހޭ ގޮތުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު އަބަދުވެސް ބިނާ ވެފައި އޮންނަނީ ޢަރަބީން ބައިބައިކޮށް އީރާނާއި ޖެއްސުމަށާއި އިޒުރޭލަށް ފަލަސްތީނުގެ ބިން ހޯދައިދީ ޢަރަބީން ނިކަމެތި ކުރުމަށެވެ. އެމެރިކާއިން އަބަދުވެސް ދުނިޔެއަށް ދައްކަމުން ދަނީ އީރާނަކީ ޢަރަބީންނާ ދެކޮޅު ފުރޭތައެއްކަމަށާއި އީރާނުން އުޅެނީ ޢަރަބީންނާއި ޢަރަބި ގައުމުތަކުގެ ވެރިން ކާލަން ކަމަށެވެ. އެކަމަކު ޢަރަބީންނަށް ކުރިމަތިވެފައިވާ ހަގީގީ ބަލާވެރިކަމަކީ އެމެރިކާއެވެ.ޢަރަބީންގެ ތެރޭގައި އަބަދުވެސް ކޮންމެވެސް މައްސަލަގަނޑެއް އުފައްދައި ޢަރަބީންގެ ތެރޭގައި ހާތަޅުވަމުން ދަނީ އެމެރިކާއެވެ. ބަލިކަށިވަމުން ދަނީ ޢަރަބީންނެވެ. ސަރަހައްދުގައި ވަރުގަދަވަމުން ދަނީ ޔަހޫދީންނެވެ. އިޒުރޭލެވެ.

ޢަރަބީންގެ ތެރޭގައި އޮތް އާބާދީ މަދު އިޒުރޭލުން ވަނީ ނިއުކުލިއަރ ބާރަކަށް ވެފައެވެ. އިޒުރޭލުން ދަނީ ކޮންމެ ދުވަހަކު ކޮންމެ ދުވަހަކުހެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށާއި ސޫރިޔާގެ އެކި ސަރަހައްދުތަކަށާއި ލުބުނާނުގެ އެކި ސަރަހައްދުތަކަށް ބޮން އަޅައި މިސައިލުން ހަމަލާދީ މުސްލިމުން މަރަމުންނެވެ. ފޭރިގެންފައިވާ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވަމުންނެވެ. އެކަމަކު ޢަރަބީންނަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އީރާނުން ނިއުކުލިއަރ ބާރަކަށް ވުމަށް ކުރަމުންދާ މަސައްކަތްކަން މުޅި ދުނިޔެއަށާއި ޢަރަބީންނަށް ވިސްނައިދޭން އެމެރިކާއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި އީރާނަކީ ޓެރަރިސްޓެއް ކަމަށް ދުނިޔެއަށް ދެއްކުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އެބަދެއެވެ.

ސަޢުދީ ވަލީ ޢަހަދު މުޙައްދު އާއި ރައީސް ބައިޑެން

އެމެރިކާގެ ރައީސް ބައިޑެން އިޒުރޭލަށް ކުރެއްވި ދަތުރުފުޅުގައި އީރާނު ނިއުކުލިއަރ ބާރަކަށް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވުމަށް އެމެރިކާއާއި އިޒުރޭލުން ކުރަމުންދާ މަސައްކަތުގައި ޢަރަބި ގައުމުތައް ޚާއްޞަކޮށް ސަޢުދީ ޢަރަބިޔާ ބައިވެރިކުރުމަށް ބައިޑެން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެމެރިކާއާއި އިޒުރޭލުން މިހާރު މަސައްކަތް ކުރަމުން ދަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް އަޅިޔަށް ހަދާލުމަށެވެ. އިރާގާއި ސޫރިޔާއިން ނިއުކްލިޔަރ ބާރަކަށް ވާން ކުރި މަސައްކަތް އެމެރިކާއާއި އިޒުރޭލުން ގުޅިގެން ވަނީ ފުނޑުފުނޑުކޮށްލާފައެވެ.

އެމެރިކާއިން ގުޅިފައިވާ ލަޝްކަރެއް އުފައްދައި އިރާގަށް އަރައި ގައުމު ތަޅައި ސުންނާފަތި ކޮށްލީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އެ ހަތިޔާރަކީ ޢަރަބީންނަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަމަށް ދުނިޔެއަށް ދައްކައިގެންނެވެ. އެކަމަކު އެފަދަ ހަތިޔާރެއް އިރާގަކުން އަދި މިހާތަނަށް ފެނިފައެއްނުވެއެވެ. 

އިރާގުގެ ރައީސް ޞައްދާމާއި ލީބިޔާގެ ލީޑަރ ޤައްޛާފީއާއި ސީރިޔާގެ ވެރިންނަކީ ފަލަސްތީނާއި ޢަރަބީންނާއި މުސްލިމުންނަށް ހެއުއެދިގެން އުޅުއްވި ވެރިންނެވެ. އެބޭފުޅުން އެމެރިކާގެ ސިޔާސަތާ ދެކޮޅު ހެއްދެވުމުން އެބޭފުޅުންގެ ދުވަސް ވަނީ ދުއްވާލާފައެވެ. ލީބިޔާއާއި އިރާގު ވަނީ ފުނޑުފުނޑުކޮށްލެވިފައެވެ. މިހާރު އެމެރިކާއާ ދެކޮޅަށް ބަސްބުނެ އުޅެނީ އީރާނުންނެވެ. އެހެންވެ އީރާނު ފުނޑާލަން އެމެރިކާއިން ދަނީ ރޭވުންތެރިކަމާ އެކު މަސައްކަތް ކުރަމުންނެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެމެރިކާއަކީ އަބަދުވެސް ދުނިޔޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރަމުންދާ ގައުމެކެވެ.

އެމެރިކާއިން ފާޅުގައި އިރާނާއި ދިމާކޮށް އީރާނަށް ބިރުދައްކަމުންދާ މި ދަނޑިވަޅުގައި ރަޝިއާގެ ރައީސް ވުލަދިމިރު ޕުޓިން މި މަހު 19 ވަނަ ދުވަހު އީރާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޕުޓިންގެ އެ ދަތުރުފުޅާ ގުޅިގެން އީރާނަށް އައު ޖޯޝަކާއި ހިތްވަރެއް ލިބިގެންދާނެއެވެ. ހަމައެއާއެކު ޕުޓިންގެ އެ ދަތުރުފުޅުގެ ސަބަބުން އެމެރިކާއާއި އިޒުރޭލަށް އިތުރު ނުތަނަވަސްކަމެއް ލިބިގެންދާނެއެވެ.

އަރަބި ގައުމުތަކުގެ މުއްސަނދި ވެރިން އެމެރިކާގެ ފިތުނައިގެ ދަލުގައި ނުޖެހި ގައުމު ތަރައްގީކުރާނެ ގޮތެއް ދަސްކުރަން އެބަޖެހެއެވެ. އަދި އެމެރިކާއަކީ ގައުމުތަކަށް މުސީބާތެއްކަމަށާއި އެމެރިކާއިން މެދުއިރުމަތީގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށްގަބޫލުކުރަން އެބަ ޖެހެއެވެ. 

Loading

3 Responses

  1. އެގޮތަށް ޖައްސައިގެން 1988 ގައި އިރާގުގެ ވެރިޔާ ސައްދާމް ލައްވާ އީރާނާއި ހަގުރާމަ ކުރީ 8 އަހަރުވާންދެން. ހަތިޔާރު ފޯރުކޮށްދިނީ އެމެރިކާއިން. ސައުދީއާއި އިމެރެޓްސް ފަންޑުކުރީ. 8 އަހަރަށްފަހު އީރާނު ބަލިނުވީމާ ދެން ޕީސް ޓީކްސް ޖެއްސީ. އެ ހަނގުރާމައިގާ އިރާނުގެ މިލިއަނަކާ ގާތަށް މީހުން މަރުވި. އިރާގަށް އެތަކެއް ގެއްލުމެއްވެ ހާހުން ހާހުން މީހުން މަރުވި. އަދި އެ ހަނގުރާމައިގެ ހުރިޔާ ޚަރަދެއް އިރާގެ ތެލުން ހޯދީ ބާކީ ސައުދީ އިމިރެޓްސް އިން. ކޮން ފިލާވަޅެއް ލިބުނީ. ދެން ފެނުނީ އިރާގު ގެ ސައްދާމު އެމެރިކާއަށް ނޫނެކޭ ބުނަންފެށީތަން ދެނ ވީގޮތް ވެސް އެބަ އެނގޭ< އިރާގުގައި ފަނާކުރަނިވެި ހަތިޔާރު އެބަހުއްޓޭ އެއީ ސައުދީއަން އިމިރެޓްސް އަށް ބޮޑު ބިރެކޭ ބުނެދީދީ އަލްގައިދާގެ ހާއްޔެކޭ ބުނެދީދީ އެންމެފަހުން ސައްދާމާ ދެކޮޅަން ހަމަ މި އަރަބު ބޯގަޅި ވެރީން ލައްވާ ހަނގުރާމަ ފެއްޓީ. ފުރަތަ ބޮމް އަޅަން ނައްޓާލީ ސައޫދީ އިން. ދްން އެމެރިކާގެ ދަލުގައި ޖެހިގެން ޔޫކޭ އާއި އެކިޔާ ނޭޓޯވެސް އޭގެ ތެރަށް ފުންމާލީ. މުސްލިމު ގައުމެއް (ބަޣުދާދު ކަހަލަ) ހަލާކޮށްލާ ލޫޓާލަން ލިބުނީމާ އެންމެން ހެވިފާ ކާޕެޓް ބޮންވެސް އަޅާލަނީ ފިލްމްތަކުން ފެންނަހެން އެމީހުންގެ މީޑިއާތަކުން ލައިވް ކޮށް ދައްކުވައިގެން.
    ދެންފަހެ ސައްދާމު މަރާލެވިއްޖެ. އިރާގު ފުނޑާލެވިއްޖެ. އެ މުއްސަދި ގައުމުގެ ތެޔޮވަޅުތައް އަލުން ތަރައްގީ ކުރަން އެމެރިކާ ކެހިވެރި ވެރީންގެ އަތެއް އިންނަ ކުންފުނިތަކަށް ދިނީ. އަދި ސަޢޫދީންނާއި އިމިރެޓްސް އިން ބިލް ޕޭ ކުރަން މަޖުބޫރު ކުރުވީ. ހަނގުރާމަ އެމެރިކާ ކޯލިޝަނަށް ފަތަހަވެ އެބުނާ ސައްދާމު އަތުގައި ހުރި ފަނާކުރަނިވި ހަތިޔާ ހޯދުމުގެ މަސައްކަތް ފައްޓައި 6 މަސެވީއިރުވެސް އެބުނާ ހަތިޔާރެއް އިރާގަކުން ނުފެނު. އަލްގައިދާއާއި ސައްދާމަކާވެސް ގުޅުމެއް. ދެން ކިހިނެއްތޯ ވީ؟ މިބުނި ދެސުވާލު އަސްލު ފަނާކުރަނިވި ހަނގުރާމައިގެ ވެރީންނާއި އެމީހުންގެ ސީއެންއެން ބީބީސީ ފޮކްސް ސްކައި ޖަޒީރާ އިން ކުރުމުން ޖަވާބަކަށް ވީ: އެހެނަސް ރަނގަޅު ނޫންހޭ ނުރައްކާތެރި އަރަބި ޑިކްޓޭރެއް ވައްޓާލެވިއްޖެ ނޫންހޭ. މިއީ އިނގިރޭސި ވިލާތުގެ ބުލެޔަރު ގެ ވެސް ޖަވާބަކީ.
    މިހުރީ މި ޙައިވާނީ ވެރީންގެ ފެންވަރު. މިހުރިީ އިސްލާމީ އުންމަތާއި ޙަވާލުވެ ރަސޫލާއާއި ސަހާބީނަގެ ވާހަކަ އިން އަދި ގުރުއާނާއި ސުންނަތުން ރޮއިރޮއިފާ ލެމްޗަރުކުރާ އަރަބީނގެ ޚާލަކީ. ފަލަސްތީނަށް އަބަދު އިޒްރޭލައްވާ ބޮންއަޅާ، އެތަން ޙިސޯރުކޮށްގެން އިޒްރޭލަށް އުލެވެނީ ސީދާ އެމެރިކާގެ ވާގިވެރިކަމުގައި. މިއީ ދެބަސް ވެވެން ނެތް ޙަގީގަތް. ވީމާ ތި އަމެރީކާގެ ޖަރީމާތަކަކީ ދުނިޔެ ދަންނަ އަރަބި ވެރީން އެމީހުނގެ ވެރިކަން ދެމެހެއްޓުމަށް ލޯ ކަނުކޮށްގެން ނަށާ ޗަރުކޭސް ކުޅިގަނޑެއްކަން އެނގެއެވެ.
    އެހެނަސް އުފާކުރަންވީ މިއަދު އިސްލާމިކް ރިޕަބްލިކް އީރާނަށް ތި އެންމެން ވާގިވެރިވެގެންވެސް ސައްދާމަށް ގައްޒާފީއަށް ދިން ލަނޑެއް ނުދެވޭނެއެވެ. އީރާން ވަނީ 20 އަހަރުގެ ދަރިކުރުމުގެ ފިޔަވަޅާއި އެކުވެސް އަމިއްލަ ފުއްދުންތެރިކަނ އިތުރުކޮށް އެފަދަ ޚާއިނުންނަށް ޖަވާބު ދެވޭވަރުގެ ބަރު ހަތިޔާރު އުފައްދާފައެވެ. އޭގެ އެންމެ ފަހުގެ ހެއްކަކީ އީރާނުން ރަޝައާއަށްވެސް ހަނގުރާމަ؛އިގެ ކާމިޔާބު ހޯދުމަށް އީރާންގެ ހަނގުރާމަމަތީ ބޭނުން ކުރާ އެޑްވާންސ ޑްރޯން ދިނުމެވެ. އަރަބިން ޙާލަކީ މާތްﷲ ދެއްވެވި އެއޮށް ބޮޑު ނިޢުމަތް ތެލާއި ރަނުން ލިބޭހާ ފައިސާއެް އެމެރިކާގެ ބޭންކުތަކަށް ޖަމާކޮށް އެމެރިކާ އަތުން ހަތިޔާރު ގަނެ އެހަތިޔާރުރަކުން "ބަސްނާހަ" އެހެން އަރަބި އަދި އިސްލާމީ ގައުމުތަށް ބިކަ ކުރުމާއި ދަތިކުރުމުގެ އަނިޔާ ފޯރުކުރުމެވެ. މިގޮތުން ޔަމަން ވެސް އެވަނީ ފުނޑާލާފައެވެ.
    މާތްﷲ، އިސްލާމުން ނަށް ކެތްތެރިކަން ދެއްވައި މިނުލަފާ ޖައްބާރު ވެރީންގެ އަނިޔާތަކުން ސަލާމަތް ކުރައްވާށިއެވެ. އާމީން!

  2. ބިން ހައިދަރުގެ ވަރަށް ދިގު ކޮމެންޓެއް. އެކަމަކު އެއީ ކަންހިނގަމުންދާގޮތް. ހުޅަނގުން ބޭނުންވާކަހަލަ ދެފުށްކެހެރި ސައްޙާފެއް އީރާނުން ހޯދުން ވަރަށް އުނދަގޫވާނެ. އީރާނުންނަކީ ގައުމީ ކަންތައްތަކުގައި ވަރަށް ވަތަނީ ބައެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް