ވީރާނާ ކޮށްލެވެމުންދާ ޔޫކްރެއިންގެ ޙާލަތު 

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ހަނގުރާމައަކީ ކޮންމެދިވެއްސަކުވެސް ވިސްނާފިކުރުކުރަންޖެހޭ ކަމެކެވެ. މި ގައުމަށްޓަކައި ފިލާވަޅުތަކެއް ލިބިގަތުމަށްޓަކައެވެ. މި ގައުމުގެ މުސްތަގްބަލް ހެޔޮގޮތުގައި ބިނާކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ފިލާވަޅުތަކެކެވެ. އެއްވެސް ގައުމެއްގައި އެ ގައުމުގެ ރައްޔިތުންނަވުރެން ބޮޑަށް ގައުމުދެކެ ލޯބިވާ ބަޔަކު ނުތިބޭނެއެވެ. ރައްޔިތުންގެ ކަންތައްތައް ނިންމަންޖެހޭނީ ރައްޔިތުންނެވެ. 

ކިތަންމެ ފުންނާބު އުސްވެގެން އުޅުނަސް އެއީ ދެތިންމީހަކު އެއްބަސްވެލައިގެން ނިންމޭނެ ކަންތަކެއް ނޫނެވެ. ދެކިބަލާށެވެ. ދުނިޔޭގައި އޮތް ފުދުންތެރި މުއްސަނދި  ގައުމެއް ވިރާނާވެގެން ދަނީއެވެ. ޒިންމާނަގަނީ ކާކު ހެއްޔެވެ؟ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކާކު ހެއްޔެވެ؟ ހުރިހާ ނިކަމެތިކަމެއް އާންމު ރައްޔިތުންނަށެވެ.                                 

“ ސެވެރޯޑޮނެޓްސްކް ގައި މިހާރު ތިބި ޔޫކްރެއިންގެ ސިފައިން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެ ގައުމުގެ ސަރުކާރުނަ އަންގައިފިއެވެ. ލުހަންސްކް ސަރަހައްދުގެ ގަވަރނަރ ވިދާޅުވީ އެގޮތަށް އަންގަންޖެހުނީ އެ ސަރަހައްދަށް ދެމުންގެންދާ ޙަމަލާތަށް އިތުރުވަމުން ދިއުމާއެކު އެހެން ހިސާބެއްގައި ތިބެގެން އެ ސަރަހައްދު ދިފާއުކުރުން  ކުރިއަށް ގެންދިމަށްޓަކައެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި އެ ސަރަހައްދު ދިފާއުކުރުމަށް ޔޫކްރެއިން ގެ ސިފައި ވަރަށްބޮޑަށް މަސައްކަތްކުރިނަމަވެސް މިހާރު އެ ސަރަހައްދުގެ އެންމެ ބޮޑު ދެ ރަށް ސެވެރޯޑޮނެޓްސްކް އާއި ލީސީ ޗަންކް ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށްގެނެސްފައެވެ. އަދި އެ ދެރަށުގެ އެންމެހާ އިމާރާތްތައް މިހާރުވަނީ ބިމާ ހަމަކޮށްލާފައެވެ. އެތަނުގައި އިތުރަށް ދިފާޢުކުރާނެ އެއްޗެއްނެތެވެ. “                    

ޔޫކްރެއިންގެ ރައީސް މިއަދު ވިދާޅުވިއެވެ. “ ރަޝިޔާގެ އެއްގަމާއި ވައިގެ ޙަމަލާތަކުން މުޅި ޑޮންބަސް ސަރަހައްދު އެއޮތީ އެއްކޮށް ވީރާނާ ކޮށްލާފައެވެ. އެހެންކަމުން ރަޙުމަތްތެރި ގައުމުތަކުން ވަރަށް އަވަހަށް އިތުރު ހަތިޔާރު ބޭނުންވެއެވެ. ރަޝިޔާ ސިފައިނެގެ މަގްސަދަށް ބަދަލެއް ނާދެއެވެ. އަހަރެމެންގެ ބިން ވީ އެންމެއަވަހަކަށް މިނިވަންކުރަން އަހަރެމެން ބޭނުމެވެ.“                                                 

ޔޫކްރެއިން އާއި ރަޝިޔާގެ މައްސަލައިގެ މައިގަނޑު ސަބަބަކީޔޫކްރެއިނުން ނޭޓޯގައިބައިވެރިވާން މަސައްކަތްކުރުން ކަމުގައި ނޫސްތަކުން ފެނިފައިވެއެވެ. އެކަމަށް ރަޝިޔާއިން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންގެންދިޔައެވެ. ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިނަކީ ވަކިފަރާތަކަށްނުޖެހޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމެވެ. ސަބަބަކީ ރަޝިޔާގެ ބަނޑުދަށުގައި ރަޝިޔާ ނެތިކޮށްލުމުގެ ވިސްނުމެއްގައި މަސައްކަތް ކުރާނެ ބަޔަކު އޮތުމަށް ރަޝިޔާއިން ބޭނުންނުވުމެވެ.  

ނޭޓޯ އިން ޔޫކްރެއިނަށް ބާރުއަޅަމުން ގެންދިޔައީ އަހަރެމެން ކަލޭމެންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނަމޭ ބުނަމުންނެވެ. އާއެކެވެ! އެމީހުންގެ ހަތިޔާރު ގުދަންތަކުގައި ފުނިޖެހިފައިހުރި ބާ ހަތިޔާރުތައް ޔޫކްރެއިނަށް ވިއްކާލެވިއްޖެއެވެ. އެކަމަކު ވިރާނާވެގެން އެ ދަނީ ޔޫކްރެއިނެވެ. ގެދޮރު ގެއްލި ދާނެ ނުދާނެތަނެއް ނެތިގެން ވަރަށް ބިކަ ޙާލެއްގައި އުޅެންޖެހިފައިއެވަނީ ޔޫކްރެއިންގެ އާންމު ރައްޔިތުންނެވެ.                             

ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާއެކު ރައީސް ޒެލެންސްކީއަށް ތާއީދުކޮށް ގައުމުދިފާޢު ކުރުމަށްޓަކައި އެތައްބަޔަކު ސަޕޯރޓްކުރަންފެށިއެވެ. ނަމަވެސް ހަނގުރާމައަށް ހަތަރު މަސްދުވަސް ވެގެންދާއިރު ރަޝިޔާގެ ކުރިއެރުންތަކާއެކު މުޅި ޔޫކްރެއިންގައި ވަނީ ހަނގުރާމައިގާ ކަންތައްތައް ހިންގަމުން ގެންދާގޮތާމެދު ރުޅިވެރިކަމާއި މާޔޫސް ވުން އާންމުވެފައެވެ. ޔޫކްރެއިންގެ ރައްޔިތުންނާއެކު ކުރެވުނު ބަސްދީގަތުން ތަކުގައި ހާމަވެގެންދިޔައީ ހަނގުރާމައިގެ އެއްވެސް ހުނަރެއް އަދި ތަޖްރިބާއެއް ނެތް ބަޔަކު ހަނގުރާމައިގެ އިސްސަފަށް ފޮނުވުމާއި އަދި ހަނގުރާމައެއްގެ ޙާލަތު އެއްވެސް ވަރަކަށް ވިސްނާނުދީ އަދި ބޭސްފަރުވާގެ ކަންތައްވެސް  އިންތިޒާމް ކުރެވިފައި ނެތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އޮއްސާލިމިންވަރެވެ.                                        

ކިއެފްގައި ދިރިއުޅޭ ވިކްޓޯރިއާ ބިލަން ރަސްޗުކް ބުނިގޮތުގައި ފިލްމުއެކްޓަރަކަށް އުޅޭ އޭނާގެ ފިރިމީހާއަކީ އެއްވެސް ވަރަކަށް ހަނގުރާމައިގެ ހުނަރެއް ތަމްރީނެއް ލިބިފައިހުރި މީހެއްނޫނެވެ. އެކަމަކު އޭނާވެސް އެހުރީ ސެވެރޯޑޮނެޓްސްގައި ހަނގުރާމަ ކުރަމުންގެންދާ ކުރީ ސަފަށް ފޮނުވާފައެވެ. އޭނާއަށް ބޭނުންވާނެ ރައްކާތެރި ހެދުމާއި އަދި ރޮކެޓް ގޮއްވާލާއިރު އުފެދިގެން އަންނައަޑުން ކަންފަތް ބީރުވެދާނެތީ އާންމުކޮށް ބޭނުންކުރަންޖެހޭ ހަނގުރާމަމަތީ ހެދުންތައްވެސް އެނާއަށް ފޮނުވަންޖެހުނީ އަހަރެން އަމިއްލަމަސައްކަތުން ފައިސާހޯދައިގެންނެވެ. ސަރުކާރުން މިކަންތަކަށް އަޅާޅެވޭ ތަނެއް ނުފެނެއެވެ. 

ހަނގުރާމަ ދިގުދެމިގެން ދާވަރަކަށް މީހުންގެ ކަންބޮޑުވުން އިތުރުވެ ނުރުހުން ފާޅުކުރުންވެސް އިތުރު ވާނެއެވެ. މިކަމާބެހޭގޮތުން ޔޫކްރެއިންގެ ދިފާޢީވުޒާރާއިން އެއްވެސް މައުލޫމާތެއް ނުލިބުނުކަމަށް އިންޓަރވިޔު ކުރިފަރާތުން ( އޭ. އެފް. ޕީ. ) ހާމަކުރެއެވެ.                     

މިއަހަރު ފެބްރުއަރީގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާއެކު ވަރަށްގިނަބަޔަކު އެދިގެން ހަނގުރާމައިގާ ބައިވެރިވިއެވެ. އަދި މިކަމަށް ބާރު އެޅުމުގެގޮތުން ގައުމުގައިތިބި 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުން ރަށުންބޭރަށް ދިއުން މަނާކުރިއެވެ.

މިދިޔަ މޭމަހުގެ ތެރޭގައި ޔޫކްރެއިންގެ ރައީސް ވިދާޅުވެފައިވަނީ އެގައުމުގެ ސިފައިން އަދަދު އަންހެނުންނާއިއެކު ހަތް ލައްކަ ހަމަވާ ކަމުގައެވެ. އަދި އޭނާގެންދަވަނީ ރައްޔިތުންގެ އުންމީދު ކަނޑާނުލުމަށް ބާރު އެޅުމާއެކު އަދި ބައިނަލް އަގްވާމީ ގޮތުންވެސް އެހީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ރަސްމީ އިދާރާތަކާ ޙާވާލަދީ ބީ. ބީ. ސީ. އިން މިމަހުގެ ކުރީކޮޅުގައި ހާމަކުރިގޮތުގައި ރަޝިޔާގެ ޙަމަލާތައް އިތުރުވެ ކޮންމެ ދުވަހަކު މަރުވަމުންދާ ޔޫކްރެއިންގެ ސިފައިންގެ އަދަދު 200 އާއި ކައިރިކުރާއިރު ކޮންމެދުވަހަކު އިތުރު 500 ވަރަކަށް ސިފައިން ޒަޚަމް ވަމުންވެސްދެއެވެ. އަދި މިމަހު 14 ވަނަ ދުވަހު ރައީސް ޒެލެންސްކީ  ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ހަނގުރާމައިގާ ލިބެމުންދާ ގެއްލުންތަކާމެދު ހިތް ފަޅައިގެންދާ ވަރުވާ ކަމުގައެވެ. 

އެހެންނަމަވެސް ހިފާއްޓާލުން ނޫންގޮތެއް ޔޫކްރެއިނަށް ނެތްކަމުގައެވެ.އަދިހަނގުރާމައިގާ ސިފައިން މަރުވެ ގެއްލުން ލިބެމުން ދިޔަނަމަވެސް ސިފައިންނަށް ބޭނުންވާ ތަމްރީނާއި ހަތިޔާރާއި އަދި ކެއިންބުއިންފަދަ ހުރިހާކަމެއް ހުންނާނީ ފުރިހަމަކޮށް ދީފައިކަންވެސް ރައްޔިތުންނަށް ޔަގީންކޮށްދެއްވާ ކަމުގައެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ އިސްސަފުގައި ހަނގުރާމަ ކުރަމުން ގެންދާ ސިފައިންގެ ފައުޖުތަކަށް ކޮންމެހެން ބޭނުންވާ ވަސީލަތް ތައްވެސް ފޯރުކޮށް ދެވިފައި ނެތުމެވެ. ސިފައިންގެ ފައުޖުތަކަށް ކޮންމެހެންވެސް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުމަށްޓަކައި ފައިސާހޯދުމުގެ ޙަރަކާތްތައް އަމިއްލަ ފަރާތްތަކުން އެގެންދަނީ ހިންގަމުންނެވެ.                                         

ސިތަލާނާ ލުކިއަނެންކޯގެ ފިރމީހާއަކީ ހަނގުރާމައިގެކުރިން އިންފޮރމޭޝަން ޓެކްނޯލޮޖީގެ ދާއިރާގައި މަސައްކަތް ކުރަމުން ގެންދިޔަ މީހެކެވެ. އެހެނަސް މިހާރު އޭނާއަކީވެސް ސެވެރޯޑޮނެޓްސްގައި ހަނގުރާމަކުރަމުން ގެންދާމީހެކެވެ. ސިތަލާނާ ދެކޭގޮތުގައި ޔޫކްރެއިންގެ ސިފައިންގެ ތެރޭން މަރުވާ މީހުންނާއި ޒަޚަމްވާ މީހުންނާމެދު އެކަށީގެންވާ ގޮތެއްގައި ޙާރަކާތްތެރި ނުވާތީ އޭނާގެ ފިރިމީހާ އަކީވެސް ފާއިތުވެގެންދާ ކޮންމެ ދުވަހަކު އިތުރު ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.

ސަރުކާރުން އިތުރުމީހުން ތަމްރީނުކޮށް ސިފައިންގެ ސަފުތަކަށް ނެރެން އެބަޖެހެއެވެ. އެކަމަކު ގައުމުގައި ފުދޭވަރާ ގާތަކަށްވެސް ތަމްރީނު ދޭ މަރުކަޒުތަކެއް ނެތެވެ. ހަނގުރާމައިގާ މަރުވަމުންދާ މީހުން އެހާގިނަވެގެންދަނީ މިސަބަބާއި ހުރެއެވެ. ސަރުކާރުން ހަނގުރާމައިގެ ކަންތައްކުރާގޮތާމެދު ރައްޔިތުން މިހާރު ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް މިކަންތައް އޮތީމިހެންކަން  ޒެލެންސްކީ ގަބޫލެއް ނުކުރެއެވެ. އޭނާ ވިދާޅުވާގޮތުގައި ޚާއްސަކޮށް ކުރީސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް އޮންނަންޖެހޭނީ ފޯރުކޮށް ދެވިފައެވެ. އަދި ސަރުކާރުން އެކަން އެމަގުން ކުރަމުން ގެންދާކަން ޔަގީންކޮށްދޭ ކަމަށް ވިދާޅުވެއެވެ.                                                              

ކިއެފްގައި ދިރިއުޅެމުންގެންދާ ލުއިޒާ ޑޯނަރގެ ފިރިމީހާއަކީ ޑޮންބަސް ސަރަހައްދުގެ ހަނގުރާމަވެރި އެކެވެ. އޭނާގެ ފިރިމީހާއާއި ފޯނުންވާހަކަދައްކާ ކޮންމެފަހަރަކު އޭނާގެ އަޑުގައި އެކުލެވިފައިވާ ބިރާއި ވަރުބަލިކަން ފާހަގަ ކުރެވޭ ކަމަށާއި ޒެލެންސްކީއާއި ރަސްމީ އިދާރާތަކުން ހާމަކުރަމުން ގެންދަނީ ހުސް ހޮޅިވާހަކަ ތަކެއްކަން އެނގޭ ކަމަށެވެ. ސަރުކާރުން ހާމަކުރަނީ ޙަގީގަތާއި މުޅިން ޚިލާފް ވާހަކަތަކެކެވެ.                            

އިގޯރ ޚޯރޓްއަކީ އަމިއްލައަށް އެދިގެން ހަނގުރާމައިގާ ބައިވެރިވާ މީހުން ތަމްރީނުކުރާ ސަރަހައްދީ ސިފައިންގެ މަރުކަޒެއްގެ ވެރިއެކެވެ. އޭނާ ހާމަކުރާގޮތުގައި ވެރިކަންކުރާރަށް ކިއެފްގައި ހުންނަ އެ މަރުކަޒުގައި ތަމްރީނު  ދެވޭނީ ގިނަވެގެން ހަފްތާއަކު 120 މީހުންނަށެވެ. އަލަށް އަންނަ މީހުން  ސިފައިންގެ ފައުޖުތަކަށް ފޮނުވުމުގެ ކުރިން ތަމްރީނުދެވެނީ ގިނަވެގެން ހަމައެކަނި 5 ދުވަހުއެވެ.

ވޯޝިންގްޓަނުގައި ހުންނަ ސެންޓަރ ފޯރ  ސްޓްރާޓިޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ސީނިއަރ އެޑްވައިޒަރ ކާނަލް މާރކް ކާންސިއަން ހާމަކުރާގޮތުގައި 5 ދުވަހުގެ ތަމްރީނަކީ ބޮޑު ޖޯކެކެވެ. އެމުއްދަތުގައި މިފަދަ ހަނގުރާމައެއްގައި ބައިވެރި ވެވޭވަރުގެ އެއްވެސް ތަމްރީނެއް ފުރިހަމަ ނުކުރެވޭނެއެވެ. އޭނާގެ ނަޒަރުގައި އަލަށް އަންނަ މީހަކު ސިފައިންގެ ފައުޖަކަށް ފޮނުވުމުގެކުރިން އެންމެ މަދުވެގެންވެސް 20 ހަފްތާގެ ޓްރޭނިންގ ދެވެންޖެހޭނެއެވެ. 

އިތުރަށް އޭނާ ހާމަކުރިގޮތުގައި މި ހަނގުރާމައާއިމެދު  ރައްޔިތުންގެ ވިސްނުން ސަރުކާރާ އެއްކޮޅަށް ލެންބުމަކީ މިވަގުތަށް ސިޔާސީ ކަމެއްގެގޮތުގައި ޒެލެންސްކީ ދެކިވަޑައިގަތަސް ރަނގަޅު އިންތިޒާމްތަކެއް ނުރާވައިފިނަމަ ހަނގުރާމައިގެ އޮއިވަރު ނުރަނގަޅުގޮތަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށްބޮޑެވެ. ޖޯން އެފް. ކެނެޑީގެ “ ގައުމު ތިބާއަށް ކޮށްދޭނީ ކޮންކަމެއްތޯ ސުވާލު ނުކޮށް ތިބާ ގައުމަށް ކޮށްދޭނީ ކޮންކަމެއްތޯ ސުވާލު ކުރާށެވެ“ މި ބަސްކޮޅު ތަކުރާރު ކުރަމުން އޭނާ ބުނީ ޔޫކްރެއިނުގެ ރައްޔިތުން އެކުރަން އުޅެނީ ގައުމަށްޓަކައި ކުރެވުން އެންމެ މުސްތަޙީލު ކަންތައް ކަމުގައެވެ. މިވަގުތަށް އެއީ ސިޔާސީ ކަމެކޭ ބުނެވިދާނެއެވެ. އެކަމަކު ދިގުލައިދާނަމަ އެއީ މިލިޓަރީ ކަމަކަށް ބަދަލުވެގެން ދާނެއެވެ. އެހިސާބުން ދެންފެންނާނީ ސިފައިންގެ ސަފުތައް ބައިބައިވެ ރޫޅިގެންދާ ތަނެވެ.                                       

ސަރުކާރާމެދު ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އެންމެބޮޑީ ހުޅަގު ސަރަހައްދު ތަކުގައެވެ. ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދުތ ަކުގައި އަމިއްލައަށް ސިފައިންގެ ސަފުތަކުގައި ބައިވެރި ވަމުންދެއެވެ. ބައެއް އަންހެނުންގެ ޝޫއޫރުތަކަށް ބަލާއިރު އެމީހުންގެ ފިރިން ސިފައިންގެ ސަފުތަކަށް ގުޅުނީ އިރުމަތީ ސަރަހައްދުގެ ކުރީސަފަށް ދާންނުޖެހި އެމީހުންދިރިއުޅޭ ހިސާބުގައި ރައްކާތެރި މާޙައުލެއްގައި ޚިދުމަތްކުރުމަށެވެ. އެހެންނަމަވެސް އޭގެތެރޭން ބައެއްމީހުންވެސް މިހާރު ވަނީ އިރުމަތީ ސަރަޙައްދުތަކަށް ފޮނުވާފައެވެ. އޮލީނާ ޒަބީޔަކް ޝެރެމެޓްގެ ފިރިމީހާއަކީ އޭގެތެރޭން މީހެކެވެ. އެނާއަށް އިތުރުގޮތެއްނެތެވެ. އޭނާއަކަށް ބަޑިއަކީ ކީއްކުރާ އެއްޗެއްކަންވެސް ނޭންގޭނެއެވެ.

މިދިޔަ އޭޕްރިލްމަހު އޭނާ އިރުމަތީ ސަރަޙައްދަށް ފޮނުވިފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. ޒަބީކްފަދަ އެތަކެއް އަނބިންނެއް އެމީހުންގެ ފިރިންނާބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މިލިޓަރީއަށް އެތައް ސިޓިއެއް ފޮނުވައިފިކަމަށް ބުނެއެވެ. އެކަމަކު އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ނުލިބެއެވެ. ޔޫކްރެއިންގެ ސިފައިންގެ ތެރެއިން ގިނަބަޔަކު މަރުވަމުންދާ ސަބަބާމެދު އަހަރެމެން ހައިރާނެއް ނުވެއެވެ. އަހަރެމެންގެ ފިރިންނަކީ އެއްވެސް ވަރަކަށް މިލިޓަރީތަމްރީނު ލިބިފައިތިބި ބައެއް ނޫނެވެ. އެމީހުންނަށް ރަޝިޔާ ސިފައިންނާ ކުރިމަތިލެވޭނީ ކިހެނެއް ހެއްޔެވެ. ވެރިކަން ބޭނުންވާ ފަރާތްތަކުން އަބަދުވެސް ފުރަތަމަ ޕޮލިސީއަކީ އޭނާގެ ވެރިކަން ދިގުދެމި އޮތުމެވެ. ގައުމު ތިބާއަށް ކޮށްދޭނީ ކޮންކަމެއްތޯ ނުއަހާ ތިބާ ގައުމަށް ކޮށްދޭނީ ކޮންކަމެއްތޯ އަހާނެފަދަ ނެލްސަން މަންޑޭލާ ފަދަ ބޭފުޅުން ދެން އުފެދޭނެކަމަށް ބެލެވޭކަށްނެތެވެ. ގައުމެއް ބިނާކުރުމަށްވުރެ ގައުމެއް ހަލާކޮށްލުން މާފަސާހަވާނެކަން މިދަނީ މިއަދުވެސް ފެންނަމުންނެވެ.     

Loading

One Response

  1. ޒެލެންސްކީ އެކޭ އެއްފަދައިން އަޅުގަނޑުމެންގެ ގައުމުގެ ވެރިންގެ ބަހުރުވައަކީ ހަމަ މިއީއޭ ބުނަންޖެހެއެވެ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށްވުރެންވެސް އިތުރަށް ހުންނާނީ ފުރިހަމަކޮށްދީފައެވެ. މިނޫން ބަހެއް ވެރިންގެ ދުލަކުން ނުބުނާނެއެވެ. އެކަމަކު ރައްޔިތުން ކައިރީގައި އަހާލައިފިނަމަ ވެރިންގެ އެ ބުނުމަށް ލަޢުނަތް ދޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް