ވަޢުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ  ނުނީ އެހެން ގޮތެއްގާ މަޖުބޫރު ވާނެޔޭ

Loading

Facebook
Twitter
WhatsApp

ވެރިކަމުގެ ޖާހަތާ ލައްޒަތަކީ އިންސާނާގެ ބުއްދި ވެސް ފިލާދާ ފަދަ ކަމެެއްކަން ތަކުރާރުކޮށް ފެނި އެނގިއްޖެއެވެ.

      އެހެން ނޫންނަމަ ރަންތިރީހުގެ ރަސްގެފާނުގެ ވެރިކަން ގެއްލިދިއުމުން އެމަނިކުފާނު ލޯފުޅުންވެސް އެ ކަރުނަ ނުފޭބީސް ކަން ގާއިމުތާއެވެ.

     ތިރީސް އަހަރަކީ 5އަހަރުގެ 6 ޓާމެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ އެމަނިކުފާނަށްފަހު 2008 އުފެދުނު ވެރިކަން މުލުން ލުހެ ލެއްވިއެވެ. މޭސް ތިރިއަކީ ޚުދު އެމަނިކުފާނެވެ. އަތުން ފައިން ގޯސް ހެދެނީވެސް އިންސާނުންނަށެވެ. ރަންތިރީހުގެ ބާނީގެ ވެރިކަން ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ ގާނޫނީ ހަމަތަކުގެ މަތީން އެ ވެރިކަމުގެ ދައުރު ނިމި އާދައުރަކަށް ރަންތިރީހުގެ ބާނީ އާ ވާދަ ކުރައްވައިގެންނެވެ.

     އެރެޔަކީ ވެރިކަމުގެ ތިރީސް އަހަރުގެ ލައްޒަތާ ޖާހަތް، ވެރިކަމުގެ ޝަރަފާ ޢިއްޒަތް ލޫޓުވިގެން ދިޔަ ހިނދުކޮޅެއް ކަމުގައި މެނުވީނުވިއެވެ. މިދުނިޔެ މަތީގައި އިންސާނާ އާއި ކުރިމަތި ވާ ކޮންމެ ކަމަކީ އިމްތިޙާނެއްތާއެވެ؟

    ރަންތިރީހުގެ ރަސްގެފާނު ދެކެ ޙަގީގީ ލޯބިވި އިންސާނަކީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދޭ ބުނެވިދާނެއެވެ. ނަޝީދުގެ ސިޔާސީ އެކުވެރިން އެމަނިކުފާނާ ދެކޮޅުވުމުގެ ސިއްރަކީ ރަން ތިރީހުގެ ވެރިޔާ ހައްރު ނުކުރުމުންނެވެ. އޭރުވެސް އެމަނިކުފާނު ވިދާޅުވީ ރަންތިރީހުގެ ވެރިޔާ އަކީ މުސްކުޅި ބޭފުޅެއް ކަމަށާއި، އެބޭފުޅާ ހައްޔަރުކޮށް އަދަބު ދިނުމަކީ މަހާނަ މައްޗަށް މަޑިއަކަށް ޖެހުންފަދަ ދެކޮޅު ނުޖެހޭ ކަމެއް ކަމުގައެވެ.

އެހެނަސް ރަންތިރީހުގެ ވެރިޔާ ރޭއްވެވީ ފަހުން ވެދާނޭ ގޮތަކާމެދު ޢާފިކުވެ ވެ ވަޑައިގެން ހުންނެވި ޙާލު ކޮޅުގައެވެ.

އަމިއްލަ ފުޅަށް އަނދަވަޅު ކޮންނެވިއެވެ. މުޅި ޝަރުޢީ ނިޒާމާއި ދައުލަތުގެ އެންމެހައި ބާރުތަކަށް ރިޝްވަތު ދެއްވައިގެން ރައީސް ނަޝީދުގެ ވެރިކަން ވައްޓަވާލެއްވުމުގެ ނަތީޖާއަކީ އަމިއްލަ ފުޅަށްކޮންނެވި ވަޅުގަނޑަށް އެމަނިކުފާނު ވެއްޓިގެން ދިޔައީއެވެ.

     ރަން ތިރީހަށްފަހު މިގައުމަށް އައި ރޯޝަނީ މުސްތަގްބަލް ފުނޑާ ނުލެއްވިނަމަ އެމަނިކުފާނުގެ ޒިކުރާ މިގައުމުގައި ފެވިގެން ދާނީ ކަޅު އަކުރަކުން ނޫނެވެ. ރަން އަކުރުންނެވެ. އެންމެފަހުން ވެއްޓިވަޑައިގެންނެވި އަނދަވަޅުން އެމަނިކުފާ އަތްޕުޅުގައި ހިފާ ނެންގެވީ އެމަނިފާނު ބަލިކުރެއްވި ފަހުލަވާނެވެ.

    ދަންނަވަން ގަލަން މި ނެގީ މިވާހަކަ ބުނާކަށް ނޫނެވެ.

    ހިންނަވަރު އިބްރާހިމް މުޙައްމަދު ޞާލިހަކީ ސިޔާސީ ގޮތުން ރައްޔިތުން ދަންނަ ބޭ ފުޅެއް ނޫނެވެ. ކެނެރީގެ މުޙައްމަދު ނަޝީދުގެ އެކުވެރި އަދި އެމަނިކުފާނުގެ ޅިޔަނު ރައްޔިތުންނަށް ތަޢާރުފުކޮށްދެއްވާ ޅިޔަނުގެ އަތްޕުޅުގައި ހިއްޕަވައި ރައްޔިތުންގެ ގާތަށް ވަޑައިގެން މިފަހަރު ޅިޔަނަށް ވޯޓުދެއްވަން އެދި ވަޑައިނެވި ކަން ހަނދުމަފުޅުންފޮހެވިގެން ދިއުމަކީ ޅިޔަނުގެ އެއްވެސް އިޚުލާސްތެރި ނިޔަތެއް ނެތް ކަމުގެ ހެއްކެއްކަން ޔަގީނެވެ.

    ޅިޔަނާއެކު ރައީސް ނަޝީދު ބޭއްވި ބައްދަލު ކުރެއްވުމުގައި 2023 ގެ ރިޔާސީއިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ރައީސް ނަޝީދު ޅިޔަނުގެ އަރިހުގައި ވިދާޅުވިކަމަށް ވެއެވެ. އަދި ޅިޔަނު އެވާހަކަ ގަބޫލު ކުރައްވާ 2023 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވެއެވެ.

     އެހެނަސް ވެރިކަމުގެ ޢިއްޒަތާ އާރާ ބާރު ލިބިވަޑައި ގަތުމުން ރައީސް ޞާލިހު އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުގެ މަތީން މުޅިން ހަނދުމަފުޅު ނެތިގެން ހިނގައްޖެކަމާއިމެދު މިހާރު ދެބަސްވެވޭކަށް ނެތެވެ.

ނަޝީދު އާއި އިބޫ ޞާލިހު އާއި ދެބޭފުޅުންނަކީ ރަނގަޅު ދެފޭފުޅުން ކަމަށްވެސް އަދި ގޯސް ދެބޭ ފުޅުންނެކޭވެސް އަޅުގަނޑު ބުނާކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑު މިވާހަކަ މިދެންނެވީ މަދު ބޭފުޅަކުފިޔަވާ ވެރިކަމުގެ ޖާހަތާ ލައްޒަތު ފެނުމުން ތިމާގެ ޙައިސިއްޔަތު އޮޅި އަމިއްލައެދުން ބޮޑު ވާވާހަކަ ދެންނެވުމުގެ ބޭނުމުގައެވެ. އެމްޑީޕީގެ މިވެރިކަމަކީ ޢަދުލު އިންޞާފުގެ ގާއިމް ކުރުމުގެ ދަތުރެއް ކަމަށް ކެމްޕޭނުގެ ތެރޭގައި ވަނީ ދެބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ. އަދި އެޖެންޑާ19 ތަންފީޒުކުރުމުމުގެ ވަޢުދާ އެކު ގެނެވުނު މިވެރިކަމުގެ ތެރޭގައި ފޮރުވިގެންވާ މުޑުދާރު ސިއްރުތަކެއް ހިމެނިފައިވާ ކަމަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މިހާރު ބުނަމުން އެދަނީއެވެ. އެޖެންޑާ19 ތަފާތުވާނޭ ބުނެ ވަޢުދުތަކެއް ވިއެވެ. ތަފާތެއް ނުފެނުނެވެ. ފެނުނީ ކުރިއަށްވުރެވެސް ކަރަޕްޝަނާއި ފަސާދައާއި ފާޙިޝު ޢަމަލުތަކެއްގެ ވެރީންނަށް އެބައިމީހުން ބަދަލުވެގެން ދިޔަތަނެވެ.

 އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިތާނާތާއި ރައްޖޭގައި ހިނގާދިޔަ ގޮތްނޭގޭ މަރުތަކުގެ ބައިވެރީން މިސަރުކާރުގެ ތެރޭގައި އެބަތިބި ކަމަށާ މިވެރިކަން ނިންމާ ދެވަނަ ދައުރަކަށް ރައީސް އިބޫ ޞާލިހު ކުރިމަތި ލައްވަން ނިންމެވީ މިދެންނެވި ކަންކަންތިލަވިޔަ ނުދިނުމަށް ކަމުގާވެސް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ގޮވަނީއެވެ. އޭގެ ހެއްކެއްގެ ގޮތުގައި ރިކަވަރީ ކަމީޝަން އުވާލުން ފުދެއެވެ.

 ކޮންމެއަކަސް އެމްޑީގެ މެނިފެސްޓޯގައި ބަޔާންވެގެންވާ ތަރައްގީއާއި ޙިމާޔަތްތެރިކަން ރައްޔިތުމީހާ ވެސް ވަނީ ފެންނާނެ ގޮތް ނުވެފައެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ ސަރުކާރުގެ މަތި ބޮޑުތަނުން ބަރުވެ މުދަލާ ތަކެތީ ގެ އަގުބޮޑުވެ ސަރުކާރުގެ ތެރޭގައި ވައްކަމާ ކޮރަޕްޝަނާ ފަސާދަ ޢާންމުވެފައި ވާކަމަށް އެތައްބަޔަކު ދަނީ އަޑަށް ބާރުލާ ގޮވަމުންނެވެ. ތަޙުގީގީ އިދާރާ ތަކާ ކޮމިޝަން ތަކާ ޢަދުލު އިންޞާފުގެ ދާއިރާ ޕެރަލައިޒް ވެފައެވެ. އޭސީސީވެސް ޕެރެލައިސްކޮށްލީ އެތަނަށް ދެން އިސްކުރެވޭ މީހުނަށްވެސް އެމީހުން ތިބެންޖެހޭ އިމު ބުނެދިނުމަށްޓަކައި ކަމުގައިވެއެވެ.

 ނަޝީދުއާ އިބޫ އަކީ ކުޑައިރުއްސުރެ ދެ ޖިގިރީދޯސްތުންނެވެ. އެހެން ކަމުން ރައީސް ޞާލިޙު ރައީސް ނަޝީދާ ދެކޮޅަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން އެނިންމެވި ނިންމުމަކީ ފަހަތުގައި ފޮރުވިފައިވާ މަޖުބޫރީ ސިއްރު ތަކެއް އެކުލެވިގެން ވާ ކަމެއް ކަމަށް ދެކޭ އެމްޑީޕީގެ ގުރާސްރޫޓްގެ މެމްބަރުން މަދެންނެއްނޫނެވެ.

 ވެރިކަމަކީ ވެރިކަން ލިބުމަށްފަހު މަދު މީހަކަށް މެނުވީ އެ ޢިއްޒަތާ އެޝަރަފް ދޫކޮށްލެވޭ ވަރަށް ވުރެ ފޮނި އަދި އިންސާނާގެ ދަހިވެތިކަން ފިލުވާލެވޭނެ ވެކްސިންއެއްވެސް އުފެއްދިފައިނުވާ ނުރައްކާތެރި ވައިރަސްއެކެވެ. ވެރިކަން ހޯދުމަށް އުޅޭއިރު ވަރަށް ގިނަ ވަޢުދުތައް ވާނެއެވެ. އެހެހެނަސް ވެރިކަން ލިބުމުން ވީ ވަޢުދާ ކުރެއްވި ހުވާގެ މަތިން ހަނދުމަނެތިގެން ދަނީއެވެ.

    ދަންނަވާލަން ބޭނުންވަނީ  ތާރީޚީ ސްކްރިޕްޓަކީ ފިލްމުކުޅެން ލިޔާ އެއްޗެއްނޫންކަމެވެ. އެހެނަސް ރާއްޖޭގެ ބައެއް ވެރިން އެފަދަ ސްކްރިޕްޓް ތަށް ބޭނުންކުރައްވަނީ ފިލްމު ކުޅުއްވާށެވެ.

ވެރިންނާ ރައްޔިތުންނަށް ﷲ ހެޔޮ ވިސްނުން ދެއްވާށި. އާމީން.

Loading

4 Responses

  1. މި ލިޔުން ލިޔެފަ މި އޮތީ އަންނިގެ ޕަޕެޓަކާ ވަރަށް ވައްތަރު. ބަޔަކު ކިތައްމެ މުޒާހަރާއެއް ކުރިޔަސް ވެރިކަން ބޭނުމަސް ، ވެރިމީހާ ގަވައިދާ ޚިލާފް އަމުރުތައް ކޮށް ހިނދުކޮޅުގަ ހުރެ ކުރެވޭ ނުކުރެވޭ ކަމެއް ނޭންގި އިސްތިއުފާ ދެވުނީ. ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ގައުމުގެ ރައީސް ކަމަށް ވިޔަސް ސިފައިންނަށް ކޮމާންޑްކޮށް މައްސަލަތައް ހައްލުކުރާކަށް ނޭގޭނެ މިލިޓްރީ ޓްރޭނިންގ ނެތް މީހަކަށް.
    އަހުން ދެކޭގޮތުގަ ކެނެރީގޭ ނަޝީދު ވެރިކަމުން އިސްތިއުފާ ދިނީ އޭނާގެ ހަމަ ބުއްދި އެވަގުތު ނެތުމުން. ފުލުހުން ޑިމާންޑްކުރީ އެރޭ ހަމަ ނުޖެހުން ހިންގި ފުލުހުންނަށް އަދަބެއް ނުދިނުމަށް. އެވަގުތު އެމީހުން ގެއަށް ފޮނުވާލާފަ ފަހުން މައްސަލަ ބެލި ނަމަ. އެކަމަކު ހޭބުއްދި ފިލާފަ ހުރެ ނަޝީދު ބޭނުންވީ ވަގުތުން ވަގުތަށް އެމީހުން ހިފާ ހައްޔަރު ކުރުމަށް. މައްސަލަ ގޯސްވީ އެހިސާބުން.

  2. ވެރިކަމުގެ ލައްޒަތު އަރުތެރޭ ހިނގައިފި މީހަކަށް އެކަމާ ދުރުވުން ދަތި، އެޑިކްޓުވާ އެއްޗެއްކަން ރައީސްކަން ކުރެއްވި ކޮންމެ ބޭފުޅެއްގެ ކިބައިން ފެންނަނީ.

  3. ވެރިކަމަކީ ދަރިޔަކަށްވެސް ދޫކޮށްލެވެން ނެތް އެއްޗެއް. ވީމާ ޖިގިރީދޯސްތް ސުމެއްނު؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް