ފަނާކުރުވަނިވި ހަތިޔާރުގެ ވާދަވެރިކަމުގައި ކޮންޓްރޯލް ގެއްލިދުނިޔެ ގޮތް ހުސްވެފައި 

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ފަތުރަމުންގެންދާއިރު ނުރައްކާތެރި ފަނާކުރަނިވި ހަތިޔާރުގެ ވާދަވެރިކަންވެސް އެދަނީ އަތުންދޫވެގެންނެވެ. އެކަކަށްވުރެން އަނެކަކު ކުރިއަރާ ދިއުމަކީ އިންސާނާގައި ތަބީއަތުގައި ހުންނަ ސިފައަކަށް ވެދާނެއެވެ. އަދި އެކަމުގައި ކުރިމަތިވަމުންދާ ހުރަސްތައް ނައަތާލުމަކީ އެމީހެއްގެ ގާބިލުކަން ހުރިވަރަކުން ކުރާނެކަމެއްވެސް މެއެވެ. އެއީ ދުނިޔެއިން އަބަދާއަބަދު ފެންނަމުންދާ ހަގީގަތެކެވެ. 

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ބޯވިލާތައް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެން ހިގައިދާނެކަމުގެ ބިރުވެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި އެ ހަނގުރާމައިގާ ހިމެނޭ ފަރާތްތައް ސުލްހަވެރި ކުރުވައި އަމާން ވެއްޓެއް ގާއިމުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި މިހާރު އިވެމުންދަނީ ނުރައްކާތެރި ހަތިޔާރުގެ ވާދަވެރިކަމުގެ ބިރުވެރިކަން އިހުނަށްވުރެވެސް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރުތަކެވެ.                                                              

މިދިޔަ މޭމަހުގެ 28 ވަނަދުވަހު ފިންލޭންޑާއި އަދި ނޯރވޭއާއި މާދުރުނޫން ހިސާބެއްގައި ބޭރެންޓް ސީގައި ރަޝިޔާގެ ނޯރދާން ފްލީޓުން ގޮއްވާލި މިސައިލަކީ ހަނގުރާމަމަތީ އާދައިގެ ހަތިޔާރެއް ނޫނެވެ. ރަޝިޔާގެ ނިޔުސް އޭޖެންސީ ޓާސް އިން ބުނާގޮތުގައި ރަޝިޔާއިން ޓެސްޓުކުރި ސިރްކޯން ހައިޕަރސޯނިކް މިސައލަކީ އަޑަށްވުރެން 9 ގުނަ ބާރަށް ދަތުރުކުރާ އަދި ވައިޓްސީގެ 625 މޭލު ދުރުގައިއޮތް އަމާޒަކަށް ފޮނުވާލި މިސައިލެކެވެ. އަދި އެއީ ފާއިތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ޓެސްޓުކުރި ސާދަވަނަ ހައިޕަރސޯނިކް ހަތިޔާރެވެ. އަދި މިއީ އެމެރިކާއަށާއި ނޭޓޯއަށް ނުރައްކާތެރިކަން އިތުރު ވެގެންދާ ހަރަކާތެކެވެ.

2018 ވަނައަހަރު ފުރަތަމަ ފަހަރަށް ހައިޕަރސޯނިކް ހަތިޔާރު ޓެސްޓުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން  އެމެރިކާއާއި ނޭޓޯއަށް އަމާޒުކުރައްވައި ރައީސް ޕުޓިން ވިދާޅުވިއެވެ. “ ކަލޭމެންނަށް ދެން ރަޝިޔާއެއް ނުހިފޭއްޓޭނެއެވެ ”.                                                        

މިއަރަހު އޭޕްރިލް މަހު 20 ވަނަ ދުވަހު 3500 މޭލަށް ދަތުރުކުރާ ސަރްމަތު އިންޓަރކޮންޓިނެންޓަލް މިސަލް ކާމިޔާބުކަމާއެކު ރަޝިޔާއިން ޓެސްޓްކޮށް ނިންމާލިއެވެ. ސަރްމަތު އަކީ ހައިޕަރސޯނިކް މިސައިލެއް ނޫނެވެ. ނަމަވެސް ކްރެމްލިން އިން ރާވަމުންގެންދަނީ ނިއުކްލިއަރ ހަކަތަ އުފުލުމުގެ ގާބިލުކަން ލިބިފައިވާ އަވަންގާރޑް އުޅަނދަށް ސަމްރަތު ގުޅާލުމަށެވެ. އޭރުން އެ އުޅަނދަކީ ގަޑިއަކު 20000ހާސް މޭލުގެ ބާރުމިނުގައި ދަތުރުކުރާ ގިނިހިލައެއް ފަދަ އެއްޗަކަށް ވާނެއެވެ. އަދި މިދިޔަ މާރޗް މަހު ޔޫކްރެއިނަށް ޙަމަލާދިނުމުގައި ރަޝިޔާއިން ސެމީ ހައިޕަރސޯނިކް ހަތިޔާރު ބޭނުންކުރާކަމުގެ ޚަބަރު ލިބުމާއެކު ރައީސް ބައިޑަންއަށްވެސް ވިދާޅުވެވުނީ “ ދެން އެމީހުން ހުއްޓުވުމަކީ އުނދަގޫކަމެއް “ ކަމުގައެވެ.                                       

އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ސެކިއުރިޓީގެ ވޯރ ކޮލެޖްގެ ޗެއަރ ކެރީ ލީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ވާހަކަދައްކަމުން ވިދާޅުވީ އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ދެނެގަތުމަށްފަހު އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން 26 ވަރަކަށް މިނިޓްގެ ވަގުތުކޮޅެއް ލިބުނު ކަމުގައިވިޔަސް ހައިޕަރސޯނިކް ހަތިޔާރުގެ ދުވެލި ބާރުކަމުން އިންޒާރުލިބިގަތުމުގެ ނިޒާމަށްވެސް އޭތި ދެނެގަތުމަށް ވަގުތު ނުލިބޭނެކަމުގައެވެ. އެހެންކަމުން އޭގެ ނުރައްކާތެރިކަން ގަބޫލުކުރުން ނޫން އެހެންގޮތެއް ނެތެވެ. 

މިހާތަނަށް ދުނިޔޭގައި އެންމެގިނަ ހައިޕަރސޯނިކް ހަތިޔާރު ޓެސްޓުކުރީ ރަޝީޔާއިންނެވެ. އެހެންނަމަވެސް އެރޮނގުގައި ޗައިނާގެ ޓެކްނޯލޮޖީ އޮތީ މާ ކުރި އަރާފައެވެ. އެމެރިކާގެ ޖޮއިންޓް ޗީފްއޮފް ސްޓާފް ވެސް ފާހަގަ ކުރައްވާފައިވާ ގޮތުގައި 2021 ވަނައަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ޗައިނާއިން ޓެސްޓް ކުރި ފްރެކްޝަނަލް އޯރބިޓަލް ބޮމްބާރޑްމެންޓަކީ ކުރިއަރާފައިވާ ޓެކްނޯލޮޖީގައި ފާހަގަކޮށްލެވޭ ޙާދިސާއެކެވެ. އަދި އެއަރފޯސް ސެކްރެޓަރީ ފްރޭންކް ކެންޑަލް ވިދާޅުވެފައިވަނީ އެއީ މިސައިލް އިންޒާރުދޭ ވަސީލަތްތަކުން ރެކުމަށް އެޅުނު ފިޔަވަޅެއް ކަމުގައެވެ. 

އެހެންކަމުން އެމެރިކާގެ އެއަރފޯސްއަށް މިހާރު ޖެހިފައިއޮތީ ހައިޕަރސޯނިކް ހަތިޔާރުގެ ރޭހުގައި ރަޝިޔާއާއި ޗައިނާއގެ ފަހަތުން ދުވާށެވެ.  ހައިޕަރސޯނިކް މިސައިލް ޕްރޮގްރާމް ކުރިއެރުވުމުގައި ރަޝިޔާއާއި ޗައިނާއަށްވުރެން ކުރިއަރާ ދިއުމުގައި އެމެރިކާ  ފަހަތުފަޔަށްބުރަވަނީކަމަށް އެމެރިކާގެ ބައެއް މަޖިލީހުގެ މެމްބަރުން ޕެންޓަގަން އަށް އިނގިލި ދިއްކުރެއެވެ. އެހެންނަމަވެސް ދިފާއީ ވުޒާރާއިން އެކަންދޮގުކުރެއެވެ. އަދި  ހައިޕަރސޯނިކް ޕްރޮގްރާމަށް ކޮންގްރެސް އިން މިއަހަރުވެސް 3.8 ބިލިއަންޑޮލަރގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި މިއަންނަ އަހަރަށްވެސް 4.7 ބިލިއަން ޑޮލަރ ކަނޑައަޅާފައިވާ ކަމުގައި ހާކަމޮށްފައިވެއެވެ. ހައިޕަރސޯނިކް މިސައިލެއްގެ އަގު އަންދާޒާ ކުރެވެނީ 100 މިލިއަން ޑޮލަރ ކަމުގައެވެ. އަދި ކްރޫޒްމިސައިލެއްގެ އަގަކީ 1 މިލިއަންޑޮލަރެވެ. 

އެމެރިކާގެ ދިފާއީ ވުޒާގެ އޮފިޝަލަކު ނަން ހާމަ ނުކުރުން ޝާރުތުކޮށް މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި ހައިޕަރސޯނިކް މިސައިލް ޓެސްޓްކުރުމުގް ޕްރޮގްރާމް ގަވައިދުން ހިނގަން ފެށުމުން އަގު ކުޑަވާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިދިޔަ ބުދަދުވަހު ހަވާއީގައި ކުރި ޓެސްޓާއި އަދި މިދޔަ އަހަރު އޮކްޓޯބަރ މަހުގެތެރޭގައި އަލަސްކާގައި އެމެރިކާއިންކުރި ހައިޕަރސޯނިކް ޓެސްޓްތައްވެސް ކާމިޔާބެއް ނުވިއެވެ. އެކަމަކު ދިފާއީ ވުޒާރާއިން ބުނަމުންގެންދަނީ އެ ޓެސްޓްތައް ކާމިޔާބު ކަމުގައެވެ. 

ކޮންމެ ގޮތެއްގައިވެސް ހައިޕަރސޯނިކް ޓެކްނޯލޮޖީ އަކީ ވަރަށް މުހިންމު ދާއިރާއެއް ކަމަށާއި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތާއި ގުޅިގެން ދިފާއީ ވުޒާރާއިން އެ ޕްރޮގްރާމް އެބަ ކުރިއަށް ގެންދާ ކަމަށް ދިފާއީ ވުޒާރާގެ އޮފިޝަލަކު ހާމަކުރިއެވެ. ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި އެމެރިކާއިން ބޭނުންވަނީ ހައިޕަރސޯނިކް ޕްރޮގްރާމްފަދަ ޒަމާނީ ދިފާޢީ ނިޒާމެއް ތަރައްގީކުރުމާއެކު 2002 ވަނަ އަހަރު ރަޝިޔާއާއިއެކު ކުރެވުނު އެންޓިބެލެސްޓިކް މިސައިލްގެ އެއްބަސްވުމުން އެއްކޮށް ވަކިވާށެވެ.                              

1972 ވަނައަހަރު އެމެރިކާއާއި އޭރުގެ ސޮވިއެޓް ޔުނިއަން އާއި ދެމެދު މިއުޗުއަލީ އެޝުއަރޑް ޑެސްޓްރަކްޝަން ( އެމް. އޭ. ޑީ. ) ގެ ނަމުގައި އެއްބަސްވުމެއް ގާއިމްކޮށްފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ “ އަހަރެން ކަލެއަށް ހަމަލާދީފިނަމަ ކަލޭގެ ކިބައިހުރި ބާރަކާއެކު އަހަރެންނަށް ހަމަލަދިނުމުގެ “ އެއްބަސްވުމެކެވެ. އަދި އެޙާލަތަށް ހިގައްޖެނަމަ މުޅި ދުނިޔެވެސް ފަނާވެގެން ހިގައިދާނެތީ އެމެރިކާއާއި ރަޝިޔާއަށްވެސް މަގު ބަންދުކުރުމުގެ މަގްސަދުގައި މި އެއްބަސްވުން ގާއިމް ކުރެވުނީކަމަށް އެނގިފައިވެއެވެ. އެކަމަކު މި އެއްބަސްވުމާ ޚިލާފަށް  1980 ވަނައަހަރު އެމެރިކާއިން “ ސްޓާރވޯރ “ ގެ ނަމުގައި މިސައިލްތަކުގެ ޙަރަކާތަށް ފާރަލުމަށްޓަކައި ބެލިސްޓިކް މިސައިލް ދިފާޢި ނިޒާމެއް  ޖައްވުތެރޭގައި ގާއިމްކުރަން ފެށިއެވެ. 

އެމެރިކާއިން މިސައިލުން ދިފާޢުވުމުގެ ނިޒާމް އެންމެ ވަރުގަދައަށް ހިންގަންފެށީ ރަޝިޔާއާއިއެކު ހަދާފައިވާ އެންޓި ބެލެސްޓިކް މިސައިލް ގެ މުޢާހަދާއިން އެމެރިކާ އެކަހެރިވުމަށްފަހު ރައީސް ޖޯރޖް  ޑަބްލިޔޫ ބުޝްގެ ވެރިކަމުގައެވެ. އެ މުޢާހަދާގައި އޮތީ އެކަށިގެން ނުވާ ފެންވަރެއްގައި މިސައިލް ސިސްޓަމް ތަރައްގީކުރުން އެމެރިކާއަށް މަނާކޮށްފައެވެ. އެހެންކަމުން އެ މުޢާހަދާއިން އެކަހެރި ވުމަށްފަހު މިސައިލުން ދިފާއުވުމަށްޓަކައި އެމެރިކާއާއި އަދި އެކުވެރި ގައުމުތަކުގެ ޖައްވުތެރޭގައި އެމެރިކާގެ ސެޓެލައިޓްތަކާއި ރާޑަރ ތަކުގެ ބޮޑު ގުރަހައެއް އޭގައި ބެލެސްޓިކް މިސައިލް ދަތުރުކުރާ މަގު ދެނެގަނެ އެއަށް ޙަމަލާދިނުމުގެ ނިޒާމާވެސް ގާއިމްކުރިއެވެ.       

އެމެރިކާއާއި ރަޝިޔާ އަދި ޗައިނާގެ ހުރިހާ މިސައިލްތަކެއް ނަގަން މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅެއް 2019 ގައި ރައީސް ޓްރަމްޕް ގެންގުޅުއްވިކަމަށްވެއެވެ. އެހެނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.             

ތަޖްރިބާކާރުންގެ ވިސްނުމުގައި ހައިޕަރސޯނިކް މިސައިލް ގެ  ނިޒާމަކުން ދިފާޢު ވުމަށްޓަކައި ބޭނުންވާ އެފަދަ ނިޒާމެއް ގާއިމް ކުރުމަކީ ގަބޫލުކުރެވިދާނެ ކަމެކެވެ. އެކަމަކު އެއީ މިހާރު މިއޮތްފަދަ ވާދަވެރި ކަމަކަށް ވުމުން ދެން ދުނިޔެ އޮންނަން ބޭނުންވާގޮތްކަމަށް ބާރުގަދަ ފަރާތްތަކުން 1960 ވަނައަހަރު އެއްބަސް ވެވުނު އަމާން ދުނިޔެ އަހަރެމެންނަށް ލިބިދާނެކަމުގެ އުންމީދު މިވަނީ ގެއްލިފައެވެ.                            

Loading

One Response

  1. މިފަދަ ލިއުންތައް ކިޔާ މައުލޫމާތު އެނގުން ބޭނުމެވެ. އާންމުގޮތެއްގައި ދިވެހި ނޫސްތަކުން މިކަހަލަ މުހިންމު ޚަބަރުތައް ފެންނަލެއް ވަރަށް މަދެވެ. ކޮންމެވެސް ފިލްސްޓާރަކު ބަލިވެއިންވާހަކަ ނުވަތަ އޭނާ އެހެން ލޯބިވެރިޔަކު ހޯދިވާހަކަ އަދި މިނޫނަސް ކިޔާމީހުންގެ މައުލޫމާތު އިތުރުވެދާކަހަލަ ލިއުންތައް ވަރަށް މަދުކަން ފާހަގަ ކުރެވެއެވެ. ދުނިޔެ ކޮންޓްރޯލް ކުރަން މަސައްކަތްކުރާމީހުންނަށް ފާރަލުމުގެ ގާބިލުކަން ލިބިފައި ނެތަސް އެމީހުންގެ ހަރަކާތްތައް އޮޅުނފިލުވުމަކީ ބޭނުންތެރިކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް