އީރާނުން ބްރިކްސް ގުރޫޕް އާއި ގުޅެނީ

Loading

Facebook
Twitter
WhatsApp

މުޅިދުނިޔޭގައިވެސް ދެވަނައަށް އެންމެ ގިނައިން ގޭސް ރިޒާވް ހުރި ގައުމު އީރާނުން ބްރިކްސް ގްރޫޕުގައި ބައިވެރިވުމަށް ހުށައަޅައިފިއެވެ. ބްރިކްސް އަކީ ހުޅަނގުގެ ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމުގެ ބޭނުމުގައި ބެއިޖިން އާއި އަދި މޮސްކޯ އިސްނަގައިގެން އުފައްދަން މަސައްކަތްކުރާ ވަރުގަދަ އެހެން މާރކެޓެކެވެ. 

މިހާތަނަށް ބްރިކްސް ގްރޫޕްގެ ބައިވެރިންނަކީ ބްރެޒިލް ރަޝިޔާ އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާއެވެ. ބްރިކްސް އަކީ ގޯލްޑްމަން ސެކްސްގެ އިގްތިސާދީ މާހިރެއްކަމުގައިވާ ޖިމް އޯ ނީލް ބްރެޒިލް އާއި ރަޝިޔާ އާއި އިންޑިއާ އަދި ޗައިނާގެ ހައިރާންކުރަނިވި ކުރިއެރުން ބަޔާންކޮށްދިނުމަށް 2001 އުފެއްދި ނަމެކެވެ. ބްރިކްސްގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުން އޮތީ 2009 ވަނައަހަރު ރަޝިޔާގައެވެ. ސައުތު އެފްރިކާ އެ ގްރޫޕްގައި ބައިވެރިވީ 2010 ގައެވެ. އީރާނުން ބުނާގޮތުގައި އީރާނުން ބްރިކްސް ގައި ބައިވެރިވުމަކީ ދެފަރާތަށްވެސް ފައިދާ ކުރާނެ ކަމެކެވެ. ރަޝިޔާއިން ބުނާގޮތުގައި އާރޖެންޓީނާ އިންވެސް މިހާރު އޮތީ ބްރިކްސް ގްރޫޕިންގް ގައި ބައިވެރިވުމަށް ހުށައަޅާފައެވެ.                                                             

ރަޝިޔާއާއި ދެކޮޅަށް ދެން އަޅާނެ ފިޔަވަޅަކާއި ބެހޭގޮތުން ވައިޓްހައުސް އިން ފިކުރު ކޮށްކޮށް ތިއްބާ ބްރިކްސްގެ މެމްބަރުން އިތުރުވަމުން ދިއުން ދޭހަކޮށްދެނީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާއި ގުޅިގެން ހުޅަނގުން އެޅިފިޔަވަޅުތައް ނާކާމިޔާބު ވަމުން ދާކަމުގައެވެ. އަދި ރަޝިޔާގެ އިގްތިސާދު އިނދަޖައްސާލަން ހުޅަނގުން ކުރަމުންގެންދާ މަސައްކަތް ޗައިނާއާއި އިންޑިއާ އަދި މެދުއިރުމަތީގެ ގައުމުތަކާއެކު ރަޝިޔާއިން ގުޅުން ބަދަހި ކޮށްގެން ކާމިޔާބުވިޔަ ނުދޭނެ ކަމަށްވެސް ރައީސް ޕުޓިން ގެންދަނީ ބުނަމުންނެވެ.  މިވަގުތު ޔޫރަޕްއަށް ކުރައްވާ ދަތުރެއްގައި އުޅުއްވާ އާރޖެންޓީނާގެ ރައީސް  އަލްބާރޓޯ ފެރނާންޑެޒް ވެސް  ވިދާޅުވެފައިވަނީ އަދި މިހާތަނަށް ރަސްމީ ޙައިސިއްޔަތުން މަސައްކަތް ނުކުރެވޭ ނަމަވެސް  އޭނާގެ ގައުމުން ބްރިކްސް ބައިވެރިވާން ބޭނުންކަމުގައެވެ.                                                            

ފާއިތުވެ ދިޔަ ހަފްތާގައިވެސް ބްރިކްސް އިތުރަށް ފުޅާކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ޗައިނާ އާއި ރަޝިޔާގެ ވެރިންގެ ބައްދަލުވުމެއް ބޭއްވުނެވެ. އެ ބައްދަލުވުމުގައިވެސް ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ގޮތުން ހުޅަގުން ދަތިކުރާތީ ފާޑުވިދާޅުވެ އަދި ހުޅަނގުގެ މި ފިޔަވަޅުތަކަށް ވަރަށްބޮޑަށް ނަފްރަތު ކުރައްވައި ވާހަކަ ދެއްކެވިއެވެ.  

ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވަނީ ހުޅަނގުގެ ދުއްޕާނުން ސަލާމަތްވުމަށްޓަކައި ޗައިނާއެކު ކުރެވެމުންދަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމުގައެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިގައި ހިންގާ ސްޕެޝަލް އޮޕަރޭޝަން އުފެދިގެން އުޅޭ މައްސަލަތަކާމެދު ރައީސް ބައިޑަން ސިފަކުރައްވަނީ މިއީ ފަހުގެ ތާރީޚެއްގައި  ހުޅަނގަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ. އަދި 1962 ގައި ހިލިގެންދިޔަ ކިއުބާ މިސައިލް މައްސަލައަށް ފަހު މިވަރުގެ ބޮޑު އަޑިގަނޑަކަށް ހުޅަނގުގެ ގައުމުތައް ނުވެއްޓޭކަމުގައެވެ.                                      

ބްރިކްސް ގްރޫޕްގެ އިގްތިސާދީ ފުދުންތެރިކަން އަންގައިދޭ 27.5 ޓްރިލިއަން ޑޮލަރުގެ ތެރެއިން މިހާރު ހަތްދިހަ އިންސައްތަ ޙިއްސާކުރަނީ ޗައިނާއިންނެވެ. އިންޑިއާއިން ތޭރަ އިން ސައްތަ ޙިއްސާކުރާއިރު ރަޝިޔާއާއި ބްރެޒިލް އިން ހަތެއް އިން ސައްތަ ޙިއްސާ ކުރެއެވެ. ބްރިކްސް ގްރޫޕްގައި ހިމެނޭ އާބާދީ އަކީ ދުނިޔޭގެ އާބާދީގެ ސާޅީސް އިން ސައްތަ އެވެ. އަދި އިގްތިސާދީ ބާރުވެރިކަމަކީ ސައްބީސް އިން ސައްތައެވެ.                   

1979 ވަނައަހަރު އިސްލާމީ އިންގިލާބުގެ ފަރާތުން އީރާނުގެ ރަސްގެފާނު މުޙައްމަދު ރިޒާ ޕަހެލަވީ ވެރިކަމުން ދުރުކުރުގެ ފަހުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގެންދަނީ ކެނޑިނޭޅި އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ފުދުންތެރިކަމުގެ ގޮތުން މެދުއިރުމަތީގައި އެންމެ ކުރިއަރާފައިވާ މި ގައުމުގައި މެދުއިރުމަތީގެ ތެލުގެ ރިޒާވްގެ ސާޅީސް އިންސައްތަ ހުރިނަމަވެސް އެމެރިކާއާއި ހުޅަނގުގެ ދަތިކުރުންތަކާއިހުރެ އެ ގައުމުގެ އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމަށް މި ފާއިތުވެ ދިޔަ ސާޅީހަކަށް އަހަރުދުވަހުއޮތީ ފުރުސަތެއް ނުލިބިފައެވެ. ނަމަވެސް ޕާޝިއަން ގަލްފް ނުވަތަ އަރަބި ކަނޑުގެ ހަނގުރާމައިގެ ގޮތުން އެންމެ ބާރުގަދަ އަދި އަމިއްލަ ބާރުގަދަ ހަތިޔާު އުފަށްދައި އެމެރިކާއަށް ޗެލެންދޭ ގައުމަކީ ހަމައެކަނި އިރާންކަން ފާހަގަކޮށްލެވެއެވެ.


އީރާން ބްރިކްސް ގްރޫޕިންގް އާއި ގުޅުމުން ބުރިކްސްގެ ބައިވެރީން އިތުރަށް ބަރުގަދަވެ އަމިއްލަ ފުއްދުންތެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ.

Loading

One Response

  1. އެއްވެސް ކަމެއްގައި އެއްވެސް ބަޔަކަށް ހައްދުތައް ކަނޑައަޅައި ގޮތްކިއުމުގެ ހުރިހާ ބާރެއް ދިނުމަކީ ނުރައްކާތެރިކަމެކެވެ. މީގެ ވަރަށް ރީތި މިސާލެއް ދިވެހިރާއްޖޭންވެސް ފެންނާން އެބައޮތެވެ. ކޭބަލް އެން ވަޔަރލެސް ނުވަތަ މިހާރުގެ ދިރާގުން ދިވެހިރާއްޖޭގެ މުވާސަލާތީ ނިޒާމު ބައްކޮށްގެން އުޅުނުއިރު ދިވެހިންނަށް މުވާސަލާތީގޮތުން ނޭވާލެވުނަވެސް ނުދިނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެ ދާއިން ޚިދުމަތްދޭން ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ އައުމުން އަންނަންފެށި ހެޔޮ ބަދަލު މިހާރު ދިވެހިން މިގެންދަނީ ތަޖްރިބާ ކުރަމުންނެވެ. ބްރިކްސްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް މިންވަރު ކުރައްވާށިއެވެ…އާމީން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް