ނޫސްވެރިން ލިޔާ ލިޔުންތައް ފުޅާ ދާއިރާއެއްގައި، މަސްދަރު ހާމަކުރާ ގޮތަށް މަޖްބޫރުކޮށް، ހެއްކާއިބެހޭ ބިލު ފާސް ކުރުމަށް ރައްޔިތުންގެ މަޖްލިހުން މަސައްކަތް ކުރަމުން ދަނިކޮށް ނޫސްވެރިން މި ބިލާދެކޮޅަށް މަޖްލިސްކުރާ ގޭދޮށުގައި އެމީހުންގެ ޝުޢޫރު ފާޅު ކުރުމުންވެސް އެބިލް މަޖްލިހުން ފާސް ކުރުމުން ބައިނަލް އަޤްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތް ތަކުގެ ނުރުހުން ވަރަށް ބޮޑަށް ރާއްޖެއަށް އަމާޒުވެއްޖެއެވެ.
ބައެއް ހާލަތްތަކުގަ ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ކޯޓުން ކަނޑައެޅޭގޮތަށް އެމް.ޑީ.ޕީ ގެ ސުޕަރ މެޖޮރިޓީ އޮންނަ މި މަޖްލިހުން އިއްޔެ ވަނީ އެބިލް ފާސްކޮށްފައެވެ.
އެބިލުގައި ވާގޮތުން، މަސްއަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމު ގެ މައްޗަށް ބިނާކޮށް ޝަރީޢަތުން ކަނޑައަޅާ ގޮތެއްގެ މަތީން އަފަދަ ނޫސްވެރިޔަކު ނުވަތަ މީޑިއެއްގެ މައްޗަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މީގެކުރިން ވެސް ކޮމިޓީ ސްޓޭޖްގައިވެސް، މި މާއްދާ އުނިކުރުމަށް މޯލްޑިވް މީޑިޔާ ކައުންސިލްއާއި، މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ) ވަނީ އެދިފައެވެ.
ސަރުކާރަބޭރުގެ ފަރާތްތަކުން ޚިޔާލު ފާޅުކުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރައި ރައްޔިތުން ގެ މަޖްލިސް އިހުމާލުވެފައިވާ ކަމުގައި ބޭރުގެ ފަރާތްތަކުން ބުނެފިއެވެ. އެގޮތުންއެބިލާއި ގުޅިގެން ނޫސްވެރިން ކިބައިގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމަށް މަޖްލިހުން ނުކުޅެދިފައިވާ ކަމަށް ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމްއިއްޔާ، ރިޕޯރޓާސް ވިތައުޓް ބޯރޑާރސް އިން ބުނުމާއި އެކު އެމް.ޖޭ.އެމް އިން މަޖްލިހަށް ހުށަހެޅި ކަންކަމަށް ރިޢާޔަތް ކުރުމަށްރައްޔިތުންގެ މަޖްލިހަށް ވަނީ ގޮވާލާފައެވެ.
އަދި ހަމަ މިކަމާއި ގުޅެގޮތުން އެމްނެސްޓީ އިންޓަރނެޝަނަލް ގެ ދެކުނު އޭޝިޔާގެ ކެމްޕެއިނަރ ކުރެއްވި ޓްވީޓެއްގައި، ”ޤައުމީ ސަލާމަތަކީ“ އިންސާނީ ހައްޤުތައް ނިގުޅައިގަތުމަށް ވަކިވަކި ފަރުދުންނާއި ދެކޮޅަށް އިދާރާތަކުން ދައްކާ ބަހަނާއެއް ކަމަށާއި، ނޫސްވެރިންގެ މަސްދަރު ޙިމާޔަތް ކުރުމަށް ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން، ބައިނަލް އަޤްވާމީ އންސާނީ ހައްޤުތަކާއިބެހޭ ޤާނޫނާއި މިންގަނޑުތަކަށް ތަބާވާން ޖެހޭނެކަމަށެވެ.
އެމާއްދާގެ ދަށުން މަސްދަރު ހާމަކުރެވޭގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު އޮތްއިރު، އެއީ ވިސިލް ބްލޯކުރާ ފަރަތްތަކާއި އެހެނިހެން ފަރާތްތަުގެ ޚިޔާލުފާޅުކުރުމުގެ ހައްޤަށް ހުރަސްއެޅޭ ކަމެއްކަމުގައި ހައްމާދީ ވިދާޅުވެފައިއެވެ. އަދި ހަމައެއާއި އެކު ޚިޔާލުފާޅުކުރުމުގެ ހައްޤު ނެތިގެން ދާނޭގޮތަށް ހިންގި އެޢަމަލު އޭނާ ވަނީ ކުށްވެރިކޮށްފައެވެ.