އީރާނުން ރަޝިޔާއަށް ހަނގުރާމަމަތީ ޑްރޯންތަކެއް ފޮނުވަނީ 

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގައި ރަޝިޔާއަށް ބޭނުންވާ އެތައް ސަތޭކަ ހަނގުރާމަމަތީ ޑްރޯން އީރާނުން ވަރަށް އަވަހަށް ފޮނުވަން އުޅޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލައިވަން ހާމަކުރިގޮތުގައި އަދި މިހާތަނަށް އެ ޑްރޯންތައް ރަޝިޔާއަށް ފޮނުވާދިފިކަން ކަށަވަރު ނުވިޔަސް އީރާނުން އެ އުޅަނދުތައް ފޮނުވަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އޮތީ ލިބިފައިކަމަށް އޭނާ ބުނެއެވެ. އަދި މިމަހުގެ ތެރޭގައި އެ އުޅަނދުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް އީރާނުން ތައްޔާރުވަމުން ގެންދާކަން ވެސް އޮތީ އެނގިފައިކަމަށް އޭނާ ހާމަކުރިއެވެ. 

އީރާނުން ރަޝިޔާއަށް ފޮނުވަން ގަސްދުކުރާ ޑުރޯންތަކަކީ އިންސާނުންނާ ނުލައި ބޭނުންކުރެވޭ ވައްތަރުގެ އުޅަދުތަކެއް ކަމަށާއި އޭގެތެރެއިން ބައެއް އުޅަނދުތަކުގައި ހަނގުރާމައިގެ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާކަމަށްވެސް މިދިޔަ ހޯމަދުވަހު ވައިޓްހައުސް ގައި ވާހަކަ ދައްކަމުން ސުލައިވަން ބުނެފައިވެއެވެ. އަދި އިރުމަތީ ޔޫކްރެއިނުގައި ރަޝިޔާއަށް ލިބޭ ކުރިއެރުންތަކަށް މިހާރު ބޮޑު އަގެއް ދޭންޖެހޭ ކަމަށެވެ.                                                  

އެނާގެ ވާހަކަ ކުރިއަށް ގެންދަމުން އަދި ބުނެފައިވަނީ މިއަހަރުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލަން އެއްބަސް ވުމުގެކުރިން ޔަމަނުގައި ހަނގުރާމަކުރާ ހޫތީންނަށްވެސް ސައޫދީ އެރޭބިޔާއަށް ޙަމަލާ ދިނުމަށްޓަކައި އީރާނުން މިބާވަތުގެ ޑްރޯން ފޯރުކޮށްދީފައިވާ ކަމަށެވެ.                                              

މިކަމާގުޅޭގޮތުން މިލިޓްރީ ތަޖްރިބާކާރަކު ކަމުގައިވާ ސެމުއެލް ބެނެޓް ބުނެފައިވަނީ ފާއިތުވެ ދިޔަ 20 އަހަރު އީރާނުގެ ހަނގުރާމަތީ ޑްރޯން ގެ ނިޒާމް ފުރިހަމަކުރުމުގައި ވަރަށް ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ ކަމަށާއި ރަޝިޔާގެ ޑްރޯންތަކަށްވުރެން އީރާނުގެ ޑްރޯންސިސްޓަމް އޮތީ މާބޮޑަށް ތަރައްގީ ކޮށްފައިކަމަށެވެ. އަދި އީރާނުގެ ކަމިކާޒެ ޑްރޯންއަކީ އެމެރިކާއިން ޔޫކްރެއިނަށް ފޮނުވި ސްވިޗްބްލޭޑާއި އެއްފެންވަރުގެ އެއްޗެކެވެ. މީގެކުރިން ރަޝިޔާއަށް އިސްރާއީލުން ޑްރޯން ޓެކްނޯލޮޖީ ފޯރުކޮށްދިނުމުގެ އިންތިޒާމެއް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ކުރިމަތިލުން ތަކުގައި އިސްރާއީލުން ވަކި ކޮޅަކަށް ބުރަނުވުގެ ސިޔާސަތެއް ގެންގުޅޭތީ އެ މަގު މިހާރު މޮސްކޯއަށް އޮތީ ބަންދުވެފައެވެ.                                         

އިނގިރޭސި ވިލާތުގެ މިލިޓްރީ ޗީފް ވިދާޅުވަނީ ހަނގުރާމަ ދިގުލައިގެންދާއިރު އެކަށީގެންވާ މިންވަރަށް ޗުއްޓީ ދުވަސްތައް ނުލިބުމަކީ ރަޝިޔާސިފައިންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ.

މިއަޑުތައް ގަދަވެފައި ވަނިކޮށް މިހާރު ލިބޭ ޚަބަރުތަކުން އެނގެނީ ސީރިޔާގެ ހަނގުރާމައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް އީރާން ރަޝިޔާ އަދި ތުރުކީން ގުޅިގެން ކުރިއަށް ގެންދާ ވާހަކަ ތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޕޫޓިން އާއި އުރދުޣާންވެސް މިއަންނަ ހޮނިހިރު ދުވަހު އީރާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމުގައެވެ.        

Loading

2 Responses

  1. މިހާރު ބަރާބަރަށް ކުރިން ކިޔަމުން އައި ކޯލްޑް ވޯރ ތިފެށުނީއެވެ. ދެން ބާރުގަދަކަން ދެފަރާތުންވެސް ބައިވެރީން ހޯދައިގެން ދައްކާނެއެވެ. ނަތީޖާއަކަށް ވާނީ ދުނިޔެ ކުރިޔައްވުރެވެސް ނުރައްކާތެރި ތަނަކަށް ވެގެން ދިއުމެވެ.

  2. ބޮޑުދެގެރިތަޅަންޏާ ބާރުބޮޑުވާނީ ކައްގަލަށް. އެކަމަކު ދެގެރިއަކަށްވެސް ކާމިޔާބެއް ނުލިބޭނެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ކައްގަލާއެކު ދެގެރިވެސް ނެތިގެންދާނިއްޔޭ ބުނެވިދާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް