އެފްރިކާގެ ގައުމުތައް ބިނާކުރުމުގައި ޗައިނާގެ ހިއްސާއަށް ބަލައިލުން    

Loading

Facebook
Twitter
WhatsApp

ދަންނަބޭކަލުންގެ ދަރުސްތަކުގައި އެންމެގިނައިން އިރުޝާދު ދެއްވަނީ ތިމަތިމާމެންނަށް ލިބިފައިވާ ބުއްދީގެ އަގުހުރި ނިއުމަތް ހެޔޮގޮތުގައި ބޭނުން ކުރުމަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަ އެނޭވާގައި ވަގުތީގޮތުން ލިބިދާނެ މާއްދީ ފައިދާއަކަށްޓަކައި އަދި އޭގައި އެތައް ބައެއްގެ ޙައްގުތަކެއް ހިމެނިފައި އޮތްނަމަވެސް ބުއްދީގެ ބޭނުންކުރުމަކާނުލައި ތިމަތިމާމެންގެ އަމިއްލަ މަސްލަޙަތަށް ދީލާލާތަން ފެންނަނީވެސް މަދެއްކޮށްނޫނޭ ބުނެވިދާނެއެވެ.                                                             

ދުނިޔޭގައި ބާރުހުރި ވަކިބަޔަކު ގައުމުތައް ތަޅާ ސުންނާފަތި ކުރުމަށް ފުރުސަތު ހޯދުމުގައިވެސް ބޭނުންކުރާތަން ފެންނަނީ ތިމަތިމާމެންގެ ގައުމަށްވުރެން އަމިއްލަ މަސްލަޙަތަށް އިސްކަންދޭ ބަޔަކުގެ އެހެން އިންސާނުންގެ ބުއްދި ގޯސްކޮށްލުމެވެ.  ވެނުމަސް ވެނަށް ކާންދޭގޮތަށް ގައުމުތައް ބިނާކޮށް ދިނުމަށް ކުރާ މަސައްކަތުގައިވެސް ވަރަށް ގިނަފަހަރު ބޮޑެތި ޚިޔާނާތްތަކާއި ފަސާދަ އާންމުވެގެންދަނީ ވެސް އަމިއްލަ މަސްލަޙަތަށްޓަކައި ބުއްދި ގޯސްވާބަޔަކު އިސްސަފުގައި ޙަރަކާތްތެރިވާތީއެވެ. 

ހަމައެއާއެކު އާންމު ވިޔަފާރީގެ އުސޫލުން ގައުމުތައް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ދޭތެރެޖެއްސުމަށް ކުރެވޭ މަސައްކަތުގައިވެސް ބޭނުންކުރާ އުކުޅަކީ ބުއްދި ގޯސްކޮށްލުމެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔެއިން މިކަންތައް މާގިނައިން ފެންނަމުންދެއެވެ. ވާނީވެސް އެހެންތާއެވެ. އިގްތިސާދީ ފުދުންތެރިކަމުގެ ގޮތުން ގިނަ އިސްލާމީ ގައުމުތަކެއް އޮތީ ވަރަށް އުހުގައެވެ. އަދި އެމީހުން ބޯކާލައިގެން އެކަންތައް ކުރުމަކީ އުނދަގޫ ކަމަކަށްވެސް ނުވެއެވެ. އެހެނީ ފުއްދުންތެރިކަން ނެތް ގައުމުތަކުން އެބައިމީހުންގެ އެނހީތައް އަބަދުވެސް ބޭނުންވެއެވެ. އެފަދަ އެނހީއެއް ދެނީއަކީ ﷲއަށްޓަކައެއް ނޫނެވެ. އަދި ކިއެއްތަ! އެފަދަ ފުއްދުންތެރި ގައުމުތަކުގެ އިންސާފާއި ބޭއިންސާފު އެހެން މީހުންގެ މައްޗަށް ފާކުރާ ފާކުރުމުގައިވެސް ޙައްގުބަހެއްވެސް ބުނެނުލެވޭފަދަ ނިކަމެތިކަން ގަބޫލުކުރުމަށް ޝަރުތުކޮށެވެ. 

އިރާގާއި ލީބިޔާއަކީ އަދި އަފުގާނިސްތާނަކީ މީގެ ދިރިހުރި މިސާލެކެވެ. އެ ގައުމުތައް ތަޅާސުންނާފަތި ކޮށްލީ އެމީހުންގެ ފައިސާ ބޭނުންކޮށްގެންގައުމުގައި ދިރިއުޅޭ އެބައިމީހުންގެ ލޯކަލް އެޖެންޓުން ބޭނުންކޮށްގެނެވެ.                                

އަނެއްބަޔަކު ގައުމުތައް ބިނާކޮށްދޭން މަސައްކަތްކުރަނީ ވިޔަފާރީގެ އުސޫލުންނެވެ. މިލިއުމުގައި މި ބަލާލަނީ ބައިނަލް އަގްވާމީ މީޑިއާގައި ޗައިނާއިން އެފްރިކާ ބައްރުގެ ގައުމުތައް ބިނާކުރަންގެންގުޅޭ ސިޔާސަތުކަމަށް އަޑުއަރުވަމުން ގެންދާ ގޮތުގެ މައްޗަށެވެ.                                               

ޗައިނާއިން އެންމެ ފުރަތަމަ އެފްރިކާ ބައްރުގެ ގައުމުތަކާއި ރަޙްމަތްތެރިކަމުގެ ގުޅުން 1950 އިން 1970 ގެއަހަރުތަކުގައި ގާއިމްކުރަން ފަށައިގަތްއިރު މެޑިކަލް ޓީމްތައް ފޮނުވުމާއި އިންޓެރެސްޓަކާނުލައި ލޯނުދިނުންފަދަ ކަންތައް ކުރަމުން ގެންދިޔައެވެ. އޭގެ ބަދަލުގައި ޔުނައިޓެޑް ނޭޝަންސް ގެ ސެކިއުރިޓީ ކައުންސިލްގައި އޮތް ޗައިނާގެ ގޮނޑި 1949 ގައި ރިޕަބްލިކް އޮފް ޗައިނާ ނުވަތަ ތައިވާނަށް ބަދަލުވުން ހުއްޓުވައި ޗައިނާއަށް އެ ގޮނޑި ކަށަވަރުކުރުމުގައި ބޮޑެތި އެހީތަކެއް އެ ގައުމުތަކުން ލިބުނެވެ.

އެފްރިކާގެ ގައުމުތަކާއި ޗައިނާއާއި ދެމެދު އުފެދެމުންދާ ރަޙްމަތްތެރިކަމުގެ ގުޅުމަށް އަނެއްކާވެސް އިތުރު ހަރުދަނާކަމެއް ގެނެސްދީފިއެވެ. އެފްރިކާއާއި ޗައިނާގެ ގުޅުން މިފަހަރު ރަމްޒުކޮށްދެނީ ޒިމްބާބުވޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކޮށްދިން ރައްޔިތުންގެ މަޖިލީސްކުރާ ގެއެވެ. 

ޒިމްބާބްވޭގެ ވެރިކަންކުރާރަށް ހަރާރޭ އާއި 18 ކިލޯމީޓަރުގެ ދުރުގައިއޮންނަ މައުންޓް ހޭމްޕްޑަންގެ ސަރަޙައްދުގައި އަލަށް ތަރައްގީކުރަމުންގެންދާ ސިޓީގައި ޢިމާރާތްކުރަމުން ގެންދިޔަ މި ހިތްގައިމު އިމާރާތުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތް ރަސްމީގޮތުން ޒިމްބާބުވޭގެ ސަރުކާރަށް ޙަވާލުކުރުމުގެ ނިންމުންތަކެވެ.                 

140 މިލިއަން އެމެރިކާޑޮލަރގެ މި ޢިމާރާތް ބިނާކޮށްފައިވަނީ މައުންޓް ހޭމްޕްޑަން ސަރަޙައްދުގެ ކުޑަ ފަރުބަދައެއްގެ އެންމެ މަތީގައި ގައެވެ. ޒިމްބާބްވޭގެ މިހާރުގެ ރައްޔިތުންގެ މަޖިލީސްކުރާގެއަކީ އިނގިރޭސީންގެ ވެރިކަމުގެ ޒަމާނުގައި އިމާރާތް ކޮށްފައިވާ 100 ގޮނޑީގެ އިމާރާތެކެވެ. ނަމަވެސް ޒަމާނުގެ ކުރިއެރުން ތަކާއެކު އެ ގައުމުގެ 350 މެމްބަރުންގެ މަޖިލީހަށް އެ އިމާރާތް މިހާރު އޮތީ ކުޑަވެފައެވެ.                    

އަލަށް އިމާރާތްކުރެވުނު މަޖިލީސްކުރާގެއަކީ 650 ސީޓުގެ ގެއެކެވެ. 33000 އަކަމީޓަރުގެ މިޢިމާރާތުގައި 6 ފަންގިފާލާގެ އޮފީސް ޢިމާރާތަކާއި އަދި 4 ފަންގިފިލާގެ ރައްޔިތުންގެ މަޖިލީސްކުރާގެއެއް ހިމެނެއެވެ. ހަމަކަށަވަރުންވެސް މިއީ ޒިމްބާބްވޭ އާއި ޗައިނާގެ ގުޑުވާނުލެވޭފަދަބިންގަލެއްގެ މައްޗަށް ޢިމާރާތް ކުރެވެމުންދާ ރަޙްމަތްތެރިކަން ރަމްޒު ކޮށްދިނުމުގެ އިތުރުން މުޅި އެފްރިކާ ބައްރުގައިވެސް ފާހަގަ ކުރެވޭނެ ޢިމާރާތަކަށް ވާނެއެވެ.                                                                 

ޒިމްބާބުވޭގެ މިހާރުގެ ވެރިރަށުގައި ތޮއްޖެހުން ކުޑަކުރުވުމަށްޓަކައި ސަރުކާރުން މިހާރު ރާވާފައިވަނީ ރައީސް އޮފީހާއި ފަނޑިޔާރުގެތަކާއި އަދި ސަރުކާރުގެ ބައެއް އޮފީސްތައްވެސް އަލަށް ބިނާކުރެވޭ މި ސިޓީއަށް ބަދަލު ކުރުމަށެވެ. އަދި ސްޓޭޓްހައުސް އާއި  މަޖިލީހުގެ ރައީސްގެ ގެކޮޅާއި ސެނޭޓްގެ ރައީސް ދިރިއުޅުއްވުންވެސް މި ސިޓީއަށް ބަދަލުކުރެވޭނެއެވެ. އޭގެ އިތުރުން ގައުމުގެ ރިޒާވް ބޭންކްވެސް މި ސިޓީއަށް ބަދަލުކުރެވި  ހޮޓެލްތަކާއި ޝޮޕިންގމޯލްތައްވެސް ހުޅުވިގެންދާނެއެވެ.                                            

  ޗައިނާގެ ހިލޭއެނހީގައި އަޅައިދޭ ރައްޔަތުންގެ މަޖިލިސްކުރާ ގެ

މަޖިލީސްކުރާގޭގެ މަސައްކަތުގައި ޙަރަކާތްތެރިވި ޒެމްބާބްވޭގެ ޓެކްނިޝަނުންނާއި ޗައިނާގެ މަސައްކަތްތެރިންނަށް ޒިމްބާބްވޭ ގައި ހުންނަ ޗައިނީޒް އެމްބަސީން ޝުކުރުވެރިވާކަން ހާމަކޮށްފައިވެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ޒިމްބާބްވޭގެ މައުންޓް ހޭމްޕްޑަން ސަރަހައްދުގައި އަލަށް ބިނާކުރެވޭ ސެޓެލައިޓްސިޓީ ތަރައްގީގެ އިތުރު މަޝްރޫޢުތައް ޗައިނާއަށް ލިބޭނެ ކަމަށް އުންމީދުކުރާކަން ވެސް ހާމަކޮށްފައިވެއެވެ. މިއީ އެފްރިކާ ބައްރުގައި ގަނޑުވަރުތަކާއި ކުޅިވަރު ސްޓޭޑިއަމްތަކާއި ކޮންފަރެންސް ސެންޓަރތައް ބިނާކޮށް ތަރައްގީ ކުރުމަށް  ޗައިނާގެ ހިލޭ އެހީގައި ހިންގަމުންގެންދާ މަޝްރޫޢު ތަކުގެދަށުން އެންމެފަހުން ބިންގާއެޅުނު އިމާރާތެވެ. އޭގެ ކުރިން ފަށާގަތް މަޝްރޫޢު ތަކުގެ ތެރޭން ކެނެތު ކައުންޑާ ކޮންފަރެންސް ސެންޓަރ  އިމާރާތް ކޮށްނިންމައި މިއަހަރު މޭމަހުގެ ތެރޭގައި  ޒެމްބިއާގެ ސަރުކާރަށް ހަވާލުކުރެވުނެވެ. 

ބެލެވޭގޮތުގައި އެފްރިކަން ޔުނިއަންގެ ވެރިންގެ ދެންއޮންނަ ބައްދަލުންވެސް ބޭއްވޭނީ އެގައުމުގެ ފުރަތަމަ ރައީސް ކެނެތު ކައުންޑާ ގެ ނަންފުޅަށް ނިސްބަތްކުރެވޭ މި އިމާރާތުގައެވެ. ޗައިނާއާއި ޒެމްބިއާގެ ގުޅުންވެސް އަންނަނީ ވަރަށްބޮޑަށް ބަދަހިވަމުންނެވެ.                

2000 ވަނައަހަރުންފެށިގެން 2018 ވަނަ އަހަރާހަމަޔަށް އެފްރިކާ ބައްރުގެ  40 ގައުމުއްގެ ސަރުކާރަށް ނިސްބަތްކުރެވޭ 186 އިމާރާތެއް ޗައިނާ ސަރުކާރުން އަޅައިދީ ނުވަތަ މަރާމާތު ކޮށްދީފައިވެއެވެ. ޗައިނާގެ މިފިޔަވަޅުތަކުގެ ސަބަބުން މުސްތަގްބަލްގައިވެސް އެފްރިކާ ބައްރުގައި ޗައިނާއަކީ ރަޙުމަތްތެރިއެއްގެ ގޮތުގައި ބަލަމުންގެންދާނެއެވެ. 

އިތިއޮޕިއާއަށް ކުރިން ކަނޑައަޅުއްވާފައިހުރި އެމެރިކާގެ ސަފީރު ޑެވިޑް ޝިން ވިދާޅުވާގޮތުގައި އެފްރިކާބައްރުގެ ގައުމުތަކާއެކު ސިޔާސީގޮތުން ރަޙްމަތްތެރިކަން އާލާކުރުމަކީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއްކަމަށާއި މި ފަހަކަށް އައިސް އެ ސިޔާސަތު މާބޮޑަށް ފުޅާކުރަމުންގެންދާ ކަމުގެ ހެކިތައް ފެންނަކަމުގައެވެ. އޭނާ އިތުރަށްވިދާޅުވީ މިހާރުވެސް އިތިއޮޕިޔާގައި އެފްރިކަން ސެންޓަރ ފޯރ ޑިޒީޒްކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ 80 މިލިއަންޑޮލަރުގެ ހެޑްކުއާރޓަރގެ މަސައްކަތް ނިމުމަކަށް އަންނައިރު ހަމަ އެގައުމުގެ ވެރިރަށް އަޑިސް އަބާބާގައި ޗައިނާގެ ރައްޔިތުންގެ ފަރާތުން އެފްރިކާގެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި 200 މިލިއަން އެމެރިކާޑޮލަރުގެ އެފްރިކަން ޔޫނިއަން ހެޑްކުއާރޓާރގެ މަސައްކަތްވެސް އަންނަނީ ކުރެވެމުންނެވެ. 

އަދި ކެންޔާގެ ޚާރިޖިއްޔާގެ އިމާރާތުގެ މަސައްކަތްވެސް މިހާރު އެބަ ކުރިއަށް ދެއެވެ. މީގެ ތެރެއިން ބައެއް މަޝްރޫއު ތަކަކީ އެ ގައުމުތަކުގެ ރައްޔިތުންނަށް ދެވޭ ހަދިޔާއެކެވެ. ބައެއް މަޝްރޫއު ތަކަކީ ލޯނުގެ ދަށުން ހިނގަމުންދާ މަޝްރޫއުތަކެކެވެ. ހަމަ އެއާއެކު މިފަދަ މަޝްރޫއުތަކުން ފައިދާ ލިބޭ ސަރުކާރުގެ އޮފިޝަލުންނާއި ޗައިނާއާ ދޭތެރޭ ވަރަށް ބަދަހި ގުޅުމެއް އޮންނަ ކަމަށްވެސް ޑޭވިޑް ޝިން ތުހުމަތު ކުރެއެވެ. އަދި މި މަޝްރޫއު ތަކުގައި ބޭނުންކުރެވޭ މުވާސަލާތީ ވަސީލަތްތައް ޗައިނާއިން ގާއިމުކުރުމުގެ ސަބަބުން ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ޝައްކުތަކެއް އުފެދޭ ކަމަށްވެސް އޭނާ ތުހުމަތު ކުރެއެވެ. 

ހަމަމިމޭރުމުން ފާއިތުވެގެންމިދާ 5 އަހަރުދުވަހުތެރޭގައި އެ ވަސީލަތްތައް ބޭނުންކޮށްގެން ސިއްރު މަޢުލޫމާތު ޗައިނާއަށް ފޯރުކޮށްދީފައިވާކަމަށް ނަންހާމަނުކުރުން ޝަރުތުކޮށް އެފްރިކަން ޔޫނިއަންގެ އޮފިޝަލަކު ފަރަންސޭސި ވިލާތުގެ ނޫހެއްކަމުގައިވާ ލޭ މޮންޑޭ އަށް މަޢުލޫމާތު ދިން ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިއީ އެއްވެސް ހަގީގަތެއްނެތް  ބަހަނާތަކެއްކަމަށްބުނެ ޗައިނާއިން މިކަން ދޮގުކުރެއެވެ.                       

ޗައިނާއިން ހިލޭ ސާބަހަށް ކޮށްދޭ ކަންތަކާއި އަދި ލޯނުގެ ދަށުން ހިންގާ މަޝްރޫޢުތަކާ ބެހޭގޮތުން ހުޅަނގުގެ ބައެއް ތަޖްރިބާކާރުންގެ ފާޑުކިއުންވެސް ކުރިއަށް ދާކަން ހަނދާންކުރަން ޖެހެއެވެ. ލޯންގެ މަޝްރޫއުތަކަކީ ދަންތޫރަތަކެއް ކަމުގައްޔާއި މަޝްރޫއުތައް ޑިޒައިންކުރެވިގެން ދާއިރު އެފްރިކާގެ ރީތީ އާރކިޓެކްޗަރ ހަނދާންނައްތާލާފައި އޮންނަކަމާއި މިކަހަލަ މައުޟޫއުން ބޭރުގެ ފާޑުކިއުންތައްވެސް ވަރަށްގިނަކަން ފާހަގަކުރެވެއެވެ. ނުރުހުމުގެ ލޮލަށް ފެންނާނީ އަބަދުވެސް ހުސް އައިބުތާއެވެ؟                                                   

Loading

2 Responses

  1. ޗައިނާގެ އެނހީއިން ގިނަ ގައުމުތަކަށް ފައިދާކުރާކަމި ޙަގީގަތެކެވެ. މީޑިއާއޮތީ އެމެރިކާ އާއި އީޔޫ އަތުގައިވީމާ ޗައިނާއަށް ނަފުރަތު އުފައްދަނީ ފަނާކުރަނިވި މަގުސައްދެއްގައެވެ.

  2. ޗައިނާއިން ގައުމުތައް ބިނާކުރަން އެހީއާއި ލޯނު ދީގެން މަސައްކަތްކުރާއިރު އަނެއްބަޔަކު މިގެންދަނީ އެގައުމުތަކުން ޚަރަދުކުރާގޮތަށް އެގައުމުތައް ތަޅާ ސުންނާފަތި ކުރަމުންނެވެ. ވަރަށް ރަނގަޅުވާހަކައެވެ. އެހެންވީމާ ދެން އޮންނާނީ ދޭތެރެ ޖެއްސުމެވެ. އެއީ ތަރައްގީ އާއި ކުރިއެރުމަށް އެންމެ ބޮޑަށް ހުރަސް އަޅާނެ ވަސީލަތެވެ. ތަންކޮޅެއް ތިލަކޮށްބުނާނަމަ ގައުމުގެއެތެރެ ހަލަބޮލިކޮށް ބައިބައިކޮށްލާށެވެ. ތަފާތު ވިސްނުންތަކޭ ކިޔާފާ މީސްތަކުން ބައިބައި ކޮށްލާށެވެ. ނުރަނގަޅުކަންތައް ދެނެގަތުމަށްޓަކައި މަޝްވަރާ ކުރުމުގެ ފުރުސަތު ނަގާލާށެވެ. ތިމާއަށް ތިމާގެ މޮޅުކަން ދައްކާށެވެ. ޑިމޮކްރެސީއާއި އިބިލީހުގެ ސިޔާސަތަކީވެސް މިކަހަލަ ފަލްސަފާއެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް