އަމާން ކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާއެވެ. - ހުކުރު ޚުތުބާ 

Loading

Facebook
Twitter
WhatsApp

މުސްލިމް އަޚުންނޭވެ! އީމާންކަމަށް ފަހު އެންމެބޮޑު ނިޢުމަތަކީ ސިއްޙަތު ސަލާމަތުން ހުރުމާއި، އަމާންކަން ލިބިގެން ވުމެވެ. އަމާން ކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާއެވެ. އަމާންކަމާ ނުލައި ކުރިއެރުމެއްނެތް. އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާއެވެ. އަމާން ވެއްޓެއްގައި ނަފުސުގެ ރައްކާތެރިކަން އޮންނާނެ. އަނބިދަރީންނާއި މުދަލުގެ މައްޗަށް ކަންބޮޑުވާކަށް ނުޖެހޭނެ. އަބުރާއި ޢިއްޒަތާއިމެދު ބިރުގަންނާކަށް ނުޖެހޭނެ.

ޙައްގުތަކުން މަޙްރޫމް ވެދާނެތީ ފިކުރު ކުރާކަށް ނުޖެހޭނެ. މިފަދަ ފުރިހަމަ ސިފަތަކެއް އެކުލެވިގެންވާ ދިރިއުޅުމަކަށް މަގުދައްކާ ނިޒާމަކީ ހަމައެކަނި އިސްލާމީ ނިޒާމްއެވެ.

މުސްލިމް އަޚުންނޭވެ! އިސްލާމްދީން މުޖުތަމަޢުގެ ހުރިހާ އަފުރާދުންނަށް އަމާންކަން ހޯދައިދިނުމަށް ނުހަނު ބޮޑު އިސްކަމެއް ދީފާވެއެވެ. މުސްލިމުން މަދީނާއަށް ހުޖުރަ ކުރުމަށްފަހު، އެރަށުގައި ކީރިތި ނަބިއްޔާ އުފެއްދެވި ދައުލަތުގެ ބިންގާ އެޅުއްވީ، އަމާންކަމުގެ މަތީގައެވެ.  އުފާވެރި އަމާންވެއްޓެއް އުފެއްދުމަށް މުހާޖިރުންނާއި އަންސާރުންގެ މެދުގައި އަޚުކުރެވިގެނެއެވެ. އެ އަޚުވަންތަ ކަމުގެ ސަބަބުން އެ ދެބައި މީހުންގެ މެދުގައި އެކުވެރިކަމާއި ލޯތްބާއި ކުލުނު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.

މީގެ އިތުރަށް މަދީނާގައި ދިރިއުޅެމުންދިޔަ ހުރިހާ ނަސްލެއްގެ މީހުންގެ މެދުގައި  ޢަދުލް އިންސާފާއި، އެކުވެރިކަމާއި ޢަދުލުވެރިކަމާއި އަމާންކަން ގާއިމު ކުރެވިގެން ދިޔައެވެ. އެކަން ތަންފީޒް ކުރުމަށްޓަކައި މީސާގުލް މަދީނާ ގެ ނަމުގައި، ޢާއްމު ގާނޫނެއް އެކުލަވާލައްވައި އެ ގާނޫނު ތަންފީޒް ކުރެއްވިއެވެ. އިސްލާމްދީނަކީ އަބަދުމެ އަމާންކަމާއި، އިންސަފާއި، ހަމަހަމަކަމަށް ގޮވާލާ ދީނެކެވެ. މާތްﷲ ޙަޒުރަތުގައި އެކަކު އަނެކަކަށް ވުރެ މާތްވާނީ، ތަގުވާވެރިކަމުން. ހަމުގެ ކުލައަކުން، ޙަސަބާއި ނަސަބުގެ މުއްސަދިކަމަކުން ނޫން.

މާތްﷲ ވަޙީ ކުރައްވާފަވަނީ: “ އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި ޙައްވާގެފާނުންގެ ކިބައިންނެވެ.)  އަދި ތިމަން ﷲ ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި، ގަބީލާތަކަށް ލެއްވީ ތިޔަބައިމީހުން، އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފު ވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲގެ ޙަޒުރަތުގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަގުވާވެރި މީހާއެވެ.“

މުސްލިމް އަޚުނޭވެ! އަމާންކަމެއް ނެތް މުޖުތަމައެއް އެއްވެސް މައިދާނެއްގައި ތަރައްގީއެއް ނުވާނެއެވެ. ޖާނާއި މާލު ރައްކާތެރިއެއް ނުކުރެވޭނެއެވެ. އެފަދަ ވެއްޓެއްގައި، ދިރިއުޅޭބަޔަކަށް ފުރިހަމަ ސިއްޙަތާއި ތަނަވަސްކަމުގެ އުފަލެއްވެސް ނުލިބޭނެއެވެ. އަބަދުމެ ތިބެންޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައެވެ. 

މުސްލިމުންނަށް އަމުރު ކުރެވިފައިވަނީ އެއްބަޔަކު އަނެއްބައެއްގެ ޙާލުބަލައި ހެޔޮކަންކަމުގައި، އެހީތެރިވެދީ އުޅުމަށެވެ. ޢަދާވާތްތެރިވެ، އަނިޔާވެރި ނުވުމަށެވެ. އަދި ފާފަވެރި ވުމާއި ޢަދާވާތްތެރި ވުމުގެ މައްޗަށް ތިޔަބައިމީހުން އެނހީތެރިވެ، ވާގިވެރި ނުވުމަށެވެ. އަދި ތިޔަބައިމީހުން މާތްﷲ އަށް ތަގުވާވެރި ވުމަށެވެ. ހަމަކަށަވަރުން މާތްﷲ އެއީ އުރެދުންތެރީނަށް އުގޫބާތް ގަދަފަދަވެގެންވާ ރަސްކަލާންގެއެވެ.

ލޮބުވެތި މުސްލިމް އަޚުންނޭވެ! އަހަރެމެންގެ މެދުގައި އަމަން އަމާންކަން ދެމިއޮންނާނީ އިސްލާމް ދީނަށް ތަބާވެ، ހެޔޮޢަމަލު ކުރުންމަތީ ސާބިތުވެ ތިބޭ މިންވަރަކުންކަން ދަންނާށެވެ. މާތް ﷲ ވަޚީ ކުރައްވާފައިވަނީ: ”އެބައި މީހުންނަކީ، އީމާންވެތިބެ، އެބައި މީހުންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރި ކަމެއް ނުލާ މީހުންނެވެ. އަމާންކަން ހުރީ އެމީހުންނަށެވެ. އަދި އެބައިމީހުނީ، ތެދުމަގެ ލިބިގެންވާ މީހުންނެވެ. އަމާންކަން ހުރީ އެމީހުނަށެވެ. އަދި އެބައިމީހުނީ ތެދުމަގު ލިބިގެންވާ މީހުނެވެ.“

ﷲ ތަޢާލާ އެންގެވިގޮތަށް އަމާންކަންމަތީ ދިރިއުޅެމުން އައިބަޔަކަށް ލިބެމުން އައީ ނިޢުމަތާއި، އެ މީހުން، އެގޮތް ދޫކޮށް މާތްﷲ އަށް އުރެދުމުން، ކަންތައްވީގޮތް ބަޔާންކުރަށްވައި، ވަޙީ ކުރައްވައިފަވަނީ، “ އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާލަކުން ތަނަވަސް ވެގެންވާ ގޮތުގައި، އެރަށެއްގެ ރިޒިގު އާދެތެވެ. ދެންފަހެ ﷲ ނިޢުމަތްތަކަށް އެރަށުގެ މީހުން ކާފިރުވޫއެވެ.ދެން ﷲގެ ނިޢުމަތްތަކަށް އެރަށުގެ މީހުން ކާފިރުވޫއެވެ. ދެން އެއުރެން އުރެދި ކޮށްއުޅުނު ކަންތައްތަކުގެ ސަބަބުން، ބަނޑުހައިހޫނު ކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ، އެއުރެންނަށް ﷲ ދެއްކެވިއެވެ.“

ﷲ ސުބުޙާނަހޫ ވަަތަޢާލާގެ ވަޙީ ބަަސްފުޅުތަކާއި، ކީރިތި ރަސޫލާގެ ސުންނަތުން ޢިބުރަތް ލިބިގަނެ، އަހުރެމެންގެ މުޖުތަމަޢަކީ، ހުރިހާ ގޮތަކުންވެސް އަމާން ތަނަކަށް ހެދިއްޖެ ނަމަ، އެންމަހާއި މީސްތަކުންގެ މަސްލަޙަތު ތަކާއި ޙައްގުތަށް ރައްކާތެރި ކުރެވޭނެއެވެ. ދެބަސްވުން ތަކާއި އަރާރުންތައް މަދުވާނެއެވެ. ދޭދޭ ފަރުދުންނާއި، ޖަމާޢަތްތަކުގެ މެދުގައި އަރައިރުން ތަކާއި ޝަރުޢީ މަޙުކަމާ ތަކުގައި، ދެ ޚަސްމުންނަށް ވެސް އިންސާފު ލިބޭނެއެވެ. ރުޅިވެރިކަމާއި ޙަސަދަވެރިކަން ފިލައިގޮސް، ބާއްޖަވެރިކަމާއި ހަމަޖެހުން ލިބޭނެއެވެ. މުސްލިމުން  ވާންވާނީ އެކަކު އަނެކާއަށް އަޅާލާ އޯގާވެރި ބަޔަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް