އެމެރިކާގެ މިލިޓްރީ ސިޔާސަތު ދުނިޔެއިން ފެންނަގޮތް 

Loading

Facebook
Twitter
WhatsApp

މީގެ ހަތްދިހަ ވަރަކަށް އަހަރުގެ ކުރިން އެމެރިކާގެ ރައީސް އަދި ދެވަނަ ބޮޑުހަނގުރާމައިގެ ހީރޯ އައިޒަން ހާވަރ އެމެރިކާއަށް އިއުލާންކުރައްވައި އިރުޝާދު ދެއްވާފައިވަނީ އެމެރިކާ އަބަދުވެސް އޮންނަންޖެހޭނީ މިލިޓްރީ އިންޑަސްޓްރިއަލް ކޮމްޕްލެކްސް އެއްގެ ގޮތުގައިކަމަށެވެ. އެ އިރުޝާދު އެމެރިކާގެ ސިޔާސީ ވެރިންނާއި މިލިޓްރީން އަދި މިލިޓްރީ އިންޑަސްޓްރީތަކުން އެގެންދަނީ ތަންފީޒު ކުރަމުންނެވެ. 

އަދި ދުވަހެއް ދުވަހަކަށް އެމެރިކާގެ މިލިޓްރީ ބާރު ގަދަކުރަމުންނެވެ. އެމެރިކާގެ މިލިޓްރީއާއި މިލިޓްރީ އިންޑަސްޓްރީ ތަކަށް މިލިޓްރީ ޕްލޭޓްފޯމްތައް އެމެރިކާ ސަރުކާރުން އަބަދުވެސްއޮންނަނީ ސިޔާސީގޮތުން ކަށަވަރު ކޮށްދީފައެވެ. އަދި މިލިޓްރީގޮތުން ދުވަހެއް ދުވަހަކަށް ބާރު ގަދަކުރުމަށްޓަކައިތަޖްރިބާ ކުރުމުގެގޮތުން ރަޙްމަތްތެރި އަދި ގުޅިފައިވާ ގައުމުތަކުން މިފަދަ މިލިޓްރީ ޕްލެޓްފޯމުތަކަށް އެގައުމުތަކުގެ ޚަރަދުގައި ގެންދަނީ މަގުހުޅުވައިދީ ފުރުސަތުތައް ތަނަވަސްކޮށް ދެމުންނެވެ.

އެމެރިކާގެ މި ނުރައްކާތެރި އެންމެފަހުގެ އުކުޅަށް ބަލާލަން ޔޫކްރެއިންގެ ތެރެއަށް ޖެހިލަމާހެއްޔެވެ.  މީޑިއާގައި ދައުރުވާ ޚަބަރުތަކަށް ބަލާއިރު ރަޝިޔާގެ ޙަމަލާތަކުން ޔޫކްރެއިން ދިފާޢުކުރަން ކަމަށްބުނެ އެމެރިކާއިން އެތައްބިލިއަން ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަމުން އެދަނީއެވެ. އެންމެ ފަހުގެ އަންދާޒާތަކުން އެނގޭގޮތުގައި މި އަދަދު މިހާރު އުޅެނީ 15 ބިލިއަން ޑޮލަރުގައެވެ. މިއީ ރަޝިޔާގެ ހަމަލާތަކުން ޔޫކްރެއިން ރައްކާތެރި ކުރުމަށްޓަކައި އެމެރިކާގެ ރައީސްގެ ފޯރުކޮށްދޭ ވަރަށް ޚާއްސަ އިނާޔަތަކާއި ވަސީލަތެއްގެ ސިފައިގައެވެ.

ހަނގުރާމައިގެ ކޮޅެއް މެދެއްވެސް އަދި ނޭންގެއެވެ. އެކަމަކު ފާއިތުވެގެންދާ ކޮންމެ ދުވަހަކު އިތުރު ހަތިޔާރު ޔޫކްރެއިނަށް  ބޭނުން ވެއެވެ. އަދި އެމެރިކާއިން އެ ހަތިޔާރު ފޯރުކޮށްދޭނެކަންވެސް ޔަގީންކޮށްދެއެވެ. އަދި ނޭޓޯގެ އެހެން ގައުމުތަކުގައިހުރި އެމެރިކާގެ ހަތިޔާރު ތަކުންވެސް ޔޫކްރެއިނަށް ”މަދަދު“ ކުރުމަށް އެމެރިކާއިން ގެންދަނީ ބާރު އަޅަމުންނެވެ. 

މިގޮތަށް މިލިޓްރީ ގޮތުން މަދަދުކުރުން ފުޅާކުރަންޖެހޭތީ އެމެރިކާ ސަރުކާރުން ގެންދަނީ މިލިޓްރީ ބަޖެޓް އިތުރުކޮށްދިނުމަށް ކޮންގްރެސްގައި އެދެމުންނެވެ. މިހާރު ބޭނުންވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމެވެ. މާދަމާ ޗައިނާއިން ޓައިވާނަށް އަރާގެންފިނަމަ ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަށެވެ. ހަގީގަތުގައި އެމެރިކާއިން މިކުރާކަންތަކުގެ މައްޗަށް ބަލާލާއިރު ހާމަވެގެންދަނީ އެއްވެސް ބުރައެއް އުފުލަން ނުޖެހޭގޮތަށް އެމެރިކާގެ މިލިޓްރީ ބާރު ފުޅާކުރަން ރޭވި ތަންފީޒު ކުރެވެމުންދާ މޮޅުވިސްނުމެވެ. 

އައިޒަން ހާވަރގެ އިރްޝާދެވެ. އެހެނީ އެމެރިކާއިން ފޯރުކޮށްދޭ މިލީޓްރީ އެހީއަކީ އޭގެ އަގު އަދާކުރަންޖެހޭ އެއްޗެކެވެ. އެހެންކަމުން އެމެރިކާގެ މިލިޓްރީ އުފެއްދުންތައް އަބަދުވެސް ގެންދަނީ ތަޖްރިބާކުރެވި އާއުފެއްދުންތަކަށް ބޭނުންވާ ފައިސާ ލިބެމުންނެވެ. އެމެރިކާގެ ހަތިޔާރުތައް ބޭނުންކޮށްގެން ގައުމު ވީރާނާ ކޮށްލުމަށްފަހު އެކަމުގެ އަގުވެސް އެމެރިކާއަށް އަދާކުރަމުންނެވެ. އެމެރިކާގެ ބޭނުމަކީ މޮޅު ހަތިޔާރު އުފެއްދުމާއި އެ ހަތިޔާރުތައް ވިއްކައިގެން ގައުމުތައް ވިރާނާކުރުމާއެކު މިވިޔަފާރީގައި ލިބޭ ފައިސާއިން އިތުރު ވައްތަރުތަކުގެ ފަނާކުރަނިވި ހަތިޔާރު އުފައްދައި އެހަތިޔާރުތައް ވިއްކައިގެން ގައުމުތައް ފަނާކުރުމަށްފަހު އެ ފައިސާއިން އިތުރު ހަތިޔާރު އުފައްދައި މި ވިޔަފާރި ކުރިޔަށް ގެންދިއުމެވެ. 

މިއީ އެމެރިކާއަށް ޔަގީންވެފާއޮތް ވިޔަފާރިއެކެވެ. އަތުގައި ހުރި ހަތިޔާރު ގިނަވެއްޖެނަމަ ކޮންމެވެސް ދޭދޭ ގައުމެއް ޖައްސާފައި ހަތިޔާރުތައް ވިއްކާލެވޭނެ މާހައުލެއް ގާއިމުކުރުމަކީ ކައިގެން ވައެއްލުންކަހަލަ ކަމެކެވެ. އެމެރިކާއާއި ބައިވެރިންގެ ސިޔާސަތު ބިނާކޮށްފައި އޮންނަނީވެސް އެކަހަލަގޮތަކަށޭ ބުނެވިދާނެއެވެ. ދޭދޭ ގައުމުތައް ކޯޅުވުމާއި ގައުމުތަކުގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމަކީ އެމެރިކާއާއި ބައިވެރިންގެ ޚާއްސަ ސިފައެކެވެ. އެހެން ހުރިހާ ގައުމަކަށް ވުރެންވެސް ބޮޑަށް މި ސިޔާސަތު ތަންފީޒުކުރަމުން ގެންދަނީ އެމެރިކާއިންނެވެ. މައިސޯބު އެނބުރޭގޮތަށް ބައިވެރިންގެ ސޯބުތައްވެސް ޖެހޭނީ އެނބުރޭށެވެ. އެނޫން އެހެންގޮތެއް ނޯންނާނެއެވެ.                                         

ޗައިނާއާއި އެމެރިކާއިން ގެންގުޅޭ ހަންފެތުރުމުގެ ސިޔާސަތުގައި ވަރަށްބޮޑު ތަފާތު ހުރިކަން ފާހަގަކުރެވެއެވެ. ޗައިނާއިން ގައުމުތަކަށް ދަރަންޏަށް ފައިސާ ދެމުންގެންދަނީ އެ ގައުމުތައް ތަރއްގީކޮށް ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރެވޭނެ މަގުތައް ފަހިކޮށް ދިނުމަށޭވެސް ބުނެވިދާނެއެވެ. އަވަށްޓެރި ސްރީލަންކާއަކީ މީގެ ވަރަށް ރީތި މިސާލެކެވެ. އެ ގައުމުގެ މަގުތަކާއި ކަނޑުގެ ބަނދަރު ތަކާއި އަދި ވައިގެ ބަދަރުތައް ޒަމާނީ ފެންވަރުގައި އެހުރީ ތަރއްގީކޮށް ދީފައެވެ. ވިޔަފާރީގެ އުސޫލުންނޭ ބުނެވިދާނެއެވެ. ގައުމުގައިތިބި ތަސައްރަފް ނުފުދޭ ކޮރަޕްޓް ސިޔާސީ ވެރިންތަކެއް ގައުމުގެ އިގްތިސޯދު ބަރަހަނާ ކޮށްލުމަކީ އޭގެ ޒިންމާ ޗައިނާގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫނެވެ. ޗައިނާއިން ދަރަންޏާށް ފައިސާދެނީ ގައުމުގެ ކުރިއެރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށެވެ. ގައުމު ވީރާނާ ކޮށްލުމަކަށްނޫނެވެ. އަދި ވީރާނާ ކޮށްލުމަށްފަހު އަލުން އާބާދު ކުރުމަކަށްވެސް ނޫނެވެ.                   

ތަންކޮޅެއް ކުރިއަށް މީގެ ތިރީހަކަށް އަހަރުގެ ކުރިއަށް ޖެހިލަމާހެއްޔެވެ؟ އިރާގު ހަނގުރާމައާއި ދޭތެރޭ ވިސްނާލަމާ ހިނގާށެވެ. މިހާތަނަށް ހާމަވެފައިވާ ލިއުންތަކުން އެނގޭގޮތުގައި އިރާގު ހަނގުރާމައަކީ ވަރަށް ދުރާލާ ރޭވިގެން ތަންފީޒުކުރެވުނު ހަނގުރާމައެކެވެ. ސައްދާމު ހުސޭނާއި މުއައްމަރުލް ގައްޒާފީ އަދި ޙާފިޒުލް އަސަދު ފަދަ ބޭފުޅުން ވިސްނަވަމުން ގެންދެވީ ޒަމާނުއްސުރެން އަރަބިންގެ ތެރޭގައި ހަރުލާފާއޮތް ވިރާސީ ރަސްކަމުގެ ނިޒާމު ނޫން އެހެން ގޮތަކަށް އަދި ރައްޔިތުންނަށްވެސް ގުޅުންބޮޑު ގޮތަކަށް ވެރިކަމުގެ ނިޒާމެއ ތަޢާރުފް ކުރެވޭތޯއެވެ. 

މިފުރުސަތުގެ ބޭނުންކޮށްގެން އެމެރިކާއާއި ބައިވެރިން ޝާހީ ޢާއިލާތަކަށް ވިސްނައިދީ ބިރުގަންނަވަމުން ގެންދިޔައީ ޝާހީވެރިކަމާ އިދިކޮޅަށް އެބޭފުޅުން އަރަބި ކަރައިގެ ރައްޔިތުން ހާނުވަމުން ގެންދަވާ ކަމުގައެވެ. އަދި ފިސާރި ރަނގަޅަށް ޝާހީ ޢާއިލާތަކަށް ހަގީގަތް އޮޅުވާލުމަށްފަހު އެންމެ ފުރަތަމަ ސައްދާމު ހުސޭންގެ ދުވަސްދުއްވާލީއެވެ. 

ސައްދާމުގެ ދުވަސްދުއްވާލަން ކުރި ބަޖެޓްގް ގެ އަދަދަކީ 80 ބިލިއަން ޑޮލަރ ކަމަށް އަންދާޒާކުރިއެވެ. އެމެރިކާއާއި ބައިވެރިން ދިން ހަތިޔާރުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާކަން ފަހުން އެނގުނެވެ. މި ފައިސާގެ ތެރެއިން އައްޑިހަ އިން ސައްތަ އަށްވުރެން ގިނައިން އެމެރިކާއާއި ބައިވެރިންނަށް ދިނީ ސައޫދީ އެރޭބިޔާ ކުވެއިތު އަދި ބައެއް އެހެން އަރަބި ގައުމުތަކުންކަން އެނގުނެވެ. 

އަރަބިންގެ ފައިސާގައި އަރަބިންގެ ފުރަތަމަ އެންމެ މުއްސަދި އަދި އިސްލާމީ ޙަޒާރަތެއް ދުއްވާލެވުނީއެވެ. އެއަށްފަހުއަރަބިންނަށް ނިސްބަތްކުރެވޭ އިސްލާމީ ގައުމުތަކުގައި އުފެއްދި ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. ލީބިޔާ އެއޮތީ ވީރާނާ ކޮށްލާފައެވެ. ކޮންފަދަ އުފާވެރިދިރިއުޅުމެއް ރައްޔިތުންނަށް ލިބިދީފައި އޮތް ގައުމެއް ހެއްޔެވެ؟

ސީރިޔާ އަދި ޔަމަން އަދިވެސް އެގެންދަނީ ލޭއޮހޮރުވައި ވިރާނާ ކުރަމުންނެވެ. ހާމަވެފައިވާ ލިއުންތަކުން އެނގޭގޮތުގައި އަރަބިންނަށް ނިސްބަތްކުރެވޭ ގައުމުތަކުގެ އެތެރޭގެ ދެކޮޅުވެރިކަން އުފެއްދުމާއި އެ ގައުމުތައް ވީރާނާކޮށްލުމަށް އަންދާޒާ ކޮށްފައިއޮތީ 3 ޓްރިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އެ ގައުމުތައް ފުނޑާލުމަށްފަހު އަލުން އާރާސްތުކުރުމުގެ ނަމުގައެވެ. ގައުމުތައް ފުޑާލުމުގައި ބޭނުންކުރާ ހަތިޔާރުތަކުގެ އަގަށް ލިބޭ ފައިދާ ސީދާއެމެރިކާއާއި ބައިވެރިންގެ ބޭންކު އެކައުންޓް ތަކަށެވެ. މިއަގު އަދާކުރަން ޖެހެނީ އަރަބި ގައުމުތަކަށެވެ. 

ޔަމަނުގެ މިއަދުގެ ޙާލަތަށް ބަލާއިރު އެ ގައުމުގައި އިތުރަށް ވީރާނާކުރާނެ ތަނެއް ނެތެވެ. އެކަމަކުވެސް އެގެންދަނީ ވީރާނާކޮށް ބިމާހަމަކޮށްފައި ހުރި ތަންތަންވެސް އަޅިއަށް ހަދަމުންނެވެ.ޔަމަނުގެ ހުދައިދާ އާއި އަދަންކީ 70ގެ އަހަރުތަކުގައި ސިންގަޕޯރުފަދައިން ކުރިއަރަމުން އައި ކަނޑުގެ ބަނދަރުތަކެކެވެ.އެކަންވެސް އެކުރުވަނީ ސަޢޫދީ އަރަބިޔާ އާއި ޔޫއޭއީ (އިމެރެޓްސް) ލައްވައެވެ. 

ފަނާކޮށްލުމުގެ ހަނގުރާމަ ފެށުމުގެ ކުރިން ރަޝިޔާގެ ނުފޫޒު އެ ގައުމުގައި އޮތީ ވަރަށް ބޮޑަށް ފުޅާކޮށްފައިކަމުގެ ހެކިތައް ފެންނާން ހުއްޓެވެ. އެހެންނަމަވެސް އިގްތިސާދު އޮތީ މެކުހަށް ޖަހާފައެވެ. މިއަދު އެތައްމިލިއަން ކުޑަކުދިންނެއް މައިމީހާގެ އުނގުތެރޭގައި މަރުވެގެން އެދަނީ ބޯންދޭނެ ފެންފޮދެއް ނެތިއެވެ.                                                              

އައިޒަންހާވަރގެ ސިޔާސަތާއި އެއްގޮތަށް އެމެރިކާގައި ހަތިޔާރު އުފައްދައި އެހަތިޔާރުތައް ބޭނުންކުރަން އެބަޖެހެއެވެ. އަގުލިބޭނެކަން އޮތީ ކަށަވަރު ވެފައެވެ. އެފައިސާއިން އަނެއްކާވެސް އިތުރު ހަތިޔާރު އުފެއްދުމަށެވެ. އަދި ގައުމުތައް ވީރާނާ ކޮށްލުމަށްފަހު ކޮންމެވެސް ދުވަހަކުން އެގައުމުތައް އަލުން އާރާސްތު ކުރަންޖެހުމުން އެ ޚަރަދުކުރާނީ އެމެރިކާއާއި ބައިވެރިންގެ ބެލުމުގެ ދަށުން އަދި  އެމީހުންނަށްވެސް ބައި އެޅޭގޮތަށް ކަން އެނގޭތީއެވެ.

ވިއެޓްނާމެއް ހީރޯޝިމާއެއް ނަގަސާކީއެއް އަފްގާނިސްތާނެއް ކިޔާނެކަމެއް ނެތެވެ. އަފްގާނިސްތާނުން ފަހާލުމުން ޖާނުސަލާމަތް ކުރަން ތެޅިގަނެގެން ދިޔައީ ބޭނުންނުކުރެވޭ ޙާލަތުގައި ހުރި ހަތިޔާރުތަކެއް ބަހައްޓާފައެވެ. އޭގެ ބަދަލުގައި އެ ގައުމުގެ 70 ބިލިއަންޑޮލަރ އެހުރީ އެމެރިކާގެ ބޭންކް ތަކުގައި ތާށިކޮށްފައެވެ. އެފައިސާ ހޯދަން ދާނެ ކޯޓެއް ނެތެވެ. ފާއިތުވެގެންމިދާ ހަތްދިހަ ވަރަކަށް އަހަރު އެމެރިކާއާއި ބައިވެރިންގެ ފަނާކުރަނިވި ސިޔާސަތަކީ މިއީއެވެ. މި ހަގީގަތް އިސްލާމީ ގައުމުތަކަށް އަދިވެސް ރޭކާލާ ހެން ހިއެއްނުވެއެވެ

Loading

3 Responses

  1. ވަރަށް ދެރަޙާލަތުގައި ދުނިޔެމިވަނީ. އެވެރީން ހަމަ ރޭވުންތެރިކަން އެހެންގޮތަކަށް ބުނަންޏާ ހިޔަޅުކަން ގަދައީއެވެ.

  2. އަރަބި ކަރައަށް ގޮސް ކިޔާދޭނީ ކިހެނެއް. ދާދިފަހުން އެކަހަލަ ކަމެއް ކުރަން އުޅުނު މިހާ އެރީ އުޑަށް ކަމެއް ބިންފަޅާ އަޑިއަށް ދިޔައީ ކަމެއްވެސް ނޭންގޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް