ކޮންމެ ހަނގުރާމައަކީވެސް ވިޔަފާރިއެކެވެ. 

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ މައިގަނޑު ބޭނުމަކީ ކޮބައިބާވައެވެ؟ މި ހަނގުރާމައަށް 4 މަސް ފާއިތުވެގެންދާއިރު އަދި ހަނގުރާމައިގެ މަސްރަހަށް ބަލާލާއިރު ހަނގުރާމަ ނިމޭނެ ދުވަހެއް ނުވަތަ ނިންމާނެ ދުވަހެއް އެނގޭ މީހަކު ނެތޭ ބުނެވިދާނެއެވެ. ސަބަބުތައް ބައިވަރެވެ. ދުނިޔޭގެ ފުންނާބުއުސް މާހިރުންގެ ނަޒަރުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ދުވަސްތަކަކަށް ދެމިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދުނިޔޭގައި މިލިޓްރީގޮތުން އެންމެ ބާރުގަދަ ކަމަށް ބެލެވޭ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސް މި ހަނގުރާމަ ހުއްޓުވަން އެކަށީގެންވާ މިންވަރަށް މަސައްކަތެއް ނުކުރެއެވެ. 

އެމެރިކާއިން ވަރަށް ސާފުބަހުން ހާމަކުރަމުން ގެންދަނީ ތިންވަނަ ބޮޑުހަނގުރާމައެއް ފެށިދާނެކަމުގެ ބިރަށް ނޭޓޯ އިން މި ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމުގައެވެ. އެކަމަކު ޔޫކްރެއިނަށް ބޭނުންވާ މިލިޓްރީ އެހީ ފޯރުކޮށްދެމުން ގެންދާނެ ކަމުގައެވެ. މިއަށްވުރެން ސާދާ ބަހުރުވައަކުން ބުނާނަމަ މި ބުނެވެނީ “ ކަލޭމެންނާއެކު އަހަރެމެން ހަނގުރާމައިގެ މައިދާނަކަށް ނުނިކުންނާނަމެވެ.

އެކަމަކު ކަލޭމެން ބޭނުންވާ ހަތިޔާރުގެ އަގު ކަލޭމެން އަދާކުރާގޮތަށް އަހަރެމެން ހަތިޔާރު ފޯރުކޮށްދޭނަމެވެ. ކަލޭމެން ހަނގުރާމަކޮށް ކާމިޔާބު ކުރާށެވެ. ނުވަތަ ފުނޑިގެންދާށެވެ. ރަޝިޔާއަށްވެސް އެމެރިކާއާއި ޔޫރަޕްގެ މި ވިސްނުން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ރަޝިޔާއިން އެމީހުންގެ މަންޒިލާށް ދިއުމަށްޓަކައި ރޭވުންތެރިކަމާއެކު ކުރިއަށް ދާނެއެވެ. ރަޝިޔާގެ އަމާޒަކީ ކޮބައިތޯ ވިސްނާލާއިރު އެންމެފުރަތަމަ ފާހަގަކުރެވެނީ ރަޝިޔާގެ ބަނޑުދަށަށް ދާންދެން ނޭޓޯ ފުޅާކުރަމުން ގެންދިއުން ކޮންމެ އަގެއްދީފައިވިޔަސް ހުއްޓުވުމެވެ. މިއީ ވަރަށް ބޮޑު ހަގީގަތެއް އެކުލެވޭ މައްސަލައެކެވެ. 

ސޯވިއެޓް ޔުނިއަން ރޫޅިގެންދިޔައިރު  އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި ގަރާރުތަކަށް އެމީހުން ހަނދާން ނައްތާލައިފި ކަހަލައެވެ. އަދި ހަމަ އެއާއެކު ބުޑަޕެސްޓްގެ އެއްބަސްވުމަށްވެސް އިހްތިރާމް ކުރާތަނެއް ނުފެނެއެވެ. އެހެންކަމުން ރަޝިޔާގެ މި ކަންބޮޑުވުންތަކަކީ އަސްލެއްގެ މައްޗަށް ބިނާކޮށްފައިވާ ކަންބޮޑުވުންތަކެކޭ ބުނެވިދާނެއެވެ.                           

ހަނގުރާމަކުރުމުގައި ރަޝިޔާގެ މަންޒިލަކީ ޔޫކްރެއިން ދެބައިކޮށްލުމަށްފަހު އިރުމަތީ ޔޫކްރެއިން އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމެވެ. އެމީހުންގެ ހަނގުރާމަ ރާވަމުންވެސް ގެންދަނީ އެ އަމާޒަށް ވާސިލުވުމަށެވެ. ފުރަތަމަ ޑޮންބަސް ސަރަހައްދެވެ. އެއަށްފަހު ނައިޕްރޯކޯރުގެ އިރުމަތީ ސަރަހައްދު އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމެވެ.މިކަންހުއްޓުވުމަށް ޔޫކްރެއިނުން ކުރެވޭނެހާވެސް ކަމަކީ ހަޅޭއްލެވުން ކަމުގައި ހަނގުރާމަ ދިރާސާކުރައްވާ ތަޖްރިބާކާރުން ދެކިވަޑައިގަންނަވައެވެ. އެބޭފުޅުންގެ ނަޒަރުގައި ނޭޓޯގެ ފައުޖުތައް ޔޫކްރެއިންގެ ސިފައިންނާއެކު އަމަލީގޮތުން ބައިވެރި ނުވާހާ ހިނދަކު ރަޝިޔާ ސިފައިންނާ ފައިހަމަ ކުރުމުގެ ގާބިލުކަމެއް ޔޫކްރެއިނަށް ލިބިފައެއް ނޯންނާނެއެވެ.

އަފްގާނިސްތާނުގައި އެމެރިކާ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ފަދައިން ރަޝިޔާގެ މިލިޓްރީ ބާރަށްވެސް ބޭނުންހާކަމެއް ކުރުމުގެ ގާބިލުކަން ލިބި ފައެއް ނުވެއެވެ. ނަމަވެސް އޭގެ މާނައަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް އެމެރިކާ ނުވަތަ ރަޝިޔާއާއި ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިފައިވެއެކޭވެސް ނޫނެވެ. އެކަން އެގޮތަކަށް ނުވެސް ވާނެއެވެ.                                           

ޔޫކްރެއިން ހަނގުރާމައިގާ އެމެރިކާގެ މިލިޓްރީ އިންޑަސްޓްރީއަށް މާލީގޮތުން ވަރަށްބޮޑު ފައިދާ ލިބެމުން އެބަދެއެވެ. ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރުގެ އަގު ލިބެމުންދާނީ ސީދާ އެމެރިކާގެ މިލިޓްރީ އިންޑަސްޓްރީއަށެވެ. އަނެއްކޮޅުން މި ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށްވެސް ލިބެނީ މާލީގޮތުން ވަކިންކުޑަ ފައިދާއެއްނޫނެވެ. އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ރަޝިޔާއާއިދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެކަމަކު އެއީ ނަމެއްގައެވެ. ރަޝިޔާގެ ތެލާއި ގޭސް ބޭނުންނުކޮށް ޔޫރަޕްގެ ގައުމުތަކަށް އަދި ފަރަކު ނުޖެހޭނެއެވެ. އެކަން ރަޝިޔާއަށްވެސް އެނގެއެވެ. 

ރަޝިޔާއަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުންތަކުގެ ބަދަލު ރަޝިޔާއިން ލިބިގަންނަނީ އެމީހުންގެ ތެލާއި ގޭހުގެ އަގު ބޮޑުކޮށްގެންނެވެ. އެހެންކަމުން ޖުމުލަގޮތެއްގައި ބުނާނަމަ ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމައަކީ އެމެރިކާއާއި ރަޝިޔާގެ އިގްތިސާދު އިތުރަށް ހަރުދަނާކުރުމަށް ހޯދި ފުރުސަތުތަކެއް ކަމަށް ބުނެވިދާނެއެވެ.                                                          

ރަޝިޔާގެ ދެވަނަ އަމާޒަކީ އިރުމަތީ ޔޫކްރެއިން ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމެވެ. އެ މުޅި ސަރަހައްދު އެކުގައި އަތުލުން ކާމިޔާބު ކުރެވިދާނެތޯ ނުވަތަ ނޫންތޯ މިހާރު ސުވާލު އުފެދިދާނެއެވެ. އެކަމަކު މަޑުމަޑުން ރަޝިޔާއިން އެގެންދަނީ އެ އަމާޒަށް ވާސިލު ވަމުންނޭވެސް ބުނެވިދާނެއެވެ. ކޮންމެއަކަސް ރަޝިޔާގެ އަމާޒަށް ވާސިލުވެވި ނައިޕްރޯ ކޯރުގެ އިރުމަތީ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނެވިއްޖެނަމަ ދުނިޔޭގައި އުފައްދާ ގޮވާމުގެ ބާވަތްތަކުގެ ތިރީސް އިންސައްތަ ރަޝިޔާގެ ބާރުގެ ދަށަށް ގެނެވުނީއެވެ. އޭގެ އިތުރުން އިރުމަތީ ޔޫކްރެއިނަކީ އަގުބޮޑު މައުދަންތަކުންވެސް ފުރިފައިވާ ސަރަހައްދެކެވެ. އިގްތިސާދީ މާހިރުން ދެކޭގޮތުގައި އެދުވަހަކުން ރަޝިޔާވެގެންދާނީ އިގްތިސާދީ ފުދުންތެރިކަމުގެގޮތުން ދެވަނަ ސަޢޫދީ އެރޭބިޔާއަށެވެ.

މިއީ ކޮންމެ ހަނގުރާމައެއްގައިވެސް ފޮރުވާފައި އޮންނަ ހަގީގަތެވެ. ބޭނުމަކީ ބާރުގަދަ ބަޔަކު އިތުރަށް ބާރުވެރިކުރުވުމެވެ. އަގު އަދާކުރަންޖެހޭނީ ނިކަމެތި ރައްޔިތުންނެވެ. އެހެން ވަސީލަތްތައް ހުސްވުމުން އެބައިމީހުންގެ ފުރާނައިން އަގު އަދާކޮށްގެންނެވެ. ހަނގުރާމައިން ލިބޭ ކޮންމެ ނަސްރަކީ ދުނިޔޭގައި ކަންހިނގަމުންދާ އުސޫލަށް ބަލާއިރު ބާރުގަދަމީހުން އުފާކުރަން ލިބޭ ހަފްލާއެކެވެ. ދެން އެހަނގުރާމައަކުން ލިބުނު ފުދުންތެރިކަމުގެ އަރާމާއި އުފަލަކީވެސް މީހުންގެ މިލްކަކަށްވެގެންދާނެއެވެ. ހަނގުރާމައި މަރުވެދިޔަ ސިފައިންނާއި ޢާންމުންނަށް  އެމީހުންގެ މަރުގެ ދިޔަވެސް ނުލިބޭނެއެވެ. ދުވަސް ކޮޅަކުން އެމީހުންގެ މަތިން ގައުމުވެސް ހަނދާންނެތިދާނެއެވެ. 

ފައިދާ ލިބެމުންދާ ބާރުހުރި މީހުން އިތުރަށް ބާރުގަދަކޮށް ޢާންމު ރައްޔިތުން އިތުރަށް ނިކަމެތި ކުރުމުގެ ނިޔަތުގައި ޝަހީދުންގެ ދުވަހެއް ފާހަގަކޮށްފާނެއެވެ. ހިތާމައަކީ ބާރުހުރިމީހުންގެ މި މުނާފިގުއަމަލުތަކަށްވެސް ޢާންމުން ޣާފިލުވެ އެއީ ހެޔޮއެދިގެންއުޅޭ މީހުންކަމުގައި ގަބޫލުކުރާތީއެވެ. ވިސްނާ ފިކުރުކުރުން ހުއްޓެވެ. ހަނގުރާމަކުރެވިގެންދަނީ ކޮންބައެއްގެ ފައިދާއަށް ހެއްޔެވެ. ނިކަމެތިވެ ގެދޮރު ގެއްލިގެންދަނީ ކޮންބައެއްގެ ހެއްޔެވެ. ދާނެ ނުދާނެތަނެއް ނޭންގި ގައުމުގެމަގުތަކުގެ ދުވާރުމަތީގައި އުމުރު ހޭދަކުރަން މިޖެހުނީ ކާކުގެ ސަބަބުން ހެއްޔެވެ. ހުވަފަތް އަންހެނުންތަކެއް ދުނިޔެއަށް ބާކީ ވެގެންމިދިޔައީ ކޮންމަގްސަދެއް ހާސިލު ކުރުމަށްހެއްޔެވެ. ކުދި ދަރިންކޮޅަށްމަގުމަތީގެ ކުއްތާއަށްވުރެން ނިކަމެތި ހާލެއް މިޖެހުނީ ކާކުގެ މޮޅު ވިސްނުމެއް ތަންފީޒުކޮށްދިނީމާހެއްޔެވެ.                                      

މިއީ މިއަދުގެ ދުނިޔެއިން އެންމެ އާންމުކޮށް ފެންނަމުންދާ އެއްމަންޒަރު ތަކެވެ. ކަޝްމީރުން ފެށިގެން ލީބިޔާއާއި ހަމަޔަށް އަދި އެއްފަހަރު ބަލާލާށެވެ. އިންޑިއާ އާއި ޕާކިސްތާނު ބައިކުރިމީހުންގެ މަގްސަދަކަށް ވެފައިއޮތީ އަވަށްޓެރި ދެގައުމު ކަޝްމީރުގެ މައްސަލައިގާ ދާއިމީ ދުޝްމިންކަމެއްގެ ތެރެއަށް އެއްލާލާށެވެ. އަފްގާނިސްތާނު އެއޮތީގަބީލާތަކުގެ ނަފްރަތުގެ ޝިކާރައަކަށް ހަދާފައެވެ. އަރަބި ގައުމުތަކާއި އީރާން ދުވަހަކުވެސް އެއްގަލަށް ނާރާ ފަދަ ރުޅިވެރިކަމެއް އުފައްދާފައެވެ. އިރާގާއި ލީބިޔާ އާރާސްކުރުން އެއީ ހުވަފެނުންވެސް ވެދާނެކަމެއް ނޫނެވެ. ސީރިޔާއާއި ޔަމަންގެ މާދަމާ ވެސް ބުނެދޭކަންނޭގެއެވެ. ކޮންމެ ހަނގުރާމައަކީވެސް އެކަން ރާވައި ހިންގާބަޔަކަށް ފައިދާކުރަނިވި ބޮޑުވިޔަފާރިއެކެވެ.                                          

Loading

One Response

  1. ވަރަށް ރަނގަޅު ލިއުމެކެވެ. ދުނިޔޭގައި ހިނގަމުންދާ މިކަހަލަ ކަންތަކުން އަޅުގަނޑުމެން އިބްރަތް ލިބިގަންނަން ޖެހޭނީ އަޅުގަނޑުމެންގެ ފެންވަރުގައެވެ. އަޅުގަނޑުމެންނާއެކު މިކުރަނީ ހަތިޔާރުބޭނުން ކޮށްގެންކުރާ ހަނގުރާމައަކަށް ނުވެދާނެއެވެ. ނުލަފާ ހިޔަޅުގެ ވިސްނުން ބޭނުންކޮށްގެން އަޅުގަނޑުމެންގެތެރެއަށް އަޅުގަނޑުމެންގެ އާދަ ކާދަތަކާ ނުގުޅޭ ބެކްޓީރިއާތަކެއް ފާ ކުރުވަނީއެވެ. އަދި އަޅުގަނޑުމެން މިދަނީ އެއީ ނުރައްކާތެރި ބެކްޓީރިއާތަކެއްކަން އެނގިތިބެމެ އެއަށް މަރުހަބާކިޔަމުން ޖަމާއަތުގެ ތެރެއިން އެއަށް ޖާގަ ދެމުންނެވެ. މިއީ ކޮންމެ ހަނގުރާމައެއްގައިވެސް ބޭނުންކުރާ ގީދަޅު ވިސްނުމެވެ. މިކަމުން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް